August 2, 2026 02:51
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ފުރާވަރުގެ ކުދިންނާއި ސައިބަރ ބުލީކުރުން، ގޮންޖެހުންތަކާއި ހައްލު

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ފޮޓޯ ކްރެޑިޓް ޗިލްޑްރެން ފަސްޓް ކެނަޑާ

ފުރާވަރުގެ އުމުރަކީ އިންސާނާގެ ޙަޔާތުގައި އަންނާނެ އެންމެ ނާޒުކު އަދި އެންމެ ބޮޑެތި ބަދަލުތަކެއް ތަޖުރިބާކުރަންޖެހޭ ދުވަސްވަރެވެ. މި އުމުރުގައި ކުދިން އަމިއްލަ ޝަޚްޞިއްޔަތު ބައްޓަންކުރުމަށާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާއިރު، ތަފާތު ގޮންޖެހުންތަކާއި ނަފްސާނީ އުދާސްތަކާ ކުރިމަތިލާންޖެހެއެވެ. ދިވެހިރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައިވެސް ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރަންފެށުމާއެކު، ފުރާވަރު ކުދިންގެ ރައްކާތެރިކަމަށް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. ޚާއްޞަކޮށް އާ ނުރައްކަލެއްކަމަށްވާ ސައިބަރ ބުލީކުރުން (Cyberbullying) ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

Advertisement

ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ރިޕޯޓްތަކުން ދައްކާގޮތުގައި، މީގެ ކުރިން ސްކޫލް މާހައުލުގައި އެކަނި ހިނގާ ބުލީކުރުމުގެ ޙާދިސާތައް މިހާރު ވަނީ އިންޓަރނެޓުގެ މަންސަތަކަށް ފެތުރި، ކުދިންގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވަދެފައެވެ. ސައިބަރ ބުލީގެ ސަބަބުން ފުރާވަރު ކުދިންނަށް ތަޖުރިބާކުރަންޖެހޭ ނަފްސާނީ އަނިޔާތަކާއި، އެކަނިވެރިކަމާއި، ލަދުވެތިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދާ ދިއުމަކީ އެކުދިންގެ އާންމު ދިރިއުޅުމަށާއި ތަޢުލީމަށް އަސަރުކުރުވާ މުހިންމު ސަބަބެކެވެ (ޔުނިސެފް މާލްޑިވްސް، 2025).

1- ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިބަރ ބުލީކުރުން އޮތް މިންވަރު

ސައިބަރ ބުލީކުރުމަކީ ވަކި ޤައުމަކަށް ނުވަތަ ވަކި ސަގާފަތަކަށް އެކަނި މަހްދޫދުވެފައިވާ ކަމެއް ނޫންކަން ދުނިޔޭގެ ތަފާތު ސަރަޙައްދުތަކުގައި ހެދިފައިވާ ދިރާސާތަކުން ކަށަވަރުވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ދެތިން ގައުމެއްގައި ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލާނަމެވެ.

  • އެމެރިކާ: ޕިއޫ ރިސާޗް ސެންޓަރުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ފުރާވަރުގެ އުމުރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުދިންނަށް ސައިބަރ ބުލީގެ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ (އެންޑަރސަން، 2018). އަދި ސީޑީސީ (2020) އިން ފާހަގަކުރާގޮތުގައި، މީގެ ސަބަބުން ކުދިންގެ މެދުގައި ނަފްސާނީ ނުތަނަވަސްކަމާއި، މާޔޫސްވުން އަދި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް އިތުރުވެގެންދެއެވެ.
  • އިނގިރޭސިވިލާތް: އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (2020) ގެ ދިރާސާއިން ހާމަވިގޮތުގައި، އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް ސައިބަރ ބުލީގެ އަސަރުކުރެއެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާއާއި އޮންލައިން ގޭމްތަކުގެ ތެރެއިން އަންހެން ކުދިންނަށް އޮތް ނުރައްކާ ބޮޑެވެ.
  • ދެކުނު ކޮރިއާ: ކޮރިއަން އިންސްޓިޓިއުޓް އޮފް ކްރިމިނޮލޮޖީއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކިގޮތުގައި، އޮންލައިންކޮށް ދެވޭ އަނިޔާތަކާއި ސްކޫލް މާހައުލުގައި ދެވޭ އަނިޔާތަކާ ސީދާ ގުޅުމެއްވެއެވެ (ކިމް އަދި އޭނާގެ ބައިވެރިން، 2019). ޚާއްޞަކޮށް ކުދިންގެ އިޖުތިމާއީ އަބުރަށް ބޮޑު އިސްކަމެއްދޭ ސަގާފަތެއްގައި ސައިބަރ ބުލީގެ ސަބަބުން ކުރާ ނަފްސާނީ ފިއްތުންތައް ވަރަށް ބޮޑެވެ.
  • އޮސްޓްރޭލިއާ: އީ-ސޭފްޓީ ކޮމިޝަނަރު (2021) ގެ ދިރާސާއިން ދައްކާގޮތުގައި 44 އިންސައްތަ ކުދިންނަށް އޮންލައިން ނޭދެވޭ ތަޖުރިބާތައް ކުރިމަތިވާއިރު، ފޯނު ނުވަތަ އިންޓަރނެޓް މަނާކޮށްފާނެކަމުގެ ބިރަށް ބޮޑެތި މީހުންގެ އެހީތެރިކަން ހޯދަން ކުދިން ޖެހިލުންވެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ދުނިޔޭގެ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ސައިބަރބުލީކުރުމަކީ ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ނައްތާލާ ނުރައްކާތެރި ކަމެކެވެ. އެމެރިކާގެ ދިރާސާތަކުން ދެބައިކުޅައެއްބައި ކުދިން ސައިބަރބުލީގެ ޝިކާރައަކަށްވެ (އެންޑަރސަން، 2018)، މާޔޫސްވުމާއި އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކާ ކުރިމަތިލާންޖެހޭކަން ހާމަވެއެވެ (ސީޑީސީ، 2020). އިނގިރޭސިވިލާތާއި ކޮރިއާގެ ހޯދުންތަކުން ދައްކާގޮތުގައި، ސޯޝަލް މީޑިއާއާއި އޮންލައިން ގޭމްތަކުގެ ތެރެއިން އަންހެން ކުދިންނަށް އޮތް ނުރައްކާ ބޮޑުއިރު (އޯ އެން ސީ، 2020)، އޮންލައިން އަބުރުގެއްލުމުގެ ސަބަބުން ކުއްޖާގެ އިޖުތިމާއީ އަދި ނަފްސާނީ ދިރިއުޅުމަށް ބޮޑެތި ފިއްތުންތައް ކުރިމަތިވެއެވެ (ކިމް އަދި އޭނާގެ ބައިވެރިން، 2019). ނަމަވެސް އެންމެ ބޮޑު މައްސަލައަކީ، އޮސްޓްރޭލިއާގެ ދިރާސާއިން ފެންނަ ގޮތަށް، ފޯނު ނުވަތަ އިންޓަރނެޓް މަނާކޮށްފާނެކަމުގެ ބިރަށް ބޮޑެތި މީހުންގެ އެހީތެރިކަން ހޯދަން ކުދިން ޖެހިލުންވުމެވެ (އީ-ސޭފްޓީ ކޮމިޝަނަރު، 2021). މިފަދަ ހޯދުންތަކުން ދޭހަކޮށް އެނގެނީ ސައިބަރބުލީގެ އަސަރު ކުޑަކުރެވޭނީ ޓެކްނޮލޮޖީ މަނާކުރުމުގެ ބަދަލުގައި، ކުދިންނަށް ބިރުވެރިކަމެއް ނެތި އިޙްސާސްތައް ހިއްސާކުރެވޭނެ "ރައްކާތެރި މާހައުލެއް" ބޮޑެތި މީހުން ފޯރުކޮށްދީގެން ކަމެވެ.

2- މިއަދުގެ މައުޟޫޢަށް ޚާއްޞަ ދިރާސާ

މި އަދު ހޮވާލެވިފައިވާ ދިރާސާއަކީ މިއަދު މި ހުށަހަޅާލެވޭ މައުޟޫޢާ ސީދާ ކޮށް ގުޅިފައިވާ ދާދި ފަހުން ހަދާފައިވާ ދިރާސާއެކެވެ. މިދިރާސާ ހަދާފައިވަނީ ޕޯލަންޑުގައެވެ. ދިރާސާ ހަދާފައިވަނީ ޞަފަވީ/ކުއަލިޓޭޓިވްކޮށެވެ. މި ދިރާސާގެ ސެޓިންއަށް ބަލާއިރު، ދިރާސާގެ މަޢުލޫމާތު އެއްކޮށްފައިވަނީ އެ ޤައުމުގެ ތަފާތު ސަރަޙައްދުތަކުގައިވާ (ބޮޑެތި ސިޓީތަކާއި، ކުދި ސިޓީތަކާއި، އަދި އަވަށު ސަރަޙައްދުތައް ހިމެނޭހެން) 25 ޖޫނިއަރ ހައި ސްކޫލަކުންނެވެ. މި ސެޓިންގައި ސަރުކާރުގެ ޕަބްލިކް ސްކޫލްތަކުގެ އިތުރުން އަމިއްލަ (ޕްރައިވެޓް) ސްކޫލްތައްވެސް ހިމެނެއެވެ. މި ދިރާސާގައި ސައިބަރބުލީންގގެ ތަޖުރިބާ ކުރެވިފައިވާ (އަނިޔާ ލިބުނު މީހުން، އަނިޔާކުރި މީހުން، އަދި މަންޒަރު ފެނުނު މީހުންގެ ގޮތުގައި) 13 އާއި 16 އަހަރާ ދެމެދުގެ 55 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ސައިބަރބުލީންގގެ މައްސަލަތަކުގައި ފިޔަވަޅުއެޅުމާއި އެހީތެރިވުމުގައި އުޅެފައިވާ 45 ޓީޗަރުން ވެސް ބައިވެރިވިއެވެ. ދިރާސާގެ މަޢުލޫމާތު އެއްކޮށްފައިވަނީ ސެމީ-ސްޓްރަކްޗަރޑް އިންޓަވިއުތައް މެދުވެރިކޮށް އެމީހުންގެ ތަޖުރިބާތަކާއި ދެކޭގޮތް ޙިއްޞާކޮށްފައިވެއެވެ. ދިރާސާގެ މަޤްޞަދަކީ ސައިބަރބުލީކުރުމާއި (އިންޓަރނެޓް މެދުވެރިކޮށް ބުލީކުރުން) އެކަމުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކުގެ ޚާއްޞަ ކަންކަމާމެދު ދަރިވަރުންނާއި މުދައްރިސުން ދެކޭގޮތުގެ މައްޗަށް ކުރެވުނު ދިރާސާގެ ނަތީޖާ ހުށަހެޅުމެވެ.

ސައިބަރބުލީކުރުމަކީ ޒުވާނުންގެ އަމިއްލަ ފަރުދީ އަދި އިޖުތިމާއީ ބާއްޖަވެރިކަމަށް އޮތް ނުރައްކާތެރި ނުފޫޒެކެވެ. މި ސަބަބަށްޓަކައި، ސައިބަރބުލީކުރުމުގެ ތަޖުރިބާ ކުރެވިފައިވާ ފަރާތްތަކުގެ ނަޒަރިއްޔާތުން، އެމީހުން އެކަން މާނަކުރާގޮތާއި، އެކަމުގެ ސަބަބުތައް ދެނެގަންނަގޮތާއި، އެހީތެރިކަމާމެދު ދެކޭގޮތް އަދި އެކަމުން ރައްކާތެރިވުމަށް ހުށަހެޅޭ ފިޔަވަޅުތަކާމެދު ދެކޭގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި އިންޓަރނެޓުގެ ވަސީލަތްތައް ބޭނުންނުކޮށް ހިނގާ އަނިޔާވެރިކަމާއި، އިންޓަރނެޓު މެދުވެރިކޮށް އެކުވެރިންގެ މެދުގައި ހިނގާ އަނިޔާވެރިކަމާ ސީދާ ގުޅުމެއްވެއެވެ. މި ދިރާސާއިން ދައްކާފައިވާ ގޮތުގައި، އާންމުކޮށް (public) އަދި އަމިއްލައަށް (private) ކުރެވޭ ސައިބަރބުލީގެ ބާވަތްތަކުގައި ތަފާތު ނަފްސާނީ އަދި އިޖުތިމާއީ މެކޭނިޒަމްތައް އެކުލެވިގެންވެއެވެ. އަދި އަޅާލުމާއި ހަމްދަރްދީވުމަކީ (empathy) ސައިބަރބުލީކުރުން ހުއްޓުވައިދޭ ނުވަތަ ކުޑަކޮށްދޭ މުހިންމު ބަހާއެއްކަން ކަށަވަރުވެއެވެ. މީގެއިތުރުން، ސައިބަރބުލީގެ މައްސަލަތަކުގައި ބޮޑެތި މީހުންގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމާއި އިސްނެގުންތަކުގެ ހުރި އުނިކަމާއި އެކަށީގެންނުވާކަން ކުދިންގެ ބަޔާންތަކުގައި ފާހަގަކޮށްފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ދިރާސާގެ ނަތީޖާތަކުންނާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ހޯދުންތަކުން ސާފުކޮށް އެނގެނީ، ސައިބަރ ބުލީކުރުން ހުއްޓުވުމުގައި ހަމްދަރުދީވުމާއި "އެމްޕަތީ" އަދި އެޑަލްޓް ރެސްޕޯންސް "ބޮޑެތި މީހުންގެ އެފަދަ ކަންކަމަށް އިޖާބަދިނުމުގެ އުޞޫލު" އަދާކުރާ މުހިންމު ދައުރެވެ. އެހެންކަމުން، ސައިބަރ ބުލީގެ ނުރައްކަލުން ފުރާވަރު ކުދިން ސަލާމަތްކުރުމަށްޓަކައި ހަމައެކަނި ޓެކްނޮލޮޖީ މަނާކުރުމުގެ ބަދަލުގައި، ސްކޫލް މާހައުލާއި ގޭތެރޭގައި ކުދިންނަށް ބިރުވެރިކަމެއް ނެތި އިޙްސާސްތައް ހިއްސާކުރެވޭނެ "ރައްކާތެރި މާހައުލެއް" ގާއިމުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

3- ދިރާސާގެ ނަތީޖާއަށް ތަހުލީލީ ނަޒަރަކުން ބަލާލުން: ބެލެނިވެރިންގެ ދައުރު

ސައިބަރބުލީގެ ނުރައްކަލުން ފުރާވަރުގެ ކުދިން ސަލާމަތްކޮށް، އެފަދަ ކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި އެކުދިންނަށް ނަފްސާނީ އަދި ޢަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކުދިން ބޮޑެތި މީހުންނަށް އޮންލައިންކޮށް ދިމާވާ މައްސަލަތައް ހިއްސާކުރަން ޖެހިލުންވަނީ ފޯނު އަތުލައިފާނެކަމުގެ ބިރަށް ނުވަތަ ބެލެނިވެރިން ކަންތައް ނަގާނީ މާ ބޮޑުކޮށްގެން ކުއްޖާ ކުށްވެރިކުރާނެތީއެވެ.

މިފަދަ ހާލަތުގައި ބެލެނިވެރިންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ ޢަމަލީ އިރުޝާދުތަކެއް ތިރީގައި އެވަނީއެވެ:

  1. އިޙްސާސްތަކަށް އިޙްތިރާމްކުރުމާއެކު އަޑުއެހުން (Listen Without Judgment):
    • ކުއްޖާ ދައްކާ ވާހަކަ ކަނުލައި އަޑުއެހުން: ކުއްޖާ އޮންލައިންކޮށް ދިމާވި މައްސަލައެއް ހިއްސާކުރުމުން، ރުޅިނައިސް އަދި ވަގުތުން "ތިޔައީ ތި ފޯނާ ހުރެވާ ގޮތް" ކިޔައި ކުއްޖާ ކުށްވެރިނުކުރާށެވެ.
    • އިޙްސާސްތައް ބަލައިގަތުން: ކުއްޖާ ހުރީ ބިރުން ނުވަތަ ދެރަވެފައިކަން ދެނެގަތުން މުހިންމެވެ. "އަހަރެން މިއީ ކުއްޖާއަށް އެހީތެރިވާން ހުރި މީހާ" ކަން ޔަޤީންކޮށްދޭށެވެ. "މި ވާހަކަ މަންމަ/ބައްޕައާ ހިއްސާކުރީތީ ވަރަށް އުފާވެއްޖެ ވާހަކަ ބުނާށެވެ. އަހަރެމެން އެކުގައި މިކަމަށް ޙައްލެއް ހޯދުމަށް މަޝްވަރާ ކުރަން ބޭނުންކަން ހާމަކުރާށެވެ.
  2. ވަގުތުން ފޯނު އަތުލުމާއި އިންޓަރނެޓް ކަނޑާލުމުން ދުރުވުން:
    • ނޭދެވޭ އަސަރު މަދުކުރުން: ކުއްޖާ މައްސަލައެއް ހިއްސާކުރުމުން ވަގުތުން ފޯނު އަތުލައިފިނަމަ، ދެން ފަހަރަކުން ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް ކުއްޖާ އެކަމެއް ހިއްސާއެއް ނުކުރާނެއެވެ.
    • ޙައްލަކީ މަނާކުރުމެއް ނޫން: ފޯނު އަތުލުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާއާއި ފޯނު ބޭނުންކުރާނެ ގޮތް އެކުގައި ރޭވުން މުހިންމެވެ.
  3. ހެކި ރައްކާކުރުމާއި އޮންލައިން ސެކިއުރިޓީ ވަރުގަދަކުރުން:
    • ސްކްރީންޝޮޓް ނެގުން: ބުލީކުރާ މެސެޖުތައް، ފޮޓޯތައް ނުވަތަ ކޮމެންޓްތައް ޑިލީޓްކޮށްނުލައި، އެއެއްޗެހީގެ ސްކްރީންޝޮޓް (Screenshots) ނަގައި ރައްކާކުރާށެވެ. މިއީ މައްސަލަ ރިޕޯޓުކުރަން ބޭނުންވާނެ ހެކިތަކެވެ.
    • ބްލޮކް އަދި ރިޕޯޓްކުރުން: ގަނާކުރާ އެކައުންޓްތައް އޮންލައިން މަންސަތަކުން Facebook, Instagram, TikTok  ރިޕޯޓް ކުރާށެވެ.
    • ޕާސްވޯޑާއި ސެކިއުރިޓީ: ކުއްޖާގެ އެކައުންޓްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޕާސްވޯޑް ބަދަލުކުރުމަށް އެހީތެރިވެދޭށެވެ.
  4. ސްކޫލާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުން:
    • ސްކޫލް މާހައުލާ ގުޅުންހުރިނަމަ: ސައިބަރބުލީކުރަނީ ކުއްޖާގެ ކްލާސްކުދިން ނުވަތަ އެއް ސްކޫލެއްގެ ކުދިންނަމަ، ސާފު ހެކިތަކާއެކު ސްކޫލްގެ މެނޭޖްމަންޓަށް ނުވަތަ ކައުންސިލަރަށް މައްސަލަ ހުށަހަޅާށެވެ.
    • ނުރައްކާތެރި ހާލަތްތަކުގައި: އިންޒާރުދިނުން، ބްލެކްމެއިލްކުރުން ނުވަތަ އޮރިޔާން ފޮޓޯ ފެތުރުން ފަދަ ބޮޑެތި ޖަރީމާތައް ދިމާވެއްޖެނަމަ، ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ އިދާރާތަކަށް ރިޕޯޓްކުރާށެވެ.
  5. ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން:
    • އެކަނިވެރިވިޔަ ނުދިނުން: ސައިބަރބުލީގެ އަސަރުކޮށްފައިވާ ކުއްޖާ ގޭގައި އެކަނިވާން ދޫނުކޮށް، އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ބާރުއަޅާށެވެ.
    • ޕްރޮފެޝަނަލް އެހީ: ކުއްޖާގެ ކިބައިން މާޔޫސްވުން، ނިދިނައުން، ކެއުން މަދުވުން ނުވަތަ އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނިޝާންތައް ފެންނަނަމަ، ވަގުތުން ކައުންސެލަރ ނުވަތަ ސައިކޮލޮޖިސްޓުންގެ ފަދަ ފަރާތްތަކުގެ ނަފްސާނީ އެހީތެރިކަން ހޯދާށެވެ.

ސައިބަރބުލީން ކުދިން ރައްކާތެރިކުރެވޭނީ ސީދާ އިންޓަރނެޓާ ދުރުކޮށްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، "މައްސަލައެއް ދިމާވެއްޖެނަމަ ބެލެނިވެރިޔާއަކީ އެންމެ ރައްކާތެރި ހިމާޔަތް" ކަން ކުއްޖާއަށް ޔަޤީންކޮށްދީގެންނެވެ. ހަމަ މިބީދައިން ސްކޫލްތަކުގައި ސައިބަރބުލީކުރުން ހުއްޓުވޭނީ ހަމައެކަނި ޤަވާޢިދުތަކެއް ހަދައިގެންނެއް ނޫނެވެ. އެއާ ޚިލާފަށް ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިން ގުޅިގެން، ކުދިންގެ މެދުގައި ހަމްދަރުދީއާއި އިޙްތިރާމް އަދި އިތުބާރު އުފެއްދޭނެ ރައްކާތެރި ސަގާފަތެއް ސްކޫލްގެ ތެރޭގައި ބިނާކޮށްގެންނެވެ. ދިވެހިރާއްޖެފަދަ ކުޑަކުޑަ އަދި މަދު މީސްކޮޅެއް އުޅޭ ގައުމަކަށް ވާއިރު ސައިބަރ ބުލިންފަދަ ނުރައްކާތެރި ކަންކަން މުޖުތަމަޢުގެ ތެރޭގައި ފެތުރޭ މިންވަރާއި އަދި ނުރައްކާތެރިކަން ބޮޑުވަމުންދާ މިންވަރުވެސް އިތުރެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ގައުމީ ލެވެލްގައި އެޅޭ ފިޔަވަޅުތަކާއި، ދިރާސާތަކުގެ އަލީގައި އެކުލަވާލެވޭ އުސޫލުތަކަކަށް މިހާރުވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.

ހަވާލާދޭލިޔުންތައް

  • އެންޑަރސަން، އެމް. (2018). އޭ މެޖޯރިޓީ އޮފް ޓީންސް ހޭވް އެކްސްޕީރިއަންސްޑް ސައިބަރބުލީއިންގ. ޕިއޫ ރިސާޗް ސެންޓަރ.
  • އީ-ސޭފްޓީ ކޮމިޝަނަރ. (2021). ދަ ޑިޖިޓަލް އޮސްޓްރޭލިއަން ޓީންސް. އޮސްޓްރޭލިއަން ގަވަރންމަންޓް.
  • އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް. (އޯއެންސީ) (2020). އޮންލައިން ހެރަސްމަންޓް އެންޑް ސައިބަރބުލީއިންގ: ޑޭޓާ ފްރޮމް ދަ ކްރައިމް ސަރވޭ ފޯ އިންގްލަންޑް އެންޑް ވޭލްސް. ޔޫކޭ ގަވަރންމަންޓް.
  • ކިމް، އެސް.، ތަން، އެއި.، އަދި ޗޯ، ޖޭ. (2019). އަންޑަރސްޓޭންޑިންގ ސައިބަރބުލީއިންގ އެމަންގް ސައުތު ކޮރިއަން އެޑޮލެސެންޓްސް: އޭ ސައިކޯސޯޝަލް ޕަރސްޕެކްޓިވް. އޭޝިއަން ޖަރނަލް އޮފް ކްރިމިނޮލޮޖީ، 14(2)، 123-140.
  • ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން. (2020). ޔޫތު ރިސްކް ބިހޭވިއަރ ސަރވޭލަންސް ސިސްޓަމް (YRBSS). ޔޫ.އެސް. ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް.
  • ޕިޒާލްސްކީ، ޖޭ.، ޕްލިޗްޓާ، ޕީ.، ޝުސްޓަރ، އޭ.، އަދި ބާލިންސްކީ، ޖޭ. (2022). ސައިބަރބުލީންގ ކަރެކްޓަރިސްޓިކްސް އެންޑް ޕްރިވެންޝަން—ވޮޓް ކޭން ފްރޮމް ނެރެޓިވްސް ޕްރޮވައިޑެޑް ބައި އެޑޯލެސެންޓްސް އެންޑް ދެއަރ ޓީޗަރސް؟. އިންޓަރނޭޝަނަލް ޖަރނަލް އޮފް އެންވަޔަރަންމެންޓަލް ރިސަރޗް އެންޑް ޕަބްލިކް ހެލްތް، 19(18)، 11589. https://doi.org/10.3390/ijerph191811589
  •  
  • ޔުނިސެފް މާލްޑިވްސް). (2025، ނޮވެމްބަރު 20. ބިލްޑިންގ ފިއުޗަރސް: ސެކިއުރިންގ ޗައިލްޑް ރައިޓްސް އެންޑް ރެސްޕޮންޑިންގ ޓު ދަ އެޑޮލެސެންޓް ޗެލެންޖް. ޔުނިސެފް މާލްޑިވްސް ރިޕޯޓްސް. ނެގީ: https://www.unicef.org/maldives/reports/building-futures-securing-child-rights-and-responding-adolescent-challenge

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަ ދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް