ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އެމަޖެންސީ އެކްސަސައިޒެއް ކުރިއަށްގެންގޮސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ބޭއްވި މި ހަރަކާތުގެ މަގުސަދަކީ ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.

މި ހަރަކާތުގައި އެމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިން ބައިވެރިވިއިރު، އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެކުންފުންނިން ވަނީ ހާމަކޮށްފައެވެ.
ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

އެގޮތުން އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ ވީއައިއޭގައި ގަވާއިދުން ބާއްވާ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.












