ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ.

ދިވެހި ސިފައިންގެ 134 އަހަރުގެ ފަޚުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ޤައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަންފުޅުތައް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ސިފައިން ޤައުމަށްޓަކައި ވަމުންދާ މަތިވެރި ޤުރުބާނީއާއި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަމުން، ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރައީސް ވަނީ ދިވެހި ސިފައިންނަށާއި ޢާއިލާތަކަށް ރައްދުކުރައްވާފައެވެ.













