ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފްރާންސްގެ ލީލް އަށް ފޮނުވާލައިފިއެވެ.

ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (އެމް.އެލް.އީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ފޮނުވާލާފައިވާއިރު، މިއީ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މައުލޫމާތުދީފައެވެ.

މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ މުހިންމު ދައުރެވެ. މީގެ ކުރިން އެމް.އެލް.އީ މެދުވެރިކޮށް މިފަދަ ޚިދުމަތްތައް ގިނައިން ހޯދަނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިންނެވެ. ނަމަވެސް ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލް ކުރެވުމަކީ އާ މާކެޓްތަކަށް ރާއްޖޭގެ ކާގޯ ޚިދުމަތް ފޯރަމުންދާކަމުގެ ހެއްކެކެވެ.
ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ އަގުހެޔޮ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ އަވަސް ގޮތެކެވެ. އެހެންކަމުން މިއީ އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ނަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.












