August 6, 2026 02:35
Advertisement

-Advertisement-

ޒުވާން މަންމައެއްގެ އާދޭސް: 3 ފަހަރު ބައިގެން ދިއުމަށްފަހު، ދުވަސްނުފުރާ ލިބުނު ދަރިފުޅު!

ޒުވާން އުމުރުގައި ކައިވެނިކޮށް އުފާވެރި ދިރިއުޅުމަކަށް އުންމީދު ކުރަމުން އައި ގއ. ކޮލަމާފުށި އައިޝަތު ނަޖުވާ ރަޝީދު އާއި މުހައްމަދު އަނަސްގެ ހަޔާތުގައި ދިމާވީ އުންމީދުކުރި ކަންތައްތަކެއް ނޫނެވެ. ދިމާވަމުން އައި ކޮންމެ ގޮންޖެހުމަކަށް މި ދެމަފިރިން ކުރިމަތިލަމުން އައީ ހިތްވަރާއެކުގައެވެ.

ލޯބިލޯބި ދަރިފުޅެއް އުރާލެވޭނެ ދުވަހަކަށް އުންމީދު ކުރަމުންއައި ނަޖުވާ ފުރަތަމަ ފަހަރަށް ބައިގެންދިޔައީ ބަނޑަށް 7 ހަފްތާގައި 2024 ވަނަ އަހަރުގައެވެ. އެއަށްފަހު 2 ފަހަރު ބައިގެން ދިޔައީ މިދިޔަ އަހަރުގައެވެ. އެވޭނާއި ހިތްދަތިކަމަކީ ހިތުން ފިލައިގެން ދާނެ ކަންތައްތަކެއް ނޫނެވެ.

ދެމަފިރިންނަށް އުފާވެރިކަމުގެ އިހުސާސެއްވީ 4 ވަނަ ފަހަރަށް ބަނޑުބޮޑުވެ ބަނޑަށް 3 މަސްވުމުންނެވެ. އެކަމަކު ހައިރިސްކް ޕްރެގްނެންސީ އަކަށް ވުމުން އުޅެންޖެހުނީ ވަރަށް ބަލައިގެންނެވެ.

Advertisement

އާދަޔާޚިލާފަށް ލޭ އަންނަނަން ފެށުން

" ސައިކަލާއި ކާރަށް އެރުން މަނާކޮށްފައި އޮތީމަ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ދިޔައީ. އެއިރު ވަރަށްގިނައިން ލޭ އަންނަމުން ދިޔައީ. އެކަމަކު 3 ގަޑިއިރު ފަހުން ގެއަށް ދޫކޮށްލީ ލޭގެ ޓެސްޓް ހެދުމަށްފަހު. ސްކޭނެއްވެސް ނުހަދާ ބޭސްދިނީ. ފުލް ބެޑްރެސްޓަށް ދާން ބުނީ. އަދި 5 ދުވަސްތެރޭ ލޭއައުން ނުހުއްޓޭނަމަ އަނބުރާ އަންނަން".

ނަޖުވާގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ތަދުއައިސް ލޭފޭބުމަކަށް ހުއްޓުމެއް ނާދެއެވެ.

" އެއިރު ބަނޑަށް 23 ހަފްތާ. އޭގެ ފަހުން ސްކޭން ކުރަން ކްލިނިކަކަށް ދިޔައިރު ސްކޭންއިން ދައްކަނީ 20 ހަފްތާގެ ބޭބީއެއްގެ ގޮތަށް. ބޭބީގެ ބޮލުގެ ބައްޓަންވެސް ހުރީ ހުންނަންޖެހޭ ގޮތަކަށް ނޫން. ޕްލެސެންޓަރ ކައިރީގައި ޓިއުމަރއެއް ހުރިކަމަށް ބެލެވެއޭ ބުނީ. އޭގެ ސަބަބުން ބްލީޑްވަމުންދާކަމަށް. ޑޮކްޓަރުގެ ލަފާގެމަތިން އެމްނިއޮޓިކް ފްލުއިޑް ޓެސްޓް ހެދީ. ތަދުކަނޑުވާ އިންޖެކްޝަން ނުޖަހާ ފްލުއިޑް ނަގަންޖެހުނީ. ފްލުއިޑް ހުރީ ލޭގެ ކުލައިގައި. އެކަމަކު ހުންނަން ޖެހެނީ ހުދު ނޫނީ ރީނދޫކުލައިގައި. ދެވަނަފަހަރަށް ފުލުއިޑް ނެގިއިރުވެސް ހަމަ ހުރީ ލޭގެ ކުލައިގައި. ދެން އެނގުނީ ޕްލެސެންޓާރ އެއްކޮށް ފަޅައިގެން ގޮސް ބޭބީއަށް ބޭނުންވާ ނިއުޓްރިޝަން ނުލިބި ހުރިކަން. 1 ހަފްތާ ފަހުން ސްކޭން ކުރާގޮތަށް ބެޑްރެސްޓަށް ގެއަށް ފޮނުވާލީ".

އަނެއްކާވެސް ބަނޑުން ފެންއައިސް ތަދުވާވަރުން ދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރުން ބެލުމަށްފަހު ބުނީ މިއީ ވަރަށް ތަފާތު ހާލަތެއް ކަމަށެވެ.

" ވިހާ ކޮޓަރިއަށް ގެންގޮސް މޮނިޓަރ ކުރަމުންދިޔައީ. ޑޮކްޓަރު ބުނީ ވަރަށް ނުފެންނަ ހާލަތެއް ކަމަށް ޕްލެސެންޓާރ ގައި ޓިއުމަރއެއް އުފެދުން އެއީ. ޓިއުމަރ ހުރީ 4 ސެންޓިމީޓަރ އަށް ބޮޑުވެފައި. ފްލުއިޑް ވަރަށް މަދުވެފައި ހުރީ. ރާއްޖެއިން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން އެމަޖެންސީކޮށް އާސަންދައިގެ ދަށުން އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔައީ މޭ 29 ވަނަ ދުވަހު".

ނަޖުވާގެ ހާލަތު އެމަޖެންސީ ވުމުން ފުރަތަމަ 5 ދުވަހު ފަރުވާ ދެމުންދިޔައީ ވިއްސާ ކޮޓަރީގައެވެ.

" ކިމްސް ހޮސްޕިޓަލުން ކުރި ސުވާލަކީ އެވަރަށް ލޭ އައިއިރު ކީއްވެތޯ ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާ ނުދިނީ. ގެއަށް ފޮނުވާލީ ކީއްވެތޯ؟ ޑޮކްޓަރ ވަރަށް ހިތްހަމަނުޖެހިފައި ހުރީ. ބޭބީ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް އެއިރު ނެތް. ބަނޑަށް 27 ހަފްތާ. ދަރިފުޅުގެ ސަލާމަތަށް އެދި ހުއްޓުމެއް ނެތި ދުޢާކުރަމުން ދިޔައީ. އެކަމަކު ބަނޑުގައި އެއްވެސް ވަރަކަށް އެމްނިއޮޓިކް ފުލުއިޑް ނެތުމުން އެމަޖެންސީ ސިޒޭރިއަންއެއް ހަދާ ބޭބީ ނެގީ. އަދި ޓިއުމަރ ވެސް ނެގީ. ތަދު އަންނަވަރުން ކެތް ނުވެގެން ހައިޑޯޒް އިންޖެކްޝަންއެއް ވެސް ޖެހި އަޅުގަނޑު ގަޔަށް. ބޭބީ އަށް ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރގައި. ބޭބީ ގައިގައި އެއިރު ހުރީ އެންމެ 680 ގްރާމް". ހިތްދަތިކަމާއެކު ނަޖުވާ ކިޔައިދިނެވެ.

ދަރިފުޅާއި މަންމަގެ ހާލަތު

ނަޖުވާގެ ދަރިފުޅަށް ވެންޓިލޭޓަރގައި ފަރުވާ ދިނުމަށްފަހު ފަހުން ވަނީ އެންއައިސީޔޫއަށް ބަދަލުކޮށްފައެވެ.

" ދަރިފުޅުގެ ބޯންމެރޯ ހަދާފަވަނީ. އަދި ލޭ މަދުވާތީ ލޭ އަޅާފަވަނީ. ޑޮކްޓަރ މަސައްކަތްކުރަމުން ދަނީ ޓިއުބް މެދުވެރިކޮށް ފީޑްކުރެވޭތޯ. އަދިކިރިޔާ ބަރުދަނުގައި 1 ކިލޯ ހަމަވީވެސް. ދުވަސްނުފުރާ އެހާކުރިން ބޭބީ ނަގަންޖެހުނީމަ އޯގަންސްތައް ފުރިހަމަވާން ދުވަސް ނަގާނެ. މަހަކު އެއްފަހަރު ސްކޭނާއި ޓެސްޓްތައް ހަދަމުން ދަނީ".

ނަޖުވާގެ ހިތްވަރު

ސިޒޭރިއަން ހެދުމަކީ އުމުރުން 27 އަހަރުގެ ނަޖުވާ އަށް ލިބުނު އިތުރު ވޭނެކެވެ. ހޮސްޕިޓަލާއި ދުރު ހިސާބަކުން ކޮންމެ ދުވަހަކު ދަތުރުކޮށް 3 ގަޑިން 3 ގަޑިން އެންއައިސީޔޫއަށް ގޮސް ދަރިފުޅަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

" އަޅުގަނޑުމެންނަށް ހޮސްޕިޓަލު ކައިރިން ކޮޓަރިއެއް ނުލިބުނު. ހެނދުނު އަންނަގޮތަށް ރޭގަނޑު 12 ޖަހަންދެން ހޮސްޕިޓަލުގައި އުޅެނީ. އޮޕަރޭޝަންކޮށް ރަނގަޅަށް ރެސްޓު ނުލިބި އަބަދު ހޮސްޕިޓަލުގައި އުޅެންޖެހުމުން އޮޕަރޭޝަން ކުރި ތަނަށް ތަދުވެ ލޭ އަންނަން ފެށި. 3 ގަޑިން 3 ގަޑިން ދަރިފުޅަށް ފީޑްކުރަން ޖެހޭތީ. ދަންވަރު އަނެއްކާ ފިރިމީހާ ގެންގޮސްދެނީ ހޮސްޕިޓަލަށް. ދަތުރުކުރުމަށްވެސް ބޮޑު ޚަރަދެއް ދޭ. އަދި ހުންނަ ތަނަށް ކުލި ދައްކަމުން ކެއުމަށްވެސް ވޭތުވެދިޔަ 2 މަސްދުވަހު ފުދޭވަރެއްގެ ޚަރަދެއް ގޮއްސި. އަޅުގަނޑުމެން ރައްކާކޮށްފައި ހުރި ފައިސާ އެއްކޮށް ހުސްވެއްޖެ. އާއިލާ އާއި ރައްޓެހިން ވެދިން އެހީތެރިކަމަށް މިފުރުސަތުގައި ޝުކުރު އަދާކުރަން".

ނަޖުވާގެ ދަރިފުޅަށް ފަރުވާ ދިނުމަށް މަދުވެގެން އިތުރު 2 މަސްދުވަހު އިންޑިއާގައި މަޑުކުރަންޖެހެއެވެ.

" އާސަންދައިން ނުލިބޭ އިންޖެކްޝަންއެއް ޖަހަންޖެހޭ. އެ އިންޖެކްޝަން ލިބެނީވެސް 28000 ރުޕީސް އަށް. އިންޖެކްޝަން ޖެހޭނީ ކޮންއިރަކު ކަމެއް އަދި ނޭނގޭ. އިންޖެކްޝަން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ޑޮކްޓަރ ވަނީ އެދިފައި".

ނަޖުވާގެ މެސެޖު

ކޮންމެ ވަގުތެއްވެސް ފާއިތުވެގެންދިޔައީ ބިރުވެރިކަމާއެކު. ހަނދާން އެބަހުރި ހައިރިސްކް މީހުން ބާއްވާ ވިހާކޮޓަރީގައި އަޅުގަނޑު އެޑްމިޓްކުރި ދުވަސްތައް. އަލްހަމްދު ލިއްލާހި. އަޅުގަނޑުމެންގެ ބޭބީ އެހާލަތުގައި ވެސް ދުނިޔޭގައި އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް. އުންމީދަކީ ރަނގަޅަށް ފަރުވާ ލިބި ބޭބީ ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް މެދުވެރި ކުރެއްވުން. އަޅުގަނޑު އެދެނީ މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް". ނަޖުވާ

ނަޖުވާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރަންވީ އެކައުންޓު ނަންބަރު:

ދިވެހި ރުފިޔާ އެކައުންޓު: އައިޝަތު ނަޖުވާ ރަޝީދު 7730000145143

ޑޮލަރު އެކައުންޓު: އައިޝަތު ނަޖުވާ ރަޝީދު 7730000628999

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 69 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
8

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް