June 15, 2026 18:44
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ޑިިޖިޓަލް ދުނިޔޭގެ ނުފޫޒާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތައް

ކޮލަމް ތަޢާރަފް

"ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

މިއަދުގެ ޒުވާންވަމުން އަންނަ ޖީލަކީ ހެނދުނު ހޭލާއިރުން ފެށިގެން ރޭގަނޑު ނިދަންދެން ޑިޖިޓަލް ސްކްރީންތަކާއި ސޯޝަލް މީޑިއާގެ މާޙައުލަށް މުޅިން ހުށަހެޅިފައިވާ ޖީލެކެވެ. މި ޕްލެޓްފޯމްތަކުން ދުނިޔެ ބަލާލުމުގެ ލުއިފަސޭހަކަން ފަހިވެގެން ދިޔަ ނަމަވެސް، މީގެ ފަހަތުގައި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހުރި ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތައް ވަނީ ގިނަވެފައެވެ. އެހެންކަމުން، ސޯޝަލް މީޑިއާގެ ތެރެއިން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލެމުންދާ ދިއުމަކީ، މިއަދު މުޅި މުޖުތަމަޢު އެކަމާ މެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ޤައުމީ މައްސަލައެކެވެ.

Advertisement

ދިވެހިރާއްޖޭގައި ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް މިހާރު ވަނީ ޤައުމީ ފެންވަރުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. ދަ އޭޝިއާ ފައުންޑޭޝަނުން (The Asia Foundation) އާންމުކޮށްފައިވާ ދިރާސާ ރިޕޯޓެއް ދައްކާގޮތުގައި، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދި މިންވަރު ވަނީ ފަސް ގުނައަށް އިތުރުވެފައެވެ. މީގެ އިތުރުން، ޔުނިސެފް މޯލްޑިވްސް (UNICEF) ހާމަކޮށްފައިވާ ދިރާސާގެ ހޯދުންތަކުން ފާހަގަކުރެވޭ ގޮތުގައި އޮންލައިންކޮށް ފުރައްސާރަކުރުމާއި (Cyberbullying) ރައްކާތެރިނޫން ކޮންޓެންޓަށް ކުދިން ހުށަހެޅުން ފަދަ ކަންކަން އިތުރުވުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވާން ދިމާވާ މައިގަނޑު ސަބަބެކެވެ. މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި، ދިވެހި ސަރުކާރުން މިހާރު ވަނީ ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރުމުގެ (Social Media Ban) ސިޔާސަތެއް ތަންފީޒު ކުރުމަށް މަސައްކަތް ފަށާފައެވެ.

މި ފަހަރުގެ ވާހަކަ ކޮޅަށް ބާރުދޭ ދިރާސާއަކަށް ބަލާލެވިފައިވަނީ "ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތައް "މި މައުޟޫޢުގައި ޝާއިޢުކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާ ހަދާފައިވަނީ ގާނާގެ ޢިލްމުވެރިންތަކެއް ކަމަށްވާ ޑޯވުއޯނާ ޑެނިއަލް ނޯޓެއި އަދި ރިޗަރޑް އީސާ  (2025) ގައެވެ. މި ކަރުދާހުގައި ބަލާލާފައިވަނީ ސޯޝަލް މީޑިއާގެ ބޭނުންކުރުން އިންތިހާއަށް ގިނަވުމުގެ ސަބަބުން، ފުރާވަރުގެ ކުދިންގެ މެދުގައި މުޢާމަލާތްކުރުމުގެ އާދަތަކަށް އައިސްފައިވާ ބޮޑު ބަދަލުތަކަށް އަމާޒުކޮށްގެންނެވެ. މިސާލަކަށް ސޯޝަލް މީޑިއާއަކީ އަމިއްލަ ޝުޢޫރުތައް ފާޅުކުރުމާއި، އެކުވެރިންނާ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމަށް ލިބޭ މުހިންމު ވަޞީލަތަކަށް ވީނަމަވެސް، މީގެ ސަބަބުން ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވާކަން މި ދިރާސާއިން ފާހަގަކުރެއެވެ.

މި ކަރުދާހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ ބައިތައް:

  • ދެކޮޅު އަސަރު (Two-sided effect): ސޯޝަލް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ހެޔޮ އަދި ނޭދެވޭ އަސަރުތައް ނަފްސާނީ ޢިލްމުގެ ނަޒަރަކުންނާއި ހޯދުންތަކުގެ އަލީގައި ދިރާސާކޮށްފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ނޭދެވޭ އަސަރުތައް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ތިރީގައި ހިމަނާލާފައިވާ ކަންކަން ވަކިން ފާހަގަކޮށްލެވިފައި ކަރުދާހުގައި ހުށަހަޅާފައިވެއެވެ.
    • އެހެން މީހުންނާ އަޅާކިޔުން (Social Comparison): ސޯޝަލް މީޑިއާގައި އެހެން ކުދިންގެ ދިރިއުޅުމާ އަމިއްލަ ނަފްސު އަޅާކިޔޭ މިންވަރު މި ޢުމުރުގެ ކުދިންގެ މެދުގައި ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
    • ފޯމޯ / ކަންކަމުން މަހްރޫމްވެދާނެތީ ބިރުގަތުން (FOMO - Fear of Missing Out): އެހެން މީހުންގެ ހަޔާތުގައިވާ މަޖާ ނުވަތަ މުހިންމު އެކި ކަންކަމުގައި ބައިވެރިނުވެވިދާނެތީ ނުވަތަ ނޭނގިދާނެތީ ނުތަނަވަސްވުން. މިއީ ޚާއްޞަކޮށް އެއް އުމުރުގެ ކުދިންގެ މެދުގައި ދެކެވޭ ވާހަކަތަކާއި ވާކަންކަން ތިމަންނައަށް އިނގޭކަން، އެކުދިންނާއެކު ފިޓް ވާކަން 'މާހައުލަށް ފެތޭކަން' ހާމަކުރަން ބޭނުންވާތީ އުފެދޭ އިހުސާސެކެވެ.
    • މޫނަށް ބަލައިގެން ވާހަކަދެއްކުން މަދުވުން: އިންސާނުންނަކީ އެމީހުންގެ ދުވަހީ ދިރިއުޅުމުގައި އިޖުތިމާޢީ ވާންޖެހޭ ބައެކެވެ. އެކަކު އަނެކަކާއި އެކު މުޢާމަލާތު ކުރަންޖެހޭ ބައެކެވެ. ނަމަވެސް ސޯޝަލް މީޑިއާ ފަދަ އެކަނި، ފަރުދީ ތަކެތީގެ ތެރެއަށް ކުދިން ގެއްލެމުންދާ ފެށުމުން މީހުންނާއި އެކު އޮންނަ ގުޅުންތަކާއި މުޢާމަލާތްތައް މަދުވެއެވެ.

މި ކަންކަމުގެ ޙައްލުތަކެއް ކަމަށް މި ކަރުދާހުގައި ހުށަހަޅާފައިވާ ކަންކަމަކީ (1) ޑިޖިޓަލްލިޓްރެސީ (ޑިޖިޓަލް ވަޞީލަތްތަކަށް ހޭލުންތެރިވުން) އިތުރުކުރުމާއި، (2) ފޯނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ވަގުތާއި އާދަތައް ބަދަލުކުރުމާއި، އަދި (3) ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ރައްކާތެރި މާޙައުލެއް ބިނާކުރުމެވެ.

މި ދިރާސާގެ އަލީގައި އަޅުގަނޑުމެންގެ ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ ދެތިން ކަމެއް ތިރީގައި ހިމަނާލެވިފައި އެވަނީއެވެ.

  1. ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ކުރިއާ އަޅާ ބަލާއިރު ތަފާތުވުން

މި ޢުމުރުގެ ކުދިންނަށް ބެލެނިވެރިންވެސް އަދި މުދައްރިސުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ސޯޝަލް މީޑިއާ މަނާކުރުމުގެ ބަދަލުގައި، ކުދިން އެ ވަޞީލަތްތައް ބޭނުންކުރަނީ ކިހިނެއްތޯ ބަލާ މޮނިޓަރކޮށް، ޑިޖިޓަލް ލިޓްރެސީ (Digital Literacy) ނުވަތަ އިންޓަރނެޓްގެ މާޙައުލުގައި ރައްކާތެރިކަމާއެކު އުޅޭނެގޮތް ދަސްކޮށްދިނުމެވެ.

  1. ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އިތުރުކުރުން

ފުރާވަރުގެ ކުދިންގެ މެދުގައި ފެންނަ ކަންބޮޑުވުން (Anxiety)، މާޔޫސްވުން (Depression) އަދި ނިދިނައުމުގެ މައްސަލަތަކަކީ ގިނަފަހަރަށް ފާހަގަކުރެވޭގޮތުގައި ސޯޝަލް މީޑިއާއާ ގުޅުންހުރި ކަންކަމެވެ. މި އީ އެހެން ހަފުތާތަކުގައިވެސް އަޅުގަނޑު އިޝާރާތްކޮށްފައިވާ ކަންކަމެވެ. އެހެންކަމުން، ސުކޫލުތަކާއި ސިއްޙީ ދާއިރާތަކުން މިފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ކައުންސިލިންގ ފޯރުކޮށްދިނުމާއެކު ފަސޭހައިން މި ކުދިން އެ ބާވަތުގެ އެހީތެރިކަން ހޯދާނެ އަދި ލިބިގަންނާނެ ގޮތް އިންތިޒާމީ ގޮތަކަށް ރާވާ ހަމަޖައްސަން ޖެހެއެވެ. މިސާލަކަށް، އަމިއްލައަށް އުނދަގޫވާ އިހުސާސެއް ކުރެވުމުން، އެހެންމީހުންނަށް އެކަން ފާހަގަކުރެވުމުގެ ކުރިންވެސް ސްކޫލުގެ ކައުންސިލާ އާ ބައްދަލުކޮށް މަޝްވަރާކޮށްލާ، އެއީ އާންމު ދިރިއުޅުމުގެ އެހާބޮޑު މައްސަލައަކަށް ނުވަނީސް އެފަދަ އެހީތެރިކަން ފަސޭހައިން ހޯދޭނެ ގޮތްތަކަކަށް ކުދިން ފަރިތަކުރުވުން މުހިންމެވެ. ބައެއް ފަހަރު ސްކޫލުތަކުގައި ދިމާވާ ކަމަކީ، ކުއްޖާގެ ފުށުން ނޭދެވޭ އަސަރެއް ނުވަތަ ކަމެއް ފެންނަން ފެށުމުން މުދައްރިސު އޭނާ ކައުންސިލަރ ކައިރިއަށް ފޮނުވުމުން އެއީ ކުށެއް ކުރެވުން ފަދަ އިހުސާސްތައް ކުރެވެއެވެ. އެއާ ޚިލާފަށް، އެންމެންނަށް ކޮންމެހެން ނޭނގި އަމިއްލައަށް ވެސް އެފަދަ އެހީތެރިކަމަށް ދާ ހިތްވަރުދީ ހެދުމަކީ މުހިންމު ކަމެކެވެ.

  1. "ފޭސް-ޓޫ-ފޭސް" ނުވަތަ ބައްދަލުވެގެން ކުރާ މުޢާމަލާތްތައް އިތުރުކުރުން

ކުދިން އެކަނިވެރިވުމުން އަދި އެކަހެރިވުމުން ސަލާމަތްކުރުމަކީ މިޒަމާނުގައި މިހާރު ބެލެނިވެރިން ވެސް މުދައްރިސުންވެސް ސަމާލުވާން ޖެހޭ ކަމެކެވެ. މިގޮތުން އިޖުތިމާޢީ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި، ސްކްރީންތަކާ ދުރުގައި ކުރެވޭނެ ކަންކަން ގިނައިން ރާވާ ޙަރަކާތްތައް ތަޢާރަފުކުރުމަކީ މުހިންމު ކަމެކެވެ. އާއިލާއާއި އެކުވެރިންނާއެކު ހޭދަކުރާ ވަގުތު (Face-to-face interaction) އިތުރުކުރާނެ ގޮތްތައް މުޖުތަމަޢުގައި އަދި ސްކޫލު މާހައުލުގައިވެސް ރޭވިގެން ދިއުމަކީ މިހާރު ބޭނުންތެރިކަމެކެވެ. މިހާރު އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ކުއްޖާ ގޭގައި އުޅޭ އިރުވެސް އަބަދު ކޮޓަރީގައި ގިނަވަގުތު ހޭދަކުރަން އާދަވުމުން، އޭނާއަށް މީހުންގެ ތެރޭގައި ނުކުމެ އުޅުމުގައި ނުފަރިތަވެ، ލަދުގަނެ، ޖެހިލުންވެ، ހާސްވެ، މީހުންނާއި ކުރިމަތިލާން ނުކެރުން ފަދަ ގިނަ މައްސަލަތައް ދިމާވެއެވެ. އެއީ އެއްވެސް ހާލެއްގައި ކުއްޖާ އުފަންވީ އިރު ހުރި ސިފަތަކެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ތެރެއިން، އާދަވެފައިވާ އަމިއްލައަށް ހޭނިފައިވާ ކަންކަމެވެ. މިކަންކަމަށް ބެލެނިވެރިން ސާމާލުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

  1. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ޒިންމާ

މި ދިރާސާއިން އެންމެ ބޮޑަށް ދޭހަކޮށްދެނީ، ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާ ފަދަ "އަލްގޮރިދަމް" ތަކާއި (މިސާލަކަށް: އަބަދު އެކަކު އަނެކަކާ އަޅާކިޔޭގޮތަށް ހުންނަ ކޮންޓެންޓް)، ކުދިން އެޑިކްޓްވާ ގޮތަށް ހުންނަ ފީޗާތައް (ކަންކަން) މަދުކޮށް، ސޯޝަލް މީޑިއާ ކުންފުނިތަކުން ކުދިންގެ ރައްކާތެރިކަމަށް ބޮޑަށް ރިޢާޔަތްކޮށް ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމެވެ.

މި ހުށަހަޅާލެވުނު ކަރުދާހުން ދިވެހިރާއްޖޭފަދަ މާހައުލުގައި ކަންކަން ތަންފީޒު ކުރެވިދާނެ ގޮތްތައް

މި ހޯދުންތަކުގެ އަލީގައި، ރާއްޖޭގެ މާޙައުލުގައި ކުރެވިދާނެ ގޮތްތައް މަސްއޫލުވާން ޖެހޭ ފަރާތްތައް ހިމަނައިގެން ބަޔާންކޮށްލެވިފައި އެވަނީއެވެ.

ކުރާނެ ކަންތައް ރާވަންޖެހޭ ދާއިރާ ކުރާނެގޮތް
1. ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުން ތަޢުލީމީ ދާއިރާ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ މަންހަޖުގެ ތެރެއިން "ޑިޖިޓަލް ސިޓިޒަންޝިޕް" އަދި "އޮންލައިން ސޭފްޓީ" ކިޔަވައިދިނުން. ސޯޝަލް މީޑިއާގެ އަލްގޮރިދަމްތަކުން ކުދިންގެ ނަފްސާނީ ވިސްނުމަށް ނޭދެވޭ އަސަރުކުރާ ގޮތް (މިސާލަކަށް: ބޮޑީ-އިމޭޖް މައްސަލަތަކާއި، އަޅާކިޔުން) ކުދިންނަށް ކިޔާދީ، މަޝްވަރާކޮށް ބުނެދިނުން.

 

2. ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގ ދަސްކޮށްދިނުން

 

އާއިލީ މާޙައުލު ރާއްޖޭގައި ޔުނިސެފާއި އެފް.ޕީ.އޭ "ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ" ގުޅިގެން ހިންގާ އެކި ކެމްޕޭންތައް ފުޅާކުރުން. އަދި ހަމައެހެންމެ ބެލެނިވެރިންނަށް ވެސް ކުދިންގެ ސްކްރީން ޓައިމް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ފޯނާ ނުލައި އާއިލީ ވަގުތު ހޭދަކުރާނެ ގޮތްތައް ދަސްކޮށްދިނުން.

 

3. ޑިޖިޓަލް ހެލްތު ޓޫލްސް ބޭނުންކުރުން

 

ސިއްޙީ ދާއިރާ ކުދިންނަށް ސިއްރު ހިފެހެއްޓޭ ގޮތަށް އޮންލައިންކޮށް ނަފްސާނީ އެހީތެރިކަން  (Anonymous Online Counseling)  ހޯދޭނެ ރާއްޖެއަށް ޚާއްޞަ އެޕްލިކޭޝަން ނުވަތަ ޕްލެޓްފޯމްތައް އުފެއްދުން. ސްކޫލްތަކާއި ޒުވާނުންގެ މަރުކަޒުތަކުގައި QR ކޯޑް މެދުވެރިކޮށް މި ޚިދުމަތްތައް ލިބޭނެގޮތް ހެދުން.

 

4. ޤާނޫނީ އަދި ސިޔާސަތުގެ ބަދަލުތައް ތަންފީޛުކުރުން: ސަރުކާރުގެ ދައުރު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާއިރު، ރާއްޖޭގެ "އީ-ފާސް" (eFaas) ފަދަ ޑިޖިޓަލް އައިޑީ ނިޒާމްތައް ބޭނުންކޮށްގެން، ކުދިންގެ ޒާތީ މަޢުލޫމާތު ނުގެއްލޭ ގޮތަށް އުމުރު ކަށަވަރުކުރާނެ (Age Verification) ހަރުދަނާ މެކޭނިޒަމެއް ޤާނޫނީ ގޮތުން އެކުލަވާލުން.

ޖުމުލަގޮތެއްގައި ސޯޝަލް މީޑިއާއަކީ އެއްކޮށް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ނުވަތަ ކުދިންގެ ހަޔާތުން އުނިކޮށްލެވޭނެ އެއްޗެއް ވެސް ނޫނެވެ. އެހެންނަމަވެސް، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ސަލާމަތްކުރެވޭނީ ގޮތްތައް ދަސްކޮށްދީ، ޢުމުރުން ވަކި ހިސާބަކުން އެތަކެތި ބޭނުންކުރާނެ ރަނގަޅުގޮތްތަކަށް އަހުލުވެރިވުމާއި އަމިއްލަ ނުފުސް ރައްކައުތެރިކަން އަމިއްލައަށް ކަށަވަރުކުރެވޭނެ ދުޅަހެޔޮގޮތްތައް އެކުދިންނަށް އެނގެން ޖެހޭނެއެވެ. ދަސްކޮށްދޭން ޖެހޭނެއެވެ. ހަމައެހެންމެ ފަރިތަވެސް ކުރުވަންޖެހޭނެއެވެ. އާދަވެސް ކުރުވަންޖެހޭނެއެވެ. މިކަންކަމަކީ ބެލެނިވެރިންނާއި، ތަޢުލީމީ ދާއިރާއާއި، އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅިގެން ކުރެވޭނެ މަސައްކަތެކެވެ. މިޒަމާނުގެ އާޖީލްތަކަށް ރައްކާތެރި "ޑިޖިޓަލް މާޙައުލެއް" ގާއިމްކޮށްދެވޭނީ ފަހަތުން 10 ފިޔަވަޅު ބަލައިގެން، ކުރިޔަށް 10 ފިޔަވަޅު ފަރުމާކޮށް ރާވައިގެންނެވެ. ދިރާސާތަކުން ހާމަކުރާ ހޯދުންތަކާއި، މުސްތަގުބަލަށް އަންނަމުންދާ އައިސްފާނެ ބަދަލުތަކަށް ހޭލާހުރެ، ކުރިމަގު ރާވައިގެންނެވެ. އުއްމީދަކީ މިއަދު މިހުށަހަޅާ ލެވުނު ވާހަކަ ކޮޅަކީ ވެސް ކިއުންތެރިންނަށް ކޮންމެވެސް ވަރެއްގެ ޢިބްރަތްތެރި ކަންތައްތަކެއް އަދި ވިސްނުންތަކަކަށް ހުޅުވާލަދިން ވާހަކަކޮޅަކަށް ވުމެވެ.

ހަވާލާދޭ ދިރާސާ އަދި އެހެނިހެން ލިޔުންތައް

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް