May 20, 2024 22:06
Advertisement

-Advertisement-

މި ތާރީޚީ ބިނާ ޚާއްސަވަނީ ކީއްވެ؟

އިންޑިއާގައި ހުންނަ ތާޖް މަހަލްއޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުންނުވާހާ އެތަން މަޝްހޫރެވެ. ޚާއްސަކޮށް ލޯބިވެރިންގެ މެދުގައެވެ. އަދި އެއީ އެހާވެސް ރީތި ތަފާތު ތަނެކެވެ. 350 އަހަރަށްވުރެ ގިނަދުވަސްވީ މި ތާރީޚީ ބިނާ އެހާ ޚާއްސަވަނީ ކީއްވެހެއްޔެވެ. ސަބަބަކަށް ވަނީ އިންޑިއާގައި ރަސްކަން ކުރެއްވި ޝާހު ޖަހާން އެންމެ ލޯބިފުޅުވި އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައި އެތަން ބިނާކުރެއްވުމެވެ.

ތާޖް މަހަލް ބިނާކުރި ސަބަބު؟

ރިޕޯޓްތައް ބުނާގޮތުގައި މުމްތާޒް އަވަހާރަވީ އާލާސްވެއިންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި ސިއްޙީ މައްސަލަތަކެއްގެ ސަބަބުންނެވެ. މި ދެމަފިރިކަނބަލުންނަށް 14 ކުދިން ލިބިވަޑައިގެންނެވިއެވެ. އެކަމަނާގެ ޒިޔާރަތެއްގެ ގޮތުގައި ތާޖް މަހަލް ބިނާކުރައްވަން އެންމެ ފުރަތަމަ ޝާހު ޖަހާން ބޭނުންފުޅުވީ ބުރަންޕޫރުގައެވެ. އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބުރަންޕޫރްގައި ތާޖް މަހަލް ބިނާކުރެއްވުމަށް ބޭނުންފުޅުވީ ތާޖް މަހަލް އެކަނބަލަކަށް ނިސްބަތްވާ މުމްތާޒް އަވަހާރަވީ ބުރަންޕޫރްގައި ވާތީކަމަށް ދިރާސާތަކުގައި ބުނެފައިވެއެވެ. ނަމަވެސް އެތަނުގައި ތާޖް މަހަލް އެޅުމަށް ދިމާވި ހުރަސްތަކަކާއި ގުޅިގެން އާގަރާގައި ތާޖް މަހަލް ބިނާކުރެއްވީއެވެ.

Advertisement

ކޮންއިރަކު ކިހިނެއް ބިނާކުރެވުނީ؟

1632 އާއި 1653 ވަނަ އަހަރުތަކުގެ ތެރޭގައި އިމާރާތްކުރި ތާޖް މަހަލް ބިނާކޮށްފައިވަނީ ގާތްގަނޑަކަށް 32 މިލިއަން އިންޑިއަން ރުޕީސް ހޭދަކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ތާޖް މަހަލް އެޅުމަށް 28 ބާވަތެއްގެ ގަލާއި މާބަލް ފަދަ ތަކެތި އާގަރާއަށް ގެނެސްފައިވަނީ ޓިބެޓް، ޗައިނާ، ސްރީލަންކާ އަދި އިންޑިއާގެ ބައެއް ހިސާބުތަކުންނެވެ. ތާޖް މަހަލް އެޅުމަށް އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމަށް 1000 އަށްވުރެ ގިނަ އެތް ބޭނުންކޮށްފައިވެއެވެ. އެޒަމާނުގައި އެތަކީ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ޖަނަވާރެކެވެ.

އެހާ ކުރީގައި ބިނާކުރެވުނު ތަނެއް ނަމަވެސް ތާޖް މަހަލްގެ އާކިޓެކްޓިންގ ހަދާފައިވަނީ ގުދުރަތީގޮތުން ދިމާވާ ނުރައްކަލަކުން ދިފާއުވާފަދަ ގޮތަކަށެވެ. އެގޮތުން ތާޖް މަހަލްގެ ހުރިހާ މުއްނާރުތައް ބިނާކޮށްފައިވަނީ ބިންހެލުމެއް އަޔަސް އެކަތި މައްޗަށް އަނެކަތި ނުވެއްޓޭނެހެން ދުރުގައެވެ.

ތާޖް މަހަލް އަޅާފައި ހުންނަނީ ޔަމްނާ ކޯރުގެ ކައިރީގައި ކަމުން ގިނަބަޔަކު ވަނީ ތާޖް މަހަލް އަޑިއަށް ގިރައިގެން ދާނެކަމަށް ބުނެފައެވެ. އިންޑިއާގެ އާސާރީ ބިނާތަކުގެތެރެއިން އެންމެ އުސްކޮށް 73 މީޓަރުގެ އުސްމިނުގައި ހަދާފައިވާ ތާޖް މަހަލް މިހާ ގިނަ ޒަމާން ވަންދެން ގެއްލުމެއް ނުލިބި ހުރީ ޔަމްނާ ކޯރުގެ ސަބަބުންކަމަށްވެސް ކަމާއިބެހޭ މާހިރުން ބުނެއެވެ. މީގެ އިތުރުން ތާޖް މަހަލްގައި ހުންނަ ގަސްތަކަށް ފެން ފޯރުކޮށްދިނުމަށް ވެސް ޔަމްނާ ކޯރުގެ ސަބަބުން ފަސޭހަވެގެންދެއެވެ.

ގިނަ ޒަމާންތަކެއްވެގެން ގޮސްފައިވާއިރު، ތާޖް މަހަލްގެ ބައެއް ތަންތަނުގައި ރެނދުލައި ހަލާކުވަމުން އަންނަކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. ތާޖް މަހަލް އެޅުމަށް 20،000އަށް ވުރެ ގިނަ މަސައްކަތްތެރިން ވަނީ ބޭނުންކޮށްފައެވެ.

ވަރަށް މަޝްހޫރުތަނެއް

ދުނިޔޭގެ 7 ވަނަ އަޖައިބުގެ ތެރޭގައި ތާޖް މަހަލް ހިމެނޭއިރު، ތާޖް މަހަލް ބަލާލުމަށް ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި މަޝްހޫރު އެތައްބަޔަކު ޒިޔާރަތްކުރެއެވެ. ތާޖް މަހަލް ބިނާކުރި ޝާހް ޖަހާން އަދި މުމްތާޒުގެ މަހާނަ ވެސް ހުންނަނީ އެތަނުގެ ތެރޭގައެވެ. މިތަންވެސް އެތަނަށް ޒިޔާރަތްކުރާ ފަރާތްތައް ބަލާލުމަށް ހުންނަނީ ހުޅުވާލާފައެވެ. ތާޖް މަހަލްގެ ތެރޭގައި ފޮޓޯ އަދި ވީޑިއޯ ކުރުން މަނަލެވެ. ފޮޓޯ ނެގުމަށް ވަކި ސަރަހައްދުތަކެއް ހުންނަނީ ހަމަޖައްސާފައެވެ. 

ތާޖް މަހަލް އާ ވައްތަރު ގަނޑުވަރެއް މިމީހާ ވަނީ އަންހެނުންނަށް ބިނާކޮށްދީފައި

ތާޖް މަހަލް އާ އެއްގޮތް އެހެންތަނެއް

ދާދި ފަހުން މަދްޔަ ޕްރަދޭޝްގެ ބުރަންޕޫރުގެ މީހަކު ވަނީ އޭނާގެ އަންހެނުންނަށް ތާޖް މަހަލް އާއި އެއްގޮތަށް ގަނޑުވަރެއް އަޅައިދީފައެވެ. 60 ވަރަކަށް ފޫޓު ދިގުމިނުގައި ހުންނަ މި ގަނޑުވަރުގައި 4 ކޮޓަރިއާއި ބަދިގެއެއްގެ އިތުރުން ހޯލެއް ހިމެނެއެވެ.

އަދި ތާޖް މަހަލް ބަލަން ބޭނުންވާ މިންވަރަށް ފައިސާ ނެތް މީހުން މިގަނޑުވަރު ބެލުމަށް އައުމަށް އޭނާ ވަނީ ދައުވަތުދީފައެވެ. ބޭރުން ބަލާލާއިރު މި ގަނޑުވަރު ތާޖް މަހަލްއާއި ވަރަށް އެއްގޮތެވެ. އޭނާއާއި އޭނާގެ އަންހެނުން 3 އަހަރު ކުރިން ތާޖް މަހަލް ބަލާލަން ދިޔައެވެ. އެއަށްފަހު އެމީހުންގެ ގެ ތާޖް މަހަލް އާއި އެއްގޮތަށް ބިނާކުރީއެވެ.

+1
0
+1
1
+1
1
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް