April 23, 2026 19:40
Advertisement

-Advertisement-

ވާހަކަ: އިހާ (ސާދަވަނަބައި)

އަޔާން ފޯނުގައި ހުއްޓާ ބާރު އަޑުފަށްގަނޑެއް އިވުނެވެ. ހީވީ މުޅި ރަށްވެސް ގުޑައިގެން ދިޔަހެންނެވެ. އެމީހުން ތިބި އިމާރާތުގެ ކުޑަދޮރުތައްވެސް ފުނޑުފުނޑުވެގެން ފޭބިއެވެ. މީހުންތައް ހަޅޭއްލަވައި ގަތެވެ. އަޔާން ފޯނު ކަނޑާލިއެވެ. އޭނާ ހަނދާނަށް އައީ ސްކޫލުގައި އުޅުނު އިރު ހިނގި ހާދިސާއެވެ. ސަލްޓަންޕާކުގައި ގޮވި ބޮމެވެ. ވީނުވީއެއް ބެލުމަށް މިއަދުވެސް އޭނާ ދުވެފައި އެތެރެއަށް ދިޔައެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ އޭނާއަށް އެންމެ އެތެރެއަށް ވަނުމުގެ ފުރުސަތު ލިބުމެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އެކަކަށްވެސް ވީގޮތެއް ނޭނގުނެވެ. އިރުކޮޅަކުން ބައެއް މީހުންނަށް ފޯން ކޯލްތައް އަންނަމުން ދެއެވެ.

"އެއާޕޯޓް ތަރައްޤީ ކުރާ ސަރަހައްދުގައި އެއްޗެއްގޮވީ." އެތަނުގެ އިސްމީހާ އަޔާނަށް ބިރުވެރި ޚަބަރެއް ދިނެވެ.

އަޔާންމެންގެ ޓީމް ވަގުތުން އެތަނަށް ހާޒިރު ވެއްޖެއެވެ. އިސާހިތަކު ވެހިކަލްތަކުން ސިފައިން ފައިބާ މުޅިތަން ބަންދުކޮށްފިއެވެ. މުޅިތަނުގައި އޮތީ ލޭގެ ކޯރު ހެދިފައެވެ. މީހުންގެ މަސްތަކާއި ކަށިތައް ވަނީ އެތަން މިތަނަށް ބުރައިގެން ގޮސްފައެވެ. ބައެއްމީހުންގެ ހަށިގަނޑުގެ ބައިތައް މާދުރަށް ވިއްސައިގެން ގޮސްފައި ވެއެވެ. މަންޒަރުބަލަން މީހުން އެއްވަމުން ދެއެވެ. އެންމެންގެ ދުލުކުރީގައި ވެސް އޮތީ އެއް ބަހެކެވެ.

Advertisement

"ކޮންބައެއްތަ މަރުވީ.؟" ބޭބެއަކު އެހިއެވެ.

"ވީ ކިހިނެއްތަ؟" މުސްކުޅި މީހަކު ގޮވާލިއެވެ.

"އަހަރެންގޯތި ސޮރު ކޮބާ؟. ހެނދުނުއްސުރެ އަދި ނުދެކެން." އަންހެނަކު ރޮނީއެވެ.  

އެއްބަޔަކު ރޮނީއެވެ. އަނެއްބަޔަކު އުޅެނީ ގޭގެ މީހުން ހަމަތޯއެވެ. މައިން އެމީހުންގެ ދަރީން ކިހިލި ޖަހައިގެންނެވެ. ބޭބެމެން ކޮއްކޮމެންގެ އަތުގައި ހިފައިގެންނެވެ. ފިރިހެންވެރިން ސިފައިންނަށް އެހީތެރި ވުމުގައެވެ. އެންމެވެސް ބަލަނީ މަރުވީ ކޮންބައެއްތޯއެވެ؟ ދިރިހުރީ ކޮންބައެއްތޯއެވެ. މުޅިތާވަނީ ނާމާންކަމާއި ބިރުވެރިކަމެވެ.

"އަހަރެންގެ ކުދިން ހަމަ." އަންހެނަކު ބުންޏެވެ.

"ބޮމެއް ގޮވީ." މުސްކުޅި ފުރައިގެ މީހަކު އެއްވެފައި ތިބި މީހުންގާތު ބުންޏެވެ.

"ކާކު ބުނީ؟ ކީއްވެ ބޮމެއް އޮންނަންވީ މިރަށުގަ؟" ބޭބެއަކު ބުންޏެވެ.

"ނޭނގޭ ވާހަކަ ނުދައްކާ ހުރޭ." ޒުވާނަކު ބުންޏެވެ.

މުޅި ރަށުތެރޭގައިވަނީ ހަލަބޮލިކަމެވެ. ކަންބޮޑުވުމާއި ވެގެން އުޅޭގޮތް ސާފު ނުވާތީ އުފެދިފައިވާ ނުތަނަވަސް ކަމެވެ. ބިރުވެރިކަމާއި ހައިރާންކަން ނުފެންނަ އެންމެ މޫނެއްވެސް ނެތެވެ.

"ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންނަށް އެހީތެރި ވެދެއްވާ. މިއުޅެނީ ބޮޑު ގޭސްފުޅިއެއް ގޮވައިގެން. އަޅުގަނޑުމެން މިދަނީ ރައްކާތެރިކަން ކަށަވަރު ކުރަމުން. އެއްވެސް ބޭފުޅަކު އަޅާފައިވާ ޓޭޕްގަނޑުން އެތެރެއަށް ނުވެންނެވުން އެދެން." ސިފައިންގެ އެނައުންސްމަންޓް އަތުވެއްޖެއެވެ.

"ގޭސް ފުޅިއެއް ގޮވީއޯ.. އެކަމަކު ހީވަނީ ބޮމެއް ގޮވިހެން.." ހަރުކުލައިގެ މީހަކު ބުންޏެވެ.

"ކޮންމެ ބޭފުޅަކުވެސް އެގެއެއްގެ މީހުންނާ ބައްދަލު ކުރައްވާ.. މަރުވެފައިވާ ހަށިތަކުން އެއީ ކޮންބައެއްކަން އަދި ސާފެއް ނުވޭ." ހާސްވެފައިވާ މީހުންގެ ތެރެއަށް އަންނަމުން އަޔާން ބުންޏެވެ.

އަޔާންވެސް ޒަޚަމްވެފައިވާ މީހުން ނަގަމުން ދިޔައެވެ. ވީހާވެސް އަވަހަކަށް މީހުން ހޮސްޕިޓަލަށް ފޮނުވަމުން ދިޔައެވެ. ގަދަ އަޑުފަށްގަނޑަކާއިއެކު އުފެދުނު ބިރުވެރިކަމާއި ހަލަބޮލިކަމަށް ނިމުމެއް ނާދެއެވެ.

ތަޤްދީރުގެ ރޭވުން ދެކިބަލާށެވެ. ރާނިޔާގެ މަންމަ ވަޅަށް ތިރިކުރި އިރު އަޔާންގެ ކޮނޑުގައި ޒަޚަމު ވެފައިވާ މީހުން އުފުލަނީއެވެ. މީހުންގެ ފުރާނަތައް ސަލާމަތް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރަނީއެވެ.  ކޮންފަދަ އިންސާނީ ޚިދުމަތެއް ހެއްޔެވެ؟ އަންހެނުންގެ މަންމަ ދާއިމީ ގޮވެއްޗަށް ދަތުރު ކުރިއިރު އަޔާން ދަނީ އެތައް ފުރާނައެއް ސަލާމަތް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. ހިތްތައް ޒަޚަމްވެފައިތިބި މައިންނަށް ނަސޭހަތް ދެމުންނެވެ.  އޭނާގެ އުފަންނުވާ ދަރިފުޅުގެ މަންމަ ހިތުގައި އަޅާނެ ވޭން އޭނާއަށް އިޙްސާސްވެއެވެ. ނަމަވެސް މިއަދު އޭނާއަށް ޖެހިފައިވަނީ އެހެން ބައެއްގެ ހިތްތަކަށް ފަރުވާދޭށެވެ. ނުދަންނަ ބައެއްގެ ފުރާނަތައް ސަލާމަތް ކުރާށެވެ.  

ހުރިހާކަމެއް ނިންމާފައި އަޔާނަށް އާދެވުނުއިރު ދެ ދުވަސް ވެއްޖެއެވެ. ރާނިޔާ ފުރާނަ ހުއްޓަސް މަރުވެފައިވާ މީހެއް ފަދައެވެ. އަޔާން ފެނުމާއެކު އޭނާ އަޔާންގެ ގައިގާ އޮޅުލައިގަތެވެ. އޭނާ ދެން އަޔާނެއް ދުލެއް ނުކުރާނެއެވެ. ދުވަހަކުވެސް ރަށުން ބޭރަކަށް ނުފޮނުވާނެއެވެ.

"އަޔާން...." ރާނިޔާ ބާރުބާރަށް ރޯންފެށިއެވެ. އަޔާން ރާނިޔާ މަސަލަސް ކުރެވޭތޯ ބެލިއެވެ. އެންމެ ފުރިހަމަ މާނައިގާ ފިރިއަކު މިފަދަ ވަގުތަކު ދޭންޖެހޭނެ ހުރިހާ އޯގާތެރިކަމެއް ރާނީއަށް ދިނުމަށެވެ.  

އަޔާން އެންމެ ވަގުތު ކޮޅެއްވެސް ރާނީއަކާ ދުރަކަށް ނުދެއެވެ. މަޑުމަޑުން ރާނިޔާ ހަމަޔަކަށް އެޅެމުން ދިޔައެވެ. އަޔާން އަންނަނީ ބައްޕައަކަށް ވާތީ ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ. ރާނިޔާ އެދޭ ގައުމަކުން މެއިޑެއް ގެނައުމުގެ މަސައްކަތެވެ. ކުޑަ ދަރިފުޅުގެ ކޮޓަރި ތައްޔާރުކޮށް ޑެކަރޭޓް ކުރުމުގެ މަސައްކަތެވެ. ރާނިޔާ ހުންނަނީ ނުހަނު އުފަލުންނެވެ. އޭނާގެ ހުރިހާވެސް މީހަކީ އަޔާނެވެ. އެއީ އޭނާގެ ފުރާނައެވެ. އުފަލެވެ. ހިތުގެ ހަމަޖެހުމެވެ.

"މަންމާ.. ރާނީގެ މަންމަ ނިޔާވީ އަޅުގަނޑު މިޝަންއެއްގަ ހުއްޓާ.. މިހާރު ބިރު ގަންނަނީ ވިހަން ތައްޔާރުވެފައި ހުއްޓާ ދާން ޖެހިދާނެތީ." އަޔާން މަންމައަށް ގުޅާ ރާނިޔާ މަންމަ ނިޔާވި ޚަބަރު ދިނެވެ.

"ދަރިފުޅާ.. ރާނީ މިހާރު ވަރަށް އެކަނިވާނެ. މަންމަ ދެވޭތޯ ބަލާނަން. ކަމެއް ގޯސްވަންޏާ މަންމައަށް އަންގާތި؟" ރަހުމާ ބުންޏެވެ.

"އެހެންވެ މިދުވަސްކޮޅު ރާނިޔާ ގާތު މަޑުކޮށްލައިގެން މިހުރީ. މަހެއް ފަހުން ވިހާނެ. މަންމަ އަތުވެއްޖެނަމަ އޭނާ ވަރަށް އުފާވާނެ. އަޅުގަނޑު ފިޔަވާ އޭނާގެ އެކަކުވެސް ނެތް. މަންމާ.. އަސްލު އަޅުގަނޑު ވަރަށް ބިރު ގަނޭ." އަޔާން ކުރެހިފައިވާ އަޑަކުން ބުންޏެވެ.

"ދަރިފުޅު ދެރަނުވޭ. ބައްޕަ ނުގަބޫލުގައިވެސް މަންމަ ދާނަން. މަންމައަށް ވާނުވާ އަންގާތި؟" ރަޙްމާ އަޔާނަށް ހިތްވަރުދިނެވެ. އަޔާންގެ ގޮތް އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ. ހަގީގަތުގައިވެސް އަޔާން ރާނީ ދެކެ ވަރަށް ލޯބިވެއެވެ. ރަޙްމާ ހިނިތުންވެލިއެވެ.

އަޔާން ފޯނު ބޭއްވިއެވެ. މަންމަ ގާތު އަދިވެސް އަޔާން ބޮޑެއް ނުވެއެވެ. އަޔާނާއި ރާނިޔާ ދިޔައީ ކާރު ދުއްވާލާށެވެ. ދެމީހުން އެކުގައި އަތިމަތީގައި ހިނގާލިއެވެ. އަދި ތަނަކަށް ވަދެ ރޭގަނޑުގެ ކެއުން ނިންމިއެވެ. އަޔާންގެ ހުރިހާ ސަމާލުކަމެއް ހުރީ ރާނިޔާ އަށެވެ. ރާނިޔާއަށް އެކަން އިހުސާސްވެއެވެ. އެހެންކަމުން އޭނާ އެންމެ ވަގުތުކޮޅެއްވެސް އަޔާނަކާއި ދުރަކަށް ނުދެއެވެ.

ނުނިމޭ

+1
1
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް