ހަވީރު ސަޔަށް ސިއްޙަތަށް ފައިދާހުރި ތަފާތު ބާވަތެއް ހަދަން ބޭނުންވާނަމަ، މި ރެސިޕީ އިޚްތިޔާރުކޮށްލައްވާށެވެ. މިއީ އޯޓްސް އާއި މީރު ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކުރެވޭ، ރަހަ މީރު އަދި ހަށިގަނޑަށް ވަރަށް ފައިދާހުރި ޕޭންކޭކެކެވެ. މި ރެސިޕީއިން 8 ނުވަތަ 10 ޕޭންކޭކް އެޅޭނެކަމަށް ބެލެވެއެވެ.

ބޭނުންވާ ތަކެތި:
މައިގަނޑު ބައިތައް:
4 އަލުވި (ތޮށިނޮޅައި ގާނާފައި)
½ ޖޯޑު ރޯލްޑް އޯޓްސް (ބްލެންޑަރަކުން މުގުރާފައި) ނުވަތަ އޯޓް ފުށް
2 ބިސް
ތަރުކާރީ އާއި ފަތުގެ ބާވަތްތައް:
1 ފިޔާ (ހިމުންކޮށް ގާނާފައި ނުވަތަ ކޮށާފައި)
½ ޖޯޑު ކެރެޓު (ގާނާފައި)
1 ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)
1 ޖޯޑު ތާޒާ ފަތް (ސްޕިނެޗް، ކަންކުން، ނުވަތަ މުރަނގަފަތް): ހިމުންކޮށް ކޮށާފައި

ރަހަމީރުކުރާ ތަކެއްޗާއި ތެޔޮ:
1 ސސ ލޮނު: (ރަހަލާވަރަށް)
½ ސސ އަސޭމިރުސް
½ ސސ ލޮނުމެދު ޕައުޑަރ (ބޭނުންނަމަ)
3 މސ ތެޔޮ (ތަވާގައި ތެލުލުމަށް)

ތައްޔާރުކުރާނެ ގޮތް:
1. ތަރުކާރީގެ ފެންކަން ފިލުވާލުމަށްޓަކައި، ގާނާފައި ހުރި އަލުވި، ކެރެޓް އަދި ކެބެޖް ސާފު ފޮތިގަނޑަކަށް އަޅައިގެން ނުވަތަ އަތުން ބާރުކޮށް ފިއްތާލައިގެން އޭގައި ހުރި ދިޔަތައް ނެރެލާށެވެ.
2. ފެން ފިލުވާލި ތަރުކާރީތައް ބޮޑު ތައްޓަކަށް ބަދަލުކުރާށެވެ. އެއަށްފަހު ކޮށާފައި ހުރި ފަތް (މުރަނގަފަތް، ކަންކުން، ނުވަތަ ސްޕިނެޗް) އާއި ފިޔާ އަޅާށެވެ. ދެން މުގުރި އޯޓްސް، ބިސް، ލޮނު، އަސޭމިރުސް އަދި ލޮނުމެދު ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 3 އިން 5 މިނެޓު ވަންދެން ބަހައްޓާލާށެވެ. އޭރުން އޯޓްސްތަކަށް ބާކީ ހުރި ފެންފޮދު ދަމައިގަނެ، ތަކެތި އެކުވެދާނެއެވެ.
3. ތަވާއަކަށް ތެޔޮ އަޅައި މެދުގިނީގައި ހޫނުކުރާށެވެ. ކޮންމެ ޕޭންކޭކަކަށް 1/4 ޖޯޑަށް ވާވަރަށް ތަވާއަށް އަޅައި، ސަމުސަލަކުން މަޑުމަޑުން ފިއްތާލާށެވެ. ކޮންމެ ފަރާތެއް 4 ނުވަތަ 5 މިނެޓު ވަންދެން މަޑުގިނީގައި ތެއްލާށެވެ. އަޑިއަށް ރަންކުލަ އަރައި ހަރުވުމުން އަނެއްފަރާތަށް ފުރޮޅާލާށެވެ.
4. ތެލުލެވުމުން ޓިޝޫ ކޮޅެއްގެ މައްޗަށް ނަގައި އޭގައި ހޭކިފައިވާ ތެޔޮފޮދު ފިލުވާލާށެވެ.
ކެއްކުމުގައި ބޭނުންކުރާނެ މުހިންމު އިރުޝާދުތައް!
ޕޭންކޭކްތައް މަޑުނުވެ، މައްޗަށް ރަންކުލަ އަރައި ބޭރުފަށަލަ މުރަނަކޮށް ހުންނާނީ ތަރުކާރީގައި ހުންނަ އިތުރު ފެންފޮދު ރަނގަޅަށް ފިލުވާލައިގެންނެވެ.
½ ޖޯޑު އޯޓްސް ފުށް ހެދުމައްޓަކައި ⅔ ޖޯޑުގެ ރޯލްޑް އޯޓްސް މިކްސަރަށް އަޅައި 5 މިނިޓް ވަންދެން ފުނޑާލާނީއެވެ.
ފުށްގަނޑު މާ ހިކިހެން ހީވާނަމަ، ކުޑަ ފެންފޮދެއް ނުވަތަ އިތުރު ކުކުޅުބިހެއް އަޅާލެވިދާނެއެވެ. އަދި މާ ދިޔާނަމަ، އިތުރު ސަމުސަލެއްގެ އޯޓްސް އެޅުއްވުމުން ރަނގަޅުވާނެއެވެ!
ކާނާގެ މާއްދާތައް (ކޮންމެ ޕޭންކޭކަކަށް - 10 ޕޭންކޭކުގެ ހިސާބުން):
ކެލޮރީސް: ~75 kcal
ކާބްސް: ~11 g
ފައިބަރު: ~2 g
ޕްރޮޓީން: ~2.5 g
ފެޓް: ~2.5 g
(ނޯޓު: ބޭނުންކުރާ ފަތުގެ ބާވަތާއި ތެލުލުމަށް ބޭނުންކުރާ ތެލުގެ މިންވަރަށް ބަލައި މި އަދަދުތަކަށް ކުޑަ ބަދަލެއް އަތުވެދާނެއެވެ).

ސިއްހީ ފައިދާތައް:
ފައިބަރުން މުއްސަނދިވުން: މި ޕޭންކޭކުތަކުގައި ހިމެނޭ އޯޓްސް އަދި ތަރުކާރީގެ ސަބަބުން ގިނައަދަދަކަށް ފައިބަރު ލިބިގެންދެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ގިނައިރު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް: އޯޓްސްއަކީ ސިއްޙަތަށް ފައިދާހުރި ކާބޯހައިޑްރޭޓްސް އެކުލެވޭ އެއްޗަކަށްވުމުން، ހަށިގަނޑަށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދެއެވެ.
ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސް: ކެރެޓް، އަލުވި އަދި އެކި ބާވަތްތަކުހެ ފަތްތަކުން ވިޓަމިން އޭ، ވިޓަމިން ސީ އަދި އަޔަންގެ މާއްދާތައް ގިނައިން ލިއްބައިދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭނެ މާއްދާތަކެކެވެ.
ނިންމާލަމުން ދަންނަވާނަމަ، މިއީ މުޅި އާއިލާގެ ސިއްހަތަށް ފައިދާހުރި، ހެނދުނުގެ ނާސްތާއަށާއި ހަވީރު ސަޔާއި ގުޅޭނެ ފުރިހަމަ އަދި މީރު ކެއުމެކެވެ!












