މިމަހު ރާއްޖެއިން 5565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރުމާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފިއެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ހިނގާ ޖުލައި މަހު ފުރި ޢުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ހިންގުމަށް ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ގިނަ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވެއެވެ.

އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މިއާއެކު ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދެވުނެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖެއްސުނެވެ.
ޢުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތް ވަގުތު، އެ ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ޚާއްޞަކުރެވުނެވެ. މީގެ އިތުރުން، އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ބެލެހެއްޓިއެވެ.

މި ޚާއްޞަ އޮޕަރޭޝަންގެ ސަބަބުން، ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގ އަދި ބޯޑިންގ އޮމާންކޮށް އަދި އަވަހަށް ނިންމާލެވި، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ޚިދުމަތް ފޯރުކޮށްދެވުނެވެ. އެމްއޭސީއެލްގެ މައިގަނޑު މަޤްޞަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް ޢުމްރާވެރިންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް އެއްވެސް ބުރޫއެރުމެއްނެތި، ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.
މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކާއި، ޢުމްރާ ގްރޫޕްތަކާއި، ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.













