Advertisement
header ad
XeeTimesXeeTimes
ވޯޓުދޭންވީ ކާކަށް ހެއްޔެވެ؟

ވޯޓުދޭންވީ ކާކަށް ހެއްޔެވެ؟

ހިނގަމުންމިދާ ނޮވެންބަރު މަހުގެ ހަތާވީސްވާ ހުކުރު ދުވަހަކީ ރާއްޖޭގެ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޖަމާޢަތް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އިންތިޚާބު އޮންނަ ދުވަހެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގުމުން މިއިންތިޚާބަށް ކުރެވެމުންދާ ކެމްޕެއިންގެ ފޯރިއާއި ބޮޑުކަން ތަސައްވުރުކުރެވެއެވެ. މިއިން ޒަމާނަކު އިންތިޚާބަކާ ގުޅިގެން ވޯޓުލާ މީހުންނަށް ފޯނުނުކުރާ ވަރަށް މިފަހަރު ފޯނުކުރެވެމުން ދެއެވެ. ހަމައެގޮތަށް ވޯޓުލާ މީހުންނަށް މެސެޖު ނުކުރާވަރަށް މިއިންތިޚާބުގައި މީހުންނަށް މެސެޖު ކުރެވެމުންވެސް ދެއެވެ. މިކަމުގެ ސަބަބުން ވޯޓުލާ ބައެއް މީހުންނަށް ތުރާލަކަށްވެއްޖެކަމަށް ދެކޭ މީހުންވެސް މަދެއްނޫނެވެ. އަޅުގަނޑަކީ މިއިންތިޚާބުގައި މާލެއަށް ވާދަކުރާ ކެންޑިޑޭޓަކަށްވާތީ މާލޭން ވޯޓުލާ މީހުންގެ އުދާސްތައް ޚުދް އަޅުގަނަޑަށްވެސް ތަޖުރިބާކުރެވެމުން ދެއެވެ.

"އަޅުގަނޑަކީ ބަލި މީހެއް އިނގޭތޯ. ނިދަން އުނދަގޫވޭ ތިބޭފުޅުން ތިފޮނުއްވާ އެސްއެމްއެސްތަކުން. މެންބަރުންގެ ރަޖިސްޓްރީގައި ނަން އޮތަކަސް ތިޔަދެން ބޮޑުވަރު. އަޅުގަނޑު މަރުވެގެން ޖަނާޒާއަށް ގޮވާލީމާ ތިޔައިން ބޭފުޅަކަށް އެނގޭނެބާ މިއީ އެމްޑީޕީގެ މެންބަރެއްކަން".

އަޅުގަނޑު މެސެޖުކުރުމުން ޕާޓީގެ މެންބަރަކު އޭނާގެ އިހުސާސްތައް ބަންޑުންކުރައްވައި ރައްދުގައި މެސެޖުކުރެއްވިއެވެ. މިމެސެޖުން ކަށަވަރުވީކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިއާއި ކެންޑިޑޭޓުން ވޯޓުހޯދަން ކުރަމުންދާ ބުރަ މަސައްކަތެވެ. އަދި ފަންސާހަށްވުރެ ގިނަ ކެންޑިޑޭޓުން، ޕާޓީގެ މާލޭގެ މެންބަރުންނަށް ގުޅުމުން ބައެއް މެންބަރުންވާ އުނދަގުލާއި ތުރާލުގެ ބޮޑުކަމެވެ.

Article - in content
Advertisement

އިންތިޚާބު ކުޑަތަންވެފައިވާއިރު ވޯޓުލާ މީހާގެ ހިތަށް އަރާފާނެ އެއް ސުވާލަކީ 'ވޯޓުދޭންވީ ކާކަށް ހެއްޔެވެ؟' މި ސުވާލުގެ ޖަވާބަކީ ތިމާ އެދޭ ނުވަތަ ތިމާ ބޭނުން ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންނަށް ވޯޓުލުމެވެ. އެއީ ތިމާގެ އަސާސީ އަދި ފަރުދީ ހައްގެކެވެ. ތިމާ ވޯޓުލާނީ ތިމާ ބޭނުން މީހާއަށެވެ. ތިމާ ވޯޓުލާނީ ތިމާ އެންމެ އެދޭ ކެންޑިޑޭޓަށް ނުވަތަ ކެންޑިޓޭޓުންނަށް ކަމުގައިވިޔަސް، އެކަންކަމާމެދަކު ވިސްނައިލުމަކީ ރަނގަޅު ކަމެކެވެ. ތިމާ ވޯޓުދޭން ނިންމާ ނިންމުން ބިނާވާ އަސާސްތަކެއް ނުވަތަ ނުފޫޒުތަކެއްވެއެވެ. އެއީ ބުއްދީގެ ހަމަތަކުން ނިންމާ ނިންމުމާއި ޖަޒުބާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެވެ. 

ބައެއް މީހުންގެ ނަޒަރުގައި ގިނަ މީހުން ވޯޓުލާން ނުވަތަ ވޯޓުދޭން ނިންމާ ނިންމުން ބިނާވަނީ ޖަޒުބާތަށް ނުވަތަ އިހުސާސަށެވެ. މިބަހުގެ މާނަޔަކީ ގިނަ މީހުން އެމީހުންގެ ޖަޒުބާތަށް ބުރަވެތިބެ ވޯޓުލުމެވެ. ބުއްދީގެ ތަރާދުން ކިރައިގެން ގައުމަށް ނުވަތަ ޕާޓީއަށް އެންމެ ފައިދާހުރިގޮތަށް ވޯޓުލާ މީހުންނަކީވެސް މަދު ބައެއްނޫނެވެ. އެކަމަކު ގިނަފަހަރު ކުރި ހޯދަނީ ޖަޒުބާތެވެ.

އަޅުގަނޑާ އަޅުގަނޑުގެ އެކުވެރިޔާއާ ދެމެދު ބަދަލުކުރެވުނު ޚިޔާލުތަކެއްގައި އޭނާ ކެންޑިޑޭޓަށް ތާއީދުކުރަނީ އެއީ އޭނާގެ ފޭވަރިޓްކަމަށްވާތީކަން ހާމަކުރިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި އެއީ ދަރިން ތިބޭ ކޮންމެ މީހަކުވެސް ގަޔާވާ ނުވަތަ ފޭވަރިޓް ދަރިހުންނަ ފަދައިންނެވެ. އޭނާ ބުނިގޮތުގައި ފޭވަރިޓް ދަރިއަށްވަނީ ކޮންމެހެން އެއީ އެންމެ ރަނގަޅު ދަރިއަށްވެގެނެއްނޫނެވެ. އެކަން ހިނގަނީ އެމީހާއަށް އެންމެ ގަޔާވާ ކާނާއާއި ކުލަ އެމީހާ ކަނޑައަޅާ ފަދައިންނެވެ. އެއީ ބުއްދީގެ އަސާސްތަކަށް ރިއާޔަތްކޮށްގެން ނިންމާ ނިންމުންތަކެއްނޫނެވެ. ބައެއް ފަހަރު އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދުކުރެވެނީ މިދެންނެވި ގޮތަށް ވިސްނައި ފިކުރު ނުހިންގައެވެ.

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަފަދައިން ވޯޓުލާން ނިންމާ ނިންމުމުގައި ފައިދާއާއި ގެއްލުން ހުރެއެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު ފައިދާބޮޑީ ބުއްދީގެ ތިލަފަތުން ވަޒަންކޮށްގެން ވޯޓުދިނުމެވެ. ވިސްނައި ފިކުރުކުރުމަށްފަހު ވޯޓުދޭނެ ކެންޑިޑޭޓެއް ކަނޑައަޅާއިރު މިބަޔާންކުރާ ސުވާލުތަކަށް ޖަވާބުހޯދުމަކީ ބޭނުންތެރިކަމެކެވެ.

1- ކެންޑިޑޭޓަކީ ކާކު ހެއްޔެވެ؟ (އޭނާގެ އަޚުލާގާއި ސުލާކާއި އޭނާ ދެމިހުންނަ އަސާސްތައް)

2- ކެންޑިޑޭޓް ތެދުވެ ސާބިތުވަނީ ކޮން ކަމަކަށް؟ (އޭނާ ތަބާވާ އަސާސްތަކާއި ހަމަތަކާއި އުސޫލުތައް)

3- ކެންޑިޑޭޓްގެ ޚިދުމަތް ނުވަތަ ކާމިޔާބީއަކީ ކޮބާ؟ (އޭނާގެ ރެކޯޑް، ކުރި ކަންކަމާއި ތަޖުރިބާ)

4- ކެންޑިޑޭޓް ވައުދުވަނީ ކޮން ކަމަކަށް؟ (އޭނާގެ ސިޔާސަތުތަކާއި ކަންކަން)

5- ކެންޑިޑޭޓަށް ފުއްދައިދެވޭނެ ހެއްޔެވެ؟ (އޭނާގެ ގާބިލުކަމާއި ތަޖުރިބާއާއި ގުޅިގެން މަސައްކަތްކުރުން)

6- ކެންޑިޑޭޓް ތަމްސީލުކުރަނީ ކޮން ބައެއްގެ މަސްލަހަތު؟ (ރައްޔިތުންގެ، ރަހުމަތްތެރިންގެ، އަމިއްލަ، އާއިލާގެ)

7- ކެންޑިޑޭޓް ހޮވުމުން ނިކުންނާނެކަމަށް ބެލޭ ނަތީޖާއަކީ ކޮބާ؟ (އަދުލުއިންސާފާއި ޑިމޮކްރަސީއަށް، މުއައްސަސާއަށް ކުރާނެ އަސަރު)

ވޯޓުލުމުގައި ވިސްނާލަންޖެހޭ އެއްކަމަކީ ތިމާގެ ބުއްދިން ނުވަތަ ސިކުނޑިން ވިސްނުމެވެ. ޖަޒުބާތުގެ ތައައްސުބުން ދުރުވެ ބުއްދި އިސްކުރުމެވެ. ދިވެހިރާއްޖެއާއި އެމްޑީޕީއަށް އެންމެ ރަނގަޅުވާނެ ކެންޑިޑޭޓުކަމަށް ނުވަތަ ކެންޑިޑޭޓުންކަމަށް ތިމާއަށް ފެންނަ މީހުން ނިންމަންވީ ވިސްނުންތެރިކަމާއެކުއެވެ. ކެންޑިޑޭޓުން ވަޒަންކުރާނީ ތިމާ އަމިއްލައަށެވެ. މިކަމުގައި ތިމާއަށްވުރެ ބޮޑަށް ކަންކަން އެނގޭ އަދުލުވެރި ހެޔޮލަފާ މީހުންގެ މަޝްވަރާއަކީ މުހިންމު އެއްޗެކެވެ.

ޕާޓީއެއް ރައްޔިތުންގެ މެދުގައި މަގުބޫލު މުއައްސަސާއަކަށްވަނީ ޕާޓީ ހިންގުން ހަރުދަނާވެގެންނެވެ. ޕާޓީ ހިންގުން ހަރުދަނާވުން ބިނާވާނީ ޕާޓީ ހިންގުމުގައި ޒިންމާވާ މެންބަރުންގެ އަމާނާތްތެރިކަމާއި ގާބިލުކަމަށެވެ.

އެޑިޓަރުގެ ނޯޓް: ފަޔާޒަކީ ލިޔުންތެރިއެއްގެ އިތުރަށް ދާރިސެކެވެ. އަދި ފަޔާޒަކީ މިފަހަރު އެމްޑީޕީގެ އިންތިޚާބުގައި މާލޭން ގައުމީ މަޖުލިހަށް ވާދަކުރާ ކެންޑިޑޭޓެއްވެސްމެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —