ޒުވާން އަންހެނަކާއި 18 އަހަރުން ދަށުގެ 2 އަންހެން ކުދީންނަށް ގުރޫޕަކުން ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި 9 ދިވެހި ފިރިހެނުން ހައްޔަރު ކުރިކަން ފުލުހުންގެ މުއައްސަސާއިން ވަނީ މިއަދު ހާމަކޮށްފައެވެ.
" އަންހެންމީހާއަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވަނީ ދެއަތާއި ދެފައި ބަނުމަށްފަހުކަމަށް މައުލޫމާތު ލިބެނީ. ބޮޑެތި ޖިންސީ އަނިޔާތަކެއް ލިބިފައިވަނީ. މިހާދިސާއަށްފަހު އަންހެންމީހާ އިނީ ބަނދަރު ސަރަހައްދުގައި ހުރި ފެރީ ޓާމިނަލްތެރޭގައި. އެމީހާ ރޯންއިންދައި ފުލުހުންނަށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ". މިމައްސަލައާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
100 އިންސައްތަ އިސްލާމީ ޤައުމެއްގައި މިފަދަ ރަހުމު ކުޑަގޮތަކަށް ގުރޫޕެއްގެ މީހުން ބައިވެރިވެގެން ހިންގި މުޑުދާރު އަމަލު ވެގެންދިޔައީ ގިނަބަޔަކަށް ލިބުނު ސިހުމަކަށެވެ.
" 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅުނީ މިމަހު 20 ވަނަ ދުވަހު. މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި. ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ވަނީ އެރަށަށް ފޮނުވާފައި". ފުލުހުންގެ މީޑިއާ އޮފިޝަލު ހާމަކޮށްފައިވެއެވެ.
މިމައްސަލައިގައި ހިމެނޭ 2 ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ޕާޓީ ޑްރަގް ދީގެން ކަމަށް ތުހުމަތު ކުރެވެއެވެ. ދެކުނުގެ އެންމެ ބޮޑު އެއް ރަށުގައި ހިންގި މިއަމަލާއިމެދު އިންތިހާއަށް ކަންބޮޑުވާއިރު މިމައްސަލައިގައި ހިމެނޭ މީހުންނަށް ހައްގު އަދަބު ދިނުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.
އަމިއްލަ ދަރީން ހޭލުންތެރި ކުރުވަންޖެހެއެވެ. ޒިނޭ ފަދަ ނުބައިވެގެންވާ ފާފަޔަށް އަރައިނުގަތުމަށް ދަރީންނަށް ބާރުއަޅަންޖެހެއެވެ. އަދި މިފަދަ ކުށުގެ ވެށީން އަމިއްލަ ދަރީން ސަލާމަތްކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރަންޖެހެއެވެ. އެއީ ފިރިހެންކުއްޖެއް ނޫނީ އަންހެންކުއްޖެއް ކަމުގައިވިޔަސް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެދަރީން ދާ ތަންތަނާއި އުޅޭ ނުއުޅޭ ގޮތް ބެލެންޖެހެއެވެ.
ދަރީންނަކީ އަމާނާތެކެވެ. ދަރިން ބެލުމުގައި މައިންބަފައިން އިހުމާލުވާނަމަ އެމައްސަލަ ތަހުގީގުވެސް ކުރެވެންޖެހެއެވެ. އަދި އެފަދަ މާހައުލުން ކުދީން ސަލާމަތްކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާއެއްވެސްމެއެވެ.
ކުށަށް އަރައިގަތީ އަމިއްލަ ދަރިފުޅު ކަމުގައިވީނަމަވެސް އެ ދަރިފުޅަށް ހައްގުވާ އަދަބު ދިނުމަށް ބާރުއަޅަންޖެހެއެވެ.










