April 23, 2026 16:40
Advertisement

-Advertisement-

ވާހަކަ: އިހާ (ސޯޅަވަނަބައި)

އަޑިއަށް ދަމުން ދިޔަ ލޯންޗުންގައި ތިބި މީހުން ދެން ސަލާމަތް ނުވާނެހެން ހީވުމުން ކަނޑަށް ފުންމާލިއެވެ. އެ ތިން މީހުންނާ ދިމާއަށް ކޯސްޓް ގާޑުން ލައިފްޖެކެޓް އުކަމުން ދިޔައެވެ. އަދި ވާންވީ ގޮތުގެ އެނައުންސްމަޓް ދެމުންދެއެވެ. އެންމެ ފަހުން އެ އުޅަނދު އެއްކޮށް އަޑިއަށް ހިނގައްޖެއެވެ. ޑްރަގް އެތެރެކުރި ލޯންޗް އަޑިއަށް ފައްތާލިއެވެ.

ރަހުމް ދޯނީގައި ދިވެހިން ތިއްބެވެ. އެމީހުންނަކަށް ސިފައިންނާ ނުކިޔަމަންތެރި ވާކަށް ނުކެރުނެވެ. ދޯނި އޮތް ގޮތަށް އޮތީއެވެ. ކުޑަލޯންޗް އަޑިއަށް ދިއުމުން އޭގައި ތިބި މީހުން ތިބީ ވަރަށް ބިރުންނެވެ. އެމީހުންނަށްވެސް އިތުރުގޮތެއް ނެތްކަން ޔަގީން ވުމުންނެވެ. އެންމެފަހުން އެމީހުން ސިފައިންނަށް އަމާން ދިނެވެ. އޭރު އެއްބަޔަކު ކޯސްޓްގާޑުން ކަނޑަށް ފައިބައިގެން ރަހުމް ދޯންޏާއި ދިމާއަށް ފީނާފައި ދަނީއެވެ. އޭގެ ތެރޭގައި އަޔާން ހިމެނެއެވެ.

އެންމެ ފުރަތަމަ ދޯންޏަށް އެރީ އަޔާނެވެ. ދޯނީގައި ބޭރު މީހަކު ހުއްޓެވެ. އޭނާ ދޯނި ދުއްވުމަށް އަމުރު ކުރަމުން ދިޔައެވެ. ދޯނީގެ މީހުންނާ ދިމާއަށް ދޯނި ސްޓާޓް ކުރުމަށް އެދި ހަޅޭއްލަވަމުން ދެއެވެ. ކުއްލިއަކަށް އަޔާން ދޯންޏަށް އެރިތަން ފެނުމުން އޭނާގެ އަތުގައި އޮތް ކުޑަ ފިސްތޯލަ އަކުން އަޔާންގެ ގަޔަށް ޖަހައިފިއެވެ. އެ ވަޒަން އަޔާނާ އަމާޒުވިއެވެ. އޭނާގެ ގައިން ދުނިޖަހާފާ ލޭތައް ބުރައިގެން ދިޔައެވެ.

Advertisement

"ﷲ އަކްބަރު.." އަޔާން ގޮވާލިއެވެ.

ޑޮކްޓަރު ބުނާހާ ގޮތެއް ހަދާ ހަދާ ރާނިޔާ ވަރުބަލި ވެއްޖެއެވެ. ނަމަވެސް ވިހެއުމުގެ ވޭންވަރެއް ނުކެނޑެއެވެ. ރާނިޔާގެ ދެލޯ މެރިއްޖެއެވެ. އޭނާގެ ގައިން ވަރު ހުސްވެއްޖެއެވެ. އެނދުގެ ފަޑީގައި ހިފަހައްޓައިގެން ހުރި ދެއަތުން ވާގި ގޮސްފިއެވެ. ދެއަތް އެނދުން ދޫވެ އެނދުގެ ބޭރަށް އެލިއްޖެއެވެ. ދެން އިތުރަށް ހިތްވަރު ނުކުރެވޭނެކަން އޭނާއަށް އެނގެއެވެ.

"ޔާ ﷲ.. މިއަޅާ ވަކީލު ކުރަނީ އިބަ ﷲ. މިއަޅާގެ ކަންކަން ފަސޭހަ ކޮށްދެއްވާންދޭ." ރާނިޔާއަށް މިހެން ބުނެވުނީ ވަރަށް މަޑުންނެވެ. އޭނާގެ ޚަބަރު ހުސްވިއެވެ. ދެލޯ މެރިއްޖެއެވެ.

ރާނިޔާ ކުރަމުން ދިޔައީ ހިތްވަރުގަދަ ޖިހާދެއް ނޫން ދެން ކޮންކަމެއް ހެއްޔެވެ؟ އޭނާ ބަނޑުގައި ރިހިރިހި ހުއްޓާ ފިރިމީހާ މިވަތަނުގެ ހައްޤުގައި ފޮނުވީއެވެ. ޝަކުވާއެއް ނެތި އެ ބައްޕައަށް ދަރިއެއް އުފަން ކުރަނީއެވެ. އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ކޮންކަހަލަ ނަމޫނާ މަންމައެއް ހެއްޔެވެ؟

އަޔާން އޮތީ ދޯނީގެ މަޅުމައްޗަށް ވެއްޓިފައެވެ. އޭނާގެ ގައިން ލޭ ފައިބަމުން ދެއެވެ. ނަމަވެސް ގައުމުގެ ދިފާޢުގައި އޭނާގެ ވާޖިބު އަދާ ކުރުން މަތީ ދެމިހުއްޓެވެ. ހޮސްޕިޓަލްގައި އޭނާގެ ލޯބިވާ އަންހެނުން އޭނާގެ ފުރަތަމަ ދަރިފުޅު ދުނިއެއަށް އުފަން ކުރުމަށް ކުރަމުންދާ ހަނގުރާމަ އޭނާއަކަށް ނޭނގެއެވެ. ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ތަޤުދީރު އެކުދިންނާ މިކުރިމަތި ކުރަނީ ކޮންކަހަލަ ހިތްދަތިކަމެއް ހެއްޔެވެ؟ ވެއްޓިފައި އެ އޮތީ ނިކަމެތި އަންހެން ކުއްޖެއްގެ ފިރިމީހާއެވެ. ދިވެހި މަންމައަކާއި ބައްޕައެއްގެ ހަމައެކަނި ދަރިފުޅެވެ. ޤައުމީ ޚިދުމަތަށް ނިކުތީ މުއްސަނދި ދިރިއުޅުން ދޫކޮށްލާފައި ޤައުމަށް ޚިދުމަތްކުރަން އޮތް ޝައުގަކުންނެވެ. ގައިމުވެސް ދުނިއެއަށް އުފަންވާ އެ ތުއްތު ތުއްތު ދަރިފުޅު އެ ބައްޕައަކަށްޓަކައި ފަޚުރުވެރި ވާނެއެވެ.

"އަލްޙަމްދު ލިﷲ... ފިރިހެން ކުއްޖެއް." ޑޮކްޓަރު ނިކުމެ ޒަމީރަށް ޚަބަރު ދިނެވެ. އެތާތިބި ބައެއް ސިފައިން އުފަލުންގޮސް ހަޅޭއް ލަވައިގަނެވުނެވެ. އަދި ޒަމީރުގައިގާ ބައްދާލިއެވެ. އަޔާން ކުރަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ޚަބަރު އެމީހުންނަށް އެނގެއެވެ. އެމީހުންގެ ހިތުގައި މި ކުޑަކުޑަ އާއިލާއަށް ވަނީ އާދަޔާ ޚިލާފް ލޯތްބަކާއި ޤަދަރެއް އުފެދިފައެވެ.

 އަޔާންގެ ކޮނޑާދިމާ ތިރިން އަތުގެ މަސްގަނޑަށް އެރި ވަޒަނުން އޭނާގެ ހިތްވަރެއް ބައްޔެއް ނުކުރެވުނެވެ. އޭނާ ތެދުވިއެވެ. އަވަސް ހަރަކާތަކާއިއެކު ބަޑިޖެހިމީހާގެ ގައިގައި ފައިން ޖެހިއެވެ. އެމީހާ ވަތަށް ވެއްޓިއްޖެއެވެ. އަޔާންގެ ފަހަތުން އެރި ސިފައިން އެމީހާއާއި އެކު ދެންތިބި މީހުން ބިޑި އަޅުވައިފިއެވެ. އަޔާން ތެދުވެގެން ގޮސް ޖަމީލުގެ އަތުގައި ބިޑި އަޅުވައިފިއެވެ. އޭރުވެސް އޭނާ އަތުން ލޭ އާދެއެވެ.

"އަޔާން... އަހަރެން ދޫކޮށްލާ.. އަޔާންގެ ބައްޕަ.... މަށެއް..ނޫން." ޖަމީލު ހުރީ ބިރުން ފިއްކަނޑައިގެން ދާވަރު ވެފައެވެ.

"ޖަމީލު ހީކުރީ ބައްޕަގެ ހެޔޮކަން ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނަގާކަން އަހަންނަށް ނޭނގޭ ކަމަށްތަ؟ މިހާރު ބައްޕަޔަށްވެސް އޮންނާނީ އެކަން އެނގިފައި. ކަލޭ އެތެރެ ކުރާ ޑްރަގްގެ ލާރިތައް ބައްޕައަށް ފެންނާނެގޮތަށް ހަދާފައިވާނެ. މިހާރު ނުފެންނަކަމެއްވެސް ނޭނގެ. ކަލޭ ހައްޔަރު މިކުރީ މި ނުބައި ޢަމަލުގެ ތެރޭން. އެހެންވީމާ ބައްޕަ ނުބައި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ." އަޔާން ބުންޏެވެ.

އަޔާންގެ އަތަށް ވަޒަން ވަދެފައިވަނީ އަރިމަތިންނެވެ. އެހެންކަމުން މާބޮޑު ނުރައްކަލެއް ނެތެވެ. ކޯސްޓް ގާރޑްގެ ކާމިޔާބު އޮޕަރޭޝަނަށްފަހު ގަމަށް އައެވެ. އަޔާންގެ ހިތްވަރާއި ކާމިޔާބީއަށް ތަޢުރީފް އޮހެމުން ދިޔައެވެ. އޭނާ އަވަސްވީ ހޮސްޕިޓަލަށް ދާށެވެ. ޒަޚަމްވެފައިވާ ތަނުގައި އަޅާފައިވާ  ފޮތިގަނޑުގައި އަދިވެސް ލޭގެ އަސަރު ހުއްޓެވެ.

އޭނާ އަހަނީ ރާނިޔާގެ ވާހަކައެވެ. އެންމެން ގާތު އެހީމާވާވެސް ރާނިޔާ ވީ ހޮސްޕިޓަލުގައި ކަމަށް ބުންޏެވެ. ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބުން ވާހަކައެއް އެކަކުވެސް ނުބުނެވެ.

"ރާނީ ކިހިނެއްތަ؟" އަޔާން އެހިއެވެ.

"ހޮސްޕިޓަލުގަ." ޒަމީރު ބުންޏެވެ.

"އޭނަ ރަނގަޅުތަ؟ ވިހައިފިތަ؟" އަޔާން ފަހަރަކު ސުވާލެއް ކުރަނީއެވެ.

"ޑޮކްޓަރަކަށްނު އެނގޭނީ... އަވަހަށް ހިނގާ." އެންމެންވެސް ތިބީ އަޔާނަށް ސަޕްރައިޒް ދޭން ނިންމައިގެންނެވެ. އެހެންކަމުން ރާނިޔާ ފިރިހެން ކުއްޖެއް ވިހޭ ވާހަކައެއް އަދިވެސް ނުބުނެވެ.

"ޒަމީރަކާނު އަހަރެން ހަވާލުކުރީ.." އަޔާން ރުޅިއައެވެ.

"ދެންވެސް އަވަހަށް ޑޮކްޓަރާ ބައްދަލުކުރަން ހިނގާ." ޒަމީރު ބުންޏެވެ.

އެންމެން ކަހަލަގޮތަކަށް އަޔާން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އޭރުވެސް އޭނާގެ ޔުނީފޯމުގައި ލޭ ހުއްޓެވެ. ރާނިޔާ އޮތީ ވިހާ ކޮޓަރީގައެވެ. އޮބްޒަވޭޝަންގައި ބާއްވާފައެވެ. ރާނިޔާގެ ގާތުގައި އޮތް ފިރިހެން ދަރިފުޅު ފެނުމުން އޭނާއަށް ވީގޮތެއް ބުނަންވެސް ނޭގުނެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އައެވެ.

"ރާނީ......" އަޔާން ރާނީގެ ނިއްކުރިއަށް ދޮނެއް ދިނެވެ.  

"ގޮޅަ ރިހަ ކޭމީހާއަށް ވީގޮތް އެނގިއްޖެއެއްނު. އެހެންވެ އަހަރެން ގޮޅަ ރިހަ ނުކާން ނިންމައިފިން." ޒަމީރު އަޔާންގެ ގައިގާ ބައްދާލިއެވެ. އަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެންމެން އައިސް އަޔާނަށް މަރުޙަބާ ކިޔެވެ.

"ބައްޕައަށް ހުރިހާ އެއްޗެއް ކިޔައިދިނީ ޒަމީރު. ބައްޕައަށް މާފުކުރޭ ދަރިފުޅާ." ވާހިދު އައިސް އަޔާންގެ ގައިގާ އޮޅުލައިގަތެވެ. އޭނާގެ ލޮލުން އަންނަމުންދާ ކަރުނަތައް އަޔާން ފޮހެލާދިނެވެ. އަދި ބައްޕަގެ ގައިގާ ބައްދާލިއެވެ. ރަޙްމާ ދިޔަގޮތަށް ގޮސް ތުއްތު ތުއްތު ދަރިފުޅު އުރާލިއެވެ.

"އާއިލާގެ އެހީ ނުލިބުނަސް ސިފައިންގެ އާއިލާއިން މި ކުޑަކުޑަ އާއިލާ ބަލަހައްޓާ ދިން. ތިޔަ "އިހަލުން" މި އާއިލާއަށް ޖާގަ ދިން." ރަޙްމާ ދަރިފުޅު ގޮވައިގެން ޒަމީރު ގާތަށް އައެވެ.

"މި ދަރިއަށް ނަން ކިޔަންވާނީ ސިފައިން. ތި އޮފިސަރުން." ރަޙުމާ ބުންޏެވެ.

"އަޔާން..... އަޔާން ދޯ ނަން ކިޔަންވާނީ." ޒަމީރު އަވަސް އަވަހަށް ބުންޏެވެ. އަދި އެންމެންގެ މޫނަށް ބަލަން ހުއްޓެވެ. އެންމެންވެސް ތިބީ އެއްޗެއް ބުނަން ނުކެރިފައެވެ. އެންމެންވެސް އަޔާންގެ މޫނަށް ބަލަމުންދެއެވެ.

"މަންމަ އެބުނީ ރަނގަޅަށް. އަހަރެންގެ އާއިލާ ގުޅިފައިވަނީ ސިފައިންގެ އާއިލާއާ." އަޔާން ބުންޏެވެ.

"ރަޔާން.." ޒަމީރު ކުއްލިއަކަށް ބުންޏެވެ.

"ރަޔާން.. ރާނީ.. ވަރަށް ރީތި ނަމެއް." އަޔާން ބުންޏެވެ. އެންމެން ހަޅޭއް ލަވައިގަތެވެ. މުޅި މާހައުލުގައި ވަނީ އުފާވެރިކަމެވެ. އެކަކު އަނެކަކާ ސަލާން ގަލާން ކުރަނީއެވެ. އަޔާން ގޮސް ރާނީޔާ އަތުގައި ހިފާލިއެވެ.

"ޝުކުރިއްޔާ." އަޔާން ބުންޏެވެ.

************

ޖެހިގެން އައި އަހަރެވެ. މުޅި ހޯލުގައި ވަނީ ސިފައިންނާއި އެމީހުންގެ އާއިލާއެވެ. ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ކުރިއަށްދާތީއެވެ. މިނިސްޓަރުގެ އަތްޕުޅުން އަޔާނަށް "ބްރެވަރީ އެވޯޑް" ލިބުނީއެވެ. އަޔާންގެ ދަރިފުޅު ރަޔާނާއި ރާނީ އަދި މަންމައާއި ބައްޕަ ގާތުގައި ހުއްޓެވެ.

"ދަރިފުޅާ! ދަރިފުޅަށްޓަކައި އަދި ތިޔަ ޔުނީފޯމަށް ބައްޕަ ފަޚުރުވެރިވަން. އަބަދުވެސް ފަޚުރުވެރި ވާނަން." ވާހިދު ބުންޏެވެ. ރަޙްމާ ހިނިތުންވެފައި ހުއްޓެވެ. ރަޔާން އުރައިގެން ހުރި އަޔާން އައިސް ރާނިޔާއާއި ރަޙްމާ ގައިގާ ލައްވެލިއެވެ. ވާހިދުވެސް ދެއަތުން އެންމެން ވަށްކޮށްލިއެވެ. ފޮޓޯނެގުމުގެ އަލިތައް އެޅެމުން ދިޔައެވެ.

ނިމުނީ

+1
0
+1
0
+1
5
+1
1
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް