April 23, 2026 18:14
Advertisement

-Advertisement-

ވާހަކަ: އިހާ (ބާރަވަނަބައި)

އަޔާން ރޭގައި ދެއްކީ މިވާހަކައެވެ. އޭނާ ހީކުރީ މިއީ އޭނާއަށް ނުފެންނާނޭ ކަމެއް ކަމަށެވެ. އެއީ އަޔާންގެ މައިންބަފައިންގެ ފުރިހަމަ ރުހުމެއް މި ކައިވެންޏަށް ނުލިބޭތީއެވެ. ރާނިޔާ އަޔާނަށް ބަލާލިއެވެ. މިއަދު އޭނާ އަޔާނަށް ކުރާ އިހްތިރާމް އެތައް ގުނައަކަށް ބޮޑުވިއެވެ. އަޔާނުދެކެ ވާ ލޯބި އިތުރުވެގެން ދިޔައެވެ. އަޔާން ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާއަކަށް އެއްވެސްކަމެއް އުނި ވިޔަކަ ނުދެއެވެ. ރާނިޔާ އުފަލުން އަޔާނަށް ބަލަމުން ދިޔައެވެ. އަޔާން އެއްލޯ މަރާލިއެވެ. އަދި އަތުގެ އިޝާރާތުން ތީ އަހަރެންގެ މީހެކޭ ބުންޏެވެ.

މަޑު ހިނގުމެއްގައި ލަވަޔާއި ބެރާއެކު ރާނިޔާ އުޅެންޖެހޭ ގެއަށް ގެންދެވުނެވެ. އެގެއަކީ އަޔާން ކުއްޔަށް ހިފާފައިވާ ރީތި ތަނަވަސް ގެކެވެ. ގެއަށް ވަދެ ބަލާލިއިރު ރާނިޔާގެ މަންމަ ވަކި ކޮޓަރިއެއްގައި އޮތެވެ. އަޔާންވަނީ ރާނިޔާއަށް ނޭނގި މަންމަ ގެނައުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައެވެ.

މަންމަގެ ބޮލުގައި ރާނިޔާ ފިރުމާލިއެވެ. މަންމަގެ ލޮލުގައިވަނީ އުފާވެރި ކަމުގެ ކަރުނައެވެ. އެ ދަރީގެ ކުރިމަގާމެދު ކޮންމެރެއަކު ރޮއި ކަރުނައަޅާ މަންމަ، ﷲ އަށް ހަމްދުކުރާ ހާލު ދެއަތް މައްޗަށް ނެގޭ އެންމެ ބޮޑު މިންވަރަށް މައްޗަށް ނެގިއެވެ. އަދި އެކަލާނގެއަށް ޝުކުރު އަދާކުރިއެވެ. އެ މަންމަގެ ލޮލުގައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. ރާނިޔާ މަންމަގެ ގައިގާ އޮޅުލައިގަތެވެ. މިއަދު އޭނާގެ ލޮލުން ކަރުނަ އަންނަނީ އުފަލުންނެވެ. މިފަހަރު ރޮވުނީ ދުވަހަކުވެސް މިހާ ބޮޑު އުފަލެއް ނުލިބޭތީއެވެ.  

Advertisement

"އަޔާން ހާދަ ރަނގަޅޭ." ރާނިޔާ އަޔާންގެ އަތުގައި ހިފާލިއެވެ.

"މީ ރާނީގެ ގެ. މިގޭގެ އުފާވެރިކަމާއި ކާމިޔާބު އޮތީ ރާނީގެ އަތްމަތީ." އަޔާން ރާނިޔާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ނިމި އެންމެން ދިޔައިރު އިރު އޮއްސިއްޖެއެވެ. އަޔާން ކޮންމެހެންވެސް ސޮއިކުރަންޖެހޭ އެއްޗިހިތަކެއް ހުރުމުން އޮފީހަށް ދިޔައެވެ. އޭނާއަށް އާދެވުނުއިރު ހުރީ ލަސްވެފައެވެ. އަޔާންގެ އިންތިޒާރުގައި ސޯފާގައި އިން ރާނިޔާއަށް އިނީ ނިދިފައެވެ. ދުވާލުގެ ސަކަރާތްގަނޑާހެދި އޭނާ ހުރީ ވަރުބަލި ވެފައެވެ. އަޔާން މަޑުމަޑުން އައިސް ރާނިޔާ އުރާލިއެވެ. އަދި އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.

އެހާމެ ބޮޑު ތަނަވަސް ކޮޓަރީގައިވަނީ ފަނޑު އަލިކަމެވެ. މަޑުމަޑު މިއުޒިކެއްގެ އަޑެވެ. އޭނާ ރާނިޔާ އެނދުމަތީގައި ބޭއްވިއެވެ. އަދި ބެޑްޝީޓް އަޅައިދިނެވެ.

"އަޔާން.. އަނެއްކާވެސް. ދާންޖެހުނީތަ؟" ރާނީ ނިދިއަޑަކުން ބުންޏެވެ. އަދި އަޔާނުގެ އަތުގައި ހިފާލިއެވެ.

"ނޫން..ރާނީ.. ދެން ދާނެ ހިތްވަރެއް ނެތް." ރާނިޔާގެ އިސްތަށިގަނޑުން ދުވާ މީރު ވަހުން އަޔާނަކަށް ދުރަކު ނުހުރެވުނެވެ. އޭނާ ރާނިޔާގެ އިސްތަށިގަނޑުގެ ތެރެއަށް ފީނާލި ކަހަލައެވެ.

ދުވަސްތައް އުފާވެރިކަމުގައި ގުނަމުންދެއެވެ. އަޔާން ސިފައިންގޭގެ މަސައްކަތުގައި އުޅެނީ އެހާމެ އަވަދިނެތިއެވެ. ރާނިޔާ ސްކޫލުން ކެނޑިގެން ގޭތެރެ ބެލެހެއްޓުމުގައި އުޅެއެވެ. އޭނާއަށް ދަތިވާ އެއްވެސް ކަމެއް ނެތެވެ. އަޔާން އުފާވާނެހާ ހުރިހާ ކަމަކަށް އޭނާ ފަރުވާތެރިވެއެވެ. މަންމައަށް އޯގާތެރިވެއެވެ. ދޭތެރެ ދޭތެރެއިން ފޯނުން އަޔާންގެ މަންމަގެ ހާލުވެސް ބަލާހަދައެވެ. އަޔާން ރަށުންބޭރަށް ދާންޖެހޭ ފަހަރުތައްވެސް އާދެއެވެ. ރާނިޔާ ޝަކުވާއެއް ނެތި ދިރިއުޅެމުން ދިޔައެވެ.

އެއްފަހަރަކު އަޔާން ތ. އަތޮޅަށް ފުރަން ޖެހުނީއެވެ. މިފަހަރު ދެ ހަފްތާއަށެވެ. ރާނިޔާއަށް މިއީ ވަރަށް ގިނަ ދުވަހެވެ. އެހާ ގިނަދުވަހު އަޔާނާ ނުލާ އުޅެން އޭނާއަށް ކެތެއް ނުވާނެއެވެ. އަޔާން އައިސް ވަނުމުން އޭނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

"ނޫން.. އެމީހުންގާތު ބުނޭ އެއްމެ ހަފްތާއެކޭ ހުރެވޭނީ." ރާނިޔާ ޝަކުވާ ކުރިއެވެ.

"އެހެނެއް ނުހެދޭނޭ ރާނީ.." އަޔާން ރާނިޔާގެ އިސްތަށިގަނޑާ ކުޅެލިއެވެ.

ރާނިޔާ އަޔާންގެ ދަބަސް ތައްޔާރު ކޮށްދިނެވެ. އަދި ސައި ހަދައިދިނެވެ. އަޔާން ގުޅާނަމޭ ބުނެ ހިތްވަރުދީ ހެދުމަށްފަހު ފުރައިގެން ދިޔައީއެވެ. ރާނިޔާ ފޫހިކަމާއެކު ވަގުތުތައް ގުނަމުން ދިޔައެވެ. ފުރަތަމަ ހަފްތާ އަޔާން އޭނާއަށް ކޮންމެ ރެއަކު ގުޅައެވެ. އޭނާއަށް ނިދެނީ އަޔާން ގުޅައިގެން އުޅެނިކޮންނެވެ. ނަމަވެސް އަޔާންގެ ޚަބަރެއް ނުވާތާ މިހާރު ތިންދުވަސް ވީއެވެ. ރާނިޔާ އާދަޔާޚިލާފަށް ބަލިވާން ފަށައިފިއެވެ. ކޮޅަށް ހުންނަންވެސް އޭނާއަށް ދަތިވަނީއެވެ. ހީވަނީ އޭނާގެ ގައިން ހަކަތަ ހުސްވާހެންނެވެ. ފެންވަރާ ހިތް ކެނޑިއްޖެއެވެ. ކާއެއްޗިހި މަތީން ފޫހިވެއްޖެއެވެ. އެއްޗެއް ކެވެނީވެސް ގަދަކަމުންނެވެ. ހަސަން ޓީޗަރއާއި އޭނާގެ އަންހެނުން ނާހީ އެދުވަހު ރާނިޔާ ގާތަށް އައިކަން އެއީ އޭނާގެ ނަސީބެއެވެ.  

"ރާނިޔާ.. ރާނިޔާއަށް ތިހުރީ ކިހިނެއް ވެފަތަ؟ ދެލޯ ވަޅުވަދެ މުޅިން މިލާފަ. މީހާ ހީވަނީ ގަބުރެއްހެން.. ދޭބަލަ ޑޮކްޓަރަށް ދައްކާލަން.." ރާނިޔާއަށް ވާގޮތް ކިޔައިދިނުމުން ނާހީ ބުންޏެވެ.

"ތީވެސް މުޅިން ދޮގެއް ނޫން.. މީ ދުވަހަކުވެސް އަހަންނަށް ވީގޮތެއް ނޫން. ކުރީ ދުވަހު އެނދުން ތެދުވެވުނީވެސް އެހާ އުނދަގުލުން." ރާނިޔާ ބުންޏެވެ.

ނާހީއާއިއެކު ރާނިޔާ ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓްތައް ހެދިއެވެ. އައިވީއެއް ގުޅާލާ ވަރުޖެހެންދެން ރާނިޔާ ހޮސްޕިޓަލްގައި ބޭއްވިއެވެ. ޓެސްޓްތަކުގެ ނަތީޖާ ފޯނަށް އަންނާނެ ވާހަކަ ބުނެފައި ރާނިޔާ ގެއަށް ފޮނުވާލިއެވެ.

ރާނިޔާ މަންމައަށް ކާންދިނުމަށްފަހު އަޔާނަށް ގުޅޭތޯ ބަލާލިއެވެ. އަޔާންގެ ފޯނު ވަނީ އަދިވެސް ނިއްވާލާފައެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭނާ ހީކުރީ އަޔާން ކަމަށެވެ. ދުވެފައިގޮސް މެސެޖް ބަލާލިއެވެ. އަޔާނުގެ މެސެޖެއް ނޫނެވެ. ހޮސްޕިޓަލުން ހެދި ރިޕޯޓްތަކުގެ ނަތީޖާއެވެ. އޭނާ ދެތިން ފަހަރަށް އެ ރިޕޯޓްތައް ބެލިއެވެ. އޭގައި ވާއެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.

ނުނިމޭ..

+1
1
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް