އަޅުގަނޑުމެންގެ ދުވަސް ފެށެނީ ފުރިހަމައަށް ޗާޖުކޮށްފައިވާ ބާރުގަދަ ބެޓެރީއަކާއެކު ކަމަށް ތަޞައްވުރު ކޮށްލައްވާށެވެ. ހެނދުނު ހޭލާއިރު މި ބެޓެރީ ހުންނާނީ 100 އިންސައްތައިގައެވެ. ނަމަވެސް، މެންދުރުގެ 2 ޖަހާކަންހާއިރު، ގިނަ މީހުންނަށް އިޙުސާސް ކުރެވެނީ ބެޓެރީގެ ބާރު 10 އިންސައްތައަށް ވެއްޓި، ބެޓަރީ ލޯ ވުމުގެ އެލާރޓް އެޅުން ފަދަ އިޙުސާސެކެވެ. މުޅި ސިކުނޑި ބަރުވެ، ކުޑަކުޑަ ކަމެއް ކޮށްލުންވެސް އުސް ފަރުބަދައަކަށް އެރުން ފަދަ ބުރަ ކަމަކަށް ވެގެންދާ ކަމެވެ. މިފަދަ ވަގުތުތަކުގައި އަޅުގަނޑުމެން ކުށްވެރިކުރަނީ ދުވަހުގެ ބިޒީ ތާވަލު ނުވަތަ މަސައްކަތްކުރަން ހުންނަ ޝައުގުވެރިކަން ކުޑަވުމެވެ.

އެހެނަސް، ނިއުރޯބަޔޮލޮޖީ ނުވަތަ ސިކުނޑީގެ ސައިންސް އިން ދައްކާގޮތުން މީގެ ޙަޤީޤީ ސަބަބަކީ މާ ފޮރުވިފައިވާ ކަމެކެވެ. މި ސަބަބަށް ކިޔާ ނަމަކީ، "އެޓެންޝަން ފްރެގްމެންޓޭޝަން" ނުވަތަ އަޅުގަނޑުމެންގެ ސަމާލުކަން ކުދިކުދި ބައިތަކަށް ބެހިގެންދިއުމެވެ. ފޯނަށް އަންނަ ނޮޓިފިކޭޝަންތަކާއި، މެސެޖުތަކުގެ ރިންގުތަކުން ފުރިފައިވާ މި ޒަމާނުގައި، ދުވަހުގެ އަސްލު މަސައްކަތް އެންމެ ރަނގަޅަށް ނުފެށެނީސް، އަޅުގަނޑުމެން މިވަނީ ސިކުނޑީގެ ސަމާލުކަންދިނުމުގެ ރިޒާވުން ބޮޑު ބައެއް ބޭނުންކޮށްފައެވެ. ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ތިބާގެ މަސައްކަތްތެރިކަން އިތުރުކުރުމަށް ބޭނުންވަނީ ރީލްތަކުން ފެންނަ އާގޮތްތަކެއް ނޫނެވެ. ބޭނުންވަނީ ސިކުނޑީގެ ފޯކަސްއާއި، ހަކަތައާއި، މެޓަބޮލިކް ދުޅަހެޔޮކަން ހިމާޔަތްކޮށްދޭނެ ބަޔޮލޮޖިކަލް އައްޑަނައެކެވެ.
މި އައްޑަނަ ބިނާކުރުމަށްޓަކައި، ކޮންމެ ނޮޓިފިކޭޝަންގެ ރިންގަކުން ސިކުނޑީގެ ޚަޒާނާއަށް ކުރާ އަސަރު ދެނެގަންނަން ޖެހެއެވެ. އަޅުގަނޑުމެން ކަމަކަށް ސަމާލުކަންދީގެން އިންނައިރު، ސިކުނޑި މަސައްކަތްކުރަނީ އޮޅުންބޮޅުން ބޮޑު ސޮފްޓްވެއާއެއް ހިންގާ ކޮމްޕިއުޓަރެއް ފަދައިންނެވެ. އެ ވަގުތު މެސެޖެއް ނުވަތަ އީމެއިލެއް ބަލާލުމަށް މަސައްކަތް މެދުކަނޑާލުމުން، ސިކުނޑިއަށް މަޖުބޫރުވަނީ ކުރިން ހިންގަމުންދިޔަ ޕްރޮގްރާމް ހުއްޓާލައި، މަސައްކަތް ސޭވްކުރުމަށްފަހު، މުޅިން އާ މަސައްކަތަކަށް ސިކުނޑި އަނބުރާލާށެވެ. މިކަމަށް ނިއުރޯބަޔޮލޮޖިސްޓުން ކިޔާއުޅެނީ ޓާސްކް ސްވިޗިންގް ނުވަތަ އެއް މަސައްކަތުން އަނެއް މަސައްކަތަށް ބަދަލުވުމެވެ.
ޓާސްކް ސްވިޗިންގްއާ ބެހޭގޮތުން ރޫބިންސްޓައިން އަދި އޭނާގެ ޓީމުން ހެދި ދިރާސާއިން ސާބިތުވާގޮތުގައި، މި ބަދަލުވުމަކީ ހިލޭ ވާކަމެއް ނޫނެވެ. ސަމާލުކަން ބަދަލުކުރާ ކޮންމެ ފަހަރަކު، ސިކުނޑީގެ ކުރިމަތީ ބަޔަށް (Prefrontal Cortex) ބޮޑު ހަކަތައެއް ބޭނުންވެ، ގްލްކޯޒް އަދި އޮކްސިޖަން ހުންނަ މިންވަރު ދަށްވެގެންދެއެވެ. ދުވާލަކު 50 ފަހަރު މިގޮތަށް ސަމާލުކަން ބަދަލުކުރާނަމަ، އެއީ ސިކުނޑީގެ ހަކަތައިގެ ތާނގީ މުޅިން ހުސްކޮށްލުމެވެ. ނަތީޖާއަކީ، އިސާހިތަކު ހަށިގަނޑުގައި ދިރުމެއް ނެތް ވަރަށް ވަރުބަލިކޮށްލުމެވެ.
އަޅުގަނޑުމެންނަށް ގިނަފަހަރަށް ނުވިސްނި އޮންނަ އެއްކަމަކީ އެއީ، ސިކުނޑިއަކީ ފޫނެތް ފުޅިއެއް ނޫންކަމެވެ. އޭގެ ހަކަތައަކީ ވަކި މިންވަރަކަށް ހުންނަ އެއްޗެކެވެ. އެ ހަކަތަ އަލުން އިއާދަކުރާނީ ކިހިނެއް ހެއްޔެވެ؟
ގިނަ މީހުން ހީކުރަނީ ވަގުތުކޮޅެއްގެ ބްރޭކެއްް ލިބުމުން ފޯނުން ސޯޝަލް މީޑިއާ ސްކްރޯލްކޮށްލުމަކީ ސިކުނޑި ޗާޖުވާނެ ކަމެއް ކަމަށެވެ. އެކަމަކު މިއީ ބޮޑު ކުންހީއެކެވެ. ސްކްރޯލްކުރުމަކީ ސިކުނޑިއަށް ނުހަނު ބޮޑަށް ހައި-ސްޓިމިއުލަސް ނުވަތަ ބާރުގަދަ މެސެޖުތަކެއް ފޮނުވައި، ނާާވަސް ސިސްޓަމް އަބަދުވެސް އެލާޓް ހާލަތެއްގައި ބަހައްޓާ ކަމެކެވެ. އެޓެންޝަން ރެސްޓޮރޭޝަން ތިއަރީ (ART) ގައ ބަޔާންކުރާގޮތުގައި، ސިކުނޑީގެ ވަރުބަލިކަން ފިލައިދަނީ އިތުރު ކަންތައްތަކުން ސިކުނޑި ތޮއްޖައްސައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި ސިކުނޑި އިއާދަވަނީ ތިމާ ޝައުގުވެރިވާ އެކަމަކު މަޑުމައިތިރި ކަމެއްގެ ތެރެއިންނެވެ. އެއީ ސްކްރީންތަކާ ދުރަށް ޖެހިލައި، ސިކުނޑީގެ ސީދާ ފޯކަސް ބޭނުންނުވާ ފަދަ މާހައުލަކަށް ނަޒަރު ހިންގާލުމެވެ. މިސާލަކަށް ކުޑަދޮރުން ބޭރު ބަލާލުން ނުވަތަ ހަމަހިމޭން ތަނެއްގައި އިށީނދެލުމެވެ.
މި ސައިންޓިފިކް ޙަޤީޤަތަށް ބާރުދެނީ އޭޝިއާ ސަރަހައްދުގައި، ޚާއްޞަކޮށް ޖަޕާނުގައި ކުރެވިފައިވާ މަޝްހޫރު "ފޮރެސްޓް ބޭތިންގް" ދިރާސާތަކުންނެވެ. ޖަޕާނުގެ ހިރޯޝިމާ ޔުނިވަރސިޓީގެ ތަޖުރިބާކާރުން ހެދި ދިރާސާތަކުން ދައްކާގޮތުގައި، ޤުދުރަތީ ފެހިކަމުގެ ތެރޭގައި ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލުމުން، ހަށިގަނޑުގެ ސްޓްރެސް ހޯމޯންއެއް ކަމަށްވާ ކޯޓިޒޯލް ލެވެލް ދަށްވެ، ނާވަސް ސިސްޓަމްގެ ހަމަޖެހުން އިއާދަވެގެންދެއެވެ.
ދުނިޔޭގެ މި ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން މިފަދަ "ސިކުނޑީގެ ފަރުވާ" ތަކުން ފުރިގެންވާ ހާއްޔެކެވެ. ރާއްޖޭގެ ރަށްރަށުގައި ހުންނަ ކަނޑޫފާތަކާއި، ރުކުއަޅިތަކާއި، ފެހިކަން ގަދަ ބޯގަސްތަކުގެ ތެރޭގައި ހިނގާލުމަކީ ސިކުނޑީގެ ވަރުބަލިކަން ފިލުވައިދޭނެ ގުދުރަތީ ޝިފާއެކެވެ. އަދި ކޮންކްރީޓް އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވީނަމަވެސް، އަޅުގަނޑުމެންގެ ވަށައިގެން މިވަނީ ގޮނޑުދޮށްތަކާއި ނޫކުލައިގެ މާކަނޑެވެ. ހަވީރުގެ ވަގުތެއްގައި އަތިރިމައްޗަށް ނުކުމެ، ރާޅުޖަހާ އަޑަށް ސަމާލުކަންދީ، ފޮނުލަމުންދާ ކަނޑުގެ ރާޅުތަކަށް ގެއްލިފައި ހުންނަ ހުރުމަކީ ސިކުނޑިއަށް ލިބޭ ނުހަނު ބޮޑު ލުޔެކެވެ. މިއީ ސިކުނޑީގެ "ޕްރިފްރޮންޓަލް ކޯޓެކްސް" އޮފްލައިންވެ، ބޭކާރު ޑިޖިޓަލް ހަނދާންތައް ފޮހެލައި، ފޯކަސް ކުރުމުގެ ބާރު އަލުން އިއާދަކޮށްދޭނެ "އެޓެންޝަން ރިސެޓް" އެކެވެ.

މީގެ އިތުރުންވެސް މި ސިއްޙީ އަދި ސައިންޓިފިކް އައްޑަނަ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބިނާކުރުމަށްޓަކައި، ދޫކޮށްނުލެވޭނެ ތިން ޤަވާއިދަކަށް އަމަލުކުރަން ޖެހެއެވެ.
ފޯނު ލޮލަށް ނުފެންނަ ހިސާބުގައި ބެހެއްޓުން: ޑިޖިޓަލް އަޑުތަކުން ސިކުނޑިއަށް ކުރާ އަސަރާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ފޯނު ނިވާލާފައި އޮތް ނަމަވެސް، އެ ލޮލަށް ފެންނަން އޮތުމަކީ ސިކުނޑީގެ ވިސްނުމުގެ ބާރު ދަށްކޮށްލާ ކަމެކެވެ. ސަބަބަކީ ފޯނަށް މެސެޖެއް އަތުވެދާނެތީ، ސިކުނޑީގެ ސަބްކޮންޝަސް (ބޭއިޚްތިޔާރު) ގެ ބައެއް އެކަމަށް ފާރަވެރިވުމުގައި ހަކަތަ ބޭނުންކުރާތީއެވެ. އެހެންކަމުން، މުހިންމު މަސައްކަތެއް ކުރާއިރު ފޯނު ވަތްގަނޑަކަށް ނުވަތަ އެހެން ކޮޓަރިއަކަށް ލާން މި ދިރާސާއިން ބާރުއަޅައެވެ.
ފުރަތަމަ 60 މިނިޓުގައި ޑިޖިޓަލް އެއްޗެހި ބޭނުންނުކުރުން: ހޭލާ ގޮތަށް ޚަބަރުތަކާއި ސޯޝަލް މީޑިއާ ބެލުމަކީ ސިކުނޑި ކުއްލިއަކަށް ހާސްކަމުގެ ތެރެއަށް ވައްޓާލާ ކަމެކެވެ. ދުވަހުގެ ފުރަތަމަ ގަޑިއިރު ފޯނާ ދުރުގައި ހޭދަކުރުމުން، ދުވަހުގެ ބެޓެރީ އެންމެ ފުރިހަމައަށް ހިފެހެއްޓި، އުފެއްދުންތެރި ވިސްނުމަކަށް މަގުފަހިވެގެންދެއެވެ.
20-20-20 ގެ ރިސެޓް: ގަދައަށް ސަމާލުކަންދީގެން އިންނައިރު، ނޭވާ ހިފެހެއްޓުމާއި ލޮލަށް ބާރުވުމުގެ ސަބަބުން ނާވަސް ސިސްޓަމް ސްޓްރެސްވެގެންދެއެވެ. އެހެންކަމުން، ކޮންމެ 20 މިނިޓަކުން، 20 ސިކުންތުގެ ވަގުތަކަށް، 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް (މިސާލަކަށް ބޭރުގައި ހުރި ގަހަކަށް ނުވަތަ ދުރުން ފެންނަ ކަނޑުގެ އުދަރެހަށް) ނަޒަރު ހިންގާލުމުން ސިކުނޑިއަށް ކުޑަ ބްރޭކެއް ލިބި ލުއިވެގެންދެއެވެ.
ތިމާގެ ސަމާލުކަން ޙިމާޔަތްކުރުމަކީ ތިމާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމު ބައެކެވެ. ސިކުނޑީގެ ހަކަތަ ބޭކާރު ގޮތުގައި ހުސްވިޔަނުދީ ހިފެހެއްޓުމުން، ދުވަސް ނިމޭއިރު އަމިއްލަ ދަރިންނަށް ދޭނެ ހިނިތުންވުމާއި، އަނބިމީހާ ނުވަތަ ފިރިމީހާއަށް ދޭނެ ވަގުތާއި، އަދި އަމިއްލަ ސިއްހަތަށް ބަލާނެ ހަކަތަ ހަށިގަނޑުގައި ހުރެއެވެ. ހަކަތަ އަކީ ހަމައެކަނި ކައިގެން ހޯދާ އެއްޗެއް ނޫނެވެ. އެއީ ވަރަށް ހީނުކުރާހާ ބޮޑަށް ސިކުނޑިއާއި ގުޅިފައިވާ ކަމެކެވެ.
ނިންމާލަމުން ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ސަމާލުކަމާއި ވިސްނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނުހަނު އަގުބޮޑު އަމާނާތެކެވެ. މާތް ﷲ މި ފަސްގަނޑު ހައްދަވާފައިވަނީ ފެހިކަމާއި، ކަނޑުގެ ހަމަހިމޭންކަމުން ސިކުނޑިތަކަށް އަރާމާއި ޝިފާ ލިބޭނެ ފަދަ ގޮތަކަށެވެ. އެހެންކަމުން، ކޮންމެ ވައިބްރޭޝަނަކަށާއި ސްކްރީންގެ ދިއްލުމަކަށް ތިމާގެ ސަމާލުކަން ހިލޭ ދޫކޮށްނުލާށެވެ. ހިތާއި ސިކުނޑީގެ އައްޑަނަ ވަރުގަދަކޮށް، ﷲ ދެއްވި މި ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހަމަހިމޭން، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރަމާ ހިންގަވާށެވެ.
މަސްދަރު: ޕަބްމެޑް، ހަރވަރޑް ހެލްތު ޕަބްލިޝިންގ، ސައިކޮލޮޖީ ޓުޑޭ، ޖަރނަލް އޮފް ދަ އެސޯސިއޭޝަން ފޮރ ކޮންސިޔުމަރ ރިސަރޗް













