May 21, 2024 01:57
Advertisement

-Advertisement-

ކަނޑުހުޅުދޫ ކަތީބު/ 1899ވަނަ އަހަރު ކާރލްޗުން ނެގި ފޮޓޯއަކުން ކުރަހާފަ

ތާރީޚް: ކާރލްޗުންގެ ދަތުރު، ކަނޑުހުޅުދޫގައި

1899 ފެބުރުއަރީގައި ޖަރުމަނުގެ ޓީމަކުން އިންޑިއާ ކަނޑުގެ މަޢުލޫމާތު ހޯދުމަށް ދަތުރެއް ކުރިއެވެ. މި ދަތުރުގައި ދިވެހިރާއްޖެ އިން އެމީހުން ދިޔައީ ހުވަދުއަތޮޅު ކަނޑުހުޅަދުއަށް އެކަންޏެވެ. އެދަތުރު ނިންމާ 1903ވަނަ އަހަރުގައި ދަތުރުގެ މަޢުލޫމާތުތަށް ޗާޕްކުރިއެވެ. މިގޮތުން ނެރުނު ފޮތެއްގައި ކަނޑުހުޅުދޫގެ ވާހަކަ ލިޔެފައިވެއެވެ. ތިރީގައި މިވަނީ އެލިޔުމުގެ ތަރުޖަމާއެކެވެ.

ހުވަދު އަތޮޅުގެ އުތުރުން ދެކުނަށް 45 މޭލަށްވުރެ ކުރެއްނުވާނެއެވެ. އަދި ދިވެހިރާއްޖޭގެ އަތޮޅުތަކަށް ޚާއްޞަވެފައިވާ ސިފައެއް އެ އަތޮޅުންވެސް ފެނެއެވެ. އަހަރެމެން މަޑުކުރިތާ ގިނައިރެއް ނުވަނީސް ބޮއްކުރައަކުން ބަޔަކު ފަލިޖަހާފައި ބޯޓު ދޮށަށް އައެވެ. އެބޮއްކުރާގައި ވިއްސަކަށް މީހުން ފަލިޖަހަން ތިއްބެވެ. އެމީހުންނަކީ އިތުބާރު ކުރެވޭފަދަ ބައެއްކަމަށް ފެންނާތީ އެމީހުން ބޯޓަށް އެރުވީމެވެ. އެ ދޯނިން އިސްމީހަކަށް އައީ އެރަށުގެ ވެރިމީހާއެވެ. އޭނާ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާ އައީ އަހަރެމެންނަށް މަރުހަބާ ކިޔާށެވެ.

އެމީހުން ބަލާބެލުމަށް ރީތިވެފައި ލޫޅާފަތިކަމުން ހައިރާން ވިއެވެ. އެމީހުން އަލަށް އަހަރެމެންގެ ބޯޓަށް އެރުމުން ތިބީ ހައިރާންވެފައެވެ. އިރުކޮޅަކުން ދެބައިމީހުންގެ ދެމެދުގައި ވާހަކަދައްކަން ފެށީ، ބުނަން ބޭނުންވާ އެއްޗެއް އިޝާރާތުން ވާހަކަ ދައްކަމުންނެވެ. އަހަރެމެންނަށް ވާހަކަ ދައްކަން ކުޑަކޮށް ފަސޭހަވި އެއްސަބަބަކީ އެރަށުގެ އިސްމީހާއަށް ކުޑަކޮށް ނަމަވެސް އިގިރޭސި ބަހުން ވާހަކަދައްކަން އެގުމެވެ. އަދި އަހަރެމެންނަށް އެރޭ އޭނާގެ ގޭގައި ތިބުމަށް ދަޢުވަތު ދިނެވެ. އަހަރެން އޭނާ ދިން ދަޢުވަތަށް ޝުކުރުއަދާކޮށް އެގޭގައި މަޑުކުރުމަށް ބޭނުންނުވާކަމަށް ބުނީމެވެ. އަނެއްދުވަހު ހެނދުނު އެރަށަށް ދާނެކަމަށް ބުނީމެވެ. އަދި ވެލައެއް ގަންނަން ބޭނުންވާކަމަށް ވެލައެއްގެ ތަސްވީރު ދައްކައިގެން ބުނީމެވެ. ދިވެހިން ބަލާބެލުމަށް މެލޭ، އިންޑިއާ އަދި އަރަބިންނާ ވައްތަރު ސިފަތަކެއް ހުރެއެވެ. މޫނުމަތިން އެއީ ވަރަށް ވިސްނުންތެރި ބައެއްކަން އެނގެއެވެ.

Advertisement

އެމީހުންގެ ތެރޭގައި ގިނަމީހުން ތިބީ ހުދު އަދި އެކިކުލަޖެއްސި ފޮތިން ބޯނިވާ ކޮށްގެންނެވެ. މިއީ ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ތަފާތު ކަމެކެވެ. ޒުވާނުން ގަމީސްނުލައި ތިބިއިރު ދުވަސްވީ މީހުން ތިބީ ތަފާތު ކުލަކުލައިގެ ލިބާސް ވައްތަރުގެ އެއްޗަކާއި ބާރުކޮށްހުރި ކަކޫ ނިވާވާވަރުގެ ހަރުވާޅު އަދި އޭގެމަތިން މުންޑު އަނދެފައެވެ. އުނަގަޑުގައި ކަމަރެއް އަޅުވާ މިކަމަރަށް ވަޅިއެއް ޖަހާފައިވެއެވެ. އިރު އެރުމުގެ ކުރިން އަހަރެންގެ އެކުވެރިންނާއެކު ދޯންޏެއްގައި ކަނޑުއޮޅިއާއި ދިމާކޮށް ފަޅުތެރެއަށް ވަންނަންދިޔައިރު އެތެރެއަށް ދަމާއޮއިވަރުން ފަޅުން ވަންނަން ފަސޭހަވިއެވެ. އެކަމަކު ރަށް ކައިރިއަށް ދިއުމުން ރަށްކައިރީގައި އޮތް ފަރެއްގެ ސަބަބުން ވަނުމަށް ހުރަސް އެޅުނެވެ. އެއީ އިރުއެރި ވަގުތު ކަމުން އަތިރިމަތީގައި ތިބިބަޔަކަށް ފެނިގެން ދޯއްޏަކުން އައިސް ނެރު ދައްކަދީފައިވެއެވެ. އަހަރެމެން އެއްގަމަށް ފޭބިއިރު ރަށުގެ ހުރިހާ ފިރިހެނުން މަރުހަބާކިޔަން އަތިރިމައްޗަށް ނުކުމެތިއްބެވެ. ފޭބުމާއެކު ފުރަތަމަވެސް އަހަރެމެން ގޮވައިގެން ދިޔައީ ހިފާފައިވާ ވެލާތަކުގެ ކައިރިއަށެވެ. އެތަނުގައި ގާތްގަނޑަކަށް ތިރީހަކަށް ވެލާ ފުށުން ޖަހާފައި އޮތެވެ. ކުޑަ އަގަކަށް އަހަރުމެން އެވެލާތައް ގަތީމެވެ.

އަހަރެމެން ތިބިތާ މާދުރުނޫން ހިސާބެއްގައި ރުއްގަސް އިންދާފައި އޮތް ކުޑަ އަވަށެއްގެ ގަސްތަކުގައި ވާލާއި ކާޅު އަދި އެކި ބާވަތްތަކުގެ ދޫނި އުޅުނެވެ. އަހަރެމެން ގެންދިއުމަށް ބަޑިޖަހައިގެން އެތަނުން ކާޅު ހިފީމުއެވެ. ފަހުން އަހަރެމެންނަށް އެގުނުގޮތުގައި މި ކާޅަކީ އަދި މީގެ ކުރިން ފެނިފައިނުވާ ވައްތަރެއްގެ ކާޅެކެވެ. މިދެންނެވި އަވަށްތައް އެކުލެވިގެންވަނީ ތިރިކޮށް އަކަތަކެއްގޮތަށް ހަދާފައިވާ ޖިފުޓި ތަކެއްގެ މައްޗަށެވެ. މިތަންތަން ހަދާފައިވަނީ މުޅިންވެސް ރުކުން ލިބޭ އެއްޗެހިންނެވެ. ހުދުކުލައިގެ ދޮންވެލި ލާފައިވާ މަގުތަކާއި ޖިފްޓިތައް ވަރަށް ސާފެވެ.

އަހަރެމެންނަށް މަގުދައްކަން ހުރި އިސްމީހާ އަހަރުމެން ގޮވައިގެން އޭނާގެ ގެއަށް ދިޔައެވެ. އަދި ގޭތެރޭގައިވާ ބޮޑުގަޑިއާއި ބައްތިއާއި ތަށިތައް ފަޚުރުވެރިކަމާއެކު އަހަރެމެނަށް ދެއްކިއެވެ. އެގޭތެރޭގައި ސާފު އެނދު ތަކާއި ރީތިކޮށް ވިޔެފައިވާ ކުނާ އަޅާފައިވާ އަށްޓާއި ސާފު މެދުގޭތެރެ ފެނުމުން، އެރޭ އެރަށުގައި ހޭދަކުރުމަށް އަހަރެމެންނަށް ލިބުނު ދަޢުވަތު ގަބޫލު ނުކުރެވުނުކަން ހިތަށްއެރިއެވެ. ރަށުތެރޭގައި ވިނަ ހެދިފައިވާ ހިޔާމަގަކުން ގަބުރުސްތާނާއިދިމާއަށް ދެވެން އޮތެވެ. ގަބުރުސްތާނު ވަށައިގެން ރުއް ހެދިފައިހުރިއިރު ހުދުކުލައިގެ މާ އަޅާފައިވާ ގުލްޗަމްޕާ ގަސް ހުއްޓެވެ. އަދި އެތަނުގައި ލަކުޑިން ހަދާފައިވާ ކުޑަ މިސްކިތެއްގައި އަހަރެމެންނާއި އެކު ދިޔަ އެރަށު މީހުން ދުޢާކުރަން ތިބި ވަޤުތު އަހަރެމެން އެގަބުރުސްތާނު ބެލީމެވެ.

އެތަނުން އަހަރެމެން އެބުރި އަވަށު ތެރެއަށް ދިއުމުން ކުޑަކުދިންނާއި އަންހެނުން އަހަރުމެން ކައިރިއަށް އައެވެ. ރަށުގެ އިސްމީހާ ފަޚުރުވެރިކަމާއެކު އޭނާގެ އަންހެން ދަރިފުޅަށް އަހަރެން ތަޢާރަފް ކޮށްދިނެއެވެ. އޭނާގެ ދަރިފުޅު ކައިރީގައި ވަރަށް ރީތި ދެ އަންހެން ކުދިން ތިއްބެވެ. އެއްމެން ތިބީ ކަކުލާހަމައަށް ފޯރާވަރުގެ ރަތްކުލައިގެ ލިބާސް ލައިގެންނެވެ. މޭމަތީގައިވަނީ ރަންކުލަ އާއި ރިހި ކުލައިން ވަރަށް ރީތިކޮށް ބަގިޔާ ޖަހާފައެވެ. އަދި އަހަރެމެން އެތަނުން އަގުބޮޑު ރަން ފައްޓަރާއި އުޅަ އަދި ފަށުފުލެއްގޮތަށް އަޅުވާފައިވާ ރަން ފައިސާ ފޮތިފަދަ ގަހަނާތައް ފެނި އަޖައިބު ވިއެވެ. ޝައްކެއްނެތް ގޮތުގައި އެރަށުގެ މީހުންނަކީ ހިސާބަކަށް ފޯރާބައެކެވެ. އެކަން އެރަށުގެ ގެތަކުގެ އެތެރެ ބަލާލީމަ އެނގެއެވެ. އަހަރެން ރިހި ފައިސާފޮތި ތަކެއް އެމީހުނަށް ދިނުމުން އުފަލުން ޤަބޫލު ކުރިއެވެ. ނަމަވެސް ލޯ ފައިސާ ފޮއްޗެއްގައި އެއްގޮތަކަށްވެސް ނުހިފި އެވެ.

އަހަރެމެން އެއްވެސް ގަހަނާއެއް އަޅާފައިނެތުމުން އެމީހުން ހައިރާންވިއެވެ. އަދި އަހަރެމެންގެ އަތުގައި އަޅާފައިވާ ކައިވެނި އަގޮޓި ދެކެފައި އެމީހުން ހިތްހަމަ ޖެހުނު ކަހަލަ އެވެ. މި ރަށަކީ ވަރަށް ހިތްހަމަޖެހުނު ހިތްފަސޭހަ ހިތްހެޔޮ ބަޔަކު އުޅޭ ރަށެކެވެ. ގިނަމީހުންނަކީ ރީތި މީހުންނެވެ. އެމީހުންގެ އާދަކާދަތައް ދައްކުވައިދިނީ، ދިވެހިންނަކީ ހިތްހެޔޮކަމުގެ ދެވަނަ މިސާލެއް ނެތްބަޔެއްގެ ގޮތުގައެވެ. ވަދާޢީ ވަޤުތުކޮޅު ކައިރިވުމުން ވެލަޔާއި ކުކުޅު އަރުވައިގެން އެމީހުން ފަން ރިޔަލުގެ ހަތްދޯނީގައި އަހަރެމެންނާއި އެކު ބޯޓު ދޮށަށް ދިޔައެވެ. އަހަރެމެން ބޯޓަށް އެރުމުން ފަލިޖަހާފައި ހަތްބުރު ބޯޓު ވަށާ ޖެހުމަށްފަހު ވަކިވުމުގެ ސަލާމް ކުރުމުގެ ގޮތުން އަތް ހޫރާލިއެވެ.

ނޯޓް: މިއީ ކުރީގެ ހުވަދު އަތޮޅު، މިވާހަކައިގައި ނ. ތ. ހަސަންދީދީ ލިޔުއްވި ލިޔުމެއްގެ ނަކަލައެކެވެ. މިލިޔުމުގައިވާ ބައެއް ބަސްތަކާއި ޖުމްލަތައް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރެވިފައިވާނެއެވެ.

+1
1
+1
4
+1
0
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް