ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް ވަނީ ދައްކާފައެވެ. މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ފެއަރގެ ހަވާސާގައި ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ފުރުސަތު އެމް.އޭ.ސީ.އެލްއަށް ވަނީ ލިބިފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށެވެ.
" ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެއް. މިއީ އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކްގެ އިތުރުން ތައާރަފްކުރެވިފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައި. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެއް. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެއް". އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ.
އަދި ފްރައިޓަރ އޮޕަރޭޝަންތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.
" މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށް. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށް. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދާ".
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ "ސީ-ޓޫ-އެއަރ" ޚިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. 2024 ވަނަ އަހަރު މި ޚިދުމަތް ފެށި ފަހުން، 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.
އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.













