ޔުޢީން މުހައްމަދު ގދ. ފަރެސްމާތޮޑާ، އުފަންވީ މިއަހަރުގެ އޭޕްރީލްމަހުގެ 11 ވަނަ ދުވަހުގައެވެ. މިއީ މުހައްމަދު ޔާސީން އާއި ތ. ގުރައިދޫ އަށް އުފަން ނަޖްފާ އާދަމްގެ 3 ވަނަ ދަރިފުޅެވެ. ޔުޢީންގެ ހާލަތާއި ގުޅޭގޮތުން 'ޒީޓައިމްސް' އަށް މައުލޫމާތު ދިނީ ޔާސީން އެވެ.

" އައިޖީއެމްއެޗްގައި ބޭބީ ސިޒޭރިއަން ހަދައިގެން ނެގީވެސް ވިންދު ދަށްވާތީ. 2 މަހުގައި ކިރަންގޮއްސަވެސް ރޯގާއާއި ހުރެ ވެކްސިންވެސް ނުޖެހުނު. މަހެއްވީއިރުވެސް ބޭބީ ބަރުދަން އިތުރު ނުވޭ. ވަރަށް ބޮޑަށް ރީނދޫވެފަ ހުރީ ލޮލާއި ނިއްކުރި. ގައިހިރުވާ ބަރުދަން ލުއިވެ ހަންގަނޑު ދޫވެފަކަހަލަ ގޮތަކަށް އެއިރު ހުރީ. ބޭބީ އަށް 2 މަހާއި 2 ހަފްތާއިން އިންޑިއާ އަށް އައިގޮތަށް ފަރުވާހޯދުމަށް އިންޑިއާގައި މިތިބެނީ".
ފުރަތަމަ ޔުޢީން އަށް ފަރުވާދިނީ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލުގައެވެ.
އިންޑިއާގައި ފަރުވާއަށް ތިބޭތާ 3 މަސްވީއިރުވެސް ފުރިހަމަ ހައްލެއް ލިބިފައެއް ނުވެއެވެ.
" ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއިން ރިކޮމެންޑުކުރި ޑޮކްޓަރުގެ ލިޔުމުގައި އޮންނަނީ 'ޕީޑިއެޓްރިކް ގެސްޓްރޯ ސަރޖިކަލް' ޑޮކްޓަރ (pediatric gastroenterologist) އަށް ދެއްކުމަށް އަދި ރާއްޖެއިން ނުހެދޭ ސްކޭނެއް ހެދުމަށް. އެ ސްކޭން ހެދީމަ ޔަގީންވަނީ އޮޕަރޭޝަން ކުރަންޖެހޭކަން. އާސަންދަ ހަމަޖެހިގެން އިންޑިއާއަށް ދެވުނުއިރު ކުއްޖާގެ ހާލަތު ވަނީ ވަރަށްދަށްވެފަ. އެއިރު ބޮޑުކަމުދާތަކެތި ހުންނަނީ ހުދުކުލައިގައި. ސްކޭން ހަދާފަ ވަކިމުއްދަތެއް ޑޮކްޓަރު ދިނީ އޮޕަރޭޝަން ކުރަން. އެކަމަކު އާސަންދައިން އޮޕަރޭޝަންގެ އަގު ބޮޑުވެގެން ކޯޑިނޭޓްކުރަން ދުވަސް ހޭދަވި. ބޭބީ ތިންމަސް ވުމުގެ ކުރިން އޮޕަރޭޝަން ކުރެވޭތޯ މަސައްކަތްކުރިކަމުގައިވިޔަސް އެޕްރޫވަލް ނުލިބި ލަސްވެ އެމުއްދަތުގައި އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނުވި" ޔުޢީންގެ ބައްޕަ މައުލޫމާތުދިނެވެ.
ޔުޢީންގެ ބަނޑުހުރީ ވަރަށްބޮޑަށް ފުއްޕާފައެވެ. މި އޮކްޓޯބަރުމަހު ވަނީ އައިސީޔޫގައި އެޑްމިޓްކޮށްގެން ވެސް އެއް ހަފްތާވަންދެން ފަރުވާދީފައެވެ. މިވަގުތުވެސް ބޭބީ އޮތީ އެޑްމިޓްކޮށްފައެވެ.
" ފުރަތަމަ އުޅުނީ ގޯލްބްލެޑަރގެ ބްލޮކްވެފައި ހުންނަ ހިސާބު ބުރިކުރަން. ބުރިކޮށްފައި ރަނގަޅު ނުކުރެވެންޏާ ގޯލްބްލެޑަރ ނަގާފައި ބަދަލުގައި ހޮޅިކޮޅެއް ގުޅާލަން އުޅުނީ ލިވަރއަށް. އެއިރު ލިވަރ ޓްރާންސްޕްލާންޓް ސާޖަރީ ނުކޮށް ބައިލް ފޮނުވައިދޭނެ ގޮތެއް ވޭތޯ ބަލަން ޑޮކްޓަރު ބޭނުންވީ. އެކަމަކު އެމުއްދަތުގައި އޮޕަރޭޝަން ނުކުރެވުމުން ހޮސްޕިޓަލުން ނިންމީ ލިވަރ ބައޮޕްސީ ހަދަން. 10 ދުވަސްފަހުން ލިވަރ ބައޮޕްސީ ހެދުނީ. ނަތީޖާއަށް ބެލުމަށްފަހު ދެން ނިންމީ ލިވަރ ޓްރާންސްޕްލާންޓް ހަދަންޖެހޭކަމަށް. އިތުރު ގޮތެއް ނެތް. ކިމްސްގައި ހުރީ އެސޯސިއޭޓް ޑޮކްޓަރެއް. ވަރަށް ގިނަ ހޮސްޕިޓަލުތަކުން މައުލޫމާތުހޯދިން މިހާ ކުޑަކުޑަ ބޭބީއެއްގެ މިވަރުގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ. އެންމެކައިރިންވެސް ހުރީ ކޮޗިންގައި ހުންނަ އެސްޓަރ މެޑިސިޓީ. ދެން އަޅުގަނޑުމެން ފަރުވާއަށް ދިޔައީ އެހޮސްޕިޓަލަށް".
އެސްޓަރ މެޑިސިޓީ އަށް ގޮސް އާއިލާއިން އަމިއްލަ ޚަރަދުގައި ބައެއް ޓެސްޓްތައް ހެދިއިރު ޔުޢީންގެ ލިވަރ ހުރީ އެންމެ ފަހު ސްޓޭޖްގައެވެ.

ޔުޢީންގެ އޮޕަރޭޝަނަށް ހޭދަވާނެކަމަށް އެސްޓަރ މެޑިސިޓީއިން ދީފައިވާ ލިޔުމުގައި ވަނީ ތިރީސްހާސް ދުއިސައްތަ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ބޭންކް ރޭޓުން ޑޮލަރު ހޯދިކަމުގައިވިޔަސް 465،000 ހަތަރުލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާއެވެ.
" އޮޕަރޭޝަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީވެސް އޮތް ނުރައްކަލެއް. ފުރަތަމަ ޑޯނާއެއްގެ ގޮތުގައި ބެލީ ޔުޢީންގެ ބައްޕަގެ ދިމާވޭތޯ. އެކަމަކު ސިއްހީ ހާލަތު ހުރިގޮތުން ނިންމީ ޔުޢީންގެ މަންމަ ޑޯނާއެއްގެ ގޮތުގައި ހަމަޖެއްސުމަށް. ޑޯނާގެ ހަދަންޖެހޭ ޓެސްޓްތައް ހަދާނިމިއްޖެ. ޤާނޫނީ ގޮތުން ހޯދަންޖެހޭ ލިޔުންތައް ހޯދާ އާސަންދަ ހޯދުމުގެ މަސައްކަތްކުރަނީ އާސަންދައިން އަދި ވަކިޖަވާބެއް ނުލިބޭ".
މި ދެމަފިރިންގެ 7 އަހަރާއި 3 އަހަރުގެ ކުއްޖަކު ވެސް އެބަހުއްޓެވެ. ކުއްޔަށް މާލޭގައި ދިރިއުޅުނު މިއާއިލާ އިންޑިއާގައި ފަރުވާއަށް 3 މަހަށްވުރެ ގިނަ ދުވަސްވުމުން ވަނީ މާލީގޮތުން ދަތިތަކާއި ކުރިމަތިވެފައެވެ.

" ލިވަރ އޮޕަރޭޝަނަށްފަހު އައިސީޔޫގައި 14 ދުވަސް އަދި ރޫމުގައި މަދުވެގެން 7 ދުވަސް ހޭދަވާނެ ކަމަށް ހޮސްޕިޓަލުގެ ލިޔުމުގައި އެވަނީ. ޑޯނާރ އަކީ ބޭބީގެ މަންމައަށް ވާތީ އިތުރު އެހީތެރިއެއްވެސް ގެންނަންޖެހޭ އިންޑިއާއަށް. އޮޕަރޭޝަނަށްފަހު ފަރުވާއަށް އިތުރަށް އިންޑިއާގައި މަޑުކުރަންޖެހޭ ދުވަހެއް ޔަގީނެއްނޫން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ބޭބީގެ މިއޮޕަރޭޝަނަށް ދިވެހި ރައްޔިތުންގެ އެހީތެރިކަން ލިބުން". ޔުޢީންގެ ބައްޕަ މައުލޫމާތުދިނެވެ.
ޔުޢީން ބޭބީއަށް އެހީތެރިކަން ފޯރުކޮށްދޭން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ވައިބަރ އިން 7900027
ދިވެހި ރުފިޔާ އެކައުންޓު ނަންބަރު (މުހައްމަދު ޔާސީން): 7701159996101
ޑޮލަރު އެކައުންޓު ނަންބަރު (މުހައްމަދު ޔާސީން): 7730000758936
ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 71 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ.









