އަހަރުތަކެއް ކުރިން އަޅުގަނޑު ޓިއުޝަންދީ އުޅުނު ދުވަސްވަރު ދިމާވި ޅަދަރިވަރުންތަކެއްގެ ހަނދާންތަކުން މިލިޔުން ފަށާލާނަމެވެ. އެއީ ގްރޭޑް 7 އެއްގައި އުޅެމުންދިޔަ 2 ކުދިންނެވެ. އަޅުގަނޑުގެ ކުލާސްތަކުގައި ދޮޅުގަޑިއިރު ކިޔަވައިދޭއިރު، ކޮންމެ 30 މިނިޓަކުން 7 ވަރަކަށް މިނިޓުގެ ކުޑަ ބްރޭކެއް ނަގަމެވެ. އެ ވަގުތުކޮޅަކީ ކުދިންނާ އެކު ތަފާތު މައުޟޫއުތަކަށް ވާހަކަދައްކާލައި، އެކުދިންގެ ސިކުނޑިތަކަށް އަރާމެއް ދިނުމަށް ހުޅުވާލާ ފުރުސަތެކެވެ. މިގޮތަށް ކަންތައް ކުރަނީ، ދިގު ދެމިގެންދާ ކިޔެވުމެއްގެ ތެރެއިން މިފަދަ ހުސްވަގުތުކޮޅެއް ދިނުމަކީ ކުދިންގެ ފޯކަސް ރަނގަޅުވެ، ސިކުނޑީގެ ލޮޑުކަން ފިލުވައިދޭ ކަމެއްކަން އަޅުގަނޑަށް ފާހަގަކުރެވިފައި ވާތީއެވެ.

ނަމަވެސް، އެއް ދުވަހެއްގެ ކުލާހެއްގެ މެދުތެރެއިން ނެގި ބްރޭކެއްގައި، އެދަރިވަރުންގެ ތެރެއިން އެއް ކުއްޖަކު މޫނުމަތިން ނުތަނަވަސްކަމާއެކު އަޅުގަނޑާ ސުވާލުކުރިއެވެ. "މިސްއެވެ! މިއީ ކީއްކުރަން ނަގާ ބޭކާރު ހުސްވަގުތުތަކެއް ހެއްޔެވެ؟" ކިޔެވުމުގެ ތެރެއިން ސިކުނޑިއަށް އަރާމު ބޭނުންވާނެ ކަމަށް ބުނެ އަޅުގަނޑު ދިން ޖަވާބާއެކު، އެ ޅަ ހިތުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. "މިސްއެވެ، އަޅުގަނޑު އަދި ވަރަށް ބޮޑަށް ނަތީޖާ ރަނގަޅުކުރަން އެބަޖެހެއެވެ. ސްކޫލްގެ މަގާމަކަށް ހޮވޭނީ، ޓޮޕް 10 އަށް ދެވޭނީ، އަދި މުސްތަޤްބަލުގައި ރަނގަޅު ވަޒީފާއެއްވެސް ލިބޭނީ ރަނގަޅަށް ކިޔަވައިގެންނެވެ. ބްރޭކް ނަގައިގެންނެއް ނޫނެވެ."
އެ ބަސްތައް އިވިފައި އަޅުގަނޑުގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެއީ އެންމެ 12 އަހަރުގެ ކުއްޖެއްގެ ހިތާއި ސިކުނޑިއަށް ސަވާރުވެފައިވާ ވިސްނުމެވެ. އެދަރިވަރަކީ ކިޔެވުމަށް ބަލިކަށި ކުއްޖެއް ނޫނެވެ. މޮޅު ދަރިވަރެކެވެ. އެހެނަސް، ސިކުނޑިއަށް ދެވޭ 5 މިނިޓުގެ އަރާމަކީވެސް މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނެސްފާނެ ބޭކާރު އެއްޗެއްގެ ގޮތުގައި އެކުއްޖާއަށް ވަނީ ވިސްނިފައެވެ. މިއީ ހަމައެކަނި އެ ކުއްޖާގެ ވިސްނުމެއް ނޫނެވެ.
މާލެ ސަރަހައްދުގެ ކިޔަވާ ކުދިންނަށް ނަޒަރުހިންގާލާއިރު ފެންނަނީ ސުކޫލް ނިންމާލުމަށްފަހު، ހަމަނޭވާއެއްލާނެ ވަގުތެއްނެތި ދެން ދުއްވައިގަންނަނީ ޓިއުޝަން ކުލާސްތަކަށެވެ. އެކުލާސްތައް އަތުރާލެވިފައިވަނީ ސްކޫލުން ބާއްވާ އިތުރު ކުލާސްތައް ވަށާލައިގެންނެވެ. ސްކޫލް ޕޯސްޓްތަކަށް އަމާޒުކުރާ ކުދިން އެތަކެއް އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާތަން ފެނެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ކިޔެވުމަކީ ކާމިޔާބީގެ ރަނުގެ ތަޅުދަނޑިކަމަށް ދެކޭތީ، މި ދުވުމަކީ ކޮންމެހެން ދުވަންޖެހޭ ދުވުމެއްގެ ގޮތުގައި ވަނީ ބަލައިގަނެވިފައެވެ. ކުދިންގެ ކޮނޑުގައި އެޅިފައިވާ މި ބޮޑު ދަބަހަކީ ހަމައެކަނި ފޮތްތަކެއް ނޫނެވެ. އެއީ މުޅި އާއިލާގެ އުންމީދުތަކާއި މުޖުތަމައުގެ ފިއްތުންތަކެވެ.
ނަމަވެސް، މި ފަޚުރުވެރި ނަތީޖާތަކާއި ރިޕޯޓް ކާޑުތަކުގެ ފުރަގަހުގައި ވަނީ މާޔޫސްކުރަނިވި ހަޤީޤަތެކެވެ. ސްކޫލްތަކުގެ ކައުންސިލަރުންނާއި ނަފްސާނީ އެހީތެރިން ބުނާގޮތުގައި، އަޅުގަނޑުމެންގެ ދަރިން މިދަނީ ވަރަށް ޅައުމުރުގައި ނަފްސާނީ ގޮތުން މުޅިން ވަރުބަލިވެ، ބަލިކަށިވަމުންނެވެ.

އުނގެނުމުގެ ވަރުބަލިކަން ނުވަތަ "އެކަޑެމިކް ބަރންއައުޓް" އަކީ ކޮބައި؟
އެކަޑެމިކް ބަރންއައުޓް އަކީ ހަމައެކަނި އިމްތިހާނެއްގެ ދުވަސްވަރު ކުރިމަތިވާ އާދައިގެ ފިއްތުމެއް ނުވަތަ ފޫހިކަމެއް ނޫނެވެ. މިއީ ކިޔެވުމުގެ މާހައުލުން ދެވޭ ދިގުދެމިގެންދާ ބުރަތަކަށް މެނޭޖްނުކުރެވުމުގެ ސަބަބުން، ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ޖަޒުބާތީ ހަކަތަ މުޅިން ހުސްވެ، ވަރުބަލިވުމެވެ. މި ހާލަތަށް ދިޔުމުން، ކުއްޖާގެ ހިތުގައި އުނގެނުމަށް އޮންނަ ޝައުގުވެރިކަން ގެއްލި، ކުރިއަށްދާނެ އެއްވެސް ދިރުމެއް ނެތްކަމުގެ އިހުސާސް ކުރެވެން ފަށައެވެ.
މި ޙާލަތަށް ކުއްޖާ ދާކަން ދެނެގަނެވޭނެ ބައެއް އަލާމާތްތައް ހުރެއެވެ. އޭގެ ތެރޭގައި، އަބަދު ވަރުބަލިވެފައި ހުރުމާއި، ބޮލުގައި ރިއްސުމާއި، ނިދުމަށް ބަދަލުތައް އައުން ފަދަ ޖިސްމާނީ ބަދަލުތައް ހިމެނެއެވެ. އަދި ނަފްސާނީ ގޮތުން ބަލާއިރު، ކިޔަވާ ހިތްނުވުމާއި، ސަމާލުކަންދޭން އުނދަގޫވުމާއި، ކުދިކުދި ކަންކަމާ ފަސޭހައިން ރުޅިއައުން ނުވަތަ ދެރަވުން ހިމެނެއެވެ. މީގެ އިތުރުން، ކުރިން މޮޅަށް ކިޔަވަމުން އައި ކުއްޖާގެ ނަތީޖާ ކުއްލިއަކަށް ދަށްވާން ފެށުމަކީވެސް ސިކުނޑި އެލާމް ނަގަމުންދާކަމުގެ ނިޝާނެކެވެ. މި އަލާމާތްތަކަށް ސަމާލުނުވެވިއްޖެނަމަ، ކުއްޖާ މުޅި ދިރިއުޅުމާ މެދު މާޔޫސްވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޓިއުޝަންނެގުމަކީ މަޖުބޫރު ކަމެއްކަމަށް ދެކެމުންދާ ސަގާފަތް
އަސްލު ހަޤީޤަތުގައި ޓިއުޝަނަކީ ކުއްޖާ އަމިއްލައަށް ދަސްކުރަން އުނދަގޫވާ ވަކި މާއްދާއަކުން އެހީތެރިކަން ހޯދުމަށް އޮތް ވަސީލަތެކެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ހުރިހާ މާއްދާއަކުން ޓިއުޝަން ނެގުމަކީ މަޖުބޫރު ކަމެއްކަމުގައި ހަދާފައިވާ ސަގާފަތެކެވެ. ކުއްޖާ މޮޅު މާއްދާތަކުންވެސް ޓިއުޝަނަށް ފޮނުވުމުން، އަމިއްލައަށް ކަންކަން ވިސްނައި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އެކުދިންގެ ކިބައިން ބޭރުވެގެންދެއެވެ. ކިޔެވުމަކީ ހަމައެކަނި މީހަކު ކިޔައިދޭ އެއްޗެއް ދަސްކުރުން ކަމަށް ބަލައިފިނަމަ، ކުއްޖާގެ ސިކުނޑީގެ އަމިއްލަ އުފެއްދުންތެރިކަން ދައްވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން، މި ނިޒާމު އެނބުރޭ ގޮތުން ސްކޫލް ގަޑީގައި ކިޔަވައިދޭ މުދައްރިސުން ސްކޫލްގެ ފާރުތަކުން ބޭރުގައި އަމިއްލަ ޓިއުޝަން ކުލާސްތައް ހިންގައެވެ. ގިނަ ފަހަރަށް ސްކޫލް ކުލާހުގައި ނުލިބޭ ބައެއް މުހިންމު ނޯޓްތަކާއި އިމްތިހާނުގެ ކަރުދާސްތައް މި ކުލާސްތަކުން ލިބޭތީ، މައިންބަފައިން ތިބެނީ ތައްޔާރުވެގެންނެވެ. ކިޔެވުމުގައި އެހެން ކުދިންނަށްވުރެ ފަހަތަށް ހިނގައިދާނެތީ، ކުއްޖާއަށް ބޭނުންވިޔަސް ނުވިޔަސް، މި ބުރަ ތާވަލުގެ ތެރެއަށް ކުދިން ގަންބާލެވެނީ ސިކުނޑިއަށް އަރާމެއް ދިނުމެއް ނެތިއެވެ. މި ދުވަހުގެ ތާވަލުގައި ކުއްޖާ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ހޭދަކުރަނީ ހަމަ އެއް ފޮތްތަކަކާއި، އެއް ފިލާވަޅުތަކެއްގެ ތެރޭގައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ ކިޔެވުމުގެ ނިޒާމުގެ ސަބަބުން ޅަފުރާގެ ކުދިންގެ މެދުގައި ނަފްސާނީ ބަލިތަކާއި، އަމިއްލަ ނަފްސަށް އޮންނަ ގަދަރު ކުޑަވުމާއި، އަދި ނުރައްކާތެރި ޚިޔާލުތައް އާލާވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުކަމަށް މިދިރާސާތަކުން ދައްކައެވެ. ކުއްޖާގެ އަގަކީ ރިޕޯޓް ކާޑުގެ މާކްސް ކަމަށް ވެއްޖެނަމަ، އުނގެނުމަކީ އުފާވެރި ދަތުރެއްގެ ބަދަލުގައި ހަނގުރާމައަކަށް ބަދަލުވެގެންދެއެވެ. ކުއްޖާއަށް އިޙުސާސް ކުރެވެނީ އޭނާ ދެކެ ލޯބިވަނީ ހަމައެކަނި ރަނގަޅު ނަތީޖާއެއް ހޯދުމުން ކަމުގައި ވެގެންދެއެވެ. އެންމެ ދެރަ ޙަޤީޤަތަކީ، މި އިޙުސާސްތައް ބޭރުކޮށްލެވެން ނެތުމެވެ. މިވާހަކަތަށް ވެގެންދާނީ ބަހަނާއެއް ކަމުގައި މިކުދިންނަށް ޤަބޫލުކުރެވިފައިވާތީއެވެ.

ސިކުނޑިއަށް އަރާމުދިނުމާއި ހަޤީޤީ ހަމަޖެހުން ހޯދައިދިނުމުގެ މުހިންމުކަން
ނަފްސާނީ މާހިރުން ހާމަކުރާގޮތުގައި، ހުއްޓުމެއްނެތް ފިއްތުންތަކުގެ ތެރޭގައި ސިކުނޑި ގިނަދުވަސްވުމުން، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި ކުއްޖާ މުޅިން "ޗެކްއައުޓް" ވެއެވެ. މިއީ ކުއްޖާ ކަންނެތްވުމެއް ނޫނެވެ. އެއީ ސިކުނޑީގެ ނާރުތަކުގެ ހަކަތަ މުޅިން ހުސްވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއިން ސަލާމަތްވުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ކިޔެވުމާ ދުރު، ސިކުނޑިއަށް ލުއިލިބޭ ވަގުތުކޮޅެއް ބޭނުންވެއެވެ. މި ދަންނަވަނީ ހަމައެކަނި ފޯނު ހޭވުމެއް ނޫނެވެ. ސްކްރީނުން ބޭރުން ސިކުނޑިއަށް ހަޤީޤީ ހަމަޖެހުން ލިބޭނެ ކަންކަމެވެ. މިސާލަކަށް:
އުފެއްދުންތެރި ކަންކަން: ކުރެހުން، ކްރާފްޓް މަސައްކަތް، ކެއްކުން، އަތްތެރި މަސައްކަތެއް، ނުވަތަ އަމިއްލަ ޝުއޫރުތައް ލިޔުން ފަދަ ކަންކަމުން ސިކުނޑީގެ އެހެން ނާރުތަކަށް ދިރުން ލިބިގެންދެއެވެ.
ރައްޓެހިންނާއެކު ވަގުތުހޭދަކުރުން: ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން ރައްކާތެރި މާޙައުލެއްގައި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކަކީ ނަފްސާނީ ދިރުމެއް ލިބޭނެ ކަމެކެވެ.
އާއިލީ ވަގުތު: ގޭތެރޭގައި ކިޔެވުމާއި އިމްތިހާނުގެ ވާހަކަ ނުދައްކާނެ ޚާއްސަ ވަގުތުތަކެއް ކަނޑައަޅަންޖެހެއެވެ. ދަރިފުޅަށް ބޭނުންވަނީ ނަތީޖާއަށްވުރެ ބޮޑަށް، އޭނާގެ ޒާތަށް ދެވޭ ލޯތްބެވެ.
މުސްތަޤްބަލަށް ތައްޔާރުވުމާއި އަމިއްލަ ފިޔަގަނޑުގައި އުދުހެން ދަސްކޮށްދިނުން
މި ނުރައްކާތެރި ހާލަތުން އަޅުގަނޑުމެން ސަލާމަތްވާނީ "ކުއްޖާއަށް ކިހާ ބުރައެއް އުފުލޭނެތޯ" ބެލުމުގެ ބަދަލުގައި، "އެކުދިންނަށް އަރާމުކުރަން ކިހާ ވަގުތެއް ދެވޭތޯ" ވިސްނައިގެންނެވެ. ހެދިބޮޑުވަމުންދާ ޅަ ސިކުނޑިތަކަށް ކިޔެވުމުގެ މެދުތެރެއިން އަރާމު ވަގުތުކޮޅެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެއީ ދޫންޏެއް އޭގެ ހާލިން އުދުއްސައިގަތުމުގެ ކުރިން، އޭގެ ފިޔަތަކަށް ބޭނުންވާ ހަކަތައާއި ވަރުގަދަކަން ހޯދައިދިނުން ފަދަ ކަމެކެވެ. ފިޔަތަކުގައި ވަރު ނެތްނަމަ، ވައިގެ ތެރެއަށް ދޫކޮށްލާ ހިނދުން އެ ދޫނި ބިންމައްޗަށް ވެއްޓިގެން ހިގައިދާނެތާއެވެ.
ދުނިޔޭގެ ހަޤީޤީ ދިރިއުޅުމަކީ މުޅިން ތަފާތު ތަނެކެވެ. އަބަދު އިތުރު ކްލާސްތަކާއި ޓިއުޝަންގެ އެހީތެރިކަމަށް ބަރޯސާވެ، މީހަކު ދައްކާ މަގަކުން ހިނގަން އާދަވެފައިވާ ކުއްޖަކަށް، މާދަމާ އަމިއްލަ ޙަޔާތުގެ ބޮޑު ކަނޑަށް ނުކުންނަން ޖެހުމުން ކުރިމަތިވާނީ ނުތަނަވަސްކަމެވެ. އަޅުގަނޑުމެންގެ މަޤްސަދަކަށް ވާންވީ ކުދިންނަށް ހަމައެކަނި ފޮތުގެ މާކްސްތަކެއް ހޯދައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލައަށް ވިސްނައި، އަމިއްލަ އަތުން ދިރިއުޅުން ބައްޓަންކުރަން ދަސްކޮށްދިނުމެވެ.
މިދޫނިތައް ހާލިން ވަކިވެ، އަމިއްލަ ފިޔަގަނޑުގައި އުދުހެން ފަށާ ދުވަހު، ވިލާގަނޑާއި ތޫފާންތަކާ ކުރިމަތިލާނެ ހިތްވަރު އެކުދިންނަށް ލިބޭނީ އޭރުންނެވެ. މައިންބަފައިންގެ އަތުން ދޫކޮށްލާ ދުވަހު، އެކުދިންނަކީ އަމިއްލަ މިނިވަން ފިޔަގަނޑުގައި އުޑުގެ އެންމެ މައްޗަށް އުދުހިލެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަކީ، މިއަދު އެކުދިންނަށް އަރާމާއި އަމިއްލަ އިސްނެގުމުގެ ފުރުސަތު ދީގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އެކުދިންގެ ސިކުނޑިތަކަށް އަރާމުކޮށްލާނެ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ދެއްވާށެވެ. ހާލިން ނުކުމެ އުދުހޭ ދުވަހު، އެކުދިންނަށް ދުނިޔޭގެ ތޫފާންތަކާ ކުރިމަތިލާން އެނގޭނީ އޭރުންނެވެ.
މަސްދަރުތައް: ފްރޮންޓިއަރސް އިން ސައިކޮލޮޖީ، ޗައިލްޑް މައިންޑް އިންސްޓިޓިއުޓް، ސައުތް އޭޝިއަން މެންޓަލް ހެލްތް އިނީޝިއޭޓިވް













