June 25, 2026 00:52
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ދަންވަރު މީސްމީޑިއާގެ ބޭނުންކުރުމުން ގެއްލެނީ ހަމައެކަނި ނިދިބާ؟

ކޮލަމް ތަޢާރަފް

"ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ދިވެހިރާއްޖޭގައި ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމާމެދު އެއްވެސް ފަރާތަކުން ސުވާލެއް ނުއުފައްދާނެއެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް މިހާރު ވަނީ ޤައުމީ ފެންވަރުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިކަން ވެސް ތަފާތު ލިޔުންތަކުން ހާމަވެފައިވާކަން ކުރީ ހަފުތާގެ ލިޔުމުގައި ވެސް އިޝާރާތް ކޮށްފައިވާނެއެވެ. މިދިޔަ ހަފުތާގެ ލިޔުމުގައި ބަޔާންކުރެވިފައިވާނެ ފަދައިން ހަމަ ނިދި ނުލިބި ގިނައިރު ސޯޝަލް މީޑިއާފަދަ މަންސަތަކުގައި ނުވަތަ އޮންލައިން ގޭމްތަކުގައި ހޭލާހުރެ ކުދިން ވަގުތު ހޭދަކުރުން ގިނަވެއްޖެނަމަ އެއީ ނުރައްކާ ފައްތަރުތަކެއްގެ މުހިންމު ޢަލާމާތެކެވެ. މާނައަކީ ނުރަނގަޅު އާދަތަކަށް ކުދިން ދެވިހިފުމާއި، ނުރަނގަޅު ސުލޫކުތަކަށް ވަދެވުމާއި، އަދި ހަމައެހެންމެ މިފަދަ ކަންކަމުގެ ތެރެއިން ކުދިންގެ އާންމު ދުޅަހެޔޮކަން ގެއްލުމަށް މެދުވެރިވާ ސަބަބެކެވެ. މިއީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ސަމާލުވެ ވިސްނާލަން ޖެހޭކަމެކެވެ. ކޮންމެ ބެލެނިވެރިޔަކުވެސް ސަމާލުވާންޖެހެއެވެ. ކޮންމެ މުދައްރިސަކުވެސްމެ ވިސްނަން ޖެހެއެވެ. ހަމައެހެންމެ ތަޢުލީމީ ދާއިރާ ނޫނަސް ޒުވާނުންނާއި ގުޅޭ އެކި މަސައްކަތްތައް ކުރާ ފަރާތްތައް ވެސް ސަމާލުވާން ޖެހޭ ކަމެކެވެ.

Advertisement

މިއަދުގެ މައުޟޫޢާއި ގުޅުވާލައިގެން ހޯދާފައިވާ ދިރާސާއަކީ މިޒަމާނުގައި އެންމެ ހޫނުކޮށް ބަހުސްކުރެވޭ ކަމަކާއި ގުޅޭ ދިރާސާއެކެވެ. އާދެ، މި ޑިޖިޓަލް ޒަމާނުގައި، މީސްމީޑިއާ (ސޯޝަލް މީޑިއާ) އަކީ ކިހާ ނުރައްކާތެރި އެއްޗަކަށް ވެދާނެކަން ހާމަކޮށްފައިވާ ކަރުދާހެކެވެ. ސޯޝަލް މީޑިއާ އަކީ ހުޅުވިފައިވާ ދުނިޔެއެކެވެ. ފިލްމެއް ވިޔަސް ބަލާ ނިމެއެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ގިނަ މަންސަތަކަކީ ނިމުން އަންނަ ގޮތަށް ހެދިފައިވާ މަންސަތަކެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން އެމަންސަތަކަށް އެއްޗެތި، ކޮންޓެންޓް އަޕްލޯޑްކުރެއެވެ. ހިއްސާކުރެއެވެ. ނަތީޖާއެއްގެ ގޮތުން ބަލާ ނިމޭތަނެއް ނާދެއެވެ. އިނގިލި ހަރަކާތްކޮށްލަ ކޮށްލާ އޮއްވާ ވަގުތުތައް ގޮސް، ނިދި ގެއްލި، ބޭކާރުވެގެންދާކަމީ ފެންނަން ހުރި ހިތި ހަގީގަތްތަކެވެ. ބަލަން ކޮންމެހެން ބޭނުންނުވާ ބައިވަރު އެއްޗެހި ފެނެއެވެ. އަޑު އަހަން ބޭނުން ނުވާ އެތަށް އެއްޗެއް އަޑު އިވެއެވެ. ވިސްނަން ބޭނުން ނުވާ އެތަށް ކަމަކާމެދު ނުސީދާކޮށް ވިސްނުން ގެންދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އަމިއްލަ ދިރިއުޅުމުގެ ހުންގާނު ހަމައިން ނެއްޓިގެންދާ ފަދަ އެތަށް ކަމަކަށް އެއިން މަގުފަހިވެގެންދެއެވެ. ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ވިސްނުމަކާއި ނުލައި ހިނގަމުން ނުވަތަ ކުރެވެމުންދާ ކަންކަމެވެ. މިއީ ޚާއްޞަކޮށް ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ދުވަހީ ދިރިއުޅުމުން ފެންނަ ހުރި ހަގީގަތްތަކާމެދު ޝައްކުކުރުމެގެ ޖާގައެއް ނެތެވެ. ދިރާސާއެއް ހަދާފައި ކަންވާގޮތް ބެލިޔަސް އަދި ނުބެލިޔަސް ފެންނަން ހުރި ކަންކަމެވެ.

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން އިންޓަނެޓާއި ސްމާޓްފޯން ބޭނުންކުރާ މިންވަރު ވަރަށް މަތި ގައުމެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ޓިކްޓޮކް، އިންސްޓަގްރާމް، އަދި ސްނެޕްޗެޓް ފަދަ މީސްމީޑިޔާގެ ވަސީލަތްތަކަކީ ދިރިއުޅުމުގެ ވަކިނުކުރެވޭނެ މުހިންމު އެއް ބަޔަށް ވަނީ ވެފައެވެ. ކޮފީ މޭޒުތަކުން ފެށިގެން ގޮސް، ރޭގަނޑު ނިދަން އޮށޯންނަ އެނދާ ހަމައަށްވެސް މި ސްކްރީންތަކާ އަޅުގަނޑުމެންގެ ކުދިން މިވަނީ ގުޅިފައެވެ. ނަމަވެސް، ދަންވަރުގެ ހިމޭންކަމުގެ ތެރޭގައި އެތައް ގަޑިއިރެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮންނަ އޮތުމުން، އަޅުގަނޑުމެންނަށް ގެއްލެނީ ހަމައެކަނި ނިދިބާއެވެ؟ މިއީ ކޮށްލުން މުހިންމު ސުވާލެކެވެ.

މިއަދު މި ހުށަހަޅާލާ ވާހަކަ ކޮޅަށް ބާރުދޭ ދިރާސާއަކަށް ބަލާލެވުނީ ވަރަށް ޝައުގުވެރި ލިޔުމަކަށެވެ. ދިރާސާވެރިންގެ ޓީމަކުން ލިޔެފައިވާ މި ކަރުދާހުގެ ސުރުޚީއަކީ "ލޭޓް ނައިޓް ޔޫޒް އޮފް ސޯޝަލް މީޑިއާ އެންޑް ސްލީޕް ޑެޕްރިވޭޝަން" (Late Night Use of Social Media and Sleep Deprivation) މި މައުޟޫޢެވެ. ދާދިފަހުން 2025 ގައި ޝާއިޢުކުރެވިފައިވާ މިކަރުދާސް ލިޔުއްވާފައިވަނީ ބާލާމުރުގަން، ކްރޫތީ، ރޫޕާ، އަދި ސުޝްމާ އެވެ.

ފޮޓޯ ކްރެޑިޓް: ބީބީސީ

މި ކަރުދާހުގައި އިޝާރާތްކުރައްވާފައިވާ ގޮތުން، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒުވާނުންގެ ބޮޑު ބައެއް އެންމެ ގިނަ ވަގުތު އޮންލައިންކޮށް ހޭދަކުރަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭގަނޑު ދަންވަންދެން ސްކްރީންގެ ނޫ އަލީގެ (Blue light) ތެރޭގައި ވަގުތު ހޭދަކުރުމަކީ ހަމައެކަނި ޖެހިގެން އަންނަ ދުވަހު ކްލާހުގައި ނުވަތަ އޮފީހުގައި ނިދިޖެހުމަށް މެދުވެރިވާ ސަބަބެއް ނޫނެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ވެއެވެ. އޮންލައިންކޮށް ފެންނަ އެހެން މީހުންގެ އުފާވެރި އަދި ފުރިހަމަ ދިރިއުޅުމާ އަމިއްލަ ނަފްސު އަޅާކިޔުމުގެ ސަބަބުން އުފެދޭ ހާސްކަމާއި، މޫޑު ގޯސްވުމާއި، އަދި އެކަނިވެރިކަމަކީ މިއަދު އަޅުގަނޑުމެންގެ ޒުވާން ޖީލު ހަނގުރާމަކުރަމުންދާ ހިތްދަތި ހަގީގަތެކެވެ. މި ކަރުދާހުގައި އަލިއަޅުވާލާނީ، ދަންވަރު މީސްމީޑިއާ ބޭނުންކުރުން އާދަޔަކަށް ވުމުން، ހަށިގަނޑުގެ ގުދުރަތީ ނިޒާމުގެ ނިދާ ގަޑިއަށް ބުރޫއަރާ ގޮތެވެ. އަދި އޭގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ފުން އަސަރުތަކުގެ މައްޗަށް ކަރުދާހުގައި ބަހުސްކުރެވިފައިވެއެވެ.

މި ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ވަސީލަތްތަކުގެ ސަބަބުން އިޖުތިމާޢީ ގުޅުން ބަދަހިވުމާއި، މުނިފޫހިފިލުވުމާއި، އަދި މަޢުލޫމާތު ލިބުން ފަދަ ގިނަގުނަ ފައިދާތަކެއް ކުރި ނަމަވެސް، ލިބޭ ގެއްލުންތައް އެހާމެ ގިނަގުނައެވެ. އެންމެ ބޮޑު ގެއްލުމެއް ކަމަށް އިޝާރާތްކޮށްފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ދަންވަރުގެ ވަގުތުތަކުގައި ގިނައިރު އެކަމަށް ހޭދަކުރަމުން ދިއުމުން، ނިދުމުގެ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަށެވެ. ކަރުދާހުގައި އިތުރަށް އަލިއަޅުވާލާފައިވަނީ ދަންވަރު މީސްމީޑިއާ ބޭނުންކުރުމުގެ ސަބަބުން ނިދީގެ ފެންވަރަށާއި އާންމު ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މިޢިލްމުވެރިން ހާމަކޮށްފައިވަނީ ރޭގަނޑު ވަގުތުތަކުގައި ސްކްރީން ބަލާ ވަގުތު އިތުރުވުމުގެ ސަބަބުން، އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ސްކްރީނުން ފޮނުވައިދޭ ނޫކުލައިގެ އަލި (ބްލޫ ލައިޓް އެމިޝަންސް) އާއި، އެލްގޮރިދަމްތަކަށް (ވަކިގޮތަކަށް ހުއްޓުމެއް ނެތި އަންނަގޮތަށް) ބިނާކޮށް ދައްކާ ކޮންޓެންޓްތަކަކީ އަދި ސިކުނޑީގެ ހަމަޖެހުމާއި، ނިދިފިލުން ފަދަ ކަންކަމާއި ކުރިމަތިލާންޖެހޭކަމެވެ. މިކަމުގެ ސަބަބުން ނިދަން އުނދަގޫވެ، ހަމަ ނިދި ނިދޭ ވަގުތު ކޮޅު ކުރުވެގެންދެއެވެ. ބަޔޮލޮޖިކަލް ގޮތުން ބަލާއިރު، ގިނަ ވަގުތު ސްކްރީނަށް ބެލުމުގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ގަޑި (ސަރކޭޑިއަން ރިދަމްސް) އަށް ބުރޫއަރައި، ނިދުމަށް އެހީތެރިވެދޭ ހޯމޯން (މެލަޓޮނިން) އުފެއްދުން ހުއްޓުވައެވެ. މީގެ ސަބަބުން ނިދީގެ ފުރިހަމަކަން ގެއްލި، ނާރުތަކަށް ވަރުބަލިކަން ކުރިމަތިވެއެވެ. ނަފްސާނީ ގޮތުން ބަލާއިރު، ނިދި މަދުވުމާއި އަދި އޮންލައިންކޮށް އެހެން މީހުންނާ އަޅާކިޔުމުގެ ސަބަބުން، ހާސްކަން އިތުރުވުމާއި، މޫޑު ބަދަލުވުމާއި، އަދި މާޔޫސްވުމުގެ އަލާމާތްތައް ފެންނަކަމަށް ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މި ކަރުދާހުން ހާމަކޮށްދޭ ޢިލްމީ ހަގީގަތްތަކަކީ ސީދާ ދިވެހިރާއްޖޭގައި ހެދިފައިވާ ދިރާސާއެއް ނޫން ނަމަވެސް، ރާއްޖޭގެ މުޖުތަމަޢުގެ، ޚާއްޞަކޮށް ފުރާވަރުގެ ކުދިންނާއި ބެލެނިވެރިން ސަމާލުވާން ޖެހޭ އަމަލީ ކަންތައްތަކެއް ހިމެނެއެވެ. ދިވެހި އާއިލާތަކުން މިކަމުން ލިބިގަންނަންވީ މައިގަނޑު ޢިބްރަތްތައް ކުރުކޮށް ބަލާލަމާ ހެއްޔެވެ.

ފޮޓޯ ކްރެޑިޓް: ސައިންޓިފިކް އެނިމޭޝަން

ފުރާވަރުގެ ކުދިންނަށް ހުރި ޢިބްރަތްތައް

  • ފޯނަކީ ނިދި "ގެއްލުވާލާ" އެއްޗެއްކަން ގަބޫލުކުރުމަކީ މުހިންމު ކަމެކެވެ. ރޭގަނޑު ދަންވަރު ފޯނާ ކުޅެން އޮންނަ އޮތުމަކީ ހަމައެކަނި ވަގުތުތަކެއް ބޭކާރުވާ ކަމެއް ނޫނެވެ. އެއީ ހަށިގަނޑުގެ ގުދުރަތީ ހޯމޯންތަކަށް ބުރޫއަރުވައި، ސިކުނޑި ނިދިފިލުވާލާ ކަމެކެވެ. ސޯޝަލް މީޑިއާއަކީ ނިދި ނަގާލާ ކަމެކެވެ.
  • އޮންލައިންކޮށް ފެންނަން ހުންނަ "ފޭކް" ދިރިއުޅުމާ އަމިއްލަ ނަފްސު އަޅާނުކިޔުން މުހިންމެވެ. މީސްމީޑިއާއިން ފެންނަނީ އެހެން މީހުންގެ ދިރިއުޅުމުގެ އެންމެ ރީތި، ފުރިހަމަ ވަގުތުކޮޅުތަކެވެ. ދަންވަރު އެކަނި އޮވެ އެ ކަންކަމާ އަމިއްލަ ހާލަތާ އަޅާކިޔުމަކީ ނަފްސާނީ ގޮތުން މާޔޫސްކަމާއި ހާސްކަން އުފެދޭ ސަބަބެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ސޯޝަލް މީޑިއާގައި ހުންނަ ފޮޓޯތަކަކީ އެތައް ފިލްޓަރ/ފުރޭނިގެން ހެދިފައިވާ ހުންނަ ކޮންޓެންޓްކަމެވެ. އާންމުކޮށް ހުންނަ ގިނަކަންތައްތަކަކީ އަސްލު މީހުންގެ ދުވަހީ ދިރިއުޅުމުގެ ހަގީގަތްތަކާއި ވަރަށް ތަފާތު މަންޒަރުތަކާއި އަޑުތަކެވެ. އެއަށް ބަރޯސާވެގެން، އެގޮތަށް ދިރިއުޅުން ނުވަތަ އަމިއްލަ ސިފަ ބަދަލުކުރަން ހިތްއެދޭނަމަ އެއީ ވަރަށް ބޮޑު ނުތަނަވަސްކަމެއް މެދެވެރިކުރުވާނެ ކަމެކެވެ.
  • ދުވާލުގެ މަސައްކަތުގެ ކާމިޔާބީ ގުޅިފައިވަނީ ރޭގަނޑުގެ ނިދިންކަން ދެނެގަތުން މުހިންމެވެ. ސްކޫލުގައި ކިޔެވުމަށް ސަމާލުކަން ނުދެވުމާއި، ހަނދާން ބަލިވުމާއި، އަދި އަވަހަށް ރުޅިއާދެވޭ ގޮތް ވަނީ ރޭގަނޑު ސިކުނޑިއަށް ލިބެންޖެހޭ އަރާމު ނުލިބޭތީއެވެ.
ފޮޓޯ ކްރެޑިޓް: ބްރައިޓް މެގަޒިން

ބެލެނިވެރިންނަށް ހުރި ޢިބްރަތްތައް

  • ކުދިންގެ ކޮޓަރިތަކަކީ "ސްކްރީން ފްރީ" ތަންތަނަށް ހެދުމަށް ސަމާލުވާށެވެ. ކުދިން ނިދަން ކޮޓަރިއަށް ވަންނައިރު ފޯނާއި ޓެބްލެޓް ފަދަ ތަކެތި ކޮޓަރިން ބޭރުގައި ބެހެއްޓުމުގެ އާދަ ކުރުވާ މިކަމަށް ތަމުރީނުކޮށް މޮނިޓަރކުރުން މުހިންމެވެ. މިއީ އާދަކުރުވަން ޖެހޭ ކަމެކެވެ. އާދައަކީ ހަރުލެއްވޭ އެއްޗެކެވެ. ބައެއް ފަހަރު "ކޮޓަރީގައި އޮވެ ކުއްޖާ ނިދަނީ" ކަމަށް ހީވިޔަސް، ގިނަ ފަހަރަށް ދަންވަރު ހޭލާ ތިބެނީ ފޯނުގައިކަން ގަބޫލުކުރަން ޖެހެއެވެ. މިކަމަށް ހައްލުގެނެވެނީ މުދައްރިސުން ސްކޫލުގައި ކިޔަވައިދޭ ފިލާވަޅަކުން ނުވަތަ ނަސޭހަތް ދީގެން ކިޔާދީގެންނެއް ނޫނެވެ. ދުރުކުރެވޭނީ އާދަ ހަރުލައްވައިގެންނެވެ.
  • ކުދިންގެ ކިބައިން ފެންނަ ނަފްސާނީ ބަދަލުތަކަށް ސަމާލުވުމަކީ ބެލެނިވެރިން ހޭލާތިބެންޖެހޭ ކަމެކެވެ. ދަރިފުޅުގެ މިޒާޖަށް ކުއްލިއަކަށް ބަދަލުއައުމާއި، މޫޑު ގޯސްވުމަކީ ހަމައެކަނި "ބޮޑުވަމުން އަންނާތީ" ވާގޮތެއް ނޫނެވެ. އެއީ ނިދި މަދުވުމާއި މީސްމީޑިއާގެ ސަބަބުން ދަރިފުޅަށް ކުރިމަތިވަމުންދާ ނަފްސާނީ ގޮންޖެހުމެއްގެ އަލާމާތަކަށް ވެދާނެއެވެ. މިކަން ރަނގަޅަށް މޮނިޓަރކޮށް ބަލާ ހެދުން މުހިންމުވަނީ މި ސަބަބަށްޓަކައެވެ. ކޮންމެ ފަހަރަކު މޫޑްގޯސްވެ ހަރުކަށިބަސް ބޭނުންކުރުމާއި، ނުރަނގަޅު ގޮތްގޮތަށް މައިންބަފައިންނާއި ޖަދަލުކުރުމުގެ އާދަތައް ފެށެނީ މިބާވަތުގެ މޫޑް ގޯސްވުމާއި ނުތަނަވަސްކަމުގެ ތެރެއިންނެވެ.
  • ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ރަނގަޅު އާދަތައް ހަރުލެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކަމަކީ މައިންބަފައިންގެ ފުށުން ރަނގަޅު ނަމޫނާ ފެނުމެވެ. ނަމޫނާއަކީ ދައްކާ އެއްޗެއް ނޫނެވެ. އެއީ ދުވަހީ ދިރިއުޅުމުގެ ކަންކަމުން ފެންނަ ކަންކަމެވެ. ބުނާ ބަހަކުން އެއްދުވަހު ކިޔާދޭ ވާހަކައަކުން، އެއްދުވަހު ދެވޭ ނަސޭހަތަކުން ނަމޫނާއެއް ނުދެއްކޭނެއެވެ. މި ވާހަކަ ކޮޅު މުރާދަކީ ބެލެނިވެރިން އަމިއްލައަށް ވެސް ރޭގަނޑު ލަސްވަންދެން ފޯނުން އެކިއެކި އެއްޗެހިތައް ބަލާ ހޭވުމުގައި ވަގުތު ހޭދަނުކޮށް އެފަދަ ކަންކަން ހުއްޓާލުމެވެ.

މި އިޝާރާތްކުރެވުނު ވާހަކަތަކުގެ އަލީގައި އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަމަކީ ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތްތަކާއި މެދު ގައުމީ ފެންވަރުގެ މަޝްވަރާކޮށް އަލިމަގެއް ހޯދުމެވެ. ދިވެހިރާއްޖޭގައި ފުރާވަރު ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ހަލުވި މިންވަރާއި ދަންވަރު މީސްމީޑިއާގައި ހޭލާ ތިބޭ ތިބުމާ ސީދާ ގުޅުމެއް ވެދާނެކަން އަންދާޒާ ކުރުމުގެ ފުރުސަތު އެބައޮތެވެ. މިކަމަށް ކުރިން ނުހޭލާފިނަމަ، މިއީ ޖީލެއްގެ ސިއްހަތާއި މުސްތަގުބަލާ ގުޅިފައިވާ ނުތަނަވަސްކަން ބޮޑު މައްސަލައެކެވެ.

Reference

  • Balamurugan, M., Roopa, D., Sushma, R., TC, K., Swetha, G., & Raghu, N. (2026). Late night use of social media and sleep deprivation. In Examining the Intersection of Technology, Media, and Social Innovation(pp. 205-236). IGI Global Scientific Publishing.

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް