Advertisement
header ad
XeeTimesXeeTimes
"ފައިބަރމެކްސިން": ޓްރެންޑެއްތަ ނުވަތަ ދުޅަހެޔޮ ސިއްޙަތުގެ ތަޅުދަނޑިއެއްތަ؟ ސިއްޙަތު

"ފައިބަރމެކްސިން": ޓްރެންޑެއްތަ ނުވަތަ ދުޅަހެޔޮ ސިއްޙަތުގެ ތަޅުދަނޑިއެއްތަ؟

މިއަދުގެ ހަލުވި ދުނިޔޭގައި، ސިއްޙަތާއި ދުޅަހެޔޮކަމާ ގުޅޭ އާ ޓްރެންޑްތައް ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. ފާއިތުވި 2025 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މަގުބޫލު އެއް ޓްރެންޑަކީ "ފައިބަރމެކްސިންގ" (Fibermaxxing) އެވެ.

އާދެ، ފައިބާމެކްސިންގަކީ އަޅުގަނޑުމެންގެ ކެއުމުގައި ހިމެނޭ ކާބޯހައިޑްރޭޓްސްއާއި ޕްރޮޓީންއަށް ދޭ ސަމާލުކަމެކޭ އެއްފަދައިން، ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ފައިބަރގެ މިންވަރު އެކަށީގެންވާ މިންވަރަށް އިތުރުކޮށް، އޭގެ ފުރިހަމަ ސިއްޙީ ފައިދާ ހޯދުމަށް ކުރާ މަސައްކަތެކެވެ.

މި މަސައްކަތަކީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. އެއީ ސައިންސާއި ދިރާސާތަކުގެ އަލީގައި ސާބިތުވެފައިވާ، ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމާއި، ބަރުދަން ލުއިކުރުމާއި، އަދި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ވަރަށް ވަރުގަދަ ކެއުމުގެ އުސޫލެކެވެ.

Article - in content
Advertisement

ފައިބަރމެކްސިން އަކީ ކޮބައިހެއްޔެވެ؟ އަދި މިއީ ކޮންމެހެން ބޭނުންތެރި ކަމެއްބާއެވެ؟

ފައިބަރމެކްސިންގެ މައިގަނޑު މަޤުސަދަކީ ދުވާލެއްގެ މައްޗަށް ކާ ކާނާގައި ފައިބަރ އެކުލެވޭ މިންވަރު ގިނަކޮށް، ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކޮށް، ގިނައިރު ވަންދެން ބަނޑުފުރިފައި ހުންނަ އިޙުސާސް ދެމެހެއްޓުމެވެ. ގިނަ ބަޔަކު ހީކުރާ ގޮތާ ޚިލާފަށް، މިއަދުގެ މުޖުތަމައުގައި މީހުންނަށް ދިމާވެފައިވާ މައްސަލައަކީ ހަށިގަނޑަށް އެތެރެވާ ފައިބަރގެ މިންވަރު މަދުވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އަންހެނުންގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނާއި، ފިރިހެނުންގެ 97 އިންސައްތަ މީހުންނަށް ދުވާލަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފައިބަރެއް ނުލިބެއެވެ. މީގެ މައިގަނޑު ސަބަބަކީ ބޮޑެތި މީހުންގެ 85 އިންސައްތަ މީހުންގެ ދުވަހުގެ ކެއުމުގައި ތަރުކާރީއާއި، މޭވާއާއި، އަދި ހޯލް ގްރެއިންސް ހިމަނާ މިންވަރު އިންތިހާއަށް މަދުވުމެވެ.

ފައިބަރުން ހަށިގަނޑަށް ލިބޭ ފައިދާތައް

ހަށިގަނޑަށް ފައިބަރ މުހިންމުވާ ސަބަބު ދެނެގަތުމަށްޓަކައި، ފައިބަރ ބެހިގެންވާ ދެ ބާވަތް ކަމަށްވާ "ސޮލިއުބަލް ފައިބަރ" (ފެނަށް ގިރޭ ފައިބަރ) އަދި "އިންސޮލިއުބަލް ފައިބަރ" (ފެނަށް ނުގިރޭ ފައިބަރ) މަސައްކަތްކުރާ ގޮތް އެނގުން މުހިންމެވެ. އޯޓްސް، ތޮޅި، އަދި ބައެއް މޭވާއާއި ތަރުކާރީގައި ހުންނަ ސޮލިއުބަލް ފައިބަރަކީ ފެނާ އެކުވުމުން ޖެލްއެއް ފަދަ އޮލަ އެއްޗަކަށް ބަދަލުވާ ބާވަތެކެވެ. މީގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ގޮހޮރުގައި އުޅޭ ފައިދާހުރި ބެކްޓީރިއާތަކަށް ކާނާ (ޕްރީބަޔޮޓިކްސް) ފޯރުކޮށްދީ، ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ހަމައެއާއެކު، ސޮލިއުބަލް ފައިބަރަކީ ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ، އަދި ލޭގެ ތެރެއަށް ހަކުރު ދޫކުރާ ސްޕީޑް ލަސްކޮށްދީ ހަކުރުބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ މުހިންމު މާއްދާއެކެވެ.

އަނެއްކޮޅުން، ހޯލް ގްރެއިންސް، ނަޓްސް، ޗިއާ ސީޑްސް، އަދި ކޯލީފްލާވަރ ފަދަ ތަރުކާރީގައި އެކުލެވޭ އިންސޮލިއުބަލް ފައިބަރަކީ ފެނަށް ނުގިރޭ، ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި ކާނާގެ ބަރުދަން އިތުރުކޮށްދޭ ބާވަތެކެވެ. މިއީ ބަނޑުހަރުވުމުން ދުރުކޮށްދީ، ގަވާއިދުން ފާޚާނާކުރުމަށް މަގުފަހިކޮށްދީ، ގޮހޮރުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދޭ ބާވަތެކެވެ. މި ދެ ބާވަތުގެ ފައިބަރ އެކުވުމުން، ގިނަ އިރު ވަންދެން ބަނޑުފުރިފައި ހުންނަ އިހުސާސް ގެނެސްދީ، ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދެއެވެ.

ރައްކާތެރިކަމާއެކު ފައިބަރމެކްސިންގ ކުރިއަށް ގެންދާނެ ގޮތް

ފައިބަރމެކްސިންގެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، އެންމެ މުހިންމު ކަމަކީ ކެއުމުގައި ފައިބަރ އިތުރުކުރާ މިންވަރު މަޑުމަޑުން މައްޗަށް ޖެއްސުމެވެ. ސިއްޙީ މާހިރުން ލަފާދޭ ގޮތުގައި އުމުރުން 50 އަހަރުން ދަށުގެ ފިރިހެނުންނަށް ދުވާލަކު 38 ގްރާމް، އަދި އަންހެނުންނަށް 25 ގްރާމްގެ ފައިބަރ ބޭނުންވެއެވެ. ނަމަވެސް، މި މިންވަރަށް ވާސިލުވުމަށްޓަކައި ކުއްލިއަކަށް މާގިނަ ފައިބަރ ކެއުމުގެ ބަދަލުގައި، ހަފްތާއަކަށްފަހު ހަފްތާއެއް ކުޑަމިންވަރަކުން އިތުރުކުރަމުން ގެންދިއުން މުހިންމެވެ. މީގެ އިތުރުން، ފައިބަރ އިތުރުކުރާ ވަރަކަށް ދުވާލެއްގެ މައްޗަށް ފެން ބޯ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ފައިބަރ އޭގެ ޒިންމާ ފުރިހަމައަށް އަދާކުރަނީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެން ހުރެގެން ކަމަށްވާތީއެވެ. އަދި އެންމެ ބާވަތެއްގެ ކާނާއަކުން ނުވަތަ ސަޕްލިމެންޓަކުން ފައިބަރ ހޯދުމުގެ ބަދަލުގައި، މޭވާއާއި، ތަރުކާރީއާއި، ތޮޅިއާއި، ނަޓްސްއާއި އޮށް ފަދަ ތަފާތު ގުދުރަތީ ވަސީލަތްތަކުން ފައިބަރ ހޯދުމަށް އިސްކަންދޭންޖެހެއެވެ.

ހެދޭ އާންމު ގޯސްތަކާއި އޭގެ ނުރައްކާ

ފައިބަރމެކްސިންގ ކުރާއިރު ގިނަ ބަޔަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ކެތްތެރިކަމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މާގިނައިން ފައިބަރ ކާން ފެށުމެވެ. ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު އިތުރުނުކޮށް، ކުއްލިއަކަށް ގިނަ ޢަދަދަކަށް ފައިބަރ ކެއުމުން ބަނޑުގައި ވައިހެދި، ބަނޑު ފުއްޕައި، ބަނޑުގައި ރިއްސުމާއި ބަނޑުހަރުވުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިންތިހާއަށް މާގިނައިން ފައިބަރ ކެއުމަކީ "ނިއުޓްރިއެންޓް އިންޓަރފިއަރެންސް" ނުވަތަ ހަށިގަނޑަށް ބޭނުންވާ ކެލްސިއަމްއާއި މެގްނީޒިއަމް ފަދަ މުހިންމު މައުދަންތައް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ ކަމެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، ހަމައެކަނި ފައިބަރ ސަޕްލިމެންޓްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކިއެކި މާއްދާތަކުން މުއްސަނދިވެފައިވާ ނަޓްސްއާއި މޭވާ ފަދަ ފުރިހަމަ ކާނާ ކެއުމުގައި ހިމެނުން މުހިންމެވެ.

ނިންމުން

ނިންމާލަމުން ދަންނަވާނީ، ފައިބަރމެކްސިން އަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ދެކެވޭ އާދައިގެ ވާހަކައެއް ނޫންކަމެވެ. އެއީ އަޅުގަނޑުމެންގެ ކެއިންބުއިމުގެ އާދަތައް ހަރުދަނާކޮށް، ދިގު މުއްދަތަކަށް ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. ކޮންމެ ކަމެއްގައިވެސް މެދުމިނުގައި ހިފަހައްޓައި، ފެން ބުއިމާއެކު މަޑުމަޑުން ކެއުމުގައި ފައިބަރ އިތުރުކުރަމުން ގެންދާނަމަ، ހަޖަމުކުރުމުގެ ނިޒާމު އާރާސްތުވެ، ބަރުދަން ލުއިވެ، މުޅި ހަށިގަނޑަށް އާ ތާޒާކަމަކާއި ހަކަތައެއް ލިބިގެންދާނެއެވެ. މިއަދު ތިބާގެ ސުފުރާމައްޗަށް އިތުރުކޮށްލާ ކޮންމެ ތަރުކާރީއަކާއި މޭވާއަކީ، މާދަމާގެ ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް އެޅޭ ވަރުގަދަ ބިންގަލެއްނޫންތޯއެވެ.

މަސްދަރު: އިންހަރބް. ކޮމް، ވަރލްޑް ގޭސްޓްރޮއެންޓެރޮލޮޖީ އޯގަނައިޒޭޝަން، އެކަޑެމީ އޮފް ނިޔުޓްރިޝަން އެންޑް ޑައިޓެޓިކްސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —