July 28, 2026 01:46
Advertisement

-Advertisement-

ހެދިކާ އާއި ހަވީރުގެ ސައި: ސިއްޙަތަށް ފައިދާ ކުރަނިވި އެއްޗަކަށް ހަދާނީ ކިހިނެތް

ހަވީރު ސަޔަކީ ދިވެހިންގެ ހިތްތަކާ ނުހަނު ބޮޑަށް ގުޅިފައިވާ، އުފާވެރިކަމާއި އާއިލީ ލޯބިން ފުރިގެންވާ ހާއްސަ ވަގުތުކޮޅެކެވެ! ސައި މޭޒުދޮށުން އިވޭ ހިނިގަނޑުގެ އަޑާއި، އެކަކު އަނެކަކާ ހިއްސާކުރާ މަޖާ ވާހަކަތަކަކީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމަށް އާ ދިރުމަކާއި ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ. ސައި މޭޒުދޮށުން އިވޭ ހިނިގަނޑުގެ އަޑާއި، ހޫނު ސައިތަށީގެ އާވިން މުޅި މާހައުލު ފުރާލާއިރު، އެ ވަގުތުކޮޅަކީ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ހާއްސަ ލޯތްބެއް ދެވިފައިވާ ބަހާއެކެވެ.

ހަވީރު ސައިގެ ފަހަތުގައިވާ ސައިންސަކީ ކޮބާ؟

​ހަވީރު 4:00 ޖަހާއިރު ޤަވާއިދުން ސަޔާއި ހެދިކާއަށް ތިބާގެ ސަމާލުކަން ދެވިގެންދަނީ ކޮންމެ ދުވަހެއްގެ އާދައަށްވީމާ އެކަންޏެއްނޫނެވެ. ދުވަހުގެ ބުރަކަންމަތީގައި ހަަވީރާއި ހިސާބަށް އަންނައިރު، ގިނަ ބަޔަކަށް އިހުސާސްކުރެވޭ ވަރުބަލިކަމަކީ ހަޤީޤަތުގައި ވަރަށް ޝައުގުވެރި ސައިންސެއް އެކުލެވޭ ކަމެކެވެ.

Advertisement

އަޅުގަނޑުމެންގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިގަތުމަށްޓަކައި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ބޭނުންވާއިރު، އެހަކަތަ އެއްހަމައެއްގައި އެންދުމައްޓަކައި ފައިބަރާއި ޕްރޮޓީން ބޭނުންވެއެވެ. ހެނދުނުގެ ނާސްތާއަށް ކާލާ ހުދު ފުށުގެ ރޮށި ނުވަތަ ޕާންފޮތިން ފެށިގެން މެންދުރުގެ ކެއުމުގައި ހިމެނޭ ހުދު ހަނޑުލުގެ ބަތަކީ މިދެންނެވި ބާވަތްތަށް ހިމެނޭ ކާނާއެއް ނޫނެވެ. އާޓާފުށާއި ރަތް ހަނޑުލުން ލިބޭ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްގެ ބަދަލުގައި ހަށިގަނޑަށް ލިބެނީ އޭގައި ފައިބަރާއި މިނަރަލްސް އިން ވަކިކޮށްފައިވާ ރީޓެއިންޑް ކާބޯހައިޑްރޭޓެވެ. ނަތީޖާއަކީ، ތިބާގެ ހަށިގަނޑަށް އެތެރެވާ ކާނާ އިސާހިތަކު ހަޖަމްވެ، ހަކަތައަށް ބަދަލުވެ އެހާމެ އަވަހަށް ވިރުވާލާކަމެވެ. އެހެންކަމުން އަނެއްކާވެސް އެހަށިގަނޑު ވަރަށް އަވަހަށް ލިބިދާނެފަދަ ހަކަތައަކަށް ގޮވާލައެވެ. މި ގޮވާލާ ގޮވާލުމަކީ އަޅުގަނޑުމެންގެ ހަވީރުގެ ސަޔެވެ.

ވަރުބަލިކަން ފިލުވާލުމަށް އަހަރެމެން މި ކާލާ ތެލުލި ހެދިކާއާއި، 3 ނުވަތަ 4 ސަމުސާގެ ހަކުރު އަޅާފައިވާ ސަޔަކީ، ހަށިގަނޑަށް ފައިދާހުރި އެއްޗެއް ނޫނެވެ. ހުދު ފުށާއި ހަކުރު ހަށިގަނޑަށް އެތެރެވުމުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމާއެކު، އިންސިއުލިން ހޯރމޯން އާދަޔާޚިލާފަށް ގިނައިން އުފައްދަން ހަށިގަނޑަށް މަޖުބޫރުވެއެވެ. ނަތީޖާއެއްގެ ގޮތުން، ސައިބޯތާ ގަޑިއެއްހާއިރު ތެރޭގައި ލޭގެ ހަކުރު މާ ބާރަށް ތިރިއަށް ވެއްޓި، ކުރިއަށްވުރެވެސް ބޮޑަށް ވަރުބަލިވެ، އަލުން ފޮނި އެއްޗެއް ބޭނުންވާ ގޮތްވެގެންދެއެވެ.

ހަވީރު ސައި ދުޅަހެޔޮކޮށްލާނެ ފަސޭހަ ގޮތްތައް

​އުފާވެރި ޚަބަރަކީ، އަހަރެމެންގެ ހަވީރު ސައިގެ ރަހަތަކަށް އެއްވެސް އުނިކަމެއް ނުގެނެސް، ވަރަށް ފަސޭހައިން ސިއްޙަތައް ފައިދާކުރަނިވި މި ބަދަލުތައް ގެނެވިދާނެ ކަމެވެ!

​ހެދިކާ ފިހުން: ހެދިކާގެ ފުށްގަނޑު ތެލުލުމުގެ ބަދަލުގައި އެއާ-ފްރަޔަރއިން ނުވަތަ އަވަނުން ފިހެލުމުން، ބޯކިބަލާއި މަސްރޮށީގެ އަސްލު ރަހަ މާ ފުރިހަމައަށް ލިބިގެންދާނެއެވެ.

ހުދުފުށް މަދުކުރުން: ހުދު ފުށަކީ އޭގެ ސަބަބުން ހަކުރު ކުއްލިއަކަށް ވަރަށް މަތިކޮށްލާ އެއްޗެކެވެ. އޭގެ ބަދަލުގައި އޯޓްސްކޮޅެއް ފުނޑާލައި ފުށަށް ބަދަލުކޮށްލައިގެން ކެއުމުގެ ބާވަތްތަށް މިފުށް ބޭނުންކޮށްގެން ހެދުމުން، އޭގައި މީރު ރަހަތަށް ޤުރުބާން ނުކޮށްވެސް ފައިދާހުރި ފައިބަރގެ މިންވަރެއް ހަށިގަނޑަށް ލިބިގެންދާނެއެވެ.

​ގުދުރަތީ ފޮނިކަން: ތައްޔާރީ ހަކުރު މިއީ ސިއްޙަތަށް ބަލަމުންދާ މީހުންގެ އެންމެ ބޮޑު އެއް ދުޝްމަނެވެ. ސަޔަށް ހަކުރު އެޅުމުގެ ބަދަލުގައި، މިހާރު މާލެ އާއި ހުޅުމާލޭގެ ބޮޑެތި ސުޕަމާކެޓްތަކުން ފަސޭހައިން ލިބެން ހުންނަ "ސްޓީވިއާ" (Stevia) ނުވަތަ "މޮންކް ފްރުޓް" (Monk Fruit) ފަދަ ގުދުރަތީ ފޮނިރަހަ ބޭނުންކޮށްގެން، ލޭގެ ހަކުރު މައްޗަށް ނުގޮސް ސައިތަށީގެ ފޮނިކަން އެގޮތުގައި ހިފެހެއްޓޭނެއެވެ. މިއީ ފޮނި ކާތަކެތި ތައްޔާރު ކުރާއިރުވެސް ބޭނުން ކުރެވިދާނެ ތަކެތިކަން ފާހަގަކޮށްލަމެވެ.

​ބަފަރ ހެކް: ހެދިކާ ކެއުމުގެ ކުރިން ފައިބަރާއި ހަށިގަނޑަށް ފައިދާކުރާ ފެޓްސް އެކުލެވޭ (ބިސް، ނަޓްސް) ތަކެތި ކާލުމުން، ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ހިފަހައްޓައިދޭނެއެވެ.

​ތާޒާ މޭވާ: ސައި މޭޒުމަތީގައި ތާޒާ ފަޅޯ، އާފަލު، ކަރާ ފަދަ މޭވާކޮޅެއް ބަހައްޓައި ހެދިކާ ކެއުމުގެ ކުރިން މިތަކެތި އިޚްތިޔާރު ކޮށްލުން ބުއްދިވެރިއެވެ.

ރާއްޖޭގެ ޞިއްޙީ ޙާލަތު: ހޭލުންތެރިވާންވީ ވަގުތު

އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކުގެތެރެއިން ކެއުމުގެ ވައްޓަފާޅިއަށް އައި ޒަމާނީ ބަދަލުތަކާއެކު، މިއަދު ރާއްޖޭގެ ސިއްޙީ ނިޒާމުން ފެންނަމުންދަނީ ވިސްނާލަންޖެހޭ ފަދަ ހިސާބުތަކެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (WHO) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ (NCDs) ސަބަބުން މަރުވާ މީހުންނެވެ. މީގެ އިތުރުން، އެންމެ ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި ޒުވާނުންގެ މެދުގައި ހަކުރުބަލީގެ ނިސްބަތް ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. އަދި 15 އަހަރާއި 69 އަހަރާ ދެމެދުގެ އާބާދީގެ %16 މީހުންނަކީ މިހާރުވެސް ހަކުރުބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. މިއީ އަހަރެމެން މާޔޫސްވާންވީ ކަމެކެވެ. އަދި މިއީ އަހަރެމެންގެ އާދަތަކަށް ޒަމާނީ، ދުޅަހެޔޮ ބަދަލުތަކެއް ގެނެސް، ޢާއިލާތަކުގެ ދިގުދެމިގެންވާ ސިއްޙަތަށްޓަކައި "ހަވީރު ސައިގެ ސަގާފަތް" މިއަށްވުރެ ބާރުގަދަ އަޕްގްރޭޑަކަށް ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

ދެކުނު އޭޝިއާގެ ހޯދުންތައް: އަހަރެމެންގެ ހަށިގަނޑުގެ ސިއްރު

​މެޑްރާސް ޑައިބެޓީސް ރިސާޗް ފައުންޑޭޝަން ފަދަ ޖަމްއިއްޔާތަކުގެ ދިރާސާތަކުން ދައްކާގޮތުގައި، ދިވެހިން ހިމެނޭހެން ދެކުނު އޭޝިއާ ސަރަހައްދުގެ މީހުންގެ ހަށިގަނޑު އުފެދިފައިވަނީ ޚާއްސަ ގޮތަކަށެވެ (Asian Indian Phenotype). މީގެ މާނައަކީ، ހަށިގަނޑުގެ ބަރުދަން މާ ބޮޑަށް އިތުރު ނުވި ނަމަވެސް، ބަނޑާއި އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ނުރައްކާތެރި ސަރުބީ (visceral fat) ޖެހުމުގެ ފުރުސަތު އެހެން ނަސްލުތަކަށްވުރެ މާ ބޮޑެވެ. އެހެންކަމުން، ރިފައިންޑް ކާބޯހައިޑްރޭޓްސް (ހެދިކާގައި ހުންނަ ހުދު ފުށް) ގެ ސަބަބުން އަހަރެމެންގެ މެޓަބޮލިޒަމަށް ކުރާ ނޭދެވޭ އަސަރު މާބޮޑެވެ. މިއީ ހަވީރުގެ ސައިގެ އާދަތަކަށް ބަދަލެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މެޑިކަލް މަޖުބޫރީއަކަށް ވާ ސަބަބެކެވެ.

​ނިންމުން: ދުޅަހެޔޮ މުސްތަޤްބަލަކަށް

​ހަވީރު ސަޔަކީ ޢާއިލާގެ އެއްބައިވަންތަކަމުގެ ރަމްޒެކެވެ. ބޭނުމަކީ ކެއުން މަނާކުރުމެއް ނޫނެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ދުޅަހެޔޮކަން އިތުރުކޮށް، އާއިލާއާއެކު ދިގު އުމުރެއްގައި ހިނިތުންވުމާއެކު ސައިބޯން ތިބެވޭނެ މަގު ކޮށުމެވެ! އަހަރެމެންގެ އަމާޒަކީ އެ ލޮބުވެތި އާދަ ނައްތާލުމެއް ނޫނެވެ. ނަމަވެސް އެ އާދައަކީ އަޅުގަނޑުމެންގެ ދިގު އުމުރަށާއި ދިރިއުޅުމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ދިފާއީ އައްޑަނައަކަށް ހެދުމެވެ.

މަސްދަރުތައް: މޯލްޑިވްސް ހެލްތް އެންޑް މެޓަބޮކިކް ސްޓެޓިސްޓިކްސް، ޑަބްލިއުއެޗްއޯ، މޯލްޑިވްސް ސްޓެޕްސް ސަރވޭ، މެޑްރާސް ޑައިބެޓީސް ރިސަރޗް ފައުންޑޭޝަން

+1
1
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް