May 3, 2024 11:08
Advertisement

-Advertisement-

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވަނީ ކީއްވެ؟

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ކީކޭ؟

ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެކަމަކު ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ބޭނުންވާ ބިލްތައް ފާސްނުވެއްޖެނަމަ ސަރުކާރަށް ވާނީ ކިހިނެއް؟

Advertisement

ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވޭތުވެދިޔަ 3 ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރި ގޮތަށް ބަލާއިރު މަޖިލީސް ބޮޑަށް ފެންނަނީ އެވަގުތަކު މެޖޯރިޓީ އޮންނަ ބަޔަކު ބޭނުންގޮތަކަށް މޮޑޭ ފުށްގަނޑެއްގެ ގޮތެއްގައެވެ. މެޖޯރިޓީ ނެތް ބަޔަކު ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުންހުރި މުހިންމު ބިލެއް ހުށަހެޅިއަސް އެ ބިލު ފާސްވާތަނެއް ނުފެނެއެވެ. މިކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ބައެއް މެންބަރުން ތަޅުމުގައި ފާޅުކޮށްފައި އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ 7 ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ޖެހެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީޤު ކުރަންޖެހެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެއެވެ.

“ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ".

ސަރުކާރެއް ހިންގާއިރު ކޮންމެހެން ފާސްކުރަން ބޭނުންވާ ބިލުތައް ހުންނާނެއެވެ. އެބިލުތައް ހުށަހަޅައި ފާސްނުވާނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ވަޢުދު ފުއްދަން ދަތިވާނެއެވެ. މިއީ ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލީހެއް ނުވަތަ އެއްބާރުލުންދޭ މަޖިލީހެއް މުހިންމުވާ އެއް ސަބަބެވެ.

އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް

އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރަނީ މަޖިލީހުގައި ވަރަށް ބޮޑަށް ބަހުސްކޮށް ކޮމިޓީގައި މަޝްވަރާ ކޮށްފައެވެ. އެކަމަކު މި ބަޖެޓްވެސް ފާސްކުރަނީ އެވަގުތަކު މެޖޯރިޓީ އޮންނަ ބަޔަކު ބޭނުންވާގޮތަކަށެވެ. ސަރުކާރާއި ރައްޔިތުންނަށް ކިތަންމެ މުހިންމު މަޝްރޫއެއްވިޔަސް ބަޖެޓުގައި ނުހިމަނައި ފާސްކޮށްފައި އެބަހުއްޓެވެ. މީގެ އެއް މިސާލަކީ ރަސްމާލެ މަޝްރޫއެވެ. ބޯހިޔާވިކަން ހޯދައިދިނުމަށް އައު ސަރުކާރުން ބަޖެޓުގައި ހިމެނުމަށް ބޭނުންވި މިމަޝްރޫއަށް ފައިސާ ނުހިމަނާ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓް ފާސްކުރީއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަހަރު ފާސްކުރާއިރު މުހިންމު ޕްރޮޖެކްޓްތައް ނުހިމެނި ފާސްވުމުން އޭގެ ސީދާ އަސަރު ކުރަނީ ރައްޔިތުންނަށެވެ. ސަރުކާރުގެ މެޖޯރިޓީ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭ އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި އައު ސަރުކާރުން ފާހަގަކުރަނީ ނިމިދިޔަ އަހަރު މަޖިލީހުން މިއަހަރުގެ ބަޖެޓް ފާސްކުރިއިރު ސަރުކާރުން ބޭނުންވާ ކަންތައްތައް އުނިކުރުމުން އޭގެ ނޭދެވޭ އަސަރު ސަރުކާރަށް ކުރުމެވެ.

އެމްޑީޕީއިން ވެރިކަން ކުރިއިރު މެޖޯރިޓީ މުހިންމުވީ ކީއްވެ؟

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއިރު ވެރިކަންކުރި އެމްޑީޕީއިން އެންމެ ބޮޑަށް ވަކާލާތުކުރީ ސަރުކާރަށް މަޖިލީސް މެޖޯރިޓީ މުހިންމުވާ ސަބަބުތައް ކިޔައިދީ ރައްޔިތުންގެ ތާއީދު ހޯދުމަށެވެ. އެއިރުގެ ސަރުކާރުން ބޭނުންވިގޮތަށް ރައްޔިތުން މެޖޯރިޓީ ސަރުކާރަށް ދިނެވެ. އެމްޑީޕީ 5 އަހަރު ވެރިކަން ކުރީ މަޖިލީހުގެ ފުރިހަމަ ސަޕޯޓް ލިބިގެންނެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އެއްބާރުލުން ލިބުނު މަންޒަރެއް ނުފެނުނެވެ. އައު ސަރުކާރުގެ ވަޒީރުންގެތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދިންއިރު ސަފީރުންވެސް އެތިބީ މަސައްކަތް ނުފެށިފައެވެ.

މި އޭޕްރީލް 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެނަމަ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެވިދާޅުވަނީ ވޭތުވެދިޔަ 5 މަސްދުވަހު ސަރުކާރަށް ކުރެވުނު ތަޖުރިބާއަށް ބެއްލެވުމަށްފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުން ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެންދިޔައީ މެޖޯރިޓީއިން ބޭނުންވާކަމެއް ނޫނީ މަޖިލީހުގައި ކުރިއަށް ނުގެންދެވޭ ތަނެވެ. އަޑުގަދަކޮށް މާރާމާރީ ހިންގައި ފެންނަން ބޭނުންނުވާ އަމަލުތައް އެ މަޖިލީހުން ވަނީ ފެނިގެންގޮސްފައެވެ. ކޯރަމް ހަމަނުވެގެން ގިނަ އަދަދެއްގެ ޖަލްސާ ވަނީ ނުބޭއްވި ވަގުތު ބޭކާރުވެގެން ގޮސްފައެވެ. ވޭތުވެދިޔަ 15 އަހަރު ރައްޔިތުންގެ މަޖިލީހުން ފެނުނު މަންޒަރަށް ބަލާއިރު އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާދަވެރިކަން ގޮސްފައިވާ ހިސާބުން ފެންނަން އޮތް ހަގީގަތަކީ މެޖޯރިޓީ ނުލިބިއްޖެނަމަ އެވަގުތަކު އޮންނަ ސަރުކާރަކަށް ދަތިތައް ކުރިމަތިވާނެކަމެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް