ކޮލަމް ތަޢާރަފް:
"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް 'ޒީޓައިމްސް'ގައި ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ސްމާޓްފޯނާއި ޓެބްލެޓްތަކުގެ ޑިޖިޓަލް ދުނިޔެއަކީ މިއަދުގެ ޖީލުތަކުގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައި ކަމާމެދު ޝައްކެއް ނެތެވެ. އެކުވެރިންނާ ގުޅުން ބަދަހިކުރުމާއި، މުނިފޫހިފިލުވުމުގެ ނަމުގައި ފަށާ މި ދަތުރު އެކުދިންގެ ހަޔާތަށް ބަނަކަމާއި އަނދިރިކަން ގެންނަ ތަނަކަށް ދަނީ ބަދަލުވަމުންނެވެ. ކޮންމެ ދުވަހަކު، ކޮންމެ ސިކުންތަކު ސޯޝަލް މީޑިއާގެ ތެރެއަށް އޮހެމުންދާ އެތައް ހާސް ވީޑިއޯތަކާއި، އިޝްތިހާރުތަކާއި، މަންޒަރުތައް މިދަނީ ގުނާ އަދަދު ނުކުރެވޭ މިންވަރަށް އިތުރުވަމުންނެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ދަރިން ޣަރަޤުވަމުންދާ، ނިމުމެއްނެތް ފުން ކަނޑެކެވެ. މިއީ ދެބަސްވެވޭނެ ހަގީގަތެއް ނޫނެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ސްކޫލްތަކާއި ބޭރުތެރޭގައި ކުދިންނަށް ކުރިމަތިވާ ބުލީކުރުން ނުވަތަ ގަނާކުރުން ފަދަކަންކަމެވެ. އެއިން ދިމާވާ ނަފުސާނީ ނުތަނަވަސްކަމެވެ. މިފަދަ ސަބަބުތަކާއެކު އިންޓަނެޓް ގޭމްތަކާއި ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ މައްސަލައަކީ އާންމުކޮށް ފާހަގަކުރެވޭ ކަންކަމެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވަނީ ސޯޝަލް މީޑިއާއަކީ ހަމައެކަނި ގަނާކުރުމުގެ އަމަލުތައް ހިންގާ ހަތިޔާރެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ މިއަށްވުރެ މާ ފުން، މާ ހިތްދަތި ހަގީގަތެކެވެ.
![]()
ދާދިފަހުން ހަދާފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، އާންމު ދިރިއުޅުމުގައި ބުލީގެ ހިތި ތަޖުރިބާކުރަންޖެހޭ ކުދިން، އެ އަނިޔާތަކާއި ހިތްދަތިކަމުން ފިލަން ވަންނަ ހިޔާވައްސަކަށް ހަދަނީ އޮންލައިން ދުނިޔެއެވެ. އެހެންނަމަވެސް، އެ ހިޔާވަހިކަމުގެ ތެރެއިން އެކުދިންނަށް މި ބެދެވެނީ "އިންޓަނެޓަށް ދެވިހިފުމުގެ" މުޅިން އާ މަޅިއެއްގައެވެ. މި ވާހަކައަށް ބާރުދޭ ޢިލްމީ ދިރާސާއަކަށް މިއަދު ބަލާލާނަމެވެ. ޖަރުމަނުވިލާތުގެ ސްކޫލްތަކެއްގައި ކުރިއަށްގެންދިޔަ މި ދިރާސާގައި ފުރާވަރުގެ 6,735 ކުދިން ބައިވެރިވިއެވެ. މީގެ ތެރޭގައި ގްރޭޑް 5 ގެ ކުދިން (އުމުރުން ގާތްގަނޑަކަށް 10 އަހަރު) އިން ފެށިގެން ގްރޭޑް 9 ގެ ކުދިން (އުމުރުން 14 އަހަރު) ހިމެނެއެވެ. މި ދިރާސާއިން ހާމަވި މުހިންމު ހަގީގަތްތަކަކީ:
- ބުލީގެ ޝިކާރައަކަށްވާ ކުދިން އިންޓަނެޓް ގޭމްކުޅުމާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ބޮޑުކަމެވެ.
- ޖުމްލަގޮތެއްގައި، ފިރިހެން ކުދިންގެ ފަރާތުން ގޭމްކުޅުން ދެވިހިފުން އިތުރުކަމަށް ދިރާސއިން ހާމަކޮށް ދެއްކިއިރު، އަންހެން ކުދިންގެ ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުކަމަށް ހާމަވެއެވެ.
- އުމުރުން ހަގު ކުދިންގެ މެދުގައި ބުލީގެ މައްސަލަތަކާ ގުޅިގެން ގޭމްކުޅުމަށް ދެވިހިފުމުގެ ފުރުސަތު ބޮޑުކަން ފާހަގަވިއެވެ.
- ތައުލީމީ ފެންވަރު ދަށް ދަރިވަރުންނާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ގިނައިން ހުންނަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަންވެސް ހާމަވިއެވެ.
މިދިރާސާއިން އަޅުގަނޑުމެން ފަދަ މުޖުތަމަޢުތަކަށް ލިބިދޭ އިބުރަތްތަކާއި މެދު އަލިއަޅުވާލަމާހެއްޔެވެ. މިގޮތުން ފާހަގަކޮށްލެވެނީ މި ދިރާސާގެ ހޯދުންތަކަކީ، ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ހޯދުންތަކެއް ކަމެވެ. އެހެނީ ރާއްޖެއަކީ އިންޓަނެޓާއި ސްމާޓްފޯން ބޭނުންކުރާ މިންވަރު އާދަޔާޚިލާފަށް މަތިވެފައިވާ ގައުމެކެވެ. އަޅުގަނޑުމެން މިފަދަ ކަންކަމާމެދު އިތުރަށް ސަމާލުވާން ޖެހެއެވެ. މިގޮތުން ތިރީގައިވާ ކަންކަމަށް ވިސްނާލުން މުހިންމެވެ.
- ރާއްޖޭގެ ގިނަ ކުދިންތަކެއް އިންޓަނެޓް ގޭމްތަކަށާއި ސޯޝަލް މީޑިއާއަށް ދެވިހިފަމުންދާ މައްސަލައަށް ހަމައެކަނި ފޯނު އަތުލައިގެން ހައްލެއް ނުހޯދޭނެއެވެ. ސްކޫލް މާހައުލުގައާއި ބޭރުތެރޭގައި ހިނގާ ބުލީކުރުމުގެ އަމަލުތައް ހުއްޓުވައިގެން ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން މުހިންމެވެ. އޭގެ ސަބަބުން އެކުދިން ހިތްހަމަޖައްސާލަން އޮންލައިން ދުނިޔެއަށް ފިލަންދާ ދިއުން މަދުކުރެވޭނެ ކަމަށް ގަބޫލުކުރެވެއެވެ.
- ދިރާސާއިން ދައްކާގޮތުން ފިރިހެން ކުދިންނާއި އަންހެން ކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ތަފާތެވެ. ފިރިހެން ކުދިންގެ މައްސަލަ ބޮޑަށް ގުޅިފައިވަނީ އޮންލައިން ގޭމްކުޅުމާއެވެ. އެއާ ޚިލާފަށް އަންހެން ކުދިންގެ ފަރާތުން ފާހަގަކުރެވެނީ ސޯޝަލް މީޑިއާ (TikTok, Instagram, Snapchat) ބޭނުންކުރާ މިންވަރު އިތުރުވުމެވެ. އެހެންކަމުން، ރާއްޖޭގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާއިރު، މި ތަފާތުތަކަށް ބަލައިގެން މައުލޫމާތު ދިނުން މުހިންމެވެ.
- ރާއްޖޭގައި ފުރާވަރުގެ ކުދިންގެ ނަފްސާނީ މައްސަލަތައް (Depression އާއި Anxiety ފަދަ ކަންކަން) އިތުރުވަމުންދާކަމީ ފެންނަން އޮތް ބޮޑު ހަގީގަތެކެވެ. މިފަދަ ކުދިން ސޯޝަލް މީޑިއާގެ މަޅީގައި ބެދުމުގެ ފުރުސަތު ބޮޑުކަމަށް ދުރާލާ ސަމާލުވާން ޖެހެއެވެ. ސްކޫލްތަކުގައި ކައުންސެލިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިން ކުރިއާލާ ދެނެގަނެވިއްޖެނަމަ، އެކުދިން ނުރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ސަލާމަތްކުރެވޭނެއެވެ.
- އުމުރުން ހަގު ކުދިން އޮންލައިން ގޭމްތަކަށް ދެވިހިފާ މިންވަރު ގިނަކަމަށް މިދިރާސާއިން ދައްކައެވެ. އެހެންކަމުން ޚާއްޞަކޮށް ޕްރައިމަރީ އަދި މިޑްލް ސްކޫލް (ގްރޭޑް 5 އަކުން ފެށިގެން) ފުރާވަރަށް އަޅަމުން އަންނަ ކުދިން ފޯނާއި އިންޓަނެޓް ބޭނުންކުރާ މިންވަރު ބެލެނިވެރިން ވަރަށް ގާތުން ބަލަންޖެހެއެވެ.

ނިންމާލަމުންވެސް ފާހަގަކޮށްލަން ބޭނުންވަނީ ރާއްޖޭގައި ބުލީކުރުމާއި އިންޓަނެޓަށް ދެވިހިފުމުގެ މައްސަލައަށް ހައްލެއް ހޯދޭނީ، ހަމައެކަނި "ސްކްރީން ޓައިމް" މަދުކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ސްކޫލް އަދި ގޭގެ މާހައުލުގައި ވެސް ސްކްރީން ރައްކާތެރިކަން ކަށަވަރުކޮށްދިނުން މުހިންމެވެ. އޭގެ އިތުރުން ކޮންމެ ގައުމެއްގައިވެސް އަދި ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ގައުމުތަކުގައ މިފަދަ ދިރާސާތައް އެކި އުމުރުފުރާތަކަށް ޚާއްޞަކޮށްގެން ހެދުމުގެ ބޭނުންތެރިކަން އިތުރެވެ. ސަބަބަކީ މަދު މީސްކޮޅުން އުޅޭ ގައުމުތަކުގައި މިފަދަ ކަންކަން ފެތުރިގެންދާ މިންވަރު ހަލުއިވެ ޖީލްތަކެއް ހަލާކުވެގެންދިއުމުގެ ފުރުސަތު ބޮޑުވުމެވެ.
ހަވާލާދޭ ދިރާސާ:
Neumayer, F., Jantzer, V., Killer, A., Lerch, S., & Kaess, M. (2025). Associations of bullying victimization with problematic internet gaming and problematic social media use among adolescents: moderators and differences. Child and Adolescent Psychiatry and Mental Health
އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ.













