ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 09:30 ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތުދީފައެވެ.
މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން އަންނަނީ ނިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.

ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި 2 ދޯންޏަކާއި 2 ޑިންގީގެ އިތުރުން އެސަރަހައްދުގައި ހުރި އައިސްޕްލާޓުވެސް އަނދާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެއިތުރުން ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް ޝެޑުގެ ބައެއްބައިތަކަށް ވަނީ ގެއްލުންލިބިފައެވެ.
" މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރު". އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެއެވެ.

ރަށުތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން ދުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.













