July 19, 2026 03:36
Advertisement

-Advertisement-

ބޮޑު ކާތައްޓެއް ހުސްކޮށްލިޔަސް ވަރަށް އަވަހަށް ބަނޑުހައިވޭތަ؟ އިންސިއުލިން ރެސިސްޓެންސްގެ ހަޤީޤަތް

މެންދުރުގެ ކެއުމަކަށްފަހު ތަށި ދޮވެލައިގެން ތެދުވާއިރު، ހަށިގަނޑަށް އާ ދިރުމަކާއި ހަކަތައެއް ލިބޭނެ ކަމަށް ކޮންމެ މީހަކުވެސް އުއްމީދު ކުރާނެއެވެ. ނަމަވެސް، ކައި ނިމޭތާ ތިރީސް ނުވަތަ ސާޅީސް ފަސް މިނެޓުގެ ތެރޭގައި، ސިކުނޑި ބަރުވެ، ގަދަ ނިންޖެއްގެ އިޙްސާސް މުޅި މީހާ ވަށާލައެވެ. އެސްފިޔަތައް ބަރުވެ، ހަށިގަނޑުން ހަކަތަ ހުސްވަމުންދާކަމުގެ އިޙުސާސް ކުރެވެން ފަށާއިރު، ދެންމެއަކު އެތައް ސަތޭކަ ކެލޮރީއެއްގެ ކާނާ ހަށިގަނޑަށް އެތެރެކުރި ކަމުގެ އެއްވެސް އަސަރެއް ނުހުރެއެވެ. އޭގެ ބަދަލުގައި، ހިތް އެދެން ފަށަނީ ފޮނި އެއްޗަކަށެވެ. ހަކަތަކޮޅަކަށެވެ.

ކެއުމަށްފަހު ދިމާވާ މި ވަރުބަލިކަމަކީ ގިނަ ބަޔަކު އާދައިގެ "ފުޑް ކޯމާ" އެއްގެ ގޮތުގައި ނުވަތަ ވަރުދެރަކަމެއްގެ ގޮތުގައި ދޫކޮށްލާ ކަމެކެވެ. ނަމަވެސް، މެޓަބޮލިޒަމް (ހަށިގަނޑުގައި ހަކަތަ އުފައްދާ ނިޒާމު) އާ ބެހޭ ދިރާސާތަކުން ދައްކަނީ މިއަށްވުރެ މާ ކަންބޮޑުވާ ވާހަކައެކެވެ. މި ދާއިމީ ވަރުބަލިކަމަކީ ހަށިގަނޑުގެ އެތެރޭގައި ހިނގަމުންދާ ހިމޭން، އަދި ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށްވާ "އިންސިއުލިން ރެސިސްޓެންސް" ގެ ޙާއްސަ އިންޒާރެކެވެ.

​ގިނަ ބަޔަކު ހީކުރަނީ މިފަދަ މެޓަބޮލިކް މައްސަލަތަކަކީ އެއްރެއަކުން ނުވަތަ ކުއްލިއަކަށް ދިމާވާ ކަންކަން ކަމަށެވެ. އަދި ހަމަ އެފަދައިން ހައްލުކޮށްލެވިދާނެ ކަމެއްކަމަށެވެ. ނަމަވެސް، ޙަޤީޤަތަކީ  އިންސިއުލިން ރެސިސްޓެންސްއަކީ އެއްވެސް އަޑެއްބަޑެއް ނެތި، ހަށިގަނޑުގެ އެތެރޭގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް އާލާވަމުންދާ ހިމޭން ހަނގުރާމައެކެވެ. މިއީ އާދައިގެ ލޭގެ ހަކުރު ބަލާ ޓެސްޓުތަކުން (ފާސްޓިން ބްލަޑް ޝުގަރ ޓެސްޓު) އެއްވެސް މައްސަލައެއް ނުދައްކާ، މުޅިން ސަލާމަތުން ހުއްޓާވެސް ހަށިގަނޑު ސިއްރުން ހަލާކުކުރަމުންދާ އިންޖީނެކެވެ.

Advertisement

މި ނުރައްކަލަކީ ހަކުރުބަލީގެ ދެވަނަވައްތަރު (ޓައިޕް 2 ޑައިބީޓީސް) އާއި، ފުރަމޭގައި ސަރުބީ ހަރުލުމާއި (ފެޓީ ލިވާ)، ހިތުގެ ބަލިތަކާއި، ކިޑްނީ ބަލިތަކާއި، ސްޓްރޯކްގެ ރިސްކް ބޮޑުވުމާއި، އަދި އަންހެނުންނަށް ދިމާވާ ޕީ.އެމް.އޯ.އެސް (Polyendocrine Metabolic Ovarian Syndrome) ފަދަ ބޮޑެތި ބަލިތަކަށް މަގުފަހިކޮށްދޭ މައިގަނޑު ސަބަބެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބުން މަޑުޖައްސާލާ މި ނިޒާމު ރަނގަޅަށް ދެނެގަތުމަށްޓަކައި، ތަޅުލެވިފައިވާ ދޮރެއްގެ މިސާލަށް ބަލާލަމާ ހިނގާށެވެ.

​އިންސިއުލިންއަކީ މާސްޓާ ތަޅުދަނޑިއެއް ހިފައިގެން ހުންނަ ސެކިއުރިޓީ ގާޑެއް ކަމަށް ތަސައްވުރު ކުރާށެވެ. އަދި ހަށިގަނޑުގެ ސެލްތަކަކީ މަގެއްގެ ދެފަރާތުގައި ހުރި ގެތަކެއްގެގޮތަށް ސިފަކުރާށެވެ. ކޮންމެ ފަހަރަކު އަޅުގަނޑުމެން ކާއެއްޗެއް ކެއުމުން، ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމުން އެތަކެތި ގުލްކޯޒް (ހަކުރު) އަށް ބަދަލުކޮށް، ހަކަތައިގެ ގޮތުގައި ބޭނުންކުރުމަށް ލޭގެ ތެރެއަށް ފޮނުވާލައެވެ. އާދައިގެ ހާލަތެއްގައި، މި ގުލްކޯޒްތައް މެނޭޖުކުރުމަށްޓަކައި ޕެންކްރިއާސް އިން އިންސިއުލިން ދޫކުރެއެވެ. އިންސިއުލިން ނަމަކަށް ކިޔާ މި ގާޑު، ގުލްކޯޒް މޮލިކިއުލް ގޮވައިގެން ގޮސް ސެލްގެ ދޮރުގައި ޓަކިޖަހާ، އޭގެ އަތުގައި އޮންނަ މާސްޓާކީ ތަޅުދަނޑިން ދޮރު ހުޅުވާ، ހަކަތަ ރައްކާތެރިކަމާއެކު ގޭގެ އެތެރެއަށް (ސެލްގެ ތެރެއަށް) ވައްދައިދެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން، ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި، ފުށުގެ ބާވަތްތަކާއި، ރިފައިންޑް ކާބޯހައިޑްރޭޓްސް (ހުދު ފުށާއި ހުދު ހަނޑޫ ފަދަ ކާތަކެތި) އިން ކާތަށި ފުރާލާ، އަދި ކޮންމެ ވަގުތަކު ކާން ބޭނުންވުމާއި އެކު ކެއުމުގެ ސަބަބުން ލޭގެ ތެރެއަށް ގުލްކޯޒްގެ ބޮޑު ސިލްސިލާއެއް މެދުކެނޑުމެއްނެތި އޮހެމުންދެއެވެ. މި ބޮޑު ލޭގެ ކަނޑުން ސަލާމަތްވުމަށްޓަކައި، ސެލްތަކުން ނިންމަނީ ހަރުކަށި ނިންމުމެކެވެ. އެއީ އިންސިއުލިންގެ ޓަކިތަކަށް ބީރު ކަންފަތެއް ދީ، ގޭގެ ތަޅުތައް ބަދަލުކޮށްލުމެވެ.

​ދޮރުތައް ތަޅުލެވިފައި ހުރުމުގެ ސަބަބުން، ގުލްކޯޒްތައް ލޭގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ބޮޑުވަމުންދެއެވެ. މި މަންޒަރު ފެނިގެން ޕެންކްރިއާސް ހާސްވެ، މާ ބާރަށް ދޮރުގައި ޓަކިޖެހުމަށްޓަކައި އިތުރު އިންސިއުލިން ގާޑުން ލޭގެ ތެރެއަށް ފޮނުވައެވެ. މިއާއެކު ނުރައްކާތެރި ހަމަނުޖެހުންގަނޑެއް ފެށިގެންދެއެވެ. ލޭގައި ހަކުރު ގިނަވެ، އިންސިއުލިންގެ މިންވަރު މައްޗަށް ގޮސް، ނަމަވެސް ސެލްތަކަށް ހަކަތަ ނުލިބި "ބަނޑަށް" ތިބެންޖެހެނީ ބޭނުންކުރަންވީ ހަކަތަ ދޮރުން ބޭރުގައި ތާށިވެފައި ހުރުމުންނެވެ. ބޮޑު ކެއުމަކަށްފަހު ވަގުތުން މީހާ  ވަރުބަލިވަނީ މި ބަޔާންކުރި ސަބަބާއިހުރެއެވެ. ހަށިގަނޑަށް އެތެރެވި ކާނާ ސެލްތަކަށް ވަދެ ހަކަތައަށް ބަދަލުވުމުގެ ބަދަލުގައި، ސީދާ ކޮއްޕާލެވެނީ ސަރުބީ ރައްކާކުރާ ގުދަންތަކަށެވެ.

ނަތީޖާއެއްގެ ގޮތުން ޕްރީޑައިބެޓީސް އާއި ޑައިބެޓީސްގެ ޝިކާރައަކަށްވުމުގެ ރިސްކު ބޮޑުވެ، ބަރުދަން އިތުރުވެ، ހޯރމޯން އިމްބެލެންސް ކުރިމަތިވެ، އަންހެނުންގެ މައްސަރުގެ މައްސަލަތަށް ކުރިމަތިވެ، ބަރުދަން ލުއިކުރުމުގައި ގޮންޖެހުންތަކާއި ކަރިމަތިލާންޖެހި، ދުވަހުގެ ގިނަވަގުތު ވަރުބަލިކަންމަތީގައި ހޭދަވެގެންދެއެވެ.

​މި ހުރިހާ ކަމެއް ހަށިގަނޑުގެ އެތެރޭގައި ސިއްރުން ހިނގަމުންދާއިރު، ދާއިމީ ބޮޑު ބައްޔަކަށް ބަދަލުވުމުގެ ކުރިން ހަށިގަނޑުން ބޭރުފުށުން ވަރަށް ސާފު ނިޝާންތަކެއް ދައްކައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް އަލާމާތްތަކަކީ:

​ހަންގަނޑުގެ ތަންތަންކޮޅު ކަޅުވުން: މިއީ ކަނދުރާ ފަހަތް، ކިހިލިފަތް، ނުވަތަ އިނގިލިތަކުގެ ފަހަތުގެ ހަންގަނޑު ކަޅުވެފައިހުރުމެވެ. ގިނަ މީހުންނަށް މިއީ މިލަޔެއް ނުވަތަ މިލާފައި ހުރުން ކަމަށް ހީވިޔަސް، މިއީ ލޭގައި އިންސިއުލިން ގިނަވުމުގެ ސަބަބުން ހަމުގެ ސެލްތައް އާދަޔާ ޚިލާފަށް އިތުރުވުމުން ދިމާވާ ކަމެކެވެ.

​ކުއްލިއަކަށް ހަންގަނޑުގައި މަސްކޮޅުތައް (Skin Tags) ޖެހުން: ކަނދުރާ ނުވަތަ ކިހިލިފަތް ކައިރިން ކުދި، ގެއްލުމެއް ނެތް މަސްކޮޅުކޮޅު ގިނަވުމަކީ ލޭގައި އިންސިއުލިން ދައުރުވާ މިންވަރު މަތިވުމާ ސީދާ ގުޅުންހުރި ކަމެކެވެ.

​ބަނޑުގެ ސަރުބީ (Visceral Fat): މިއީ ބަނޑާއި އުނަގަނޑު ވަށައިގެން ހުންނަ ސަރުބީވިރުވުން އުނދަގޫވުމެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް، އިތުރުވާ ގުލްކޯޒްގެ ވިހައިން ސަލާމަތްކުރުމަށްޓަކައި ހަށިގަނޑުން އުފައްދާ ރައްކާތެރިކަމުގެ ސަރުބީ ފަށަލައެކެވެ.

​އުފާވެރި ހަބަރަކީ، އިންސިއުލިން ރެސިސްޓެންސްއަކީ އުމުރުދުވަހު ތަހަންމަލުކުރަންޖެހޭ ބައްޔެއް ނޫނެވެ. މިއީ ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކަމެއްކަމުން، ކެއުމުގެ ވައްޓަފާޅިއަށް ގެންނަ ޚާއްސަ ބަދަލުތަކުން މުޅިން ރަނގަޅު ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން، އަވަސް އަވަހަށް މޫޑު ބަދަލުވުމާއި، އަބަދުހެން ފޮނި ކާއެއްޗިހި ކާންބޭނުންވުމާއި، ބަރުދަން އިތުރުވާއިރު ބަނޑާއިދިމާލުން ފަލަވުމާއި، ލޭގެ ޕްރެޝާ މަތިވުމާއި އަދި ނިދަން އުނދަގޫވުމާއި ނިދިޔަސް އިތުރަށް ވަރުބަލިވާހެން އިޙްސާސްވުން ހިމެނެއެވެ.

ފުރަތަމަ ފިޔަވަޅަކީ ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށްދާ ދިއުން ހުއްޓުވުމެވެ. ޕްރޮޓީން އާއި، ހަށިގަނޑަށް ފައިދާކުރަނިވި ރަނގަޅު ފެޓްސް ކޮންމެވެސް ވަރަކަށް ބޭނުންކޮށް، ކާބޯހައިޑްރޭޓްސް މަދުކުރުމުން ލޭގެ ތެރެއަށް އޮހޭ ގުލްކޯޒްގެ މިންވަރު ހަމައަކަށް އެޅެއެވެ. ނަތީޖާއެއްގެ ގޮތުން، އިންސިއުލިންގެ މިންވަރު ދަށްވެ، ދޮރުގައި ޖަހަމުންދިޔަ ބާރު ޓަކިތައް މެދުކެނޑެއެވެ. ދުވަސްތަކެއް ފަހުން، ސެލްތަކުން އެމީހުންގެ ދިފާއީ އައްޑަނަ ތިރިކޮށް، ކުރީގެ ތަޅުތަކަށް އަލުން ބަދަލުކޮށް، އިންސިއުލިންއަށް އިޖާބަދޭން ފަށައެވެ.

ކެއުމަށް ގެންނަ ބަދަލުގެ އިތުރުންވެސް ގެންނަންޖެހޭ އިތުރު ލައިފްސްޓައިލް ބަދަލުތަކެއް އެބަހުއްޓެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހެލިފެލިވެ ކަސްރަތަށް ވަގުތުކޮޅެއް ހޭދަކޮށްލަން އެބަޖެހެއެވެ. މީގެ އިތުރުން، ކަންބޮޑުވުންތަކާއި ސްޓްރެސްތަށް މެނޭޖުކުރުމާއި، ފެންބޯންޖެހޭ މިންވަރަން ފެން ބުއިމާއި، 7-8 ގަޑިއިރުގެ ފުރިހަމަ ނިދި ހޯދުމަކީވެސް މިނުރައްކާތެރި ޙާލަތުން ހަށިގަނޑު ރައްކާތެރިކޮށްދޭނެ ކަންތަކެވެ.

އަމިއްލަ ސިއްހަތު ސަލާމަތްކުރުމަކީ ބޮޑެތި ބަލިތަކުގެ ރިޕޯޓެއް އަތަށް ލިބެންދެން މަޑުކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ކެއުމަށްފަހު ހަށިގަނޑުން ފޮނުވާ ކުދިކުދި މެސެޖުތައް ކަނުލާ އެހުމުން ފެށޭ ކަމެކެވެ. ޙަޤީޤީ ހަކަތައަކީ ސެލްތަކަށް ނޭވާލާނެ ފުރުސަތު ދީ، އެތަކެތި އަލުން ތާޒާވުމަށް ޖާގަދިނުމެވެ.

މަސްދަރުތައް: ކްލެވެލެންޑް ކްލިނިކް، ޑަރމަޓޮލޮޖީ އޮންލައިން ޖަރނަލް، ދަ ލެންސެޓް، ދަ ޖަރނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަން

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް