August 10, 2026 16:33
Advertisement

-Advertisement-

ސާއިދުގެ ހާލު މާބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދެނީ!

ކުޅަދާނަ ކުޅިވަރުގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ސާއިދު އަހުމަދުގެ ހާލު މާބޮޑަށް ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދުގެ ހާލަތު މާބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދޭން ފެށީ މިއަދު ހެނދުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޒީޓައިމްސް އަށް 2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ސާއިދު ވަނީ ވަރަށް ތަފްސީލުކޮށް އޭނާގެ ހާލަތު ކިޔައިދީފައެވެ.

ކިޑްނީ ބަލީގެ ފެށުން

Advertisement

ސާއިދުގެ ކިޑްނީ މައްސަލައެއް އުޅޭކަން އެންމެ ފުރަތަމަ އެނގުނީ 2018 ވަނަ އަހަރުގެ ރޯދަމަހުގެ ފަހުދިހައިގެ ދުވަސްވަރުގައެވެ. 2 ކިޑްނީ ފެއިލްވިކަން އެނގުނީ ކުޑަކަމުދާއިރު ލޭ އަންނަން ފެށުމުން ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުންނެވެ. ޑޮކްޓަރު ދިން ހިތާމަވެރި އެ ޚަބަރު ވެގެންދިޔައީ އެއިރު ފެންނަ ފެނުމަށް ވަރަށް ފިޓްކޮށް ހުރި ސާއިދު އަށް ފުންހިތާމައެއް ކުރިމަތިވި ޚަބަރަކަށެވެ. އޭގެ ފަހުން ސާއިދު އައީ ޑަޔަލިސިސް ހަދަމުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެތައްފަހަރަކު ފަރުވާ ހޯދައިފައިވެއެވެ.

ސާއިދު އާއި ގުޅޭނެ ކިޑްނީ އެއް ހޯދުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސާއިދު ދިޔައީ ހުއްޓާނުލާ މަސައްކަތްކުރަމުންނެވެ. ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ދިމާވި ގޮންޖެހުންތަކަށް ކެތްތެރިކަމާއި ހިތްވާރާއެކު ކުރިމަތިލި ސާއިދު ފެނިގެންދިޔައީ ބަލި ހާލަތުގައިވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފެއްގެ ގޮތުގައެވެ. ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ނިވްސްގެ ސްޕޯޓްސް ޓީމުގައި ޒިންމާދާރު ރޯލެއް އަދާކުރަމުން އައި ސާއިދު އަކީ ކުޅިވަރުގެ ޚަބަރު ގެނެސްދިނުމަށް ޝައުގުވެރިކަމާއެކު މަސައްކަތްކުރަމުން އައި ނޫސްވެރިއެކެވެ.

ސާއިދުގެ މަސައްކަތް ފާހަގަކޮށް ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް އެފްއޭއެމްއިން ކުރިން ވަނީ ސާއިދަށް 3 ލައްކަ ރުފިޔާވެސް ހަދިޔާކޮށްފައެވެ. ސާއިދު އެއިރު ވަނީ ކުޅިވަރުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އޭނާއަށް ވެދިން އެހީތެރިކަމަށް ޚާއްސަ ޝުކުރެއްވެސް އަދާކޮށްފައެވެ.

ސާއިދު ކުރިން ދިން މެސެޖު

"ބަލީގެ ފުރަތަމަކޮޅު އަހަންނަށް ވަރަށް އުދަގޫވި މިވޭނާއިއެކު މުޖުތަމައަށް ނުކުންނަން. އަހަރެންނަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ވަރަށްބޮޑަށް ޤަބޫލުކުރޭ މީހުން. މީގަ އެންމެ މުހިންމު ކަމަކީ ބައްޔާއި އެކު މީހާ މާޔޫސްނުވެ ކުރިއަށްދިއުން. ކިޑްނީ ފެއިލްވުމަކީ އަދި މީހާގެ ދިރިއުޅުން ގެއްލުމެއް ނޫން. މީހާގެ ހިތްވަރާއި މަސައްކަތުން ދެވަނަ ދިރިއުޅުމަކަށް ދެވެން އެބައޮތް" ޒީޓައިމްސް އަށް 2021 ވަނަ އަހަރު ދިން އިންޓަވިއުގައި ސާއިދު ފާހަގަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 'ސްޓްރޯކެއްޖެހި' ސާއިދުގެ ހާލަތު މާބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދޭން ފެށިއިރު، މި އޮގަސްޓްމަހު ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ދިއުމަށް ސާއިދު ވަނީ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާފައެވެ.

ސާއިދު އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް