އިންތިޚާބާއި ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުންނާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހާމަކޮށްފައެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އާންމު ވޯޓާއި ގުޅޭ ކެމްޕެއިން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނިމުނުފަހުން އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައްކަމުން އެމައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށެވެ.
" ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި، ވޯޓު ދިނުމުގެ ޤާނޫނީ ހައްޤު ހެޔޮގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ޙައްޤުގެ ބޭނުން ފުރިހަމައަށް ހިފުމަށް ކޮމިޝަނުން އިލްތިމާސްކުރަން".
އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.













