May 10, 2024 08:49
Advertisement

-Advertisement-

އޭދަފުށީގެ ފޮޓޯ: ރާއީ

ތާރީޚު: އޭދަފުއްޓަށް 3 ރަށެއްގެ މީހުން ބަދަލުވެ އުފާވެރި ދުވަސްތަކެއް ވޭތުކުރަން ފެށިގޮތް

ބ. އަތޮޅު އޭދަފުއްޓަށް މީހުން ބަދަލު ކުރެވުނީ 1968 ވަނަ އަހަރު އެވެ. މިކަން ކުރަން ޚިޔާލު އުފެދުނީ، ގޯތިގޯތީގެ އިން ވަކިކުރަން އޭރުގެ އަތޮޅުވެރިޔާ އަލްމަރްހޫމް މަލަން ދޮންތުއްތު ހިންގެވި ޕްރޮގްރާމްގެ ދަށުން ރަށުގެ ފިރިހެނުންނާއި ބައްދަލުކުރައްވައި ހުސްބިމުން ބޮޑެތި ގޯތިތައް ނަގައި އެތަންތަނަށް މީހުން ބަދަލު ކުރުމުގެ ވާހަކައިންނެވެ. އެއީ 1962 ޖެނުއަރީ މަހުގެ ރެއެއްގައި ބަހިއްޔާ ސްކޫލުގައި ވާހަކަ ދައްކަވަމުންނެވެ. މިކަން ހިނގުމާއެކު، ޢަމަލީގޮތުން އަތޮޅުވެރިޔާ އިސްވެ ހުންނަވައި، ހަމައެމަހު ގޯތިގޯތީގެ އިންވަކިކޮށް އިތުރު މަގުތަކާއި، ގޯޅިތައް ހަދައި ރަށުގެ ޢުމްރާނިއްޔަތަށް އައު ދިރުމެއް އައެވެ. މިގޮތުން މަގުތަކާއި، ގޯޅިތައް ހެދުމުގައި މަގަށް ނުވަތަ ގޯޅިއަށް އެރި ޢިމާރާތްތަކާއި، ވަޅު ފަދަ ތަންތަން ޝަރުޢީ ގޮތުން އަގުކުރައްވައި، އަދި އެތަންތަނަށް ކަނޑައެޅުނު އަގު އެތަންތަނުގެ މިލްކުވެރިންނާ ޙަވާލު ކުރެއްވުމަށްފަހު، ދަނޑުބިން އޮތް ސަރަޙައްދު ތަކަކަށް ގޯތިތައް ބަދަލު ކުރެއްވިއެވެ. އަދި ގޯތިގޯތީގެ ވަށާ ފުޅަށް އެޅުއްވިއެވެ. ދެން ކުރިމަތިވެގެން އައީ، އެ ރަށެއްގައި ހުކުރު ވާޖިބުވާ 50 މީހުން ނެތް ކޮންމެރަށެއް އެއީ ފަޅުރަށެއްކަމުގައި ހަމަޖެއްސުވުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމެވެ. އެހެންކަމުން އާ ޤާނޫނު ތަންފީޒު ކުރެއްވުމުގައި ބ. ފުނަދޫ، ބ. އުނޑުދޫ، ބ. މާއްޑޫ މި ތިންރަށުގެ މީހުން އޭދަފުއްޓަށް ބަދަލުކުރެއްވުމަށް ދައުލަތުން ކަނޑައެޅުއްވިއެވެ.

އުސޫލެއްގެ ގޮތުން މީހުން ބަދަލުކުރުމަށް ސަރުކާރުން ހަމަޖެއްސެވީ އެރަށްރަށުގައި ހުރި އެކި މީސްމީހުންގެ މިލްކުވާ ތަންތަނަށް ޤާނޫނުގައިވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދެއްވުމަށްފަހުގައެވެ.

ބަދަލު ދެއްވުމުގެ ގެތައް އެޅުމަށް ހަމަޖެއްސެވީ އޭރު އޭދަފުށީގައި މީހުން ދިރިއުޅޭ ސަރަޙައްދާ ގުޅިގެންނެވެ. އެހެނީ އޭރުއޮތް މިސްކިތްމަގާ އިންވެގެން ގަބުރުސްތާނުގެ ހުޅަނގުން އަދި ޒިޔާރަތް މަގުގެ ހުޅަނގުފަރާތުން ބޯޅަދަނޑުގެ ހުޅަނގުން އޮތް ދަނޑުބިމުންނެވެ. މިކަމަށްޓަކައި ގޯތި ދޭ ސަރަޙައްދުގައި އޮތް ދަނޑުކޮށައި ބިން ސާފުކުރީ އޭދަފުށީ ރައްޔިތުން ހިލޭސާބަހަށެވެ. އަތޮޅުއޮފީހުގެ އެންގެވުމުގެ މަތީންނެވެ. އެއަށްފަހު ބަދަލުދެއްވި ކޮންމެ ގެއަކަށް 100x50 ފޫޓުގެ ގޯއްޗެއް ދެއްވިއެވެ. ގޯތިތައް ތަރުތީބު ކުރެއްވީ، އެއްރަށެއްގެ ގެއަކާއި ވިދިގެން އަނެއްރަށެއްގެ ގެއެއް ހިމެނޭ އުސޫލުން ތިން ރަށުގެ ގޭގެ ގުޅި ލާމެހި މަސްހުނިވާ ގޮތަށެވެ. މީހުން ބަދަލު ކުރެވުމުން އެރަށެއްގައި އެގެއެއް ހުރި ބީދައިން އެގެއެއް ހަދާދެއްވިއެވެ. ކޮންމެ ގެއެއްގެ ފުރާޅުގައިވެސް ޖަހައިދިނީ ޓިނެވެ. މިހުރިހާ ޚަރަދެއް ކުރީ ދައުލަތުގެ ބަޖެޓުންނެވެ. އެރަށްރަށުގައި ކޮންމެ ގެއެއްގައި ފެންވަރާނެ ވަޅެއް ނެތްނަމަވެސް ކޮންމެ ގެއަކަށް ވަޅެއް ހަދާދެއްވިއެވެ.

Advertisement

މި މަޝްރޫއުގެ ހުރިހާ ޚަރަދެއް ބެލެހެއްޓެވި އަތޮޅު ކޮމެޓީގެ ފަރާތުން ޙަރަކާތްތެރިވެލެއްވީ އެކޮމެޓީގެ ދެ މެމްބަރުން ކަމުގައިވާ ބ. ކެންދޫ އަލްމަރުޙޫމް އިބްރާހީމް ކަލޭފާނާއި ބ. ދަރަވަންދޫ ސަޢީދު މޫސާއެވެ. މި މަސައްކަތް ހިންގެވީ އޭރުގެ އަތޮޅުވެރިޔާ އަލްމަރުޙޫމް ޔޫސުފު ކަލޭފާނުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެހެނީ މީހުން ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް އިންތިޒާމްކޮށް ހިންގެވީ ބ. އަތޮޅު އޮފީހުގެ ފަރާތުނެވެ.

  • ދެން އޮތީ މީހުން ބަދަލުކުރެވުނު ހިސާބެވެ. ފުރަތަމަ ފުނަދޫގެ 8 ގޭގެ މީހުން ބަދަލުކުރީ 17 އޯގަސްޓް 1968 ގައެވެ.
  • ފުނަދޫގެ 15 ގޭގެ މީހުން ބަދަލުކުރީ 18 އޯގަސްޓް 1968 ގައެވެ.
  • އުނޑުދޫ 17 ގޭގެ މީހުން ބަދަލުކުރީ 21 ސެޕްޓެމްބަރ 1968 ގައެވެ.
  • އުނޑުދޫ 5 ގޭގެ މީހުން ބަދަލުކުރީ 25 ސެޕްޓެމްބަރ 1968 ގައެވެ.
  • މާއްޑޫ 8 ގޭގެ މީހުން ބަދަލުކުރީ 7 ނޮވެމްބަރ 1968 ގައެވެ.
  • މާއްޑޫ 24 ގޭގެ މީހުން ބަދަލުކުރީ 17 ޑިސެމްބަރ 1968 ގައެވެ.

ބަދަލުކުރެވުނު މީހުން އޭދަފުއްޓަށް ބަދަލުވީ ހިތާދެކޮޅަށެވެ. ނުލާހިކު ހިތާމަޔާ، ހިތްދަތިކަމާ، ކެކުޅުމާ، ރުއިމުގެ އަސަރާއެކުގައެވެ. ޒަމާނުއްސުރެ ދިރިއުޅެމުން އައި ލޯބިވާ ފަސްގަނޑާއި މާޙައުލަށް ޖެހިފައިވާ، ކުލުނާއި ލޯބި ދޫކޮށް އަބަދަށް އަލްވަދާއު ކިޔަން ޖެހުމުންނެވެ. އެހެންނަމަވެސް އޭދަފުށީ މީހުން މަރްޚަބާކީ ނުހަނު ހިނިތުންވުމާއެކުއެވެ. ބަދަލުވި ކޮންމެ ގެއެއްގެ ބައެއްގެ ކެއުން ބުއިމުގެ ކަންތައްތައް ހިލޭސާބަހަށް ހަމަޖައްސައި ދިނުމުގެ އިންތިޒާމް ހަމަޖެހި އެގޮތަށް ޢަމަލުކުރެވުނެވެ.

ތިން ރަށުގެ މީހުން ބަދަލުކޮށް ނިމުމާއެކު އެއީ އޭދަފުށީ ރަށްވެހީން ކަމުގައި ރަޖިސްޓްރީ ކުރެވި އެ ތިންރަށަކީ ފަޅުރަށްރަށް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. ބަދަލުކުރެވުނު ގޭގެއަށް އަލުން ނަންދިނުމަށް ރަށުއޮފީހުން ޙަވާލުކުރައްވައިގެން އެކަން ކުރެއްވީ ރަށު އޮފީހުގެ ކާތިބު އޭދަފުށީ ޖަވާހިރުމާގޭ ޢަބްދުﷲ އަޙްމަދާއި ބ ދޮންފަނު މުޙައްމަދު ޔޫސުފެވެ.

ނަންދިނުމުގައި ބަލާފައިވަނީ އެގެއެއް ހުރި ސަރަޙައްދާއި، އެގެއެއްގެ ވެރިޔަކާ އެކަމަކާ ގުޅޭގޮތުން ނަން ކަނޑައެޅުމަށެވެ. މީގެ އިތުރުން އުނޑުދޫ، ފުނަދޫ، މާއްޑޫ މި ތިންރަށުގެ ނަން ކަނޑައެޅި 3 ގެއަކީ އެރަށްރަށުގެ ވެރިން ފިޔަވައި އޭރު އެރަށްރަށުގެ ރައްޔިތުންގެ މެދުގައި އެންމެ ބަސްވިކޭ ކަމުވޮށިކަމުގެ ގިންތީގައި ހިމެނޭ  3 މީހުންގެ 3 ގެއަށެވެ. މީގެ އިތުރުން ހިޖްރީ ގެއެއްގެ ނަންވެސް ހިމެނީ ތާރީޚި ގޮތުން މިހަނދާން ޒަމާންތަކަށް ދިރުވައި އާލާ ކުރުމުގެ މަޤްޞަދުގައެވެ. އެމީހަކު ހުރި ވަޒީފާއަކަށް ވަޒީފާއެއްވެސް ހަމަޖައްސައިދެއްވިއެވެ. އެރަށްރަށުގެ ތަންތަނުގައި ހުރި ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ރަށު އޮފީހުގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނެވެ.

އުނޑުދޫ، ފުނަދޫ، މާއްޑޫ މީހުން އޭދަފުއްޓަށް ބަދަލުކުރެއްވުމަށްފަހު އޭގެ 5 އަހަރު ފަހުން އެރަށްރަށުގެ ގެތައް ބިނާކޮށްފައިވާ ސަރަޙައްދުގެ މަގުތަކާއި، ގޯޅިތަކުގެ މަގުފާރުތައް ރާނާފައި ވަނީ އޭދަފުށީ ސަކީނާމަންޒިލް އަލްމަރުޙޫމް ޔޫސުފު މުޙައްމަދު އިސްވެހުންނަވައި އުފެއްދި ޖަމްއިއްޔަތުލް އިއްތިޙާގެ މެމްބަރުން އަމިއްލައަށް އިސްނަގައި އެ ގޯތިތަކުގެ ވެރިންގެ އަމިއްލަ މަސައްކަތާއި، ޚަރަދުގައި 1973 ވަނަ އަހަރުއެވެ.

މީހުން ބަދަލުކުރެވުނުއިރު ބަސްމޮށުންތެރިކަމާއި، އާދަކާދައާއި، ދިރިއުޅުމުގެ ވަޓަފާޅިއާއި، ސަޤާފަތުގައި  ތަފާތުތަކެއް ހުރި 4 ރަށުގެ މީހުން ކަމަށްވިޔަސް އުނޑުދޫ، ފުނަދޫ، މާއްޑޫ، އޭދަފުށި މި ހަތަރު ރަށުގެ މީހުން އެއްފަސްގަނޑެއްގައި އެކުވެރިކަމާއެކު އޭދަފުށީގައި ދިރިއުޅެމުންދާ ދިރިއުޅުމުގައި ކައިވެނީގެ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ގުޅި ލާމެހި ހުރިހާ މައިދާނެއްގައި އެއްވެރިކަމަކަށް ތަބަޢުވެ، ހަމަހަމަ އެއްއުޞޫލުތަކެއް ހިފަހައްޓައި، އެއް އަސާސްތަކެއް ޤަބޫލުކޮށް އެއް ޙައްޤުތަކެއް ލިބިފައިވާ ހަތަރު ރަށުގެ ރައްޔިތުން  އޭދަފުށީގައި ދިރިއުޅެމުން  ދާދިއުމުގައި ވަކިރަށެއް ތަފާތު ކުރުމެއްނެތި ހިޖުރަކުރި ކޮންމެ ފަރުދަކުވެސް ވޭތުކުރަމުން ދަނީ ޞުލްޙަ ވެރިކަމާއެކު، އުފާވެރި މިނިވަން ޙަޔާތެކެވެ. އަހުރަވެތި މުސްތަޤުބަލަކަށް އުއްމީދު ކުރަމުންނެވެ. މި ތިން ރަށުގެ މީހުން އޭދަފުއްޓަށް ބަދަލުވިތާ 55 އަހަރު ވީއެވެ. 

މި ލިޔުމަށް މައުލޫމާތު ހިއްސާކުރެއްވީ: އަބްދުލްވާހިދު ހުސައިން / ހަނދުވަރުގެ، ބ. އޭދަފުށީ

+1
3
+1
2
+1
6
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް