June 27, 2026 03:17
Advertisement

-Advertisement-

​ޕީ.ސީ.އޯ.އެސްގެ ނަން ޕީ.އެމް.އޯ.އެސް އަށް ބަދަލުވެއްޖެ؟ މި ބައްޔާއިމެދު ފަރުވާތެރިވާންޖެހޭ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަށް އަންހެނަކުން އެކަކަށް މި ބަލީގެ އަސަރު ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން މި ބަލި ދެނެގަނެވިފައި އޮތީ "ދަރިމައިވުމުގެ މައްސަލައެއް" ގެ ގޮތުގައެވެ. މިއީ ގިނަ ބަޔަކު ދަންނަ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީ.ސީ.އޯ.އެސް) އެވެ. މިއަހަރުގެ މޭ މަހު، ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ބޮޑު އިއްތިފާގަކުން، އަދި މަޝްހޫރު މެޑިކަލް ޖާނަލްކަމަށްވާ 'ދަ ލާންސެޓް' ގައި ޝާއިއުކުރި ދިރާސާއަކަށްފަހު، މި ބަލީގެ ނަން ވަނީ ރަސްމީކޮށް 'ޕޮލިފޮލިކިއުލަރ މެޓަބޮލިކް އޮވޭރިއަން ސިންޑްރޯމް' (ޕީ.އެމް.އޯ.އެސް) އަށް ބަދަލުކޮށްފައެވެ. މިއީ ހަމައެކަނި ލަފުޒަކަށް އައި ބަދަލެއް ނޫނެވެ. މިއީ މި ބަލި ތަހައްމަލުކުރަމުންދާ އެތަކެއް މިލިއަން އަންހެނުންނަށް ލިބުނު ބޮޑު އުންމީދެކެވެ. މެޑިކަލް ދާއިރާއިން މި ބައްޔާ މެދު ދެކޭގޮތް މުޅިން ބަދަލުކޮށްލި ތާރީޚީ ނިންމުމެކެވެ.

ބަލީގެ ނަން ބަދަލުކުރަން ޖެހުނީ ކީއްވެ؟

​ވޭތުވެދިޔަ ދިހަވަރަކަށް އަހަރު، ބަލިމީހުންނާއި ޑޮކްޓަރުން ވަކާލާތު ކުރަމުންދިޔައީ "ޕޮލިސިސްޓިކް އޯވަރީ" މި ނަމުގެ ސަބަބުން ބަލިމީހުންނަށް ނުބައި މެސެޖެއް ލިބި، އެކަށީގެންވާ ފަރުވާލިބުން ލަސްވާ ކަމަށެވެ. މި ބަލީގައި އޯވަރީގައި ހުންނަނީ ނުރައްކާތެރި ނުވަތަ އާދަޔާޚިލާފު ސިސްޓްތަކެއް ނޫނެވެ. މާޒީގައި ބައެއް ޑޮކްޓަރުން ބަލިމީހުންގެ އަލްޓްރާސައުންޑް ސްކޭން ހެދުމަށްފަހު، ސިސްޓް ނެތުމުން "ތިޔައީ ޕީސީއޯއެސް އެއް ނޫނޭ" ބުނެ ފޮނުވާލާފައި އެބަހުއްޓެވެ.

Advertisement

ނަމަވެސް، އޯވަރީގައި މިފަދަ ނިޝާންތައް ނެތް ނަމަވެސް، ހޯމޯންތަކާއި މެޓަބޮލިޒަމްގެ މައްސަލަތައް ހުންނަ އެތައް އަންހެނުންނެއް އުޅެއެވެ. ބަލީގެ ނަމުގެ ސަބަބުން، މިއީ ހަމައެކަނި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ބެލެވި، މުޅި ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ސަމާލުކަން ނުދެވި ދެއެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ލިބެންޖެހޭ ފަރުވާ ނުލިބި، ބަލީގެ ހާލަތު ބޮޑުވެ ބަލިމީހާ މާޔޫސްކަމެއްގެ ތެރެއަށް ވައްދާލާތަން އާދެއެވެ.

​މި ބަލީގެ އަލާމާތްތަކަށް ބަލާއިރު، މިއީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންތައްތަކެއް ނޫނެވެ. ގިނަ އަންހެނުންނަށް ދިމާވާ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި މައްސަރުކަންތައް ގަވާއިދުން ނުވުމާއި، މޫނާއި ހަށިގަނޑުގައި އާދަޔާޚިލާފަށް ބޯކޮށް އިސްތަށި ފެޅުމާއި، ބޮޑެތި ބިހިތަށް މޫނުގައި ނެގުން ހިމެނެއެވެ.

މީގެ އިތުރުން، އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން އެތައް ގޮތަކުން މަސައްކަތް ކުރިޔަސް ބަރުދަން ލުއިނުވުމާއި، ދާއިމީގޮތެއްގައި އާދަޔާޚިލާފަށް ވަރުބަލިވުމާއި، ފޮނި އެއްޗިއްސަށް ނުވަތަ ކާބޯހައިޑްރޭޓްސްއަށް މާބޮޑަށް ކާހިތްވުން ހިމެނެއެވެ. ހަމައެއާއެކު، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ މި ބޮޑު ބަދަލުގެ ސަބަބުން ނަފްސާނީ ބޮޑެތި އަސަރުތަކެއްކޮށް، ވަރަށްބޮޑަށް ސްޓްރެސްވެ، އެންޒައިޓީ (ހާސްކަން)، ޑިޕްރެޝަން، އަދި ނިދަން އުނދަގޫވުން ފަދަ ވޭނުން ފުރިގެންވާ އަލާމާތްތައްވެސް އަންހެނުން ތަހައްމަލު ކުރެއެވެ.

​މިފަދަ ގިނަގުނަ އަލާމާތްތަކެއް ހުންނާތީ، ބަލީގެ އަސްލު ދެނެގަތުމަށް ކުރީގެ ނަމަށްވުރެ އާ ނަން މާ އެކަށީގެންވާކަމަށް ކަމާއި ގުޅޭ މާހިރުން ފާހަގަކުރެއެވެ.

ޕީ.އެމް.އޯ.އެސް ގެ މާނައަކީ ކޮބާ؟

​އަލަށް ކިޔުނު ޕީ.އެމް.އޯ.އެސް މި ނަމުން، ބަލީގެ އަސްލު ސަބަބުތަކަށް ސީދާ އަލިއަޅުވާލައެވެ. ފުރަތަމަ އަކުރުން އެނގެނީ ހަމައެކަނި އޯވަރީގެ ހޯމޯންތަކެއް ނޫންކަމާއި، އިންސިއުލިން އަދި ސްޓްރެސް ހޯމޯން ފަދަ ހަށިގަނޑުގެ ގިނަ ހޯމޯން ސިސްޓަމްތަކަކަށް މީގެ އަސަރު ފޯރާކަމެވެ.

ދެވަނަ އަކުރު "މެޓަބޮލިކް" އަކީ ބަލީގެ އެންމެ މުހިންމު އެއް އަސްލެވެ. އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ހަށިގަނޑުން ހަކުރު ބޭނުންކުރާ ގޮތް ތަޣައްޔަރުވެ، ވަރުބަލިވުމާއި، ބަރުދަން އިތުރުވުން ފަދަ ކަންކަން ދިމާވެއެވެ. ތިންވަނަ އަކުރު "އޮވޭރިއަން" އިން މިބަލީގައި އޯވަރީގެ ދައުރު (މައްސަރު ކަންތައް ގަވާއިދުން ނުވުން ފަދަ ކަންކަން) ހިމެނޭކަން ހަނދާންކޮށްދޭއިރު، "ސިންޑްރޯމް" އިން ބުނެދެނީ މިއީ އެކި މީހުންގެ ކިބައިން ތަފާތު ގޮތްގޮތަށް ފެންނަ، ގިނަ އަލާމާތްތަކެއް އެކުލެވޭ ބައްޔެއް ކަމެވެ.

ބަލިމީހުންނަށް މި ބަދަލުން ކުރާ ފައިދާތައް

​މި ބަދަލަކީ އަންހެނުންގެ ސިއްޙީ ފަރުވާއަށް އަންނާނެ ބޮޑު އިންގިލާބެކެވެ. ހަމައެކަނި ބަރުދަން ލުއިކޮށްލަން ނުވަތަ "ބަނޑުބޮޑުވާން އުޅޭއިރު ބޭސް ފަށާނީއޭ" ބުނާ ބުނުން މިއަދު ނިމުމަކަށް އަންނާނެއެވެ. މި މަޝްރޫއުގައި އިސްކޮށް މަސައްކަތްކުރާ މޮނާޝް ޔުނިވަރސިޓީގެ ޕްރޮފެސަރ ހެލީނާ ޓީޑް ފާހަގަކޮށްލާފައިވާގޮތުގައި، މި ބަލީގެ ގޮތުން ބަލި ޑައިގްނޯސް ކުރަން އުނދަގޫވެ ލަސްވުމާއި، ހޭލުންތެރިކަން ކުޑަވުމާއި، ބަލިމީހުންނަށް ދެވޭ ފަރުވާ އެކަށީގެންނުވުން ފެނި ހިތްދަތިވި ކަމަށެވެ. އަދި މިއީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ދިރާސާތަކަށް ދުނިޔޭގެ ފެންވަރުގައި އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަލީގެ ނަމަށް މިގެނައި ބަދަލުގެ ސަބަބުން، ބަލިމީހުންނަށް ހަމައެކަނި ގައިނަކޮލޮޖިސްޓެއްގެ އެހީގެ ބަދަލުގައި، ހޯމޯން ޑޮކްޓަރުންނާއި، ނިއުޓްރިޝަނިސްޓުން ހިމެނޭ ފުރިހަމަ ފަރުވާއެއް ލިބުމަށް މަގުފަހިވާނެއެވެ. ބަރުދަން ލުއިނުވެގެން އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ބަދަލުގައި، މިއީ ހަށިގަނޑުގެ އެތެރޭގެ ބަޔޮލޮޖިކަލް މައްސަލައެއްކަން ގަބޫލުކޮށް، އޯގާތެރިކަމާއެކު ފަރުވާ ހޯދުމުގެ ހިތްވަރު ލިބޭނެއެވެ.

ވިސްނާލުން މުހިންމު ކަންކަން

މި ބަލީގެ ​ނަމަށް ބަދަލުވި ނަމަވެސް، ބަލީގެ އަލާމާތްތަކާއި، ޑައިގްނޯސްކުރާ މިންގަނޑުތަކެއް ވަގުތުން ބަދަލެއް ނުވާނެއެވެ. އަދި ހުރިހާ ހޮސްޕިޓަލްތަކަކުން މި އާ ނަމަށް ބަދަލުވުމަށް ތިނެއް ނުވަތަ ހަތަރު އަހަރުގެ މުއްދަތެއް ނަގާފާނެ ކަމަށް ބައެއް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ. މި ބައްޔާއި ގުޅޭ މަޢުލޫމާތާއި ހޭލުންތެރިކަމުގެ ޕޯސްޓުތަށް ސޯޝިއަލް މީޑިއާގައި ދައުރުވާތަން ފެންނަ މަންޒަރަކީ ހިތަށް ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް ލިއްބައިދޭ ކަމަކަށްވީނަމަވެސް، މި ބައްޔަކީ މިއަށްވުރެއްވެސް ބޮޑު ސްކޭލްގައި ހޭލުންތެރިކަން އިތުރުކުރަންޖެހޭ ބައްޔެއްކަން ފާހަގަކޮށްލަމެވެ.

އެހެންކަމުން، އަމިއްލައަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމާއި، ކެއުންބުއިމާއި ކަސްރަތަށް ސަމާލުވުމާއި، ހޯމޯންތައް ބެލެންސްކުރުމަށް ޑޮކްޓަރުން ދޭ އިރުޝާދުތަކަށް ފަރުވާތެރިވުން ވަރަށް މުހިންމެވެ. މިއީ ހަމައެކަނި ދަރިމައިވުމުގެ މައްސަލައެއް ނޫނެވެ. މިބައްޔަކީ މުޅި ހަށިގަނޑުގެ ދިފާއީ އަދި ހަކަތައިގެ ނިޒާމާއި ކުޅެލާ ބައްޔެކެވެ. އަމިއްލަ ސިއްޙަތަށް ރައްކާތެރިވެ، ތިމާގެ ނަފްސަށް އޯގާތެރިވުން އެއީ ފުރަތަމަ ފިޔަވަޅެވެ.

(މަސްދަރުތައް)

Teede, H., et al. (2026). ​Endocrine Society (2026). ​Royal Australian and New Zealand College of Obstetricians and Gynaecologists (2026). .

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް