ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުން މިއަދު ހުޅުވާލައިފި އެވެ.

މި ފައިނޭންސިންގ ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންގ އެކެވެ.
"ފައިނޭންސިންގ ހާއްސަކުރެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް. މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ހަމަޖެހިފައިވޭ. އަހަރަކަށް %7 ގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ".
Advertisement
މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި، ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރި ކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ. މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
"އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިފަދަ ފައިނޭންސިންގ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައި ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިންގ މެދުވެރިކޮށް ހޯދައި ދެވިފައިވާކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް."
ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ.









