އަންހެންކުދިންނަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މައިގަނޑު ބާރުވެރިން ކަމުގައިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
"އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވަނީ މި އަހަރުގެ ޝިޢާރުކަމުގައިވާ، "އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" ގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މި ޝިޢާރާއި، ދިވެހި ސަރުކާރުން ޓެކްނޮލޮޖީއަށް ދޭ އިސްކަމާ ހުރި ގުޅުން ފާހަގަ ކުރައްވައި، ސަރުކާރު ހިންގުމާ، ތަޢުލީމާ އަދި ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގައި، އޭއައި އަދާކުރާ މުހިއްމު ރޯލުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.
އޭ އައި ގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުމަކީ، ހަމައެކަނި އެ މަސައްކަތުގައި އެކުދިން ބައިވެރިވުން ނޫންކަމަށާއި، އެއީ މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމުކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްޤީގައި ހަމަހަމަ ކަމާއެކު އެންމެންނަށް ބައިވެރި ވުމުގެ ފުރުސަތު ކަށަވަރު ވެގެންދާ ކަމުގައި ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 މެދުވެރިކޮށް ސަރުކާރުން ކުރާ އެއް މަސައްކަތަކީ، ސިސްޓަމުގައި ހުރި ހުރަސްތައް ނައްތާލައި، އަދި މީގެ ކުރީގައި އަންހެނުންގެ ހިއްސާ، އައިސީޓީގެ ދާއިރާގައި ވަރަށް ފަނޑުކޮށް ހުރި ދާއިރާތައް ކަމަށްވާ، ރޮބޮޓިކްސް، އޭ އައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިން އާއި، ޑިޖިޓަލް އިޤުތިސާދުގެ ދާއިރާގައި އަންހެން ކުދިންނަކީ، ބަސްކިޔޭފަދަ ހިސާބެއްގައި ފައިތިލަ ސާބިތު ކޮށްލެވިފައިވާ ބަޔަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ. މިކަންކަން ޙާސިލު ކުރުމަށްޓަކައި ޑިޖިޓަލް ދާއިރާގައި އުފެދިފައިވާ މިންތީގެ ތަފާތުކުރުން ނައްތާލައި، އަންހެން ކުދިންނަކީ ޓެކްނޮލޮޖީގެ ބޭނުން ކުރާ ބަޔަކަށް ވުމުގެ އިތުރަށް، ޓެކްނޮލޮޖީގެ ދާއިރާގައި އުފެއްދުންތެރި، ބާރުވެރި ބަޔަކަށް ވާންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އޭއައި ތަރައްޤީ ކުރުމުގެ ދާއިރާގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި، އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ ދުނިޔެއެއް ދެކެވަޑައިގަތުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.













