April 23, 2026 18:13
Advertisement

-Advertisement-

ވާހަކަ: އިހާ (ދިހަވަނަބައި)

އަޔާން ކަންފަތުގައި އެ ނުރުހުމުގެ އަޑު ގުގުމަމުން ދިޔައެވެ. އޭނާގެ ވިސްނުމާއި ބައްޕަގެ ވިސްނުން އެހާ ތަފާތީ ކީއްވެހެއްޔެވެ؟ ރާނީއާއި ނުލާ އޭނާއަކަށް ނޫޅެވޭނެއެވެ. އަދި ބައްޕަގެ ނުރުހުމާ ނުލާ އޭނާއަށް ކައިވެނިކުރަން އެހާމެ އުނދަގުލެވެ. އަޔާނަށް ވަގުތުން ހުއްޓުން އެރިއެވެ. އޭނާ ސޯފާއަށް ވެއްޓިގަތެވެ. ދެންމެ މޫނުމަތީގައި ހުރި އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. ރަޙްމާއަށް ހުރިހާކަމެއް ފެނުނެވެ.

ރޭގަނޑުގެ ވަގުތެވެ. އަޔާން ގެއަކުން ނުނިކުމެއެވެ. ވިސްނާ ވިސްނާ އޭނާ ބޯ ވަނީ ހާސްވެފައެވެ. އޭނާ އިޝާނަމާދުން ފައިބައިގެން ދުޢާކުރަން އިނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާ މަންމަ އައިސް ކާންބުނީ އެވަގުތުއެވެ. ބަސްއަހާ ކުއްޖެއް ފަދައިން އަޔާން މަންމަ ފަހަތުން ދިޔައެވެ. ވާހިދުވެސް އިނީ އަޔާންގެ އިންތިޒާރުގައި ކަހަލައެވެ. ކާން ނުފެށެނީސް އަޔާނަށް ފޯނެއް އައެވެ. އޭނާ ތެދުވެގެން ސިޓިންރޫމަށް ދިޔައެވެ.

"އެ ދިޔައީނު. ވާހަކައެއްވެސް ދެއްކޭވަރު މީހެއްނޫނޭ އަޔާނަކީ." ވާހިދު ހުރީ ރުޅިއައިސްފައެވެ.

Advertisement

ރަޙްމާ ވާހިދާއި ދިމާއަށް ލޯ އަޅާލިއެވެ. އަދި ކާން ބެހެއްޓި ތަށި ނެގިއެވެ. އޭނާވެސް ނިކުމެގެން ދިޔައީއެވެ. ވާހިދު ބަލަން ހުއްޓެވެ. އެއީ ރަޙްމާ ވަރަށް ރުޅިއައީމާ ކަންތައް ކުރާ ގޮތްކަން އޭނާއަށް އެނގެއެވެ. ވާހިދު ކިތަންމެ ހަރުކަށިނަމަވެސް ރަޙްމާ ރުޅިއައީމާ މަޑުމައިތިރިވެއެވެ.

ރާނިޔާގެ މަންމަ ސަހީމާ ވަރަށްބޮޑަށް ބަލިވީއެވެ. އަވަސްވީ ގޮތަކަށް މާލެ ގެންނަން ޖެހުނީއެވެ. މި މުހިންމު ވަގުތު އަޔާންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރިއެވެ. ހެލިކޮޕްޓަރު ފޮނުވާ ރާނިޔާގެ މަންމަ މާލެ ގެނައެވެ. ސެނެހިޔާގައި ސަހީމާ އެނދުމަތި ކުރެވިއްޖެއެވެ. ސަހީމާއަށް އިމަޖެންސީކޮށް ފަރުވާދޭން ފެށުނެވެ. ސިފައިންގެ ފަރާތުން އަޔާނަށް ލިބުނީ އާދަޔާ ޚިލާފް އެހީތެރިކަމެކެވެ. އާއިލާއިންވެސް އޭނާއަށް ނުލިބޭ އެހީތެރިކަމެއް ސިފައިން ފަރާތުން ލިބުމުން ކަންކަން ދިޔައީ ވަރަށް ފަހިކޮންނެވެ. އެންމެ ވަގުތުކޮޅަކަށްވެސް އަޔާން ރާނިޔާއަކާއި ވަތްކެއް ނުވެއެވެ. ރާނިޔާ ނިދަން އޮތް ވަގުތު ފިޔަވައެވެ. އޭނާ ނިދީ ހޮސްޕިޓަލުގައި މަންމަގެ ކޮޓަރީގައެވެ.

ވާހިދުގެ ގޮތްދޫނުކުރުން ރަޙްމާއަށް ބޮޑުކަމަކަށް ވިއެވެ. ލިބުނު އެންމެ ދަރިއެއްގެ އުފާތަކަށް ފިރިމީހާ ހުރަސް އަޅަމުންދާތީ އޭނާ މިހާރު ވަރަށް ރުޅިއައިސްފިއެވެ. ވާހިދަށް މިކަން އެނގެއެވެ. ރަޙްމާ ކޮޓަރީގައި އޮއްވާ ވާހިދު ވަނެވެ. އެންމެފަހުން އޭނާ ރަޙްމާއާއި ވާހަކަ ދެއްކިއެވެ.

"ހޫނ.. ކިހިނެކޭ ވާންވީ." ވާހިދު އުޅުނީ ރަޙްމާ ހަމައަކަށް އަޅުވާށެވެ.

"ވާހިދު.  މީގެ ތިރީސް އަހަރުކުރިން ވާހިދުއާއި ކައިވެނި ކުރިއިރު އަހަރެންނަކީވެސް ރަށެއްގެ ނިކަމެތި ކުއްޖެއް. ވާހިދުގެ އާއިލާވެސް ނުރުހުމާއެކު ކުރި ކައިވެންޏެއްމީ. އެ ދުވަހު އަހަރެމެން ރުއި ރުއިން މިއަދު ހަނދާން ނެތުނީތަ؟ މިކައިވެނިން ލިބުނު ނަތީޖާ ގޯސްތަ؟ މިއަދު ވާހިދަކީ ނުހަނު ކާމިޔާބު މީހެއް. އަހަރެމެން އުޅުނުގޮތް ތަޙައްމަލް ކުރަން އަހަރެމެންގެ ދަރިފުޅަށް ނުޖައްސާ. މިހާރުވެސް އެކުއްޖާފުޅު އެހުންނަނީ ވާހިދާ އަނގައިން ބުނަންވެސް ބިރުން." ރަޙްމާ ހަރުކަށިކަމާއެކު ބުންޏެވެ.

" ރަޙްމާއޭ އެދަރި ހަލާކު ކުރީ. މި ވިޔަފާރިއާއި ހަވާލުނުވެ އަދާކުރާ ވަޒީފާ ދެކިބަލަ. ދެން އެ އުޅެނީ ރަށެއްގެ ކުއްޖަކާއި އިނދެގެން އެރަށުގައި އުޅެން. އޭރުން މިގެ މުޅިން ފަޅުވީނު." ވާހިދު މަޑުމަޑުން ބުންޏެވެ.

" އެހެންވިޔަސް އެސޮރު އިންނަން ޖެހޭނީ އެ ސޮރު ބޭނުން މީހަކާ." ރަޙްމާއަށް ރޮވުނެވެ.

"އެކަމަކު." ވާހިދު ރަޙްމާ އަތުގައި ހިފަން އުޅުނެވެ. ރަޙްމާ ރުޅިއައުމުން ވާހިދު އަބަދުވެސް މައިތިރިވެއެވެ. އެ ދެމީހުންގެ ގުޅުމަކީވެސް އާދަޔާޚިލާފް ގުޅުމެކެވެ.

"ނޫޅެން..." ރަޙްމާ އޭނާގެ އަތް ފޮޅުވާލިއެވެ. ރަޙްމާއަށް އަދިވެސް ރޮވެނީއެވެ. މިވީ ހުރިހާ ދުވަހަކު އޭނާ ވާހިދަކާއި ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ހައްގުގައި އޭނާ ވާހިދާ ހަނގުރާމަ ކުރަން ޖެހުނަސް ފަރުވާލެއް ނެތެވެ.

"ދެން ރުޅި މަޑުކުރޭ." ވާހިދު އަނެއްކާވެސް ރަޙްމާ އަތުގައި ހިފަން އުޅުނެވެ. ރަހުމާ ނިކުތީއެވެ.

ޖެހިގެން އައި ދުވަހު ސަހީމާގެ ހާލު ބޮޑުތަނުން ރަނގަޅެވެ. އޭނާއަށް އޮތީ ނިދިފައެވެ. ރާނިޔާވެސް މަންމަ ގާތުގައި ހުރި އެނދުގައި ލޯމަރާލައިގެން އޮތެވެ. އޭނާގެ މޫނުމަތީން ފެންނަނީ މާޔޫސްކަމާއި ވަރުބަލި ކަމެވެ. ރަނގަޅަށް ނުނިދާ ހުރުމުން އެ މޫނުން ތާޒާކަން ވަނީ ގެއްލިފައެވެ. ރާނިޔާ ހިތުގެ ފުންމިނުން އަޔާނަށް ޝުކުރުވެރިވިއެވެ. އަޔާން ނެތްނަމަ އޭނާ އުޅެންޖެހޭނެ ހާލެއްވެސް ނޭނގެއެވެ. ރާނިޔާ އަޔާންގެ ޚިޔާލުތަކަށް ގެއްލިފައި އޮވެވުނީ ކިހާއިރެއްކަމެއްވެސް ނޭނގެއެވެ.

"މަންމައަށް އޮތީ ނިދިފައި. ނަރުސް ކުއްޖަކާ ހަވާލުކޮށްލާފައި ބޭރަށް ނިކުމެލަން ހިނގާ." އަޔާން ރާނިޔާގެ އަތުގައި ހިފާލިއެވެ. ރާނިޔާ ދިޔައީ ސިއްސައިގެންނެވެ. އަޔާން ފެނުމުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ރާނިޔާ އެއްޗެކޭ ނުބުނެ އަޔާންއާއެކު ނިކުތެވެ. އަޔާނާއެކު ސައިކަލަށް އެރިއެވެ. މާލޭގެ ހިމަ ގޯޅިތަކުން ގޮސް އަޔާން ސައިކަލު މަޑުކޮށްލިއެވެ.

"ހިނގާ.." އަޔާން ރާނިޔާގެ އަތުގައި ހިފިއެވެ.  

އަޔާން ގޮސްވަނީ މާލޭގެ ބޮޑު ގެއަކަށެވެ. ތަނަވަސް ގޯތި ތެރެއެކެވެ. ރީތި މާގަސްތަކުން ތަރުތީބު ކުރެވިފައެވެ. މާލޭގައި މިފަދަ ބޮޑު ހުސްޖާގައެއް ވަރަށް މަދުވާނެއެވެ. އަރިމައްޗެއްގައި ހުދުކުލައިގެ ބޮޑު ކާރެއް އޮތެވެ. ރާނިޔާ ހައިރާންކަމާއެކު މުޅިތަނަށް ބަލަމުން ދިޔައެވެ. އަޔާން ރާނިޔާ ގޮވައިގެން ގޭތެރެއަށް ވަނެވެ. ސިޓިންރޫމުގެ ސޯފާގައި އިން ރަޙްމާއަށް އަޔާން ވަންނަތަން ފެނުމުން އުފަލުން ފޮޅުނެވެ. އަޔާނުގެ ފަހަތުން އަންނަމުންދާ އަންހެންކުއްޖާއަށް ފުންކޮށް ބަލާލިއެވެ. މަޑުމައިތިރިކަމާއި ކިޔަމަންތެރިކަން ރާނިޔާގެ ފަރާތުން ކިތަންމެހާ ރީއްޗަކަށްވެސް ފެނެއެވެ. އެ ދެކުދިން މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ.

"މަންމާ.. މީ ރާނީ." އަޔާން ލަދުން ހުރެ ބުންޏެވެ.

ރަޙްމާ ރާނީއަށް ކުރިއަށްވުރެވެސް ގާތުން ބަލާލިއެވެ. ރީތި ކަޅިރަވައެކެވެ. އޮމާން ސާފު މޫނެކެވެ. ކިތަންމެހާވެސް ރީތި ކުއްޖެކެވެ. އޭނާގެ ދަރިފުޅުގެ ހޮވުން މާބޮޑަށްވެސް ފުރިހަމަވެފައި ނަލައެވެ.

ނުނިމޭ..

+1
0
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް