"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެއެވެ.

ނޮވެންބަރު 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެއެވެ.
މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ދިވެހި ޒުވާނުންގެ ތައުލީމާއި، ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިންސްޕޮންސަރެއްގެ ގޮތުގައިވެސް ބައިވެރިވެފައެވެ.









