August 3, 2026 02:42
Advertisement

-Advertisement-

ޒަމާނީ އޮފީސް މާހައުލުގައި "ގޮނޑީގެ ދަންތުރައިން" ސަލާމަތްވުން

ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުފަޅުގެ ބުރަ މަސައްކަތްތަކާއި، ދަތުރުފަތުރުކުރުމުގައި ހީވާގިކަމާއެކު އުޅެމުން އައި ބަޔެކެވެ. ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭސީ ކުރެވިފައިވާ އުސް އިމާރާތްތަކާއި ތަރުތީބު ކުރެވިފައިވާ އޮފީސްތަކުގައި، ކޮމްޕިއުޓަރުގެ ކުރިމަތީގައި ގަޑިއިރުތަކެއް ވަންދެން އިށީނދެގެން ތިބެ މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެކެވެ.

ތަރައްގީވަމުން އަންނަ ޑިޖިޓަލް އިޤްތިޞާދެއްގެ ސަބަބުން ދިރިއުޅުމަށް ފަސޭހަތަކެއް ލިބުނު ކަމުގައިވިޔަސް، މީގެ ސަބަބުން ސިއްޙީ ގޮތުން ނޭދެވޭ އެތައް އަސަރުތަކެއް ދަނީ ކުރިމަތިވަމުންނެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ މަސައްކަތްތެރި އާބާދީގެ ބޮޑުބައެއް މަސައްކަތް ކުރަނީ އިދާރާތަކުގައާއި، ބޭންކުތަކުގައާއި، އަދި ކޯޕަރޭޓް އޮފީސްތަކުގައެވެ. މިއީ ގިނަ ވަގުތު މޭޒުދޮށުގައި، ގޮނޑީގައި އިށީނދެގެން ތިބެ ކުރަންޖެހޭ މަސައްކަތްތަކެކެވެ.

ގިނަ ވަގުތު ހަރަކާތްތެރިކަމެއް ނެތި އިށީނދެގެން އިނުމަކީ ހަމައެކަނި ކަރާއި މައިބަދައަށް ކުރިމަތިވާ ވޭނެއް ނޫނެވެ. މިއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މިގޮތަށް މަސްތައް ހަރަކާތްތެރި ނުވެ ގިނައިރުވުމުން، ލޭގެ ދަތުރުފަތުރު މަޑުޖެހި، ހަށިގަނޑުގެ މެޓަބޮލިޒަމް ލަސްވެ، ހަކަތަ ދަށްވެ، މަސްތަކުގެ ވަރުގަދަކަން ކުޑަވެގެންދެއެވެ. މިކަން މިގޮތުގައި ދިގުލައިދާނަމަ، ބަރުދަން އިތުރުވުމާއި، ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި ސިއްޙީ މައްސަލަތަކަށް މަގުފަހިވެގެންދެއެވެ.

Advertisement

މިކަމުގެ ސަބަބުން ދިމާވާ އެންމެ އާންމު މައްސަލައަކީ ކަރާއި މައިބަދައަށް ލިބޭ ގެއްލުންތަކާއި އުނދަގޫތަކެވެ. އާދައިގެ ހާލަތެއްގައި އިންސާނެއްގެ ބޮލުގެ ބަރުދަނުގައި ގާތްގަނޑަކަށް 5 ކިލޯގްރާމް ހުރި ނަމަވެސް، ފޯނު ނުވަތަ މޮނިޓަރަށް ބަލަން ބޯ ކުރިއަށް ގުދުކުރުމުގެ ސަބަބުން ކަރާއި މައިބަދައަށް އުފުލަންޖެހޭ ބަރުދަން އެތައް ގުނައަކަށް އިތުރުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޮލުގައި ރިއްސުމާއި، ކަރު ހަރުވުމާއި، ކޮނޑު އައްސިވުމުގެ އިތުރުން މައިބަދައިގެ ތިރީބައިގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށްވެސް މީގެ ނޭދެވޭ އަސަރުތައް ފޯރައެވެ. އެގޮތުން ގިނަވަގުތު އިށީނދެގެން އިނުމުގެ ސަބަބުން ފައިގެ ލޭދައުރުވުމަށް ބުރޫއެރުމާއި، ފައި ދުޅަވުމާއި، އަދި 'ވެރިކޯސް ވެއިންސް' ފަދަ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. މީގެ އިތުރުން، ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ދަށްވެ، މަސައްކަތަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި އުފެއްދުންތެރިކަން ދަށްވުން ފަދަ ނަފްސާނީ ގޮންޖެހުންތައްވެސް ކުރިމަތިވެއެވެ.

މިފަދަ ސިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އޮފީސް މާޙައުލަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ކޮމްޕިއުޓަރު މޮނިޓަރު ލޮލާ އެއްވަރަކަށް ބެހެއްޓުމާއި، ބުރަކަށީގެ ބައްޓަމަށް ފަރުމާކޮށްފައިވާ ގޮނޑި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ކޮންމެ 30 ނުވަތަ 60 މިނެޓަކުން ކުޑަކޮށް ހިނގާލައި ހަށިގަނޑު ދަމާލުމާއި، ފޯނުން ވާހަކަދައްކާއިރު ކޮޅަށް ހުރުމުގެ އާދަ އަށަގެންނެވުމާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަކީ ދިގު މުއްދަތުގައި ސިއްޙަތަށް ނުހަނު ފައިދާހުރި ކަންކަމެވެ.

މިއީ ހަމައެކަނި ވަކިވަކި ފަރުދުންގެ ޒިންމާއެއް ނޫނެވެ. މުއައްސަސާތަކުގެ އިސްވެރިންނާއި އެޗް.އާރް ދާއިރާތަކުންވެސް މުވައްޒަފުންގެ ސިއްޙަތާއި ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރެވޭނެ ފަދަ "އެގްރޮނޮމިކް" އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ލާޒިމު ކަމެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ސިއްޙީ މައްސަލަތައް ކުރިމަތިވަނީ ޓެކްނޮލޮޖީގެ ސަބަބަކުން ނޫނެވެ. އެހެނަސް، އެއްތަނެއްގައި ގިނަ ވަގުތު ހަރަކާތެއް ނެތި އިށީނދެގެން ތިބުމުގެ ސަބަބުންނެވެ. ދިރިއުޅުމުގެ ކުދިކުދި އާދަތަކަށް ބަދަލު ގެނެސްގެން، މަސައްކަތުގެ އުފެއްދުންތެރިކަމާއި އާންމު ސިއްޙަތުވެސް ދެމެހެއްޓިދާނެއެވެ. ޤައުމެއްގެ ތަރައްޤީގެ މައިބަދައަކީ އެ ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި އާރޯކަންނޫންތޯއެވެ.

މަސްދަރުތައް: ބިޔުރޯ އޮފް ސްޓެޓިސްޓިކްސް، ހަރވަރޑް ހެލްތް ޕަބްލިޝިންގ، މަޔޯ ކްލިނިކް، ސީޑީސީ، ޑަބްލިއުއެޗްއޯ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް