Advertisement
header ad
XeeTimesXeeTimes
ރަނގަޅު އެކުވެރިން އިޚުތިޔާރުކުރުން: ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންތަކުގެ ބާރު

ރަނގަޅު އެކުވެރިން އިޚުތިޔާރުކުރުން: ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންތަކުގެ ބާރު

އިންސާނުންނަކީ ތަބީޢީގޮތުންވެސް އެހެން މީހުންނާއެކު އުޅުމަށް ބޭނުންވާ އިޖުތިމާއީ މަޚްލޫޤުންތަކެކެވެ. އަހަރެމެންގެ ދިރިއުޅުމުގައި ބައްދަލުވާ އެކުވެރިންނަކީ ހަމައެކަނި ވަގުތު ހޭދަކޮށްލަން ތިބޭ ބައެއް ނޫނެވެ. އެއީ އަހަރެމެންގެ ނަފްސާނީ، ޖިސްމާނީ، އަދި ރޫޙާނީ ދުޅަހެޔޮކަމަށް އެންމެ ފުން އަސަރުތަކެއް ފޯރުވައިދޭ ބައިވެރިންނެވެ. ހަމައެއާއެކު، އެކުވެރިންނަކީ މުޖުތަމަޢުގައި އަމިއްލަ ޙައިޞިއްޔަތެއް އޮތްކަމުގެ އިޙުސާސާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން އައު ކޮށްދޭ މުހިންމު ސަބަބެކެވެ.

އިޖުތިމާއީ ގުޅުންތަކުގެ މުހިންމުކަން ބަޔާންކުރަމުން ނަފްސާނީ އިލްމުވެރިޔާ ޖޫލިއަން ހޯލްޓް-ލުންސްޓެޑް 300,000 އަށްވުރެ ގިނަ ބައިވެރިން ހިމަނައިގެން ހެއްދި ދިރާސާއަކުން ދައްކާގޮތުގައި، ގަދަފަދަ އިޖުތިމާޢީ ގުޅުންތަކެއް ގެންގުޅޭ މީހުން، އެކަހެރިކޮށް އުޅޭ މީހުންނާ އަޅާބަލާއިރު ޢުމުރެއްގެ ބޮޑުބައި އުފަލުގައި އުޅުމުގެ ފުރުސަތު %50 އިތުރުވެގެންދެއެވެ.

އަހަރެމެންގެ އިޙުސާސުތަކަކީ އެހެންމީހުންގެ ކިބައިން ފެތުރިގެންދާން ފަސޭހަ އެއްޗެކެވެ. މިގޮތަށް މެދުވެރިވާ 'އިމޯޝަނަލް ކޮންޓޭޖަން' (emotional contagion) އަށް ބަލާއިރު، އަހަރުމެންނަށް އާންމުކޮށް އެހެންމީހުން ކުރާ ކަންކަން، ނޭނގި ހުރެ ވެސް ކޮޕީކުރެވެއެވެ. 'ސައިކޮލޮޖިކަލް ސައިންސް' ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އުފާވެރި އަދި ޕޮޒިޓިވް މީހުންގެ ކައިރީގައި އުޅުމަކީ އަމިއްލަ މޫޑު ރަނގަޅުވެ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް، އަބަދުވެސް ނުތަނަވަސްކަމާއި ނޭދޭ ޝުއޫރުތައް ފާޅުކުރާ މީހުންގެ ކައިރީގައި އުޅުމަކީ ހާސްކަމާއި އެކަނިވެރިކަން އިޙްސާސްވުމަށް މަގުފަހިކުރުވާ ކަމެކެވެ.

Article - in content
Advertisement

އިޙުސާސުތަކުގެ އިތުރުން، އެކުވެރިންނަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސިއްހީ އާދަތައް ބައްޓަންކުރުމުގައިވެސް ބޮޑު ނުފޫޒެއް ފޯރުވާ ބައެކެވެ. ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޑޭވިޑް އަޝް (Dr. David Asch) އެމެރިކާގެ 'ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން' ގައި ޝާއިއުކުރި ދިރާސާއަކުން އެނގޭގޮތުގައި، އަހަރެމެންގެ އަމާޒުތަކާއި ލަނޑުދަނޑިތަކާއި އުންމީދުތަކާއި އެއްގޮތްވާ ފަރާތްތަކާ އެކު ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގައި ޚިޔާރުކުރާ މަގަށާއި ކުރިއެރުންތަކަށް ވަރަށް ބޮޑެތި އެހީތަކެއް ގެނެސްދޭނެ ކަމެކެވެ.

ނަމަވެސް، ރަނގަޅު ގުޅުންތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ފަދައިން، މަކަރުހެދުމާއި ނަފްސާނީ އަނިޔާދިނުން ހިމެނޭ ވިހަގަދަ ނުވަތަ 'ޓޮކްސިކް' ގުޅުންތަކުގެ ތެރޭގައި ތިބުމުން ދާއިމީ ސްޓްރެސްއާއި، ހާސްކަމާއި، އަދި ޑިޕްރެޝަން ފަދަ ނުރައްކާތަކަށް މަގުފަހިވެގެންދެއެވެ. ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ރަމާނީ ދުރްވާސުލާ (Dr. Ramani Durvasula) އިރުޝާދުދޭ ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި މިފަދަ މީހުން ދެނެގަނެ އެފަދަ މީހުންނާ ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިއަދުގެ ސައިންސާއި ނަފްސާނީ އިލްމުވެރިން މި ހޯދި ހޯދުންތަކަކީ މީގެ ސާދަސަތޭކަ އަހަރު ކުރިން އިސްލާމްދީނުގައި އެންމެ ފުރިހަމައަށް ބަޔާންކުރައްވާފައިވާ ހަޤީޤަތްތެއްކަން ފާހަގަކޮށްލަމެވެ. ހެޔޮލަފާ އެކުވެރިއެއްގެ މިސާލާއި ނުބައި އެކުވެރިއެއްގެ މިސާލު ބަޔާންކުރައްވަމުން ރަސޫލާ ﷺ، ހެޔޮލަފާ އެކުވެރިޔާ ސިފަކުރެއްވީ ގަސްތޫރި (އަތަރު) ވިއްކާ މީހެއްގެ މިސާލުންނެވެ. އޭނާގެ ކައިރީގައި ހުރުމުން މީރުވަސް ދުވާނެއެވެ. އަދި ނުބައި އެކުވެރިޔާ ސިފަކުރެއްވީ ކަނބުރުގޭގައި ގިރުނބާ ފުމޭ މީހާގެ މިސާލުންނެވެ. އޭނާގެ ކައިރީގައި ހުރުމުން ފޭރާމުގައި އަލިފާން ހިފުން ނުވަތަ އޭނާގެ ކައިރިން ނުބައިވަހެއް ލިބިދާނެއެވެ.

އަހަރެމެންގެ ދިރިއުޅުމުގެ ދަތުރުގައި، ކައިރީގައި ތިބޭ އެކުވެރިންނަކީ ހަމައެކަނި މަޖާކޮށް ހުސްވަޤުތުތަށް އެކީގައި ހޭދަކުރަން ތިބޭ ބައެއް ނޫނެވެ. އެއީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ވިސްނުމާއި، އަދި މުޅި ދިރިއުޅުމުގެ މިސްރާބު ބައްޓަންކޮށްދޭ އެންމެ ބޮޑު އެއް ބާބެވެ. ސައިންސާއި ދީނީ އިރުޝާދުތަކުންވެސް ސާފުކޮށް އެނގޭ ގޮތުގައި، ހެޔޮލަފާ، އުފާވެރި، އަދި ތެދުވެރި އެކުވެރިން އިޚުތިޔާރުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަމެވެ. އެހެންކަމުން، ތިމާގެ ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި، ތިމާއަށް ހެޔޮއެދޭ، ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ، އަދި ހެޔޮ މަގަށް މަގުދައްކައިދޭ ރަނގަޅު އެކުވެރިން އިޚުތިޔާރުކުރުމުގައި އަބަދުވެސް ސަމާލުވުމަކީ ތިމާގެ އަމިއްލަ ނަފްސަށް ދެވޭ އެންމެ ވަރުގަދަ އެއް ހަދިޔާނޫންތޯއެވެ.

މަސްދަރު: ޖޫލިއަން ހޮލްޓް ލަންސްޓެޑް، ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް، ދަ ނިވް އިންގްލެންޑް ޖަރނަލް އޮފް މެޑިސިން، އަލް ބުޚާރީ 5534

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —