Advertisement
header ad
XeeTimesXeeTimes
ހަށިގަނޑަށް ފައިދާހުރި ކާނާ ކެޔަސް ބަރުދަން ލުއިނުވަނީ ކީއްވެ؟ ސިއްޙަތު

ހަށިގަނޑަށް ފައިދާހުރި ކާނާ ކެޔަސް ބަރުދަން ލުއިނުވަނީ ކީއްވެ؟

ބަރުދަން ލުއިކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތަފާތު ޑައިޓްތަކާއި، އިންޓަރމިޓެންޓް ފާސްޓިންގ ފަދަ ކެއުމުގެ ނިޒާމުތައް ތަޖުރިބާކުރެއެވެ. ހަކުރާއި ތެޔޮ މަދުކޮށް، ތަރުކާރީއާއި މޭވާއާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ނަމަވެސް، މަސްދުވަސް ވާއިރުވެސް ހަށިގަނޑަށް އެދެވޭ ބަދަލެއް ނައިސް، ބަރުދަން ލުއިނުވެގެން ގިނަ ބަޔަކު ޝަކުވާކުރެއެވެ.

އަޅުގަނޑުމެންނަށް ނޭނގި އޮންނަ އެންމެ ބޮޑު ހަގީގަތަކީ، ކިތަންމެ ފައިދާހުރި "ހެލްތީ" ކާނާއެއް ކެއިނަމަވެސް، ކެވޭ މިންވަރު ނުވަތަ "ޕޯޝަން ސައިޒް" ކޮންޓްރޯލް ނުކުރެވޭނަމަ، އެއީވެސް ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވުން (އޯވަރ އީޓިންގ) ކަމެވެ.

ބަރުދަން ލުއިވުމުގެ އެންމެ މުހިންމު ގާނޫނަކީ ހަށިގަނޑުން އަންދާލާ ވަރަށްވުރެ މަދުން ކެލޯރީ އެތެރެކުރުން ނުވަތަ "ކެލޯރީ ޑެފިސިޓް" އެއްގައި ހުރުންކަމަށް ވާތީ، ޕޯޝަން ކޮންޓްރޯލް ނެތްނަމަ، ކިތަންމެ ރަނގަޅު ޑައިޓެއް ކުރިއަސް ބަރުދަން ލުއިވުމަށް ބޭނުންވާ މި ކެލޯރީ ޑެފިސިޓެއް ހާސިލެއްނުވެއެވެ. އެހެންކަމުން، ކެލޯރީ ޑެފިސިޓެއްގައި ހުރުމަށްޓަކައި، ކެއުމުގެ ވަގުތުތަކުގައި ގެނެވިދާނެ މުހިންމު ބަދަލުތަކާއި، ކާމިޔާބު ޓިޕްސްތަކެއް ދިރާސާވެރިންނާއި ކާނާގެ މާހިރުން (ނިއުޓްރިޝަނިސްޓުން) ހިއްސާކޮށްފައިވާތީ އެކަންކަމަށް ނަޒަރުހިންގާލަމާތޯއެވެ.

Article - in content
Advertisement

ކުދި ތަށި ބޭނުންކުރުމާއި ލޮލަށް ފެންނަ މިންވަރު

އިންސާނާގެ ސިކުނޑިއަކީ ލޮލަށް ފެންނަ މަންޒަރުތަކުން ވަރަށް ފަސޭހައިން ހެއްލޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ބޮޑެތި ތަށިތަކުގައި ކާތަކެތި އަޅާނަމަ، ތަށީގައި ހުންނަ ކާނާގެ މިންވަރު ލޮލަށް ފެންނަނީ ވަރަށް މަދުކޮށެވެ. މީގެ ސަބަބުން ސިކުނޑިއަށް ހީވަނީ އަދިވެސް ބަނޑު ނުފުރޭ ކަމަށެވެ. އޭގެ ބަދަލުގައި، ކުދި ތަށިތަކުގައި ކާނާ އަޅާނަމަ، ތަށި ފުރިފައި ހުންނަ މަންޒަރު ފެނުމުން ސިކުނޑިއަށް ބަނޑު ފުރިއްޖެކަމުގެ އިހުސާސް އަވަހަށް ގެނެސްދޭނެކަމަށް މިކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ. 2023 އަދި 2024 ވަނަ އަހަރުގެ ސައިންޓިފިކް ދިރާސާތަކުންވެސް ކަށަވަރުކޮށްދޭ ގޮތުގައި، ތަށީގެ ބޮޑުމިނާއި ކުލައަކީ މީހާ ކާ މިންވަރަށް ސީދާ އަސަރުކުރާ ކަމެކެވެ. އެހެންކަމުން، އާދައިގެ ބޮޑު ތަށީގެ ބަދަލުގައި ކުޑަ ތަށްޓެއް އިޚްތިޔާރު ކުރުމަކީ، ބަނޑުހައިކަން އަވަހަށް ފިލައި ކެވޭ މިންވަރު މަދުކޮށްލެވޭނެ އެންމެ ފަސޭހަ އެއްގޮތް ކަމަށް މި ދިރާސާތަކުގައި އަލިއަޅުވާލާފައިވެއެވެ.

ތަށި ބަހާލުމުގެ އުސޫލު (ޕްލޭޓް މެތަޑް)

ކާތަކެތި ކިރައިގެން ނުވަތަ ކެލޯރީ ގުނައިގެން ކެއުމަކީ އުނދަގޫ ކަމަކަށް ވާނަމަ، ކާން ގެންގުޅޭ ތަށި ބަހާލައިގެން ޕޯޝަން ކޮންޓްރޯލް ކުރެވިދާނެއެވެ. މި އުސޫލުގެ ދަށުން، ތަށީގެ ދެބައިކުޅަ އެއްބައިގައި ހުންނަންވާނީ ތަފާތު ތަރުކާރީއާއި ފެހިކަން ގަދަ ފަތް އެކުލެވޭހެން ހަދާފައިވާ ފައިބަރ ގިނަ، ކެލޯރީ މަދު ބާވަތްތަކެވެ. ތަށީގެ ހަތަރުބައިކުޅަ އެއްބައިގައި މަސް، ބިސް، ނުވަތަ މުގު ފަދަ ޕްރޮޓީން ހިމަނާއިރު، ބާކީ އޮތް ހަތަރުބައިކުޅަ އެއްބައިގައި ހުންނަންވާނީ ބަތް، ރޮށި، ނުވަތަ އަލުވި ފަދަ ކާބޯހައިޑްރޭޓްސްއެވެ. އަދި ތައްޔާރުކުރާ ކާނާގައި ޒައިތޫނި ތެޔޮ، ނަޓްސް، ނުވަތަ އެވޮކާޑޯ ފަދަ ރަނގަޅު ފެޓްސްގެ ކުޑަ މިންވަރެއް ހިމެނުން މުހިންމެއެވެ. މިގޮތަށް ތަށި ތަރުތީބުކުރުމުން، ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ހަމަހަމަކަމާއެކު ލިބި، ބޭނުންވާވަރަށްވުރެ ގިނައިން ކެވުމުން ދުރުކޮށްދެއެވެ.

ކާނާ ކާއިރު ތަރުތީބު ބެހެއްޓުން: ފުރަތަމަ ތަރުކާރީ، ދެން ޕްރޮޓީން، އެންމެ ފަހުން ކާބްސް

​ތަށީގައި ހުންނަ ކާނާ ކާއިރު، ކާ ތަރުތީބު ބަދަލުކުރުމަކީ ބަރުދަން ލުއިކުރުމަށާއި ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ކެއުމުގެ އެންމެ ފުރަތަމަ ތަރުކާރީ، ދެން ޕްރޮޓީން، އަދި އެންމެ ފަހުން ބަތް ފަދަ ކާބޯހައިޑްރޭޓްސް ކެއުމަށް ސަމާލުކަން ދޭށެވެ. މިގޮތަށް ކެއުމުން، ފުރަތަމަ ކެވޭ ތަރުކާރީގައި ހުންނަ ފައިބަރާއި ޕްރޮޓީންގެ ސަބަބުން، ކާނާ ހަޖަމުވުން ލަސްވެ، ބަނޑު ފުރިއްޖެކަމުގެ އިހުސާސް އަވަހަށް ގެނެސްދެއެވެ. އޭގެ ނަތީޖާއަކަށް ވަނީ، އެންމެ ފަހުން ކާން ބާކީ އޮންނަ ކާބޯހައިޑްރޭޓްސް މަދުން ކެވި، ލޭގެ ތެރެއަށް ހަކުރު ދާ ސްޕީޑް ލަސްވެ، ކެލޯރީ މަދުން އެތެރެވުމެވެ. ދިރާސާތަކުންނާއި ނިއުޓްރިޝަނިސްޓުންގެ ލަފާތަކުންވެސް ދައްކާ ގޮތުގައި، ކާބޯހައިޑްރޭޓްސްގެ ކުރިން ފައިބަރާއި ޕްރޮޓީން ކެއުމަކީ ކެއުމަށްފަހު ލޭގެ ހަކުރު މައްޗަށް ދިއުން ކުޑަކޮށްދީ، ދިގު މުއްދަތަކަށް ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދޭ ވަރަށް ކާމިޔާބު އުކުޅެކެވެ.

ކެއުމުގެ ކުރިން ފެން ބުއިމާއި ލަސްލަހުން ކެއުން

ކޮންމެ ކެއުމެއްގެ 30 މިނެޓު ކުރިން ފެންތަށްޓެއް ބުއިމަކީ ބަނޑުހައިކަން ކުޑަކޮށްދީ، ކެވޭ މިންވަރު ގުދުރަތީ ގޮތުން މަދުކޮށްދޭ ކަމެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ބަނޑުހައިވާ ކަމަށް އިހުސާސްވަނީ ހަށިގަނޑަށް ފެން މަދުވުމުންނެވެ. އެހެނަސް މިފަދަ ހާލަތްތަކުގައިވެސް ފެން ބުއިމުގެ ބަދަލުގައި ކޮންމެވެސް އެއްޗެއް ކާލެވެއެވެ. މިއީ ކެލަރީސް ވަރަށްބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ކާން އިންނަ ވަގުތު ޓީވީ ބެލުމާއި ފޯނާ ކުޅުން ހުއްޓާލައި، ލަސްލަހުން ހަފައިގެން ކެއުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ، ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ބަނޑުން ސިކުނޑިއަށް ފޮނުވުމަށް ގާތްގަނޑަކަށް 20 މިނެޓު ނަގާތީއެވެ. އަވަސްއަވަހަށް ކާނަމަ، ސިކުނޑިއަށް އެ ސިގްނަލް ލިބުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މާ ގިނައިން ކެވިގެންދާނެއެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ކެވޭ ތަކެތި ޑައިރީއެއްގައި ނުވަތަ ފޯނުގައި ލިޔެ ބެލެހެއްޓުމަކީ، ތިމާއަށް ނޭނގި ކެވޭ އިތުރު ކެލޯރީތައް ދެނެގަނެ، ކެއުމުގެ އާދަތައް އިސްލާހުކުރުމަށް ލިބޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

​ކެލޯރީ މަދު ބާވަތްތައް ހޯދުމާއި، ކާނާގެ މައުލޫމާތަށް ހޭލުންތެރިވުން

​ޕޯޝަން ކޮންޓްރޯލް ކުރުމާއެކު، ކެލޯރީ މަދު، ފައިދާހުރި ކާނާގެ ބާވަތްތައް ހޯދައި ދެނެގަތުމަކީ ކޮންމެ މީހަކުވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަޅުގަނޑުމެން ކާ ކާނާގެ ސިއްޙީ ފައިދާއާއި، އެ އެއްޗެއްގައި އެކުލެވޭ ކެލޮރީގެ މިންވަރާއި، ޕޯޝަން ސައިޒާމެދު އަމިއްލައަށް ހޯދައި ބަލައި، ހޭލުންތެރިވުން މުހިންމެވެ. މިސާލަކަށް، ޕެކެޓްކޮށްފައި ހުންނަ ކާނާގެ ލޭބަލް ކިޔުމާއި، ތަފާތު ކާނާތަކުގައި އެކުލެވޭ ކެލޯރީގެ ތަފާތުތައް ބެލުމުން، މަދު ކެލޯރީން ބަނޑުފުރޭނެ ރަނގަޅު ބާވަތްތައް  އިޚްތިޔާރުކުރުމަށް މަގުފަހިވެގެންދާނެއެވެ. ކާނާގެ މައުލޫމާތުތަކަށް ހޭލުންތެރިވެ، މަދު ކެލޯރީގެ ފައިދާހުރި ބާވަތްތައް ދެނެގަންނަ ވަރަކަށް، ކެލޯރީ ޑެފިސިޓެއްގައި ހުރުމަށާއި، ބަރުދަން ލުއިކުރުމުގެ ދަތުރުގައި ކުރިއަށް ދިއުމަށް މާ ފަސޭހަވެގެންދާނެއެވެ.

ނިންމުން

ނިންމާލަމުން ދަންނަވާނީ، ޕޯޝަން ކޮންޓްރޯލް ކުރުމާއި ކެލޯރީ ޑެފިސިޓެއްގައި ހުރުމަކީ މީރު ކާތަކެތިން މަޙުރޫމްވެ، ބަނޑުހައިހޫނުކަމުގައި އުޅުމެއް ނޫންކަމެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ހަޤީޤީ މިންވަރު ދެނެގަނެ، ހޭލުންތެރިކަމާއެކު ކެއުމުގެ އާދަ އަށަގެންނެވުމެވެ. ކުދި ތަށި ބޭނުންކުރުމާއި، ކެއުމުގެ ކުރިން ފެން ބުއިމާއި، ލަސްލަހުން ކެއުން ފަދަ ކުދިކުދި ބަދަލުތައް ދިރިއުޅުމަށް ގެނައުމުން، އެއްވެސް އުނދަގުލަކާ ނުލައި ކެލޯރީ ޑެފިސިޓެއްގައި ހުރެވޭނެއެވެ. މި އާދަތަކާއެކު ކުރިއަށްދާނަމަ، ތިބާ ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ފެނި، ދުޅަހެޔޮ، ލުއި، އަދި އުފާވެރި ހަށިގަނޑެއް ހޯދުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.

މަސްދަރު: ހެލްތްލައިން، ހަރވަރޑް ޓީއެޗް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތް، ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —