އުމުރުން އެންމެ 6 މަހުގެ ޔުޢީން މުހައްމަދު، ގދ. ފަރެސްމާތޮޑާ ނިޔާވެއްޖެއެވެ.
ޔުޢީން އާއި ގުޅޭ ރިޕޯޓެއް ޒީޓައިމްސް އިން ގެނެސްދިނީ މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ޔުޢީން އަށް އިންޑިއާގައި ފަރުވާދޭތާ 4 މަސްދުވަސް ވީއިރު ޔުޢީން ނިޔާވީ އެސްޓަރ މެޑިސިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް މި އޮކްޓޯބަރުމަހުގެ 30 ވީ ހުކުރު ދުވަހުގައެވެ.
ފުރަތަމަ ޔުޢީން އަށް ފަރުވާދިނީ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލުގައެވެ. ކިމްސް ހޮސްޕިޓަލުން ފުރަތަމަ މަސައްކަތްކުރީ ލިވަރ ޓްރާންސްޕްލާންޓް ސާޖަރީ ނުކޮށް ބައިލް ފޮނުވައިދޭނެ ގޮތެއް ވޭތޯ ބެލުމަށެވެ.
" އާސަންދަ ހަމަޖެހިގެން އިންޑިއާއަށް ދެވުނުއިރު ކުއްޖާގެ ހާލަތު ވަނީ ވަރަށް ދަށްވެފަ. އެއިރު ބޮޑުކަމުދާތަކެތި ހުންނަނީ ހުދުކުލައިގައި. ސްކޭން ހަދާފަ ވަކިމުއްދަތެއް ޑޮކްޓަރު ދިނީ އޮޕަރޭޝަން ކުރަން. ބޭބީއަށް ތިންމަސް ވުމުގެ ކުރިން އެ އޮޕަރޭޝަން ކުރެވޭތޯ މަސައްކަތް ކުރިކަމުގައިވިޔަސް އެޕްރޫވަލް ނުލިބި ލަސްވެ އެމުއްދަތުގައި އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނުވި".
އޮޕަރޭޝަން ކުރަންޖެހޭ މުއްދަތުގައި ނުކުރެވުމުން ޑޮކްޓަރުން ނިންމީ ލިވަރ ބައޮޕްސީ ހެދުމަށެވެ. ޓެސްޓްތަކުގެ ނަތީޖާއަށް ބެލުމަށްފަހު އެއަށްފަހު ނިންމީ ލިވަރ ޓްރާންސްޕްލާންޓް ހެދުމަށެވެ. އާއިލާއިން ޔުޢީންގެ ފަރުވާއަށް ދެން ދިޔައީ ކޮޗިންގައި ހުންނަ އެސްޓަރ މެޑިސިޓީއަށެވެ.
މި އޮކްޓޯބަރުމަހު ކުރީކޮޅު އާއިލާއިން ޒީޓައިމްސް އަށް ދިން އިންޓަވިއުގައިވެސް ވަނީ އޮޕަރޭޝަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ ޔުޢީން އަށް އޮތް ނުރައްކަލެއްކަމަށް ފާހަގަކޮށްފައެވެ. ޔުޢީންގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދުމަށް ޒީޓައިމްސްއިން ގެނެސްދިން ރިޕޯޓުގައި ވަރަށް ތަފްސީލްކޮށް ޔުޢީންގެ ހާލަތު ބަޔާންކޮށްފައިވާނެއެވެ.
ޔުޢީންގެ އޮޕަރޭޝަނަށް ޑޯނާއެއްގެ ގޮތުގައި ހަމަޖެއްސީ މަންމައެވެ. ޑޯނާގެ ޓެސްޓްތައް ހަދައި ޤާނޫނީ ގޮތުން ހޯދަންޖެހޭ ލިޔުންތައް ހަމަކޮށް އެހީ ހޯދުމަށް ދުވަސްތައް ހޭދަވިއެވެ. އެއިރު ބޭބީގެ ހާލަތު ދެރަވެ ފަރުވާދޭން ޖެހުނީ އައިސީޔޫގައެވެ. އެއަށްފަހު ވެންޓިލޭޓަރ ގައި ވަނީ ފަރުވާދީފައެވެ.
" ޔުޢީން ނިޔާވީ ލިވަރ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ މާލީ އެހީ ލިބުމުގައި ދުވަސް ހޭދަވެ ކުއްޖާގެ ހާލު ދެރަވެ ލިވަރ ފެއިލްވެގެން". ޔުއީންގެ އާއިލާއިން މައުލޫމާތު ދިނެވެ.
ޔުޢީންގެ ޖަނާޒާގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.
ކުޑަކުޑަ ޔުޢީން އަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!









