Advertisement
header ad
XeeTimesXeeTimes
ސިއްޙީ ލަނޑުދަނޑިތަކަށް ފަސޭހައިން ވާސިލުވުމަށް: 'ފިޓްނެސް ބަޑީ' ސިއްޙަތު

ސިއްޙީ ލަނޑުދަނޑިތަކަށް ފަސޭހައިން ވާސިލުވުމަށް: 'ފިޓްނެސް ބަޑީ'

​ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ކެއިންބުއިމުގެ ރަނގަޅު އާދަތަކަށް ރުޖޫޢަވުމަކީ ގިނަ ބައެއްގެ އޮންނަ ބޮޑު އުންމީދެކެވެ. ނަމަވެސް، މި ދަތުރު، އަމިއްލައަށް އެކަނިމާއެކަނި ފަށައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ހީކުރާހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޖިމަށް ދިއުމަށް ފަސްޖެހުމާއި، ވަކި ޝެޑިއުލެއްގައި ދެމިހުރުމަށް އުނދަގޫވުމާއި، ކޮންމެ ދުވަހަކު ސިއްޙަތު ރަނގަޅު ކާނާ ތައްޔާރުކުރުމަށް ޢުޒުރުވެރިވުމާއި، ކަސްރަތުގަޑި ފަސްކުރުމުގެ އާދައާ ދެކޮޅަށް އެކަނި ހަނގުރާމަކުރުމަކީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ވަރުބަލިކަން ގެނުވާ ފަދަ ކަންކަމެވެ.

ޓެކްސަސްގެ ކޮލެޖް ސްޓޭޝަންގެ ލައިސަންސް ލިބިފައިވާ ނަފްސާނީ މާހިރު މެރީ އެން ކޯވީ ފާހަގަކުރާގޮތުގައި، "ކަސްރަތުކުރުމަށް ފަސްޖެހޭ ނުވަތަ އެކަމާ ދުރުހެލިވާ މީހުންނަށް، 'ފިޓްނެސް ބަޑީއެއް' ނުވަތަ ސިއްޙީ ކަންކަމުގައި ބައިވެރިޔެއް ހުރުމަކީ އެ ކަންކަން ކުރުމަށް މާބޮޑަށްވެސް ފަސޭހަކޮށްދޭ ކަމެކެވެ." މިފަދަ ވަގުތުތަކުގައި، ޢާއިލާ މެންބަރެއް، އެކުވެރިއެއް، ނުވަތަ ކައިވެނީގެ ބައިވެރިޔާ ފަދަ 'ފިޓްނެސް ބަޑީއެއް' ހުރުމަކީ ސިއްޙީ މި ދަތުރުގެ މިސްރާބު ބަދަލުކޮށްލާފަދަ ބާރަކަށް ވެގެންދާނެ ކަމެއްކަމަށްވެސް މޭރީއެން ކޯވީ ފާހަގަކޮށްފައިވެއެވެ.

​ޒިންމާދާރުވުމާއި ޢަޒުމް ވަރުގަދަވުން

Article - in content
Advertisement

​ކަސްރަތާއި އެހެނިހެން ސިއްޙީ ލަނޑުދަނދިތަކަށް ދަތުރު އެހެންމީހަކާ އެކު ފެށުމުން އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ އަޅުގަނޑުމެންގެ ޒިންމާދާރުކަމާއި (accountability) ޢަޒުމް ވަރުގަދަވުމުގައެވެ. ވަރޖީނިއާގެ ޕަރސަނަލް ޓްރެއިނަރ އަދި ސްޓްރެންތް ކޯޗެއްކަމަށްވާ ސްޓީވެން ހެޑް ފާހަގަކުރާގޮތުގައި، އެކަކު އަނެކަކަށް ބަރޯސާވެ، ވަގުތަށް ފަރުވާތެރިވެ، ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭއިރު، މިއީ އެކަނި ހުންނަ މީހަކަށް ލިބޭފަދަ ބޮޑު ހިތްވަރެއްކަމުގައެވެ. ޚާއްޞަކޮށް ދެމަފިރިން އެކުގައި ކަސްރަތުކުރުމަކީ ހަށިގަނޑުގެ ފިޓްނެސް ރަނގަޅުވުމުގެ އިތުރުން ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދހިކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކުވައިދެއެވެ.

މީގެ އިތުރުން، ކެއުންބުއިމުގެ ކަންކަމުގައި ސިއްޙަތަށް ފައިދާހުރި ގޮތްތަށް އިޙްތިޔާރު ކުރުމަކީ ކޮންމެ ދުވަހަކު އުނދަގޫކަމަކަށް ވެދާނެއެވެ. ވަޒީފާތަކުގައާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭއިރު މިންހެޔޮ ރަނގަޅު ކެއުންތަށް ޕްލޭންކޮށް ތައްޔާރުކުރުމަށް ބޭނުންވާ ހިތްވަރާއި، ޝައުޤުވެރިކަމާއި ޖޯޝް ކޮންމެ ދުވަހަކު ނުހުރެދާނެއެވެ.

އެހެނަސް، ސިއްޙަތު ރަނގަޅު ކާނާކެއުމަށާއި، ކެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަށް ދޫކޮށްލުމަށް އެކީގައި ބައިވެރިއެއް ގެންގުޅުމުން މިކަންކަން ކުރަން ފަސޭހަވެ އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. ކޮންމެވެސް 'ކްރޭވިންގ' އަކަށް ހިތް ޖެހިފައި ހުންނަ ދުވަސްދުވަހު 'ފިޓްނެސް ބަޑީ' ގެ އެހީއާއި އެކު އެކަންކަމަށް ކެތްކުރުމަށްވެސް ފަސޭހަވެގެންދެއެވެ. މީލް ޕްލޭން ކުރުމާއި، ތަފާތު އަދި ފަސޭހަ ރެސިޕީތަށް އެކަކު އަނެކަކަށް ޙިއްސާކުރުމުން، މިކަމުގައި ގިނަ ދުވަހު ދެމިހުރުމަށް ބޭނުންވާ ޖޯޝު އަބަދުވެސް ލިބި، ސިއްޙީ ރަނގަޅު އާދަތަކަށް ހަށިގަނޑު ހާނުވަން ފަސޭހަވެގެންދެއެވެ.

​ނަފްސާނީ ދުޅަހެޔޮކަމާއި ހިތްވަރު އާވުން

​ކަސްރަތު ކުރުމާއި ޙަރަކާތްތެރިވުމުގައި ގާތްމީހަކާއިއެކު ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ވަރަށްބޮޑު ފަރުވާއެކެވެ. ހާސްކަމާއި ސްޓްރެސް ފިލުވައިލުމަށް ކަސްރަތަކީ އެންޑްރޮޖެން ނަމަކަށް ކިޔާ، އުފާވެރިކަން އިތުރުކޮށްދޭ ހޯމޯނެއް ގައިގައި އުފައްދައިދޭ ކަމަކަށް ވާތީ، ބައެއް ފަހަރު ބޭހާ އެއްވަރަށް މަސައްކަތްކުރާ އެއްޗެއްކަމަށް ބައެއް ދިރާސާތަކުގައި އަލިއަޅުވާލާފައިވެއެވެ. އެކުގައި ހިނގާލުމަށާއި، ކަސްރަތުކުރުމަށް ދާއިރު ދެމެދުގައި ދެކެވޭ ވާހަކަތަކާއި، ލިބޭ ހިނިތުންވުމުގެ ސަބަބުން ދުވަހުގެ އެކިކަންކަމުގައި ދިމާވާ ނުތަނަވަސްކަމާއި ވަރުބަލިކަން ފިލައިގެންދާތަން އާދެއެވެ. އުނދަގޫ ދުވަސްދުވަހު ހިތްވަރުދީ، ފަސޭހަ ދުވަސްދުވަހު މަޖާކޮށް ހަނދާންތައް އައުކުރުމަށް ފިޓްނެސް ބަޑީއެއްގެ ދައުރު ބޮޑުވަނީ މިހެންވެއެވެ. ސްޓީވެން ހެޑް އިތުރަށް ބަޔާންކުރާގޮތުގައި، "ބައިވެރިއަކު ނުވަތަ ޓްރެއިނަރެއް ހުރުމަކީ އަމިއްލައަށް މަސައްކަތްކުރާ ވަރަށްވުރެ ކޮންމެވެސް ވަރަކަށް އިތުރަށް ބުރަކޮށް މަސައްކަތްކުރުމަށް ބާރުއަޅައިދީ، ކުރިއެރުމާއި ނަތީޖާ އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ".

​ނިންމުން

​ފިޓްނެސް ލަނޑުދަނޑިތަކަށް ވާސިލުވުމަކީ ހަމައެކަނި ޖިސްމާނީ މަސައްކަތެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ މުހިންމު ބަދަލެކެވެ. އެކަނި  ކުރާ މަސައްކަތަކަށްވުރެ، ބައިވެރިޔަކާއެކު ކުރާ މި ދަތުރު މާ ފަސޭހަވެފައި އުފާވެރިވާނެއެވެ. އެކަކު އަނެކަކަށް ވާގިވެރިވެ، އަތާ އަތްގުޅުވާލައިގެން ކުރާ މި މަސައްކަތުން ލބޭ ހެޔޮ ނަތީޖާއަކީ ހަމައެކަނި ހަށިގަނޑުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމެއް ނޫނެވެ. ބަދަލަކީ އާންމުކޮށް ދިރިއުޅުމަށް ގެންނަން އުނދަގޫ އެއްޗެކެވެ. އަދި އެ ބަދަލުތަށް އާދައަކަށް ހަދައި ދެމިހުރުމަކީ އެއަށްވުރެންވެސް އުނދަގޫކަމެކެވެ. އެހެނަސް 'ފިޓްނެސް ބަޑީ' އެއް ގެންގުޅުންވެގެންދަނީ، މި އުނދަގޫ ކަންކަން ފަސޭހަކޮށްދީ އަދި ދެމީހުން ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭ، އުފާވެރި ހަނދާންތަކެއް ވެސް ލިބިގެންދާނެ ކަމެއް ނޫންތޯއެވެ.

މަސްދަރުތައް: އެވްރިޑޭ ހެލްތް، ނެޝަނަލް އެކަޑެމީ އޮފް ސްޕޯޓްސް މެޑިސިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —