May 20, 2024 20:39
Advertisement

-Advertisement-

މެލޭޝިއާގައި ފާހަގަކުރެވޭ އާސާރީ އަދި ގުދުރަތީ ތަފާތު ރީތި ތަންތަން

މެލޭޝިއާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލެކެވެ. ދިވެހި އެތައް އާއިލާއާއި، ގިނައަދަދެއްގެ ކިޔަވާ ދަރިވަރުން ދިރިއުޅެމުން އަންނަ މި ގައުމަކީ އުޅެންފަސޭހަ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަކީ ބޮޑު އާބާދީއެއް އޮންނަ އެހާމެ ކާރުބާރު ބޮޑު ސިޓީއެކެވެ. ކިޔެވުމުގައި ބުރަކޮށްއުޅެ ހަމަހިމޭން މާހައުލަކަށް ދެވިދާނެ ސިޓީތަކެއް އެބަހުއްޓެވެ. މިގޮތުން މެލޭޝިއާގެ މައި ސިޓީއާއި މާދުރުނޫން ސިޓީއެއް ކަމަށްވާ މެލަކާ ކިޔާ ސިޓީއަކީ ހިތްގައިމު ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސިޓީއެކެވެ. މިސިޓީއަކީ ކުއަލަލަންޕޫރާއި 121 ކިލޯ މީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ގާތްގަނޑަކަށް 2 ގަޑިއިރުން ދުއްވާފައި ދެވެން އޮންނަ މިސިޓީއަކީ ވަރަށް ތަފާތު ރީތި އިހްސާސްތަކެއް ގެނެސްދޭ ސިޓީއެކެވެ.

މެލަކާގެ ހިތްގައިމު ކޯރު  

މެލަކާގެ ހިތްގައިމު މިކޯރަކީ ވަށައިގެން އެކި ބާވަތްތަކުގެ ކާއެއްޗެހި ވިއްކާ ފިހާރަތައް ހުންނަ އަދި ވިޔަފާރިކޮށްލުމަށް ތަފާތު ފިހާރަތައް ވަށައިގެން ހުންނަ ހިސާބެކެވެ. ވަށައިގެން އޮންނަ މިހިސާބަކީ ވެނިސްގެ ހިތްގައިމު އިހްސާސް ކުރެވޭކަހަލަ ކޯރެކެވެ. ޤަދީމީ ޒަމާނުގެ އިމާރާތްތަކުގެ އަސްލަކަށް ހަދާފައި ހުންނަ އިމާރާތްތައް ކޯރުގެ ވަށައިގެން ހުރެއެވެ. ތާރީޚަށް ބަލާއިރު 600 އަހަރުގެ ކުރީގެ ހަދާންތައް އާކޮށްލަދޭ މިހިސާބަކީ 15 ވަނަ ގަރުނުގެ އާސާރީ ތަންތަން ދައްކުވައިދޭ ތަންތަން ހުންނަ ހިސާބެކެވެ.

Advertisement

އެކިކަހަލަ ނަލަނަލަ ކުލަކުލައިގެ ބޮކިތަކުން ފަޅުފިލުވާލަދޭ މިހިސާބަކީ ވަރަށް ހިތްގައިމު ހިސާބެކެވެ. މެލަކާ އަކީ ކުރިން ޕޯޗްގީޒުންގެ އިސްތިއުމާރުގައި އޮތް ސިޓީއެކެވެ. ފަހުން އިނގިރޭސީންނާއި ޑަޗް މީހުން އައިސް ވަޒަންވެރިވެގެން އުޅެންފެށިއެވެ. އެއަށްފަހު ޗައިނީސް ދަރިކޮޅުގެ މީހުން އައިސް ވަޒަންވެރިވިއެވެ. މިސިޓީއިން ދައްކުވައިދެނީ ކުރީ ޒަމާނުގައި ޔޫރަޕްގެ ގައުމުތަކުން ފެންނަކަހަލަ މަންޒަރުތަކެވެ. އެހާމެ ރީތި އާސާރީތަންތަން އެކޯރު ވަށައިގެން ފެންނަން އޮވެއެވެ.

ޕިނޭންގް ހިލް 

ޕިނޭންގް ސިޓީގައި ހުންނަ ޕިނޭންގެ ހިލްއަކީ ވަރަށް ތަފާތު ރީތި ތަނެއްގެ ގޮތުގައި މަޝްހޫރުތަނެކެވެ. ޕިނޭންގަކީ ކުއަލަލަންޕޫރާއި 354 ކިލޯ މީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ބަހުގައި 4 ނުވަތަ 5 ގަޑިއިރުން ދެވެންއޮންނަ މިސިޓީގައި ތަފާތު ތަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ހިލްއަކީ ހަމަގައިމުވެސް ވަރަށް ހިތްގައިމު ތަނެކެވެ. ހިލްއަށް އެރުމަށްޓަކައި "ފަނިކިއުލަރ ޓްރެއިން"ގައި ދުއްވާލާފަދާއިރު ވަރަށް ބާރަށް ދެވެއެވެ. މިއީ ކޭބަލް ކާރު ގޮތަށް އޮންނަ ޓްރެއިން އެކެވެ. ވަކިންއޮންނަ ޓްރެކެއްގެ މަތިން ދުއްވާލާފަދާ މިޓްރެއިންއަށް އަރާލުމުން އެކުރެވެނީ ވަރަށް ތަފާތު އިހްސާސްއެކެވެ. މިޓްރެކަކީ އޭޝިއާގައި އިންނަ އެންމެ ދިގު ޓްރެކްވެސް މެއެވެ. މިޓްރެއިންގައި ދުއްވާލާފައިދާއިރު އެފެންނަ ފެހިކަމާއި ޗާލު ކަމުގެ ވާހަކަ ދައްކާ ހުސްނުވެއެވެ. 5 މިނިޓާއި 10 މިނިޓުން މިޓްރެއިންގައި ދުއްވާލާފައި ހިލްއަށް އެރެއެވެ.

މިޓްރެއިން ފެށޭ ގަޑިއަކީ ހެދުނު 6.30 އެވެ. ޗުއްޓީ ދުވަސްވަރު ވަރަށްބޮޑު ކިއުއެއް އޮވެއެވެ. މިތަނުގެ މަތީގައި އިންނަ 130 މިލިއަން އަހަރުގެ "ރެއިން ފޮރަސްޓް" ބަލާލުމުގެ ނަސީބު ލިބިގެންދެއެވެ. ވަށައިގެން އެފެންނަ ރީތި މަންޒަރުތަކާއި އެތަނުގެ މަތީގައި ހުންނަ އަރާމު ފިނިކަމަކީވެސް ވަރަށް ހިތްގައިމު ފިނި ކަމެކެވެ. 360 ޑިގްރީގެ ޕެނަރޯމިކް ވިއު އިން މުޅި ސިޓީގެ ރީތިކަން ދައްކުވައިދެއެވެ. އެތަނުގެ މަތީގައި އިންނަ ޑެކް މަތީގައި ފޮޓޯ ނަގާލަން ވަރަށް ރީއްޗެވެ. 80 މީޓަރުގެ ފުޅާ ފެންސެއްގައި އެލުވާލާފައި ހުންނަ "ލަވް ލޮކް" ކައިރީގައި ލޯބިވެރިންގޮސް އެނަގާލާ ފޮޓޯތަކަކީ ހާދަހާ ހިތްގައިމު ފޮޓޯތަކެކެވެ. އެތަނުގެ މަތީގައި ތަފާތު ވައްތަރުގެ ކާތަންތަނާއި ކުރީ ޒަމާނުގައި ރެފިއުޖީން ދިރިއުޅެފައި ހުރި އިމާރާތްތަކާއި އާސާރީ ތަންތަން ހުރެއެވެ. 50 އާސާރީ ބަންގަލޯސްވެސް އެތަނުގައި ހުރެއެވެ. މިތަނަށް ވަނުމުގެ ފީއަކީ ކުޑަކުއްޖެނަމަ 60 ރުފިޔާ އަދި ބޮޑުމީހެއް ނަމަ 115 ރުފިޔާއެވެ.

ކެންޔަރ ލޭކް 

މިއީ ހުލޫ ތެރަންގާނޫ ޕްރޮވިންސްގައި ހަދާފަހުންނަ ކޯރެކެވެ. މި ކޯރަކީ ޤުދުރަތީ ގޮތުން އުފެދިފައިވާ ކޯރެއް ނޫނެވެ. މި ކޯރަކީ މެލޭޝިއާގައި 1985 ވަނަ އަހަރު އުފައްދާފައިވާ ވަރަށް ރީތި އެހާމެ ބޮޑު ކޯރެކެވެ. އެތަނުގައި ފެނުން ކަރަންޓް އުފައްދާ ނިޒާމެއް އުފައްދާފައި ހުރެއެވެ. މިކޯރަކީ ސައުތު އީސްޓް އޭޝިއާގައި ހަދާފައިވާ އެންމެބޮޑު ކޯރުވެސް މެއެވެ. މިކޯރުގެ ބޮޑުމިނަކީ 260000 ހެކްޓަރެވެ. އެތަނުގައި 300 ކުދި ކުދި ރަށްތަކާއި ރިސޯޓްތައް އެކުލެވިގެންވެއެވެ. މިތަނުގައި ފެނުގެ ކުޅިވަރުތަކާއި މޫދުގައި ކުޅޭކަހަލަ ކުޅިވަރުތައް ކުޅެވެން ހުރެއެވެ.

އެކިކަހަލަ ބޯޓު ދުއްވުމާއި ރާފްޓިން ކަހަލަ ކުޅިވަރުތައް ކުޅެވެން ހުރެއެވެ. ވަށައިގެން އެހުންނަ ވޯޓަރ ފޯލް ތަކާއި ގުދުރަތީ ރީތި މަންޒަރުތަކުން ފުރިފައިވާ ތަނެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެތަނުގެ ވަށައިގެން އެކި ކަހަލަ ޕާކްތައްވެސް ހުރެއެވެ. މިގޮތުން ބަޓަރފުލައި އަދި އޯކިޑް ޕާކެއްވެސް އޮވެއެވެ. މިތަނުގައި އިންނަ ފެނުގެ ކުޅިވަރުތައް ކުޅުމަށް އިންނަ ޕާރކަށް ވަނުމުގެ ފީއަކީ ކުޑަކުއްޖެނަމަ 60 ރުފިޔާ އަދި ބޮޑު މީހެއްނަމަ 100 ރުފިޔާއެވެ. މިތަނުގައި ހުންނަ "ހައުސް ބޯޓް" ގައި ނުވަތަ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަން ދިއުމަކީ ތަޖުރިބާކޮށްލަން ރަނގަޅު ކަމެއްކަމަށް ވެއެވެ. ހަމަހިމޭން މިމާހައުލުން ހިތަށް އެގެނެސްދެނީ ހާދަހާ ހިތްގައިމު ކަމެކެވެ.

ކުންޑަސަންގ ވެލީ

މިއީ މެލޭޝިޔާގެ ކޮޓަރ ކިނާބަލޫ ސިޓީގައި އިންނަ ސަބަރ ކިޔާ ސްޓޭޓެކެވެ. މިއީ މުޅިން ވަކިން އިންނަ ސްޓޭޓެކެވެ. މިތަނަށް ދެވެން އިންނަނީ ވައިގެ މަގުންނެވެ. އެއްގަމު މަގުން ގުޅިފައި ނީންނަ މިސިޓީއަކީ މުޅިން ތަފާތު ސިޓީއެކެވެ. މިތަނުގައި އިންނަ ކުންޑަސަންގ ވެލީއަކީ ވަރަށް ކުޑަކުޑަ ޓައުން އެކެވެ. ވަށައިގެން ފަރުބަދަތައް ފެންނައިރު ހީވަނީ ސުވިޒަލޭންޑުގެ ހިތްގައިމު މަންޒަރެއް ފެންނަ ހެންނެވެ. ގެރީގެކިރު އުފައްދައިދޭ ފާމް ތަކާއި ފެހިކަންގަދަ ގަސްތަކުން ފުރާލަދީފައި އޮންނައިރު ހިތަށް ސިފަވެގެންދަނީ މުޅިން ތަފާތު އިހްސާސްތަކެކެވެ. މިތަނުގައި އެކި ވައްތަރުގެ ކިރު، ޔޯގަރޓް އަދި އައިސްކްރީމް ތައްޔާރުކުރާ ބޮޑު ތަނެއް އިދެއެވެ. ތާޒާ ކަމާއެކު މިތަކެތި ބޯލަން އިންނައިރު ވަށައިގެން އެފެންނަ ޤުދުރަތީ ރީތި ކަމަކީ ހަމަގައިމުވެސް ހަމަލޮލަށް ބަލާލުމުން ނޫނީ ބުނެދެންވެސް ނޭނގޭހާ ރީތި ކަމެކެވެ.

ކޮލްމާ ޓްރޮޕިކޭލް 

މިއީ ބެޖާޔާ ހިލްގެ މަތީގައި އިންނަ "ފްރެންޗް ވިލެޖް" ގެ ނަމުން މަޝަހޫރުވެފައި އިންނަ ތަނެކެވެ. މިތަނުގެ އިމާރާތްތަކަކީ ފްރާންސްގެ އިމާރާތްތަކުގެ އަސްލަކަށް ބަލައިގެން ހަދާފައިހުރި އިމާރާތްތަކެކެވެ. މިއީ "ބުކިތް ތިންގީ ޕަހާންގ" ގައި އިންނަ ތަނެކެވެ. މިތަނުގައި ހުންނަ ރެސްޓޯރެންޓް ތަކާއި ކުޑަކުދިން ކުޅެންހުންނަ ތަންތަނަކީ ފްރާންސްގެ ތަންތަނާއި ވަރަށް އެއްގޮތަށް ހަދާފައި ހުރި ތަންތަނެވެ. މިތަނުން ކުޑަ ތަންކޮޅަކަށް ދުއްވާލާފައި ދާއިރު އެއިންނަ ޖަޕަނީސް ވިލެޖަކީވެސް އެހާމެ ހިތްގައިމު ތަނެކެވެ.

މިތަނަށް ވަނުމުގެ ފީއަކީ 50 ރުފިޔާއެވެ. ކުއަލަލަމްޕޫރުން 45 މިނިޓުން ދުއްވާލާފައި އާދެވެން އޮންނަ މިތަނަކީ ހިތްހަމަ ޖައްސާލާ އަރާމުކޮށްލުމަށް އަންނަ މަންޒިލެކެވެ.

ތަސިކް ބިރޫ ކަންގްކަރ ޕުލައި  

މިތަނަކީ ސިންގަރޕޫރާއި އެންމެ ކައިރީގައި ހުންނަ ސިޓީ އެއްކަމަށްވާ ޖޮހޯ ބަހާރުގައި ހުންނަ ތަނެކެވެ. ވަށައިގެން "ލައިމް ސްޓޯން" އިން އުފެދިފައިވާ ނަލަ ނަލަ ރީތި ނޫކުލައިގެ މި ކޯރަކީ ސިފަކޮށްދެންވެސް ނޭނގޭހާ ރީތި ނަލަނަލަ ކޯރެކެވެ. އެތަނުގައި ވަށައިގެން ހުންނަ ގާތަކުގެ މަތީގައި އިދެ ފޮޓޯ ނަގާލުމުން ހީވަނީ މިއުޒިއަމްތަކުގައި ބަހައްޓާފައި ހުންނަ ރީތި ކުރެހުން ތަކެއްހެންނެވެ.

މިތަނަކީ ހައިކް ކުރުމަށް ޚާއްސަކުރެވިފައިވާ ތަނެއްވެސް މެއެވެ. ވަށައިގެން ހުންނަ ގާތަކުގެ ހިޔަނި އެކޯރުން ފެންނައިރު ހާދަހާވާ ޗާލެވެ. މިތަނަށް ވަނުމަށް އެއްވެސް ފީއެއް ނުނަގައެވެ.

ކެމަރަން ހައިލެންޑްގެ ސައިފަތް ދަނޑު

ކެމަރަން ހައިލެންޑަކީ މެލޭޝިއާގެ މަޝްހޫރު "ބޮއްޓީ" އުފެއްދުމަށް އެންމެ މަޝްހޫރު ސައިފަތް ދަނޑު އޮންނަ ސިޓީއެވެ. މިތަނަކީ ފަރުބަދަމަތީގެ ތެންފިނި ކަމެއް ގެނުވައިދޭ ތަނެކެވެ. މިތަނުގައި ދުވާލުގެ ފިނިހޫނުމިން އާއްމުގޮތެއްގައި ހުންނަނީ 25 ޑިގްރީއަށެވެ. ރޭގަނޑުގެ ފިނިހޫނުމިން ހުންނަނީ 18 ޑިގްރީއަށެވެ. މިތަނަކީ ތަފާތު ވައްތަރުގެ ތަރުކާރީ އަދި މޭވާވެސް ހައްދާލަން ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. މިތަނުގައި ވަރަށްބޮޑު 2 ސައިފަތް ދަނޑު އޮވެއެވެ. އެއީ "ބޮއްޓީ" އަދި " ބަހަރަތުޓީ" ގެ ނަމުން ނަންދެވިފައިވާ ސައިފަތް ދަނޑެވެ.

ސައިފަތް ތައްޔާރުކުރާ ފެކްޓްރީއަށް ގޮސް ތައްޔާރުކުރާ ގޮތް ބަލާލަން ބޭނުންނަމަ އެފުރުސަތުވެސް އޮވެއެވެ. ތާޒާ ކަމާއެކު ކަނޑައިގެން ގެންނަ ސައިފަތުން ސައި ބޯލުމަށް ހަދާލާފައި ހުންނަ ކެފޭ ތަކުގައި އިދެ ސައިތައްޓެއް ބޯލަން އިންނައިރު ވަށައިގެން އެފެންނަ ސައިފަތް ދަނޑުތަކުގެ ރީތިކަން ހާދަހާ ނަލަވެފައި ރީއްޗެވެ.

 

ފޮޓޯ: އަގޯޑާ ޓްރޮޕިކޭލޯ، ޓްރިޕް އެޑްވައިޒަރ، ޓްރެވަލް ލޮކަރ, ކަޕްލް ޓްރެވަލް ދަ ވޯލްޑް ޑޮޓްކޮމް

+1
2
+1
5
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް