April 23, 2026 19:41
Advertisement

-Advertisement-

ވާހަކަ: އިހާ (ނުވަވަނަބައި)

ރާނިޔާއަށް ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. މިއީ އޭނާއަށް ދުވަހަކުވެސް ވީގޮތެއް ނޫނެވެ. އޭނާ ލަދުންގޮސް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އަޔާންދެކެ ވަރަށް ލޯބިވެއެވެ. ކޮންމެ ސިކުންތެއް އަޔާނަށް އިންތިޒާރު ކުރެއެވެ. ނަމަވެސް އަޔާން އޭނާއާއި ސަމާސަ ކުރަނީއެވެ. އަޔާން އޭނާދެކެ ތެދުވެރި ލޯބި ވާނެހެއްޔެވެ؟ އެކަހަލަ ނިކަމެތި ކުއްޖަކު ބަލައިގަންނާނެ ހެއްޔެވެ؟ މިއީ ވަގުތީ ކަމެކެވެ. މާދަންވެސް އޭނާ ފުރައިގެން ދާއިރު ރާނިޔާ ބާކީވާނެއެވެ. އެކަނިވެ ނިކަމެތިވާނެއެވެ.

"އަހަރެން ބޭނުން ރާނީއާއި ކައިވެނިކުރަން." އަޔާން ރާނީގެ ކަންފަތް ދޮށުގައި ބުންޏެވެ.

ރާނިޔާއަކަށް ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އޭނާއަށް ރޮވިއްޖެއެވެ. ހިމޭން ވެވިއްޖެއެވެ. ހައިރާންކަމާއެކު އަޔާންގެ މޫނަށް ބަލަން ހުއްޓެވެ. އަދި އަމިއްލަ މޫނުގައި ޖެހިއެވެ. މަޑުމަޑުން ފަހަތަށް ޖެހެވިއްޖެއެވެ. އޭނާއަށް މިކަން ހީވަނީ ހުވަފެނެއް ހެންނެވެ. އަދިވެސް ޔަގީން ނުކުރެވެނީއެވެ.

Advertisement

"ކިހިނެއްވީ؟ ރާނީ ހިތްހަމަ ނުޖެހުނީތަ؟" އަޔާން ރާނިޔާގެ އަތުގައި ހިފާލިއެވެ.

"ނޫން. ގަބޫލު ނުކުރެވެނީ. އަޅުގަނޑު ކަހަލަ ނިކަމެތި މީހަކާ އަޔާން ފަދަ ބޭފުޅަކު ކައިވެނި ކުރައްވާނެކަން ގަބޫލުކުރަން އުނދަގޫވަނީ." ރާނިޔާގެ އަޑު ކުރެހެމުން ދެއެވެ.

"އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް އަހަރެން ރާނީދެކެ ލޯބިވެވިއްޖެ. އިންކާރު ނުކުރޭ." އަޔާން ބުންޏެވެ.

ރާނިޔާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާ އެއްފަހަރާ ލިބުނުހެންނެވެ. އޭނާއަށް އުފަލުން އުޅެވޭ ގޮތެއްވެސް ނޭނގެއެވެ. އެންމެ ފަހުން އޭނާ އަޔާންގެ އަތުގައި ހިފާލިއެވެ. އަޔާންގެ މޭގައި އޭނާގެ ކޮނޑު ޖައްސާލިއެވެ. ފުންނަޒަރަކުން އަޔާންގެ ލޮލަށް ބަލާލިއެވެ. އެ ބަލާލުމުގައިވަނީ ތެދުވެރި އަޙްދަކާއި ވަޢުދެކެވެ. އުމުރަށް ދާއިމަށް އެކުގައި އުޅެން ވާ އެއްބަސްވުމެވެ. ރާނިޔާއަށް ލޯ މަރާލެވުނެވެ.

އަޔާން ދެދުވަހަށް ފުރައިގެން ދިޔައީ ކައިވެނީގެ ރުހުން ހޯދުމަށެވެ. އާއިލާގެ ރުހުމާ ނުލާ ސިފައިންގެއަށް ވަނުމުން މިހާރު އޭނާ ތަޙައްމަލް ކުރަމުންދާ ހިތާމަތައް ވަކި ކުޑައެއް ނޫނެވެ. ވީމާ ކައިވެނިފަދަ ބޮޑު ނިންމުމެއްގައި އޭނާ މަންމަގެ ރުހުން ބޭނުމެވެ. އަޔާން ގެއަށް ވަންއިރު މަންމަ އިނީ ޓީވީ ބަލާށެވެ. އޭރު ޓީވީން ފޮނުވަމުންދިޔަ ޚަބަރަކީ ލ. އަތޮޅުން ބޭރުގައި އިންޖީނު ހުއްޓިގެން އޮޔާދަމުން ދިޔަ ލޯންޗެއް ސިފައިން ސަލާމަތް ކުރިވާހަކައެވެ. މާބަނޑު އަންހެނަކު ކޯސްޓްގާރޑުގައި ވިހޭ ވާހަކައެވެ. އަދި އެ އަންހެންމީހާގެ ފިރިމީހާ ދެމުންދާ އިންޓަވިއުއެވެ.

"ދަރިފުޅު... އަންގާވެސް ނުލާ." ރަޙްމާ އުފަލުން ތެދުވިއެވެ.

"މުހިއްމު ކަމަކު. ކޮބާ ބައްޕަ؟" އަޔާން މަންމަ ގާތަށް އައެވެ.

"ބައްޕަ އުޅެނީ ވަރަށް ބޮޑު ހާސްކަމެއްގައި. ސަޕްލައި ދޯނި ހަވާލުކޮށްގެން އުޅޭ ޖަމީލުއާއި ދެމީހުން ކޮންމެވެސް ޒުވާބެއް ކުރާއަޑު އިވުނު." ރަޙްމާ ދަރިފުޅު ގައިގާ ބައްދާލިއެވެ.  

"މަންމާ.. އަސްލު މިއައީ ވަރަށްބޮޑު ކަމަކު. މި ވާހަކަ ދެއްކުން ލަސްކުރެވޭކަށް ނެތް." އަޔާން މަންމަގެ އަތުގައި ހިފާލިއެވެ.

"އެވާހަކަ ބާއްވާ. ދަރިފުޅު ތިކުރާ މަސައްކަތަށް މަންމަ ފަޚުރުވެރިވަން." ރަޙްމާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ އުޅުނީ އަޔާނަށް ކާއެއްޗެއް ގެނެސް ދޭށެވެ.

 "އަޅުގަނޑު މީހަކާ އިންނަން ނިންމައިފިން." އަޔާން މަޑުމަޑުން ބުންޏެވެ.

ކާގެއަށް ދިއުމަށްޓަކައި ދިޔަ ރަޙްމާ ހުއްޓުން އެރިއެވެ. އަދި އަޔާނަށް ބަލާލިއެވެ. އަޔާންގެ މޫނުގައި ވަނީ ސީރިއަސް ކަމެވެ. ހަރުދަނާ ކަމާއި ގޮތް ދޫނުކުރުމެވެ. އެއީ ހަމަ އޭނާގެ އަޔާން ހެއްޔެވެ؟ އެ ކުޑަކުޑަ ސޮރު މިހާރު ކިހާ ބޮޑުވެއްޖެ ހެއްޔެވެ؟ އެއީ މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވާހިދުގެ ފަރާތުންވެސް އޭރު ފެނުނުފަދަ ހަރުދަނާކަމުގެ ސިފަތަކެވެ.

"މަންމާ." އަޔާން ހުރީ ރަޙްމާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

"ތީ ވަރަށް ރަނގަޅު ނިންމުމެއް. މަންމަ މިހާރު އެންމެ ދެކެން ބޭނުންވާ ކަންތައް ތީ. އެއީ ކޮންކުއްޖެއް؟" ރަޙްމާ އެހިއެވެ.

"ރާނީ.. ލ. ގަމު ކުއްޖެއް. ޓީޗަރެއް އެއީ." އަޔާން އުފަލުން ގޮސް މަންމަގެ ގައިގާ ބައްދާލިއެވެ.  

"ދަރިފުޅު އަވަހަށް ކައިވެނިކޮށްގެން އެ މަންޖެ މިގެއަށް ގެނޭ. މިގޭގެ ފަޅުކަންވެސް ފިލާނީ އޭރުން." ރަޙްމާ ހުރީ އުފަލުންނެވެ.

"މަންމާ! އޭނާގެ މަންމައަކީ ޕެރަލައިޒް ވެފައިވާ މީހެއް. އޭނާއަކަށް މަންމަ ދޫކޮށްލާފަ މާލެއަކަށް ނާދެވޭނެ." އަޔާން ދެރަވެލާފައި ބުންޏެވެ.  

"ތި ކައިވެންޏާ އަހަރެން ދެކޮޅު. ރަށްރަށުގައި ތިބޭ ނިކަމެތި ކުދިންނާ ކައިވެނިކުރާކަށް އަޔާނަކަށް ނުޖެހޭނެ. ކިޔަވައިގެންހުރި މުއްސަނދިކުދިން މި މާލޭގައި މަދެއް ނޫން." އެތެރެއަށް ވަދެގެންއައި ވާހިދު ވަރަށް ބާރަށް ބުންޏެވެ.

އަޔާން ކަންފަތުގައި އެ ނުރުހުމުގެ އަޑު ގުގުމަމުން ދިޔައެވެ. އޭނާގެ ވިސްނުމާއި ބައްޕަގެ ވިސްނުން އެހާ ތަފާތީ ކީއްވެހެއްޔެވެ؟ ރާނީއާއި ނުލާ އޭނާއަކަށް ނޫޅެވޭނެއެވެ. އަދި ބައްޕަގެ ނުރުހުމާ ނުލާ އޭނާއަށް ކައިވެނިކުރަން އެހާމެ އުނދަގުލެވެ. އަޔާނަށް ވަގުތުން ހުއްޓުން އެރިއެވެ. އޭނާ ސޯފާއަށް ވެއްޓިގަތެވެ. ދެންމެ މޫނުމަތީގައި ހުރި އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. ރަޙްމާއަށް ހުރިހާކަމެއް ފެނުނެވެ.

ނުނިމޭ..

+1
0
+1
1
+1
2
+1
0
+1
0
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް