އަޖްނާގެ އާއިލާ ދިއްލީއަށް ދިޔަތާ 5 ވަނައަށް ވީދުވަހުގެ ދަންވަރު ކާރެއްގައި ފުރީ އާގަރާއަށް ދިއުމަށެވެ. އެއީ ތާޖްމަހަލް ބަލައިލުމަށްޓަކައެވެ. އާގަރާއަށް ދެވޭ 3 ގޮތެއް އޮވެއެވެ. އެއީ ފްލައިޓުންނާއި، ރޭލުންނާއި އަދި ބަސް ނުވަތަ ކާރުގައެވެ. ގިނަ މީހުން އާގަރާއަށް ދަނީ އެއްގަމު މަގުން، ކާރު ނުވަތަ ބަހުގައެވެ. އެކި ޤައުމުތަކުގެ ޝަރަފުވެރި ޢިއްޒަތްތެރިން މެނުވީ ތާޖުމަހަލް ބަލަން އާގަރާއަށް ދިއުމަށް އާންމުކޮށް ފްލައިޓުގައި ދަތުރުތައް ނުކުރާކަމަށް ވާތީއެވެ.

ތާޖް މަހަލަކީ އިންޑިޔާގެ އާގަރާ ކިޔާ ރަށުގައި ހުންނަ ވަރަށް ރީތި އާސާރީ ބިނާއެކެވެ. މިއީ މަޝްހޫރު ޔަމްނާ ކޯރުގެ އައްސޭރީގައި އައިވަރީ ހުދު މާބުލް ބޭނުން ކޮށްގެން ހަދައިފައިވާ ވަރަށް ރީތި ހަނދާނީ ބިނާއެކެވެ. ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން 1 އަޖައިބު ކަމުގައިވާ މި ރީތި ބިނާ، ހައްދަވައިފައި ވަނީ 1632 ވަނަ އަހަރު މޫގަލް އެމްޕަޔަރ ޝާހު ޖަހާން އޭނާގެ އެންމެ ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒް މަހަލް އަވަހާރަވުމުން އެ ކަމަނާގެ ހަނދާނުގައެވެ.

އާގަރާއަށް ދިއުމަށް އަޖްނާމެން ކާރުގައި ދަތުރުފެށީ ޑިސެންބަރު 6 ވަނަ ދުވަހުގެ ރޭގަނޑު 3 ޖަހާ ކަންހާއިރުއެވެ. އެއީ އިރު އަރާ ވަގުތު ތާޖްމަހަލް ބަލައިލުމުގެ ބޭނުމުގައެވެ. އެއީ އިރު އަރަމުންދާ ވަގުތު ތާޖް މަހަލް ވަރަށް ރީތިކަމަށް މީހުން ބުނާތީއެވެ. އާގަރާއަށް ދާން އޮންނަ މަގު އެ ގަޑީގައި އޮތީ ދުންފިނީގެ ސަބަބުން ފުސްވެފައެވެ. އެހެންކަމުން، ކާރު ދުއްވަން ވަރަށް ބޮޑަށް ދަތިވިއެވެ. އަޖްނާމެންނަށް ތާޖް މަހަލާހަމައަށް ފޯރިއިރު އެ ދުވަހުގެ އިރު އަރަނީއެވެ.

ތާޖް މަހަލް ހުންނަ ސަރަހައްދަށް އަޖްނާގެ އާއިލާއަށް ދެވުނުއިރު އެ ތަނުގައި މީހުން އެހާ ގިނައެއް ނޫނެވެ. އެހެންކަމުން ވަރަށް ފަސޭހަކަމާއެކު ތާޖް މަހަލްގެ އެކި ދިމަދިމާގައި ތިބެ ރީތި ފޮޓޯތައް ފަސޭހައިން ނެގުނެވެ. އަދި އިރުގެ ދޯދިތައް އެޅުމުން ތާޖް މަހަލްގައި ހުރި ހުދު މާބުލްތައް ރަތް ކުލައިން ދިއްލިފައި ވީ އިރު، ޔަމުނާ ކޯރާ ދިމާއިން އުދުހެމުން ދިޔަ ދޫނިތަކުން އިތުރު ފުރިހަމަކަމެއް ތާޖު މަހަލަށް ގެނެސް ދީފައިވެއެވެ. އެއީ ވަރަށް ފުރިހަމަ ޤުދުރަތީ މަންޒަރެކެވެ. އަދި އުދުހެމުން އެ ދިޔަ ދޫނިތަކުގެ ސަބަބުން އަޖްނާމެންނަށް މާލޭގެ ޖުމްހޫރީ މައިދާން ހަނދާންކޮށްދިނެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާއަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.













