އިންސާނުންނަކީ ފިޠުރީގޮތުން އެކަނި އުޅެވޭނެ މަޚްލޫޤެއް ނޫނެވެ. އަބަދުވެސް އުޅެންޖެހެނީ އެހެން މީހުންނާ ގުޅިގެންނެވެ. އެހެންކަމުން، އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ރިތި އަޚްލާޤާއި އިސްލާމީ އުޞޫލުތަކުގެ މަތީގައި ބިނާވެފައިވާ މުޢާމަލާތަކީ އާއިލީ ގުޅުންތަކާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށްދޭނެ ކަމެކެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި މުޢާމަލާތް ކުރުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

1- ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުން
ކޮންމެ މުޢާމަލާތެއްގެ ބިންގަލަކީ ތެދުވެރިކަމެވެ. ދިރިއުޅުމުގެ ބައިވެރިޔާއާ، މައިންބަފައިންނާ އަދި ރަޙުމަތްތެރިންނާ ވާހަކަދައްކާއިރު އިޚްލާޞްތެރިވުމަކީ އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ދޮގުހެދުމާއި އޮޅުވާލުމަކީ ގުޅުންތައް ހީނަރުވެ، ހިތްނުތަނަވަސްކަން އިތުރުވާ ކަމެކެވެ.
2- މަޑުމައިތިރިކަމާއި އޯގާތެރި ބަސްމަގު ބޭނުންކުރުން
މުޢާމަލާތް ކުރުމުގައި ބޭނުންކުރާ ބަސްމަގަކީ އަނެކާގެ ހިތަށް އުފާވެރިކަން ނުވަތަ ދެރަވުން ގެނުވައިދޭނެ އެންމެ ބޮޑު ވަސީލަތެވެ. އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮބަސް ބުނުމަށެވެ. ހަޅޭއްލެވުމާއި، ހުތުރު ބަސް ބޭނުންކުރުމުގެ ބަދަލުގައި، މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމަކީ ދެބަސްވުންތައް ކުޑަވެ، ގޭތެރޭގެ މަޞްލަހަތު ދެމެހެއްޓޭނެ ކަމެކެވެ.
3- ކަނުލައި އަޑުއެހުން
މުޢާމަލާތް ކުރުމަކީ ހަމައެކަނި ވާހަކަދެއްކުމެއް ނޫނެވެ. އަނެކާ ބުނާ އެއްޗެއް ކަނުލައި އަޑުއެހުމަކީވެސް އޭގެ ބައެކެވެ. އަނެކާގެ ޝުޢޫރުތަކާއި ޚިޔާލުތަކަށް އިޙްތިރާމްކޮށް، މެދުކަނޑާނުލައި އަޑުއެހުމުން، އަނެކާއަށް ތިމާއަކީ އަޅާލާ މީހެއްކަމުގެ އިޙްސާސް ކުރެވޭނެއެވެ. މިއީ ގުޅުންތައް ބަދަހިވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
4- ޝަކުވާގެ ބަދަލުގައި ޝުކުރުވެރިވުން
ގިނަ ފަހަރަށް ގުޅުންތަކުގައި މައްސަލަ ޖެހެނީ ހަމައެކަނި ނުކުރެވޭ ކަންކަމުގެ ޝަކުވާ ކުރެވޭތީއެވެ. އޭގެ ބަދަލުގައި، އަނެކާ ކޮށްދޭ ކުދިކުދި ކަންތައްތަކަށްވެސް ޝުކުރުވެރިވުމާއި، ތަޢުރީފު ކުރުމަކީ ދިރިއުޅުމަށް އުފާވެރިކަން ގެނުވައިދޭނެ ކަމެކެވެ. "ޝުކުރިއްޔާ" ފަދަ އޯގާތެރި ބަސްތަކަކީ ހިތްތަކުގައި ލޯބި އިތުރުކޮށްދޭ ކަންކަމެވެ.
5- ޚިޔާލުތަފާތުވުންތައް ޙިކުމަތްތެރިކަމާއެކު ޙައްލުކުރުން
ދިރިއުޅުމުގައި ޚިޔާލުތަފާތުވުންތަކަކީ ކުރިމަތިވާނެ ކަންކަމެވެ. ނަމަވެސް، އެފަދަ ވަގުތުތަކުގައި ރުޅި އިސްނުކޮށް، ކެތްތެރިކަމާއެކު މައްސަލަ ޙައްލުކުރަން މަސައްކަތް ކުރަންވާނެއެވެ. ކުށެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަކީ ކުޑަވުމެއް ނޫނެވެ. އަދި އަނެކާގެ ކުށްތަކަށް މަޢާފުކުރުމަކީ ހިތަށް ހަމަޖެހުން ލިބޭނެ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ ރިތި މުޢާމަލާތެވެ. އަޅުގަނޑުމެންގެ ބަސްމަގު އިސްލާމީ އަދަބުތަކުން ޒީނަތްތެރިކޮށް، އަނެކާއަށް އިޙްތިރާމްކޮށް، ލޯތްބާއި އޯގާތެރިކަމާއެކު މުޢާމަލާތް ކުރަން ފަށައިފިނަމަ، މުޅި ދިރިއުޅުން އުޖާލާވެގެންދާނެކަން ކަށަވަރެވެ.
އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.













