Advertisement
header ad
XeeTimesXeeTimes
ކުޑަކުދިންގެ ދަތް: ސަމާލުކަން ނުދެވިއްޖެނަމަ ބޮޑުވޭނެއް ތަހައްމަލު ކުރަންޖެހިދާނެ! ސިއްޙަތު

ކުޑަކުދިންގެ ދަތް: ސަމާލުކަން ނުދެވިއްޖެނަމަ ބޮޑުވޭނެއް ތަހައްމަލު ކުރަންޖެހިދާނެ!

ތުއްތު ކުދިންގެ އުމުރުން އެންމެ އެންމެ 6 މަހުން ފެށިގެން ދަތްފަޅަން ފަށާއިރު، ހުރިހާ ދަތްތަކެއް ފަޅާނިމެން އަހަރުތަކެއް ހޭދަވެއެވެ. މިގޮތުން ބައެއް މީހުންގެ ދަތްތައްފަޅާ ނިމޭއިރު އުމުރުން 20 އަހަރު ވެސް ވެފައިވެއެވެ. ކޮންމެ އުމުރެއްގައިވެސް ދަތަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ޚާއްސަކޮށް ކުޑައިރު ހުންނަ ކިރުބުއި ދަތްތަކަށް ސަމާލުކަން ނުދެވިއްޖެނަމަ އޭގެ އަސަރު ދާއިމީ ދަތްތަކަށް ކުރެއެވެ.

ކިރުބުއި ދަތް މުހިންމުވަނީ ކީއްވެ؟

ދަތުގެ ޚާއްސަ ޑޮކްޓަރުން މަޢުލޫމާތުދެއްވާގޮތުގައި ކިރުބުއި ދަތްތަކަކީ ވަރަށް މުހިންމު ދަތްތަކެކެވެ. މިދަތްތައް ފަނިކައިފިނަމަ ދާއިމީ ދަތް ފެޅުމަށް މައްސަލަ ދިމާވެއެވެ.

Article - in content
Advertisement

ކިރުބުއި ދަތް މުހިންމުވަނީ ކާތަކެތި ރަނގަޅަށް ހެފުމަށް އެދަތްތައް އެހީތެރިވެދޭތީއެވެ. އަދި ދާއިމީ ދަތް ފެޅުމަށް ޖާގަ ބެހެއްޓުމާއި ދަތްތައް ރަނގަޅު ހިސާބުގައި ފެޅުމަށް އެހީވުމަށެވެ. އަދި ކޯ ކަށިގަނޑާއި މަސްތައް ހެދިބޮޑުވުމަށްވެސް މި ދަތްތައް މުހިންމު ރޯލެއް އަދާކުރެއެވެ.

މެދު 4 ދަތް 6 އަހަރާއި 7 އަހަރުވަންދެން އާންމުކޮށް ހުންނައިރު ކޮލު ދަތްތައް 10 އަހަރާއި 12 އަހަރުވަންދެން އާންމުކޮށް ނުވެއްޓި ހުރެއެވެ. ވާހަކަ ދެއްކުމާއި މޫނުގެ ރީތިކަމަށްވެސް ކިރުބުއި ދަތް މުހިންމު ދައުރެއް އަދާކުރެއެވެ.

ކިރުބުއި ދަތް އުނގުޅަން ފަށާނީ ކޮންއިރަކު؟

ކުދިން އުފަންވުމަށްފަހު ހިރުގަނޑު ސާފުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ސާފު މަޑުފޮތިކޮޅެއް ފެނުން ތެންމާލުމަށްފަހު މަޑުމަޑުން ސާފުކުރެވިދާނެއެވެ. ކުޑަކުދިންގެ ދަތް އުނގުޅުމަށް ޚާއްސަ މަޑުމަޑު ބުރުހަކުން ދަތް އުނގުޅިދާނެއެވެ. އުނގުޅާއިރު ބޭނުންކުރަންވާނީ ފުލޮރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭހެކެވެ.

ދަތް ފަނިކެއުން

ދަތް ފަނިކެއުން އެއީ މަޑުމަޑުން ލަސްލަހުން ދަތުގެ ޓިޝޫތައް ހަލާކުވުމަށް ކިޔާ މައިގަނޑު ނަންކަމަށާއި، ދަތް ފަނިކެއުމަކީ ފަންޏެއްގެ ސަބަބުން ވާކަމެއް ނޫންކަމަށް ޑޮކްޓަރ އަހުމަދު ސަލީމް ވަނީ މަޢުލޫމާތުދެއްވާފަ އެވެ.

" އަނގަތެރޭގައި އަބަދުވެސް ބެކްޓީރިއާ އުޅޭ. މިބެކްޓީރިއާތައް ކާއެއްޗެހި (ހަކުރު، ސްޓާރޗް) ހުންނަ އެސިޑަށް ބަދަލުކުރޭ. އަނގައިގަ ހަރުލާ ކާތަކެއްޗާއި، އެސިޑް، ބެކްޓީރިއާ އަދި ކުޅު އެކުވެ ދަތްތަކުގަ ޕްލާކް ހަރުލާގޮތްވޭ. ޕްލާކް އަކީ ދަތުގެ ވަށައިގެން އުފެދޭ މަޑުފަށަލަ އެއް"

ޑޮކްޓަރު މަޢުލޫމާތު ދެއްވިގޮތުގައި ކާތަކެތި ކެއުމަށްފަހު 20 މިނިޓްތެރޭގައި ޕްލާކް އުފެދޭގޮތްވެއެވެ. މިޕްލާކްތައް އަވަސްގޮތެއްގައި ސާފުނުކުރެވިއްޖެނަމަ ދަތް ފަނިކެއުމުގެ ފުރަތަމަ މަރުހަލާ އެފެށުނީއެވެ. އަދި ޕްލާކްގައި ހުންނަ އެސިޑްތައް ދިޔާވެ ދަތުގެ އެނޭމަލް ހަލާކުވެ ލޯވަޅު ހެދޭގޮތްވާކަމަށާއި، މީގެ ސަބަބުން ތަދުނުވެހުރެ ދަތުގެ އެތެރެ ވަރަށްބޮޑަށް ހަލާކުވެއެވެ. މިގޮތުން ދަތުގެ ނާރުތަކާއި ލޭހޮޅިތައް ހަލާކުވެ، އަޅާނުލާ ދޫކޮށްލެވިއްޖެނަމަ ހިރުގަނޑުގަ ދޮސްލާގޮތްވާނެ ކަމަށާއި، އޭގެ ސަބަބުން ދަތް އުފުރާލަންޖެހޭ ކަމަށް ޑރ. ސަލީމް ވަނީ ވިދާޅުވެފައެވެ.

ސަމާލުކަން ނުދެވިއްޖެނަމަ ވާނީ ކިހިނެއް؟

ދަތަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ ދަތް ފަނިކެއުމުން އެ ލިބެނީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ބައެއް ފަހަރަށް ހިރުގަނޑު ދުޅަވެ އިންފެކްޓްވާ ހިސާބަށްވެސް ދެއެވެ. މިގޮތަށް ދިމާވެއްޖެނަމަ އަވަހަށް ފަރުވާ ހޯދަންވާނެއެވެ. ތަކުރާރުކޮށް ފަރުވާ ހޯދަންޖެހި ތުއްތުކުދިން ބޮޑު ތަކުލީފެއްގައި އުޅެންޖެހުމުގެ ކުރިން ދަތަށް ޚާއްސަ ސަމާލުކަމެއްދީ އެއްވެސް މައްސަލައެއް ދިމާނުވާނެ ގޮތަކަށް ސާފުތާހިރުކޮށް ދަތްތައް ބެލެހެއްޓޭތޯ ކުރެވެންހުރި މަސައްކަތެއް ކުރަންޖެހެއެވެ. ދަތް ފަނިކައި ހަލާކުވެއްޖެނަމަ އެ ދަތް ވެއްޓެންދެން ފުޓުނިއަޅައި އެދަތާއި ޖެހިގެން ހުރި ދަތްތައް ހުރީ ސަލާމަތުންތޯ ބެލިދާނެއެވެ. ބައެއްފަހަރަށް އެއް ދަތް ފަނިކައިފިނަމަ މާގިނަ ދުވަހެއް ނުވެ ދެންހުރި ދަތްތަކަށްވެސް އޭގެ އަސަރު ކުރާތަން ފެނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —