August 9, 2026 09:50
Advertisement

-Advertisement-

ދުވަސް ނުނިމެނީސް ސިކުނޑި ވަރުބަލިވޭތަ؟ މިވަނީ ކިހިނެތް؟

މަސައްކަތެއް ކުރަން ކަމަށް އިށީނދެހުރެ، ފޯނުގެ ނޮޓިފިކޭޝަނެއް ބަލައިލެވޭތޯ، މެސެޖަކަށް ޖަވާބުދެވޭތޯ ނުވަތަ އީމެއިލަކަށް ނަޒަރު ހިންގާލެވޭތޯ ބެލުމަށްފަހު އަލުން މަސައްކަތަށް އެނބުރި އާދެވުނުއިރު ކުރަމުންދިޔައީ ކޮންކަމެއްކަން ހަނދާންނެތުން އެއްވެސް މިންވަރަކަށް ދިމާވެފައިވޭތޯއެވެ؟ ދުވަހުގެ ނިމުމާ ހަމައަށްދާއިރު ހަށިގަނޑު ބަރުހެލިވެ، ސިކުނޑި އޮންނާނީ މުޅިން ވަރުބަލިވެފައިހެން އިޙްސާސްވޭތޯއެވެ.

ގިނަ މީހުން ހީކުރަނީ މިއީ މާ ބުރަކޮށް މަސައްކަތް ކުރެވޭތީ ވާގޮތެއް ކަމަށެވެ. ނަމަވެސް ނަފްސާނީ އިލްމުވެރިން ދައްކަނީ ތަފާތު ވާހަކައެކެވެ. ގިނަ ފަހަރަށް ސިކުނޑީގެ ވާރުބަލިކަން މެދުވެރިވަނީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ގިނަކަމުންނެއް ނޫނެވެ، ނަމަވެސް އެ މަސައްކަތް ކުރަމުންދާއިރު މާ ގިނައިން އެކަން މެދުކަނޑާލަން ޖެހޭތީއެވެ.

މި ފޮރުވިފައިވާ ކަމަށް ކިޔަނީ "އެޓެންޝަން ރެސިޑިއު" އެވެ. މިއީ 2009 ވަނަ އަހަރު ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ސޮފީ ލެރޯއީ (Dr. Sophie Leroy) ތަޢާރަފްކުރި ނަމެކެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުން ސިކުނޑި މުޅިން ވަކިނުވެ، އެއް މަސައްކަތުން އަނެއް މަސައްކަތަށް ބަދަލުވާއިރު، އަޅުގަނޑުމެންގެ ސަމާލުކަމުގެ ބައެއް ކުރީގެ މަސައްކަތުގައި ހަރުލާފައި ހުރެއެވެ. ކުރިއަށް އޮތް މަސައްކަތަށް 100 އިން 100 އަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އަޅުގަނޑުމެން އުފުލަނީ ކޮންސެންޓްރޭޝަނާއި، ޕްރޮޑަކްޓިވިޓީ އަދި ސިކުނޑީގެ ޤާބިލުކަން ދަށްކޮށްލާ "މެންޓަލް ރެސިޑިއު" އެކެެވެ.

Advertisement

މަލްޓިޓާސްކިންގް ގެ އަސްލު ޙަޤީޤަތް

ޒަމާނީ ދިރިއުޅުމުގައި މަލްޓިޓާސްކިންގ (އެއްފަހަރާ އެކި ކަންކަން ކުރުން) އަކީ އެކަމަކަށް ތަޢުރީފުކުރެވޭ ކަމެކެވެ. ބައްދަލުވުންތަކުގައި ތިބެގެން އީމެއިލްތަކަށް ޖަވާބުދެމެވެ. ޓީވީ ބަލަމުން ސޯޝަލް މީޑިއާ ސްކްރޯލް ކުރެއެވެ. އަދި ރިޕޯޓެއް ނިންމަން އުޅެމުން މެސެޖުތަކަށް ޖަވާބުދެއެވެ. މިއީ ފައިދާހުރި ޕްރޮޑަކްޓިވް ކަމެއްކަމަށް ނަންވެފައިވީނަމަވެސް، ނިއުރޯސައިންސް ދައްކަނީ މުޅިން އެހެން ވާހަކައެކެވެ.

އިންސާނާގެ ސިކުނޑިއަކަށް އެއްފަހަރާ ބުރަ ބޮޑު ދެ މަސައްކަތް ހަމަހަމައަށް ކޮށްދެވޭކަށް ނޯވެއެވެ. އޭގެ ބަދަލުގައި، ސިކުނޑި ބާރުމިނުގައި އެކި ކަންކަމުގެ މެދުގައި ބަދަލުވަމުންދާއިރު، ކޮންމެ ފަހަރަކުވެސް ކުޑަ މެންޓަލް އަގެއް ދައްކަންޖެހެއެވެ. މިއަށް ކިޔަނީ "ޓާސްކް-ސްވިޗިންގް ކޮސްޓް" އެވެ.

މަޖާޒީ މިސާލަކަށް ނަޒަރުހިންގާލަމާތޯއެވެ. އޯޑަރަށް ޕިއްޒާ ތައްޔާރުކުރާ ކައްކާއެކެވެ. ފުށްގަނޑު މޮޑެމުން، އަވަނަށް ސަމާލުކަންދެމުން، ކޮށަންޖެހޭ ތަކެތި ކޮށަމުން އަދި އެއްފަހަރާ ފޯނު އޯޑަރުތަކަށް ޖަވާބުދޭ ކައްކާއެއް ސިފަކޮށްލާށެވެ. ޙަޤީޤަތުގައި އޭނާ އެއްފަހަރާ ހުރިހާ ކަމެއް ކުރަނީއެއްނޫނެވެ. އޭނާ އެކަމުން މިކަމަށް ސަމާލުކަން ބަދަލުކުރަމުންދަނީއެވެ. އެ ކޮންމެ ބަދަލަކާއެކު، ވަގުތާއި ހަކަތަ އިތުރަށް ހޭދަވެ، ނަތީޖާއަކަށް ވެގެންދަނީ ކުދިކުދި މައްސަލަތައް މެދުވެރިވުމެވެ.

އަޅުގަނޑުމެންގެ ސިކުނޑިވެސް މަސައްކަތްކުރަނީ މިފަދަ ގޮތަކަށެވެ. ނޮޓިފިކޭޝަނަކަށް ޖަވާބުދޭން ނުވަތަ އަވަހަށް ފޯނު ބަލައިލަންވެފައި މަސައްކަތެއް ނުނިމި ބަހައްޓާ ކޮންމެ ފަހަރަކު، ސަމާލުކަމުގެ ބައެއް ފަހަތަށް ދޫވެއެވެ. އަސްލު މަސައްކަތަށް އެނބުރި އައި ނަމަވެސް، ސިކުނޑި ހުންނަނީ އެ މެދުކެނޑުނު ކަންތަކާ މެދު ވިސްނާށެވެ. މި ނުފެންނަ ކޮގްނިޓިވް ޑްރެގަކީ އެޓެންޝަން ރެސިޑިއުއެވެ.

ސިކުނޑި "ފުރިފައި" ވާކަމަށް އިޙްސާސްވާ ސަބަބު

ސިކުނޑި ދިރާސާކުރާ ދިރާސާތަކުން ދައްކާގޮތުގައި ޓާސްކް ބަދަލުކުރުމުގެ ސަބަބުން އެގްޒެކެޓިވް ކޮންޓްރޯލްގައި ބައިވެރިވާ ސަރަހައްދުތައް، ތަކުރާރުކޮށް ހަރަކާތްތެރިވެއެވެ. މި ސަރަހައްދުތަކަކީ ރޭވުންތެރިވުމާއި، ނިންމުންތައް ނިންމުމާއި، މައްސަލަތައް ހައްލުކުރުމާއި، އަދި ސަމާލުކަން ގެއްލޭ ކަންކަން ހުއްޓުވުމުގެ ޒިންމާ އުފުލާ ތަންތަނެވެ. ކޮންމެ ބަދަލަކުން މި ސިކުނޑީގެ ނެޓްވޯކްތަކަށް އެއް ސެޓެއްގެ ޤަވާއިދުތައް ނައްތާލާފައި އަނެއް ސެޓެއް ލޯޑްކުރަން މަޖުބޫރުވެ، އަގުހުރި ކޮގްނިޓިވް ވަސީލަތްތަކެއް ހޭދަވެގެންދެއެވެ.

މީގެ ނަތީޖާއަކަށް ވަނީ ގިނަ ބަޔަކަށް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ:

​- ވިސްނަން އުނދަގޫވުން (Brain fog) އަދި ވިސްނުން މަޑުޖެހުން

​- އިތުރު ކުދިކުދި ގޯސްތައް ހެދުން އަދި އުފެއްދުންތެރިކަން ދަށްވުން

- ނިންމުންތައް ނިންމަން ވަރުބަލިވުން (Decision fatigue)

- ދުވަހުގެ ނިމުމާ ހަމައަށްދާއިރު ކުދިކުދި ކަންކަމަށް ރުޅިއައުން

ހައިރާންވާންޖެހޭ ކަމަކީ، "ވަގުތު ސަލާމަތްކުރުމަށްޓަކައި" އަޅުގަނޑުމެން ގިނަގިނައިން ޓާސްކް ބަދަލުކުރި ވަރަކަށް، މަސައްކަތުގެ ފެންވަރު ދަށްވެ، ސިކުނޑީގެ ހަކަތަ ބޭކާރުވަމުންދާ މިންވަރު އިތުރުވެގެންދެއެވެ. މެންދުރުފަހު ގިނަ މީހުން އެ މީހުންގެ ހިތްވަރާއި ހަކަތަ ނެތުމުގެ އަސްލު ޙަޤީޤަތަކީ މިއީއެވެ. ފުންކޮށް، ފޯކަސްކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސިކުނޑި މުޅި ދުވަހު ހޭދަކޮށްފައިވަނީ އަމިއްލައަށް އަލުން ތަރުތީބުވުމަށެވެ.

ސިކުނޑީގެ ހަކަތަ ރައްކާތެރިކުރުން

ހިތްވަރު ލިބޭ ކަމަކީ އެޓެންޝަން ރެސިޑިއުއަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމެވެ. މަލްޓިޓާސްކިންގް ރަނގަޅުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އެއް މަސައްކަތުން އަނެއް މަސައްކަތަށް ބަދަލުވުމުގެ ހުނަރު ރަނގަޅު ކުރަންޖެހޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް އުކުޅަކީ ސިންގަލް-ޓާސްކިންގް ނުވަތަ އެއްފަހަރާ އެއްކަން ކުރުމެވެ. އަނެއް މަސައްކަތަށް ބަދަލުވުމުގެ ކުރިން އެއް މަސައްކަތަކަށް ފުރިހަމަ ސަމާލުކަން ދިނުމެވެ. މިކަމާއެކު ޓައިމް-ބްލޮކިނގް ބޭނުންކުރުމުން ނޮޓިފިކޭޝަންތަކާއި، އީމެއިލްތަކާއި، އަދި ސޯޝަލް މީޑިއާ ގަސްތުގައި ފަސްކޮށްލާފައި، މެދުނުކެނޑި ފޯކަސްކޮށްގެން މަސައްކަތްކުރެވޭނެ ވަގުތުތައް އުފެއްދޭނެއެވެ.

މީގެއިތުރުން މަސައްކަތް ބަދަލުކުރުމުގެ ކުރިން، ހުއްޓުނީ ކޮންތާކުކަން ލިޔެލުމަށް، މަޑުމަޑުން ނޭވާއެއް ލުމަށް، ސްޓްރެޗް ކޮށްލުމަށް، ނުވަތަ ކުރު ހިނގާލުމަކަށް ދިއުމަށް އެއް މިނެޓު ހޭދަކުރާށެވެ. މިފަދަ އަމަލުތަކުން ސިކުނޑިއަށް އެއް މަސައްކަތް ނިންމާލުމަށް ފަސޭހަވެ، އަނެއް މަސައްކަތަށް ފުރިހަމައަށް ވަނުމަށް މަގުފަހިވެގެންދެއެވެ.

ތިބާގެ ސަމާލުކަމަކީ އެންމެ އަގުހުރި ވަސީލަތް

ދާއިމީ ސިކުނޑީގެ ވަރުބަލިކަމަކީ ވަކި މީހެއްގެ ނުކުޅެދުންތެރިކަމަކުން ދިމާވާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މިއީ އަޅުގަނޑުމެންގެ ސަމާލުކަމަށްޓަކައި ދާއިމީކޮށް ވާދަކުރާ ދުނިޔެއެއްގައި އެތަކެއް މީހުންނަށް ދިމާވެފައިވާ ކަމެކެވެ.

އެޓެންޝަން ރެސިޑިއު ދެނެގަތުމުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އަޅުގަނޑުމެންގެ ސިކުނޑިއަކީ ނިމުމެއްނެތް މެދުކެނޑުންތަކަށް ފަރުމާކޮށްފައިވާ އެއްޗެއް ނޫން ކަމެވެ. ފޯކަސްކޮށް މަސައްކަތް ކުރުމާއި އަދި ޑިޖިޓަލް ނުފޫޒުތަކުން ރައްކާތެރިވުމުގެ ސަބަބުން، އަޅުގަނޑުމެން ހަމައެކަނި ޕްރޮޑަކްޓިވް ވަނީއެއް ނޫނެވެ. ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ސިކުނޑީގެ ސާފުކަމާއި، އުފެއްދުންތެރިކަމާއި، އަދި ނަފްސާނީ ހަކަތަ ރައްކާތެރިކުރިވެގެންދަނީއެވެ.

ހުރިހާ އެއްޗެއް ވެސް ތިބާގެ ސަމާލުކަމަށް ވާދަކުރަމުންދާ ޒަމާނެއްގައި، އެކަން ރައްކާތެރިކުރުމަކީ ތިބާގެ ސިއްހަތަށް ނިންމިދާނެ އެންމެ ރަނގަޅު އެއް ނިންމުމަށްވެދާނެއެވެ.          

މަސްދަރުތައް: ލެރޯއީ، ސައިކޮލޮޖީ ޓްޑޭ، ވެރީވެލް މައިންޑް، ހާރވާރޑް ބިޒިނަސް

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް