އަޖްނާމެން ބެންގަލޫރުން އެންމެ ފުރަތަމަ ދިޔައީ ބެންގަލޫރުގެ ފަން ވަރލްޑަށެވެ. އަޖްނާމެން ފަން ވަރލްޑަށް ދިޔައީ ޑިސެންބަރ 9 ވަނަ ދުވަހުއެވެ. އެ ތަނަށް ދިޔައީ އޮންލައިންކޮށް ޓިކެޓް ގަނެގެންނެވެ. އަޖްނާމެން ފަން ވަރލްޑަށް ދިޔަ ދުވަހަކީ އާދިއްތަ ދުވަހެއް ކަމުން، އެ ދުވަހަކީ އެ ތަނުގައި އާދަޔާ ޚިލާފަށް މީހުން ގިނަ ދުވަހެކެވެ. ފަން ވަރލްޑަކީ ކުޑަ ކުދިން މުނިފޫހި ފިލުވައިލުމަށްޓަކައި ޚާއްޞަކޮށް ތައްޔާރު ކޮށްފައިވާ ވަރަށް ފުރިހަމަ ރީތި ތަނެކެވެ. އެއީ ތަފާތު އުމުރުފުރައިގެ ކުދިބޮޑު މީހުނަށް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ރާވައިލެވިފައިވާ ކުޅިވަރުގެ ދުނިޔެއެކެވެ.

އަޖްނާއާއި ކޮއްކޮ އާލީއަށް އެންމެ މަޖާ ކަމަކަށްވީ ވޯޓަރ ޕާކުގެ ކުޅިވަރުތަކެވެ. ފަން ވަރލްޑަށް ހަމަ ދެވުމާއެކު އެންމެ ފުރަތަމަ އެރުނީވެސް އެތަނުގައިވާ ޕޫލަށެވެ. އެ ތަނުގައި ތަފާތު ކުޅިވަރުތައް އެ ކުދިން ކުޅުނެވެ. އަދި އަޖްނާމެންގެ މަންމައާއި ބައްޕަ ވެސް ކުދިންނާއެކު އެ ޕޫލަށް އެރި މަޖާކޮށް ހެދިއެވެ. ވޯޓަރ ޕޫލަށް ފަހު ދެން ދިޔައީ ފަން ވަރލްޑްގެ ސްނޯ ސިޓީއަށެވެ. އެއީ ވެސް އަޖްނާމެންނަށް ވަރަށް މަޖާ ތަނަކަށްވިއެވެ. އަދި އެ ނޫން އެހެން ކުޅިވަރުތަކުގައި ވެސް އެ ކުދިން އެ ދުވަހު ބައިވެރިވިއެވެ.

އަޖްނާމެން ފަން ވަރލްޑުގެ 'އެމިއުޒްމެންޓް އެންޑް ތީމް' ޕާކަށް ވެސް ދިޔައެވެ. އަދި ވޮންޑަލަރއަށް ވެސް އެރިއެވެ. އެއީ ވެސް ވަރަށް ރީތި ތަންތަނެވެ. ފަން ވަރލްޑަކީ މާ ބޮޑު ތަނަކަށް ވާތީ އެންމެ ދުވަހަކުން އެ ތަން ބެލޭވަރެއް އަޖްނާމެންނަކަށް ނުވިއެވެ. އެ ދުވަހު އިރު އޮއްސެން ކައިރިވުމުން އެ ކުދިން ހިތާ ދެކޮޅަށް އެނބުރި ހޮޓަލަށް ދިޔައީއެވެ. އެއީ އެހެން ދުވަހަކުން އަދި ފަން ވަރލްޑަށް ދެވޭނެކަމަށް އުންމީދުކުރަމުންނެވެ.
އަޖްނާމެން ފަން ވަރލްޑުން ނިކުތުމަށްޓަކައި ހިނގަމުން ދިޔައިރު، ފެނުނީ އެ ކުދިން އަދި މާ ޝައުޤުވެރިވި ރީތި ތަނެކެވެ. އެއީ ފަން ވަރލްޑުގެ ތެރޭގައި ހުންނަ ލެގޯލޭންޑް ކިޔާ ޚާއްސަ ކުޅިވަރު ޙަރަކާތްތަކެއް ކުރިއަށްދާ ބޮޑު ތަނެކެވެ. އަޖްނާމެންނަށް އެ ތަނަށް ވަދެވުމުން މަޖާވެގެން ގޮސް އުޅެވުނުނޫޅެވުނު ގޮތެއް ވެސް ނޭނގުނެވެ. ލެގޯލޭންޑަކީ ފަން ވަރލްޑުގައި ހުރި ތަންތަނުގެ ތެރެއިން ވެސް ވަރަށް ޚާއްޞަ، މަޖާ ތަނެއް ކަމުގައި އަޖްނާއާއި ކޮއްކޮ އާލީއަށް ވިއެވެ. އެހެންކަމުން އެ ކުދިން އެ ދުވަހު އެނބުރި ހޮޓަލަށް ދިޔައީ ވަރަށް އުފަލުންނެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 49 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.













