ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށާއި ފިއުލް ސްޓޯރޭޖް ގާއިމުކުރާނީ ދަތުރުފަތުރަށް ފަސޭހަ އަދި މޫސުމީ ހާލަތްތަކަށް ވިސްނައިގެން ކަމުގައި ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަނގުރާމައިގެ ހާލަތު ދިވެހިސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، އެ ވުޒާރާއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ކުރަމުން އަންނަ މަސައްކަތުން، ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ފާހަގަކުރެވިފައިވާކަމަށެވެ. ސްޓޯރޭޖު ގާއިމުކުރާ ސަރަޙައްދުތަކަކީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށް ފަސޭހަ، އަދި މޫސުމީ ގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ބަލައިގެން އެންމެ އެކަށީގެންވާ ސަރަޙައްދުތަކަށް ވާންޖެހޭއިރު، އެ ތަންތަނަކީ ނިސްބަތުން ބޮޑެތި އުޅަނދުފަހަރަށް ކައިރިކުރެވޭ ގޮތަށްވެސް ހުރި ސަރަޙައްދުތަކަށް ވާންޖެހޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަވާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މާލެ ކައިރި ސަރަޙައްދުން 2 ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަޙައްދު ބެލުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ވަޒީރު ހާމަކުރެއްވިއެވެ. މިތަނުގެ ފަރުމާއާއި ފައިނޭންސިންގްއާއި ގުޅުންހުރި ފީޒިބިލިޓީ ސްޓަޑީވެސް ކުރިއަށްދާކަމަށާއި، ކަމާ ގުޅުންހުރި ސާރވޭގެ މަސައްކަތް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި ނިންމައި، ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. މިފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި ގާއިމުކުރުމާ މެދު ބިނާކުރަނިވި ފާޑުކިޔުންތަކެއްވެސް ލިބިވަޑައިގެންފައިވާއިރު، އެކަންކަމަށް މަރުޙަބާ ވިދާޅުވާ ކަމަށާއި، އުފެދިފައިވާ ސުވާލުތަކަށް، ފީސިބިލިޓީ ސްޓަޑީގެ ތެރެއިން ޖަވާބުތަކެއް ލިބޭނެކަންވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އެންމެ އަސާސީ ބާވަތަކީ ތެޔޮ ކަމުގައި ވާހިނދު، ދިވެހިރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި ކަށަވަރުކުރުމުގައި މިވަގުތު އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގެ ޔަޤީންކަން، ކޮމިޓީން ވަނީ ދެއްވާފައެވެ. ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ދަށަށް ނުދިޔަނަމަވެސް، އެއްހަމައެއްގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށާއި، ޒަރޫރީ އެހެނިހެން ކާބޯތަކެއްޗާއި ބޭސްފަރުވާއާ ގުޅުންހުރި އުފެއްދުންތައް ލިބުމުގައިވެސް ކަންބޮޑުވުމެއް ނެތްކަން ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.













