July 29, 2026 02:08
Advertisement

-Advertisement-

ޕަލިއޯ ޑައިޓް: ދިވެހިންގެ ބަދިގެއަށް 'ޕަލިއޯ' މުހިންމުވަނީ ކީއްވެ؟

ސޯޝަލް މީޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ޒަމާނީ "ހެލްތު ޓްރެންޑް" ތަކަށް ބަރޯސާވެގެން ސިއްޙަތަށް އެންމެ ރަނގަޅު ކާނާ ހޯދަން އުޅުމަކީ މިއަދު އަޅުގަނޑުމެންގެ އާދައަކަށްވެފައިވާ ކަމެކެވެ. މަޝްހޫރު "ޕަލިއޯ" ޑައިޓާ އަޅުގަނޑު ބައްދަލުވީ ވެސް ހަމަ މިދެންނެވި ގޮތަށެވެ. ނަމަވެސް އެ ކާނާގެ ވައްޓަފާޅިއަށް ފުންކޮށް ބަލާލިއިރު، އަޅުގަނޑަށް ތަޞައްވަރު ކުރެވުނީ އަޅުގަނޑުމެންގެ މާމަމެންނާއި ކާފަމެންގެ ސުފުރާމަތީގެ ވާހަކަތަކުގެ ހަނދާންތަކެވެ. އެމީހުން ކެއުމަށް ބޭނުންކުރި މީރު އަދި ސިއްޙަތަށް ފައިދާހުރި ޤުދުރަތީ ކާނާއަކީ ޙައިރާންވާފަދަ ގޮތަކަށް މިއަދުގެ މި ޒަމާނީ ޕަލިއޯ ޑައިޓާއި ކިހާ އެއްގޮތް އެއްޗެއް ހެއްޔެވެ!

އެއީ އެޒަމާނުގައި ކޮންމެވެސް އާ ފެޝަނަކަށް ލޯބިކޮށްގެން ކުރި ކަމެއް ނޫނެވެ. ނަމަވެސް އެ ދުވަސްވަރު ލިބެންހުރި ޤުދުރަތީ ވަސީލަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުން، ސިއްޙަތަށް ފައިދާހުރި ރަނގަޅު މަގަކަށް އެ ކަންކަން މަގުފަހިކޮށްދިނީއެވެ. ފާއިތުވި އަހަރުތަކަށް ބެލިޔަސް އަޅުގަނޑުމެންނަށް ފެންނަނީ ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ ކާބޯތަކެތި އަޅުގަނޑުމެންގެ ނަފްސުތަކާއި ހަނގުރާމަ ކުރާތަނެވެ. ގަޔަކު ހަކަތަ އެއް ހަމައެއްގައި ނުހިފަހައްޓާއިރު، އަބަދު ފޮނި އެއްޗިއްސާއި ހަށިގަނޑަށް ގެއްލުންދޭ އެއްޗިއްސަށް ސިކުނޑި އެނބުރެމުންދާތަނެވެ.

އަޅުގަނޑުގެ މާމަ ބުނާ އަޑު އެހީމެވެ. އެޒަމާނުގައި މީހުންގެ ހަށިގަނޑުތަށް ރީތިވެފައި ވަރުގަދައެވެ. ކައިއުޅޭ މަދުއެތިކޮޅުން މުޅިދުވަހު މަސައްކަތް ކުރުމުގެ ހަކަތަ ހުރެއެވެ. އެހެންކަމުން ޕަލިއޯ ޑައިޓަކީ ކޮބައިކަމާއި މި ޑައިޓް އަޅުގަނޑުމެންގެ ކާބަފައިންގެ ކެއުމާ ހުރި ގުޅުމަށް ނަޒަރު ހިންގާލަމާތޯއެވެ.

Advertisement

ޕަލިއޯ ޑައިޓަކީ (Paleo Diet)، އިންސާނުންގެ ހަށިގަނޑު ޒަމާނުއްސުރެ ހޭނިފައިވާ އަދި ބިނާވެފައިވާ ގޮތުގެމައްޗަށް ބިނާކޮށް، ޤުދުރަތީގޮތުން ލިބެންހުންނަ ސާފު ކާނާ ބޭނުންކުރުމުގެ ފަލްސަފާއެކެވެ. މީގެ މައިގަނޑު މަޤުސަދަކީ ސިނާއީ ގޮތުން އުފައްދާފައިވާ، ޕްރޮސެސްކޮށްފައިވާ ކާނާއާއި، ހަކުރާއި، އަދި ރިފައިންޑް ފުށުގެ ބާވަތްތައް ދޫކޮށްލާފައި، އެއްގަމު މަހާއި، ކަނޑުމަހާއި، ތަރުކާރީއާއި، މޭވާއާއި، އަދި ހަށިގަނޑަށް ފައިދާހުރި ފެޓްސް އެކުލެވޭ ފަދަ މާއްދާތައް ކެއުމުގައި ހިމެނުމެވެ. މިއީ ހަމައެކަނި ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއް ނޫނެވެ. ނަމަވެސް މިއީ އަހަރެމެންގެ ހަށިގަނޑަށް އެކަށީގެންވާ، ދުޅަހެޔޮކަންމަތީ ތިބުމަށް މަގުފަހިކޮށްދޭ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ.

ޕަލިއޯ ޑައެޓްގެ ފާހަގަކޮށްލެވޭ އެއްކަމަކީ، ގޮދަނާއި ހަނޑޫ ފަދަ ޒަމާނީ ގޮވާމުގެ ބާވަތްތައް މުޅިން ކަހަލަގޮތަކަށް ހުއްޓާލާކަމެވެ. އަޅުގަނޑުމެންގެ މިއަދުގެ ކެއުމުގެ ނިޒާމަށް ބަލާއިރު، މިކަން ވާނީ ވަރަށްވެސް އުނދަގޫ އަދި ތަފާތުކަމަކަށެވެ. އެހެނަސް މިކަން މިގޮތަށް ކުރިއަށްގެންދާ ސަބަބަކީ، މިތަކެއްޗަކީ ހަޖަމްވުމުގެ މަރުޙަލާގައި ވަރަށް އަވަހަށް ހަކުރަށް ބަދަލުވެ، ހަކުރުބައްޔާއި، އިންސިއުލިން ރެޒިސްޓެންޓް ފަދަ ބަލިތަކަށް މަގުކަފައިދޭ ކަމަކަށްވާތީއެވެ.

​"އައިލެންޑް ޕަލިއޯ" ޕްލޭޓްގެ ބިންގާ ބައްޓަންވެފައިވަނީ ތިން މައިގަނޑު ތަނބެއްގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ތަނބަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ނަފާ ކަމުގައިވާ ކަނޑުފަޅުގެ މުއްސަނދިކަމެވެ. ތާޒާ ކަނޑުމަހާއި ފަރުމަހަކީ އިންސާނާގެ ސިކުނޑިއަށާއި މުޅި ހަށިގަނޑަށް ބޭނުންވާނެ އެންމެ ސާފު، އަދި އެންމެ ފައިދާހުރި ހަކަތައެވެ. މިއީ ހަށިގަނޑަށް ގެއްލުންދެނިވި ޕްރޮސެސްޑް ތައްޔާރީ ބާވަތްތަކާ ޚިލާފަށް، އެއްވެސް ކެމިކަލެއްގެ ނުފޫޒެއް ނެތި، ޕްރޮޓީން އާއި އޮމެގާ-3 ފެޓީ އެސިޑް ފޯރުކޮށްދޭ އަގުހުރި ޚަޒާނާއެކެވެ.

​މި ނިޒާމުގެ ދެވަނަ ތަނބަކަށް ވެގެންދަނީ ހަށިގަނޑު ރައްކާތެރިކޮށްދޭ ފައިބަރުގެ އައްޑަނައެވެ. ކޮޕީފަތާއި، މުރަނގަ، ކަންކުންފަތް އަދި ބަނބުކެޔޮ ފަދަ ތަރުކާރީއާއި ފަތްޕިލާވެއްޔަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ކޮންމެހެން ހިމަނަންޖެހޭ މުހިންމު ބާވަތްތަކެކެވެ. ފައިބަރަކީ ހަށިގަނޑުގެ އިންޓާނަލް މެޓަބޮލިކް އައްޑަނައެއްގެ ގޮތުގައި މަސައްކަތްކޮށް، ލޭގެ ތެރެއަށް ގުލްކޯޒް ދާ މިންވަރު މަޑުޖައްސައިދީ، ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެކެވެ.

​ތިންވަނަ ތަނބަކީ ހަށިގަނޑަށް ބޭނުންވާ ސާފު ހަކަތަ ފޯރުކޮށްދޭ ކޮންޓްރޯލްކުރެވިފައިވާ ކާބޯހައިޑްރޭޓެވެ. ހަށިގަނޑަށް ގެއްލުންދޭ ހުދު ފުށް އަދި ހުދު ހަނޑުލާއި އެހެނިހެން ގޮދަނުގެ ބާވަތްތަކަކީ، އަޅުގަނޑުމެންގެ މާމަކާފަމެންގެ ޒަމާނުގައި އެހާފަސޭހައިން ލިބޭ ބާވަތްތަކެއްނޫނެވެ. މިތަކެތި އަޅުގަނޑުމެންގެ ކާނާގައި އާންމުވުމުގެ ކުރިން، އަޅުގަނޑުމެންގެ ކާބަފައިން ބަރޯސާވީ އަލަޔާއި، ބަރަބޮލާއި ބަނބުކެޔޮ އަދި ކައްޓަލަ ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކަށެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހަމަހަމަކަމާއެކު ފޯރުކޮށްދޭ، އަދި ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސްތައް އެކުލެވިގެންވާ މޮޅު ބާވަތްތަކެކެވެ.

​ޕަލީއޯ ޑައިޓުގެ މުހިންމުކަން މިއަދު ދިވެހިންނަށް ބޮޑުވެފައިވަނީ ދެކުނު އޭޝިއާގެ މީހުންގެ ޖެނެޓިކް ޙާލަތާ ގުޅިގެންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ދެކުނު އޭޝިއާގެ މީހުންގެ ހަށިގަނޑުގައި ބަނޑުގައި ސަރުބީ ޖެހުމުގެ ޚާއްސަ ނުރައްކާތެރިކަމެއް ހުރެއެވެ. ޒަމާނީ ކާނާގައި ފުށާއި ހަކުރު މާބުޑަށް ގިނަވުމުގެ ސަބަބުން، އަޅުގަނޑުމެންގެ ހަށިގަނޑަށް މިތަކެތި "ވިހަ" އަކަށްވެ، ހަކުރުބައްޔާއި ޕްރެޝަރު މައްޗަށް ދިޔުން ފަދަ ކަންކަން އިތުރުވަނީއެވެ. އެހެންކަމުން، ކުރީގެ ގުދުރަތީ ކާނާއަށް އެނބުރިދިޔުމަކީ ހަމައެކަނި ވައްޓަފާޅިއެއް ބަދަލުކުރުމެއް ނޫނެވެ؛ އެއީ ސިއްޙަތުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ އިސްލާހެކެވެ.

​މި ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުން ގެއްލުންދެނިވި ނުފޫޒުތައް ނައްތާލަންޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ސޯޔާ ނުވަތަ ކެނޯލާ ފަދަ އިންޑަސްޓްރިއަލް ތެލުގެ ބަދަލުގައި ހަށިގަނޑަށް ލުއި، ގުދުރަތީ ގޮތުން ލިބޭ ތެޔޮ ބޭނުންކުރުމަށް އަލުން އާދަކުރަންޖެހެއެވެ.

ދެވަނަ ކަމަކަށް، ހަވީރުގެ ސަޔަށް ކާ ހެދިކާގެ ބަދަލުގައި ސިއްޙަތަށް ފައިދާކުރާނޭފަދަ މަސްކޮޅެއް، ބިހެއް، ނުވަތަ ފިހުނު ކައްޓަލަ ނުވަތަ ފިހުނު ބަނބުކެޔޮ ފަދަ ތަކެތި ބޭނުންކުރަން ފެށުމެވެ.

ތިންވަނަ ކަމަކަށް، ތެލުލުމުގެ އާދަ ދޫކޮށްލާފައި ފެނުކައްކައިގެން، ގްރިލްކޮށްގެން، ފިހެލައިގެން ނުވަތަ އެއާފްރައި ކޮށްގެން ކާންފެށުމަކީ ކާނާގައި ހުންނަ އަސްލު ފައިދާތައް ހަށިގަނޑަށް ލިބިދޭނެ ކަމެކެވެ.

​މި ހުރިހާ ކަމެއްގެ އަމާޒަކީ ވަކި ކަހަލަ ހަރުކަށި "ޑައިޓެއްގައި ހުރުން" ނޫންކަން ދެނެގަތުން ވަރަށް މުހިންމެވެ. އަޅުގަނޑުމެންގެ އަސްލު އަމާޒަކަށް ވާންޖެހޭނީ ހަށިގަނޑަށް ބޭނުންނުވާ، ކެމިކަލްތަކާއި ދުރުވުމެވެ. ޤުދުރަތީ ތާޒާ ތަކެއްޗަށް އެނބުރިދިޔުމުން، ފައިދާކުރާނީ ހުދު އަޅުގަނޑުމެންނާއި ކުރިއަށް އޮތް ޖީލުތަކަށް ނޫންތޯއެވެ.

މަސްދަރުތައް: މެޑްރާސް ޑައިބެޓީސް ރިސަރޗް ފައުންޑޭޝަން، އެމްރިކަން ޖަރނަލް އޮފް ކްލިނިކަލް ނިޔުޓްރިޝަން

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް