ވިލު ނޫކުލައާއި ރަތް އަދި ފެހިކުލައިގައި ހުންނަ ކުއެޓްޒަލް އަކީ ދުނިޔޭގެ އެންމެ ރީތި ދޫނިތަކުގެތެރޭގައި ހިމެނޭ ދޫންޏެކެވެ. 'ގުއަޓެމާލާ'ގެ ޤައުމީ ދޫނީގެ ގޮތުގައި ކުއެޓްޒަލް ހިމެނޭއިރު އެ ޤައުމުގެ ދިދައިގައިވެސް މިދޫނި ރަމްޒުކޮށްދޭ ފޮޓޯވަނީ ޖަހައިފައެވެ.

މި ދޫނީގެ އާބާދީއަކީ 20،000 އާއި 50،000 އާއި ދެމެދުގެ އަދަދެކެވެ. މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ އަދި ގުއަޓެމާލާގައި މި ވައްތަރުގެ ދޫނި ވަނީ ޤާނޫނީގޮތުން ހިމާޔަތްކޮށްފައެވެ. ރީތި ފިޔަތަކުގެ ސަބަބުން އޮޅުކޮށްގެން ގެންގުޅެން ބޭނުންވާ ދޫންޏަކަށްވިއަސް މިއީ އާބާދީގެގޮތުން މަދު ދޫންޏެކެވެ.

ކުއެޓްޒަލް ދޫންޏަކީ އޮޅުކޮށްގެން ގެންގުޅެން އެހާ ފަސޭހަ ދޫންޏެއް ނޫންކަމުގައި ބައެއް ސައެންސްވެރިން އަދި ޒޫލޮޖިސްޓުން ފާހަގަކޮށްފައިވެއެވެ.
މި ވައްތަރުގެ ދޫންޏަކީ އެހާ ދުރަށް އުދުހޭ އެއްޗެއް ނޫނެވެ. އެހެންވުމުން އެހެން ޖަނަވާރުތަކުގެ ޝިކާރައަކަށް މި ދޫނިވެގެންދެއެވެ. އާންމުގޮތެއްގައި މިވައްތަރުގެ ދޫނީގެ އުމުރަކީ 25 ވަރަކަށް އަހަރެވެ. އެމުއްދަތުގައި 15 ވަރަކަށް އިންޗިއަށް ބޮޑުވެއެވެ.













