Advertisement
header ad
XeeTimesXeeTimes
ޝަހީދާ: އުފަންވީއިރުއްސުރެ ލޯފަންހާލުގައި ދިރިއުޅެމުންދަނިކޮށް ކުއްލިއަކަށް ނުހިނގި ބަލިއެނދުގައި ސިއްޙަތު

ޝަހީދާ: އުފަންވީއިރުއްސުރެ ލޯފަންހާލުގައި ދިރިއުޅެމުންދަނިކޮށް ކުއްލިއަކަށް ނުހިނގި ބަލިއެނދުގައި

ބ. އޭދަފުށީ ޝަހީދާ ޔަހުޔާ 63 އ. އާއި އެންމެ ފުރަތަމަ އަޅުގަނޑާއި ދިމާވީ މިއަހަރުގެ ފެބްރުއަރީމަހު އޭދަފުއްޓަށް ކުރި ދަތުރުގައެވެ. އުފަންވީއިރުއްސުރެ ލޯފަންމީހަކަށް ވީކަމުގައިވިޔަސް ޝަހީދާ އަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންއައި މީހެކެވެ. މަންމަ އާއި ބައްޕަ ނިޔާވުމަށްފަހު އުފަން ރަށުގައި ދިރިއުޅެމުން އައީ ދައްތައާއި އާއިލާ ކައިރީގައެވެ. 2022 ވަނަ އަހަރު ޑިސެމްބަރުމަހު ޒީޓައިމްސް އިން ވާނީ ޤުރުއާން ހިތުދަސްކުރުމަށް ޝަހީދާ ކުރަމުން އައި މަސައްކަތުގެ ރިޕޯޓެއްވެސް ގެނެސްދީފައެވެ. ޝަހީދާވަނީ ޤުރުއާނުން ބައެއް ހިތުދަސްކޮށްފައެވެ.

ޒީޓައިމްސް ފައުންޑަރ އަދި ޗީފް އެޑިޓަރ ޒީނާ ޒާހިރު އޭދަފުއްޓަށް ކުރި ދަތުރުގައި ޝަހީދާއާއިއެކު

" މިއަހަރުގެ އޮގަސްޓްމަހުގެ 15 ވަނަ ދުވަހު ދަންވަރު ކުއްލިއަކަށް ހިނގަން އުޅެ ނުހިނގުނު. މީހެއްގެ އެހީތެރިކަމާއެކުގައިވެސް ނުހިނގުނު. އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓް ކުރިގޮތަށް ޓެސްޓްތައް ހެއްދީ. އެއްމަސްދުވަހު އެޑްމިޓްކޮށްފައި ބޭއްވި. އެއްވެސް ކުރިއެރުމެއް ނުލިބޭ. ޑޮކްޓަރު ވިދާޅުވީ އިތުރަށް ދެވޭނެ ފަރުވާއެއް ނެތްކަމަށް. އަދި ވަކިބައްޔެއް ފާހަގަ ނުކުރެވޭކަމަށް. އެކަމަކު ޝަހީދާއަކަށް އަމިއްލައަށް ތަނެއްގައި ނީނދެވޭ. ކޮޅަށް ތެދުނުވެވޭ". ޝަހީދާގެ ބޭބެ އަހުމަދު ޝަފީޤު މައުލޫމާތުދިނެވެ.

ޝަހީދާގެ ހާލުބެލުމަށް ހޮސްޕިޓަލަށް ދިޔަދުވަހު ނަގާފައިވާ ފޮޓޯއެއް

އެޑްމިޓްކޮށްފައި އޮތްއިރު އަޅުގަނޑުވެސް ޒިޔާރަތްކުރީމެވެ. އެއިރު ޝަހީދާގެ ހާލަތު ވަރަށް ކައިރިން ފެނުނެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ޝަހީދާ ގެންދިޔައީ އޭދަފުއްޓަށެވެ.

Article - in content
Advertisement

" އައިޖީއެމްއެޗްއިން ދޫކޮށްލިއިރު ފުރޮޅުލީގޮޑީގައިވެސް ނީނދެވޭ. ބާއްވައިގެން ގެންގުޅެންޖެހެނީ. ރަށަށް ގެނެސް ތެޔޮއުނގުޅައި ކުރި މަސައްކަތުން 2 މީހެއްގެ އެހީތެރިކަމާއެކު ބިންމަތީގައި ފައި ހާކަމުން ކަހަލަ ގޮތަކަށް ފާހާނާއާއި ހަމައަށް ގެންދެވޭ. އަދި މީހެއްގެ އެހީތެރިކަމާއެކު އެނދުގައި އިށީނދެވޭ. މިއީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް ދެކެނީ". ޝަފީޤު މައުލޫމާތުދިނެވެ.

އާއިލާއިން މައުލޫމާތު ދޭގޮތުގައި ކުރިން ރަނގަޅަށް ހިނގާ، ބަދިގޭގައިވެސް ކުދިކުދި މަސައްކަތް ކޮށްއުޅުނު ޝަހީދާގެ އެންމެ ބޮޑު އެދުމަކީ އަމިއްލައަށް އަމިއްލަ ކަންތައްތައް ކުރެވޭނެ ގޮތެއްވުމެވެ. ރަނގަޅަށް ހިނގާއުޅެވޭ ގޮތްވުމެވެ.

އާއިލާއިން ވަނީ ޝަހީދާގެ ލިޔުންތައް އިންޑިއާގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކާއި ހިއްސާކޮށްފައެވެ.

" އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދަންނަ މީހަކަށް ޑޮކްޓަރުގެ ލިޔުންތައް ފޮނުވީ. އެމްއާރުއައިވެސް. އެމީހާ އިންޑިއާގެ ހޮސްޕިޓަލުގެ ޑޮކްޓަރަށް އެލިޔުންތައް ދެއްކީމަ ޑޮކްޓަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ ދާނީ ފަރުވާއަށްފަހު އަމިއްލައަށް ހިނގާފައޭ.. އެހެންވެ ރާއްޖެއިން ބޭރަށް ދާން ނިންމީ ޝަހީދާއަށް ފަރުވާލިބި ރަނގަޅުވޭތޯ މަސައްކަތްކުރުމަށް..".

ބ. އަތޮޅު ހޮސްޕިޓަލުން ވަނީ ޝަހީދާގެ ހާލަތު ބަޔާންކޮށް ތަފްސީލީ ލިޔުމެއް ދީފައެވެ. ވާހަކަދައްކަން އުނދަގޫވެ ހިނގުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

ޝަހީދާ އިންޑިއާއަށް ގެންދިއުމަށް 2 މީހެއްގެ ދެކޮޅުޓިކެޓާއި 500 ޑޮލަރަށް ވާވަރަށް ފަރުވާގެ ހަރަދު އެންސްޕާއިން ވަނީ ހަމަޖެހިފައިކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ. އެކަމަކު ފަރުވާއަށް މިއީ އެކަށީގެންވާ މިންވަރަކަށް ނުވާތީ އަދި އިންޑިއާގައި ގިނަދުވަސް ހޭދަވާނެތީ އާއިލާއިން އެދެނީ ޝަހީދާގެ ފަރުވާއަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.  

ޝަހީދާގެ ބޭބެ އަހުމަދު ޝަފީޤުގެ ދިވެހި ރުފިޔާ އެކައުންޓު ނަންބަރު 7719325708001

ގުޅޭނެ ނަންބަރު އަހުމަދު ޝަފީޤު: 7907041

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 72 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާ ނުވަތަ ބެލެނިވެރިޔާގެ އެކައުންޓަށެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —